އުއްތަމަފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާން އަށް ދައުލަތުން އަޅައިދޭ ރަސްމީ ގެކޮޅުގެ މަސައްކަތް ނިމެންދެން އެމަނިކުފާނުގެ ދިރިއުޅުއްވަން ވަގުތީ ގޮތުން ރެހެންދި ފްލެޓުން އެޕާޓްމެންޓެއް ހަމައްޖައްސަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން އެ ފްލެޓުގައި ދިރިއުޅޭ ބައެއް އާންމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނަށް ސިޓީއެއް ފޮނުވަން ނިންމައިފި އެވެ.
އެ ސިޓީގެ ކޮޕީއެއް "އަދަދު"އަށް ވަނީ ލިބިފަ އެވެ.
އެގޮތުން، ރެހެންދި ފްލެޓުގައި އުއްތަމަފަނޑިޔާރު ދިރިއުޅުއްވަން ވަގުތީ ގޮތުން ހަމަޖައްސައި، ފްލެޓުގެ އެހެން އެޕާޓްމެންޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެ ސިޓީގައި ސޮއިކުރަން ހަމަޖެހިފައިވާއިރު، އެ ސިޓީގައި ވަނީ އުއްތަމަފަނޑިޔާރު ދިރިއުޅެން އެތަން ހަމަޖައްސަން ކުރަމުން އަންނަ މަސައްކަތްތަކުން އާއްމުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށްފަ، އެކަންކަން އުއްތަމަފަނޑިޔާރުގެ ސަމާލުކަމަށް ގެންނަން އެދޭކަމަށް ބުނެފަ އެވެ.
އަދި އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން، އުއްތަމަފަނޑިޔާރުގެ ސަލާމަތީ ކަންކަމުގައި ސިފައިން އަމަލުކުރަމުންދާ ހަރުކަށި ގޮތްތަކާއި، އިމާރާތަށް ގެންނަން އުޅޭ ބަދަލުތަކާއި މަސައްކަތްތަކާ ގުޅިގެން ކުރިމަތިވާ ދަތިތައް އެ ސިޓީގައި ވަނީ ފާހަގަކޮށް، އާއްމުންގެ ހައްގުތަކަށް ހުރަސްއަޅަމުން އަންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ
އެގޮތުން އެ އިމާރާތުގައި ދޮރެއް ކަނޑަން އުޅުމާއި، އާއްމުން އަމިއްލައަށް އެތަނުގެ ތެރޭގައި ހަދާފައިވާ މަސްފެންގަނޑެއް ނައްތާލަން ޖެހިދާނެކަމަށް ބުނުމާއި އަދި އެތަނުގެ އެތެރޭގައި އޮންނަ ބަގީޗާއަކަށް ވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށް އެތަނުގައި އެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި ސެކިއުރިޓީ ކަންކަން ބަލަހައްޓަން ތިބޭ އެމްއެންޑީއެފްގެ ފަރާތްތަކުން ބުނެފައިވާކަމަށް ފާހަގަކުރެ އެވެ.

"ކޮމަން އޭރިއާގައި ކުޑަކުދިންނާއި ދުވަސްވީމީހުން ފައިމަގުގައި އުޅޭ ވޯކްވޭ ވަކިބޭފުޅެއްގެ ވެހިކަލްތައް ދުއްވާ ޑްރައިވްވޭ ހަދަންއުޅުމާއި، މިއިމާރާތުގެ އިތުރުން މިސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ސައިކަލާއި ކާރުތައް ޕާކުކުރާ ބައެއް ޒޯންތައް ގޮތަކަށް ބަދަލުކުރުމާއި، މިފަދަ ބަދަލުތައް ގެނައުމުގައި މިއެއްމެދު އިމާރާތުން އެޕާޓްމެންޓްތައް ގަނެފައިވާ ފަރާތްތަކާއި (އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި) މަޝްވަރާ ނުކޮށް، އަޅުގަނޑުމެން ރުހޭތޯ ނުވަތަ ނޫންތޯ ވެސް ބައްލަވާނުލައްވާ، އަދި އެފަރާތްތަކަށް ރަސްމީކޮށް އެންގުމަކާ ވެސް ނުލާ، ސިފައިންނަށް ހަމަ ފެނިލައްވާ ގޮތަކަށް މިއިމާރާތަށް ބަދަލުގެންނަން މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރަމެވެ،" އެ ސިޓީގައިވެ އެވެ.
އާއްމުންގެ އެ ކަންބޮޑުވުން އެ މަސައްކަތް ކުރިޔަށް ގެންދާ ޕްލޭނިން މިނިސްޓްރީއާ ހިއްސާކުރުމުން، ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް އަނެއްކާ ވެސް ފަހުން ސިފައިންގެ ފަރާތުން އެ ޒާތަކަށް އަމަލުކުރަން ފަށާފައިވާކަމަށް އެ ސިޓީގައި ބުނެ އެވެ.
"މި އިމާރާތަކީ މިހާރު ވެސް މީހުން ދިރިއުޅޭ އިމާރާތަކަށްވާއިރު، މަނިކުފާނު ހުންނަވަން ހަމަޖައްސަވަމުން ގެންދަވާ އެޕާޓްމެންޓުގެ މޫނުދޮންނަ ތައްޓެއްގެ އުސްމިން ހައެއްކަ އިންޗިއަށް ބަދަލުކޮށްލުމަށްކަމަށް ވިދާޅުވެ، މުޅި އިމާރާތުގެ އެންމެންނަށް އުނދަގޫވާގޮތަށް، ވަކި ގަޑިތަކެއް ބެލުމެއް ނެތި، ކަރަންޓު ހެމަރަކުން އެ ފާހާނައިގައިވާ އެންމެހާ މުށިތައް ތަޅާ ނައްޓާފައިވާކަމާއި އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ވީހާ ވެސް އުނދަގޫނުވާނޭ ގޮތެއް ބަލާލެއްވުމަކާ ނުލާ މިފަދަ އެތައް މަސައްކަތެއް މިހާރު ވެސް ކޮށްފައިވާކަން ފާހަގަކުރަ މެވެ،" އެ ސިޓީގައި ވެ އެވެ.
އޭގެ އިތުރުން ވެސް ކުރިއަށް އޮތްތަނުގައި ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް ބުނެ، އިމާރާތަށް ވަދެ ނުކުމެ އުޅުމުގައި އަދި ލިފްޓު ބޭނުންކުރުމުގައި ވެސް ބޮޑެެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެކަމުގެ ކޮޅުމަތި މިހާރު ވެސް ފެންނަން ފަށާފައިވާކަމަށް އެ ސިޓީގައި ބުނެ އެވެ.

ރެހެންދި ފްލެޓު. އުއްތަމަފަނޑިޔާރުގެ ވަގުތީ ގެކޮޅަށް ހަމަޖައްސަނަީ އެތަނުން ދައުލަތަށް ނަގާފައިވާ ދެ އެޕާޓްމެންޓް. ފޮތޯ: މޯލްޑިވްސް އިންޑިޕެންޑެްންޓް
އެ ސިޓީގައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކުގެ ދަށުން، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުން ފަދަ ހައްގުތައް ކޮންމެ މީހަކަށް ވެސް ލިބިގެންވާކަން ފާހަގަކޮށްފަ އެވެ.
އަދި ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުމާއި، އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި ޒާތީ މުއާސަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމުގައި ވެސް ފާހަގަ ކުރެ އެވެ.
އެހެންކަމުން މި ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކޮށް، ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނުއަސާސީގައި އޮންނަކަމަށް ވެސް އެ ސިޓީގައި ފާހަގަކުރެ އެވެ.
އަދި ގާނޫނު އަސާސީގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން އެންމެހާ މީހުން ހިމާޔަތްކޮށް، ގެދޮރާއި މުދާ ވެސް ރައްކާތެރިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ ފަރާތްތަކުން ފަރުދުންގެ މެދުގައި ހަމަހަމަކަމާއެކު އަމަލުކުރުމަށް އޮންނަކަމަށާއި، އިންސާނީ ޝަރަފާއި ގަދަރަށް ހުރުމަތްތެރިކޮށް ހިތަން ވެސް އޮންނަ ކަމަށް އެ ސިޓީގައި ބުނެ އެވެ.
"މި މަސައްކަތާއި ގުޅިގެން އަޅުގަނޑުމެންނަށް ބިރުއެބައޮތް ކަމަށާއި، އެގޮތުން އަޅުގަނޑުމެންނަށް އޮތް އެއް ބިރަކީ، 'ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ' ނަމުގައި އަޅުގަނޑުމެންނާ މެދު ސަލާމަތީ ބާރުތަކުން ކޮށްފާނެ އަމަލުތައް ކަމުގައި ދެކެމެވެ،" އެ ސިޓީގައި ބުނެ އެވެ.
އަދި އެއީ އެއްމެދު އިމާރާތެއްކަމުން އިމާރާތަށް ގެންނަ ބަދަލުތަކާއެކު އާއްމުންނަށް އިމާރާތަށް ވަދެ ނިކުމެ އުޅުމުގައި އަދަބެއް ލިބޭފަދަ އިހުސާސެއް ކުރެވޭކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
"މި އިހުސާސް ކުރެވެނީ މި ސިޓީގައި ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ މާއްދާތަކާއި، ބުނެވިދިޔަ މާތްﷲ ގެ ބަސްފުޅާއި، ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ހިލާފަށް ރައްޔިތުންގެ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަމާއި، ޒާތީ ދިރިއުޅުމާމެދު ވިސްނާ ނުލައްވާ މި މަސައްކަތްތައް ކުރެވެމުންދާތީވެކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެ އެވެ،" އެ ސިޓީގައި ބުނެ އެވެ.
އަދި އެ އިމާރާތުގައި އާއްމުން ދިރިއުޅެމުން ދަނިކޮށް ސިފައިން އެތަނަށް ގޮސް، އެތަން "މިލިޓަރީ ޒޯނަކަށް" ބަދަލުވަމުން އަންނާތީ، އޭގެ ނުރަނގަޅު އަސަރު އާންމުންނަށް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ސިޓީގައި ވަނީ މިއީ އާންމު ފަރާތްތަކުން އެކަންކަމުގެ ކަންބޮޑުވުން ދައުލަތާ ހިއްސާކުރި ފުރަތަމަ ފަހަރު ނޫންކަމަށް އަދި އެ ކަންބޮޑުވުންތައް އުއްތަމަފަނޑިޔާރާ ވެސް ހިއްސާކުރަން މިހާރު ނިންމާފައިވާތީ ފޮނުވާ ސިޓީއެއްކަމަށް ބުނެފަ އެވެ.
އަދި އެ ސިޓީގައި ވަނީ ދައުލަތުން އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ އަސާސީ ހައްގަކަށް އަރައިނުގަނެ، އެތަނުގައި އެފަދަ ބޭފުޅަކަށް ހައި ސެކިއުރިޓީ ފޯރުކޮށްދެެވިދާނެތޯ ވެސް މީގެ ކުރިން އެ ކަންބޮޑުވުންތައް ހިއްސާކުރަމުން ސުވާލުއުފައްދާފައިވާނޭކަމަށް ބުނެފަ އެވެ.
"އެފަދަ ބޭފުޅަކު މި އިމާރާތަށް ވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ ގެދޮރަށް ދެން ވަދެވޭނީ ސިފައިން އަޅުގަނޑުމެން ބަލާފާސްކުރުމަށްފަހުތޯ އާއި، އަޅުގަނޑުމެންގެ ގެދޮރަށް އަޅުގަނޑުމެންނަށް މުދާ ވެސް ވެއްދޭނީ ސިފައިން ބަލާފާސްކުރުމަށްފަހުތޯ އަޅުގަނޑުމެން ސުވާލުކޮށްފައިވާނެ އެވެ،" އެ ސިޓީގައި ވެ އެވެ.
އަދި އެފަދަ ހައި ސެކިއުރިޓީއެއް ދޭއިރު، އެ އިމާރާތާއި އެ އިމާރާތުގައި ދިރިއުޅޭ އެހެން ފަރާތްތައް ވެސް ނުރައްކަލަށް ހުށަހެޅި އެ އިމާރާތް "ޓާގެޓަކަށް" ވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، އެފަދަ ހާލަތެއްގައި ލިބޭ ގެއްލުމަށް ދައުލަތުން ރިއާޔަތްކުރާނެތޯ ވެސް މީގެ ކުރިން ސުވާލުއުފައްދާފައިވާނޭކަމަށް އެ ސިޓީގައި ބުނެ އެވެ.
"ކޮންމެއަކަސް މިކަމުގައި އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް ހުރުމާއެކު މިހިނދު މަނިކުފާނަށް މިކަންބޮޑުވުންތައް ހިއްސާކުރަމެވެ. ވީމާ މިކަންބޮޑުވުންތަކާމެދު މަނިކުފާނުގެ އަދުލުވެރި ނިންމެވުމެއް ނިންމަވައިދެއްވުމަށް އެދި ވަރަށް އަދަބުވެރިކަމާއެކު ދެންނެވީމެވެ،" އެ ސިޓީ ނިންމާލަމުން ބުނެ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރެހެންދި ފްލެޓުގައި ދިރިއުޅޭ ފަރާތުން ބުނީ، އެތަނުގައި ސެކިއުރިޓި ބަލަހައްޓަން ތިބޭ ފަރާތްތަކުގެ އަމަލުތަކާއި ހަރުކަށި އިބާރާތްތަކުން އާއްމުންނަށް ބިރުވެރިކަން އައިސްފައިވާ ކަމަށެވެ. އަދި އެތަނުގައި ދިރިއުޅެން މިހާރު ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"އެއީ އެބޭފުޅުން އައި ގޮތަށް އައިސް އެންމެ ފުރަތަމަ ކުރި އެއް ކަން އެއީ، އަންގާލުމެއް ވެސް ނެތި ޑްރޯނެއް އެރުވީ، ދެން ޑްރޯނެއް އެރުވީމަ ގޭގޭގެ އެތެރެ ވެސް ފެންނާނެ، އަންހެނުން އުޅޭއިރު، ޕްރައިވެސީއަށް ވެސް ބަލަންވާނެ ދެއްތޯ.. ދެން ލިފްޓް ވެސް އުއްތަމަފަނޑިޔާރާއެކު އެހެން ބަޔަކަށް ބޭނުންކުރެވޭ ގޮތަކަށް ނޫންތާ އޮންނާނީ. އަޅުގަނޑުމެން އާއްމު މީހާ ޖެހޭނީ މަޑުކުރަން، އެކަންކަން އެޔަށްވުރެ ރަނގަޅަށް މެނޭޖު ކުރެވޭނެ ކަންނޭނގެ،" އެ މީހާ ބުންޏެވެ.
އެހެންނަމަވެސް އެ ހުރިހާ ކަންބޮޑުވުންތަކާއެކުގައި ވެސް އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ތިބީ އުއްތަމަފަނޑިޔާރަށް މަރުހަބާކިޔަން ތައްޔާރަށްކަމަށް ބުންޏެވެ.
އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވާ ފަރާތަށް ދައުލަތުން ރަސްމީ ގެކޮޅު އަޅައިދީ ސެކިއުރިޓީ ދޭން ނިންމީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ހަ ވަނަ އިސްލާހު ތަސްދީގުކުރުމާއެކު މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ، އުއްތަމަފަނޑިޔާރުގެ ދާއިމީ ގެކޮޅު އަޅަން ހަމަޖެހިފައިވަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހުންނަ ހ. ބަންޑާރަވިލާގަ އެވެ.
އުއްތަމަފަނޑިޔާރު ރެހެންދި ފްލެޓުގައި ވަގުތީގޮތުން ދިރިއުޅެން ހަމަޖެހިފައިވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވި ރެހެންދި 3 ވަނަ ފްލެޓުގައި ހުންނަ ދައުލަތުގެ އެޕާޓްމެންޓެއްގަ އެވެ.
އުއްތަމަފަނޑިޔާރާއެކު މަޖިލިސް ރައީސަށް ވެސް ދައުލަތުން ރަސްމީ ގެކޮޅާއި ސެކިއުރިޓީ ދޭން ވަނީ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެގޮތުން މަޖިލިސް ރައީސްގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖައްސާފައިވަނީ މުރައިދޫގެ އެވެ. ދާއިމީ ގެކޮޅު އަޅަން ނިންމާފައިވަނީ ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ ދަންޑެހެލުގޭގަ އެވެ.
ދައުލަތުގެ ދެ ބާރުގެ ވެެރިންނަށް ރަސްމީ ގެކޮޅާއި ސެކިއުރިޓީ ދޭން ހަމަޖައްސާފައިވަނީ މޭ ހަވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންނެވެ.













