އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (7)

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (7)

ދިވެހީންގެ ފޯކުލޯރު ވާހަކައިގައި ކިޔާ "ކޮއިމަލާކަލޯ"ގެ ނަން ރާދަވަޅިން ތިން ގޮތަކަށް ފެނެ އެވެ. އެއީ ކޭއިމަލެއި، ކޭމަލެއި އަދި ކޭމަލާ ގެ ގޮތުގަ އެވެ. މަލާބާރުކަރަޔާއި ގުޅޭ އެކި ލިޔުންތަކުންވެސް މިނަމާއި ގުޅޭ މިފަދަ ތަފާތުތައް ފެނެ އެވެ. މިގޮތުން ކޮއިމަލާ، ކެއިމަލައި ނުވަތަ ކައިމަލް ފަދަ ތަފާތުތައް އެ ލިޔުންތަކުގައި ފެންނާން ހުރެ އެވެ. މި ހުރިހާ ތަފާތަކީވެސް އެއް ނަމެއްގެ އެކި ސީޣާތަކެވެ. "ކޮއިމަލާ" މި ނަމާއި ބެހޭ ގޮތުން "ކާސްޓްސް އެންޑް ޓްރައިބްސް އޮފް ސަދަން އިންޑިޔާ އޭ ކިޔުނު ފޮތުގައި ބުނެފައިވަނީ

titledesc

ތަރުޖަމާ ކައިމަލް: ނާޔަރުންގެ ލަގަބެކެވެ. ނެގިފައިވަނީ (މަޅިޔާޅަމް ބަހުގައި އޮންނަ) "ކައި" އިންނެވެ. މާނައަކީ އަތެވެ. އަދި މީގެން ރަމްޒުކޮށްދޭ މާނައަކީ ބާރެވެ."

(ކާސްޓްސް އެންޑް ޓްރައިބްސް އޮފް ސަދަން އިންޑިޔާ، ވޮލިއުމް 3، ސަފްޙާ 33)

އެހެނިހެން ބައެއް ލިޔުންތަކުގައި މިނަމަކީ "ކޮއިމަ" އާއި "އަލު"، މި ދެބަސް އެކުވެގެން އުފެދިފައިވާ ނަމެއްކަމުގައިވެސް ބުނެފައި ހުރެ އެވެ.

އާދެ! ކޮއިމަލާއިންނަކީ ނާޔަރުންގެ އެންމެ މަތީ ދަރަޖައިގެ ބޭކަލެއްކަލުންނެވެ. ހަނގުރާމައިގެ ފަހުލަވާނުންނެވެ. ދިވެހީންގެ ތެރޭގައި މަޝްހޫރު ކޮއިމަލާ ކަލޯގެ ވާހަކައަކީ މިފަދަ ކޮއިމަލާއެއްގެ ވާހަކައެކެވެ. އެއީ ސްވަސްތީ ސިރީ މާނާބާރުނަ މަހާރަދުން (ތީމުގޭ ކެއިމަލެއިކަލޯ) ގެ ނަންފުޅުގައި ދިވެހި ރަސްކަމަށް އިސްވެވަޑައިގެންނެވި ޝަޚުސިއްޔަތާއި ގުޅޭ ވާހަކަ އެވެ. ހަމައެހެންމެ އެޝަޚުސިއްޔަތަކީ ރާއްޖޭގެ ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅުގެ ތީމުގޭ ގޮފީގެ ރަސްކަން ފެއްޓެވި ބާނީކަމަށް ބެލެވޭކަމުގައިވެސް މިހާރު ވާނީ ދަންނަވާލެވިފަ އެވެ. މިއީ އިސްވެދިޔަ ބައެއް މުއައްރިޚުންވެސް އެ ޝަޚުސިއްޔަތާއި މެދު ވިސްނާވަޑައިގެންފައިވާ ގޮތެކެވެ. " ކޮއިމަލާކަލޯ އަކީ ކާކުބާ؟" މި ސުރުޚީގެ ދަށުން މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާފައިވާ މަޒުމޫނު ގައި އޭނާ ވިދާޅުވެފައިވަނީ

"....ރާއްޖޭގެ މުސްލިމު 4 ވަނަ ރަދުން "ގަޑަނާދީއްތަ މަހާރަދުން" އެރަދުންގެ ލޯމާފާނުތައް ލިޔުއްވީ ރާއްޖެ އިސްލާމުވިތާ ސާޅީހަކަށް އަހަރު ފަހުންނެވެ. މި ލޯމާފާނުތަކުގައި ރާއްޖެ އިސްލާމުވީއިރު ރަސްކަމުގައި އިންނެވި ރަދުންގެ ކުރީގައި ރަސްކަން ކުރެއްވި ރަދުން ކަމުގައިވާ ޝިރީ މަހާބަރަނަ މާރަސުން "ކެއިމަލެއި" ގެ ނަންފުޅު ބަޔާން ކުރައްވައިފައިވެ އެވެ. މިހެން ވާއިރު "ކެއިމަލެއި" ގެ ކުރިޔަށް ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ނަންފުޅުތައް ވެސް އެޒަމާނުގައި އެރަދުންނަށް ލިޔުއްވަން ދަތިފުޅު ނުވާނެކަން ވިސްނެ އެވެ. ނަމަވެސް ލިޔުއްވާފައިވަނީ ހަމައެކަނި ޝިރީ މަހާބަރަނަ މާރަސުންގެ ނަންފުޅެވެ. ވީމާ އެރަދުން އެ ފާހަގަ ކުރެއްވީ ރާއްޖޭގައި ހަނދުވަންހަ ( ސޯމަވަންސަ) އާއިލާގެ ބާނީގެ ނަންފުޅުކަމަށް ވުންވެސް ގާތެވެ....." (ކޮއިމަލާކަލޯ އަކީ ކާކުބާ؟ / މުޙައްމަދު އިބްރާހިމް ލުޠުފީ/ ފަތްތޫރަ ޢަދަދު 100 ޖުލައި 1987 / ޞ 33)

ޝައްކެއްވެސް ނެތެވެ! ޢިލްމީ ކޮންމެ ނަޒަރިއްޔާއެއްވެސް ބިނާވެފައި އޮންނަނީ ފެންނަން ހުންނަ ހެކިތަކެއްގެ މައްޗަށެވެ. މައްސަލައެއްގެ މައްޗަށް ވިސްނާއިރު، ވެދާނެ ގޮތެއްގެ މައްޗަށް ކަމެއް ކަނޑައެޅޭނީވެސް ފެންނަން ހުންނަ ޢިލްމީ ތަރަހަތަކެއްގެ ތެރެއިންނެވެ. ރާއްޖޭގެ ހަނދުވަންހަ އާއިލާގެ ބާނީއަކަށް ކޮއިމަލާވުމަކީ ވުން ގާތްކަމެއް ކަމުގައި ލުޠުފީ ލިޔުއްވާފައި އެވަނީ އެއިރު އެނާގެ ކުރިފުޅު މަތީގައި ފެންނަން ހުރި ތާރީޚީ ހެކިތަކާއި ގަރީނާތަކުގެ އެހީގަ އެވެ. އެހެނަސް އެއިރު ލުޠުފީގެ ކުރިފުޅުމަތީގައި ފެންނަން ނެތް ކިތަންމެ ތާރީޚީ އައު ހެކިތަކެއް މިއަދު ވަނީ ހޯދިފަ އެވެ. އަދި މާދަމާ ދާނީ ވެސް ހަމަ މިފަދައިން ހޯދެމުންނެވެ. އެދުވަސްވަރު ތަޢާރަފުވެފައި ނެތް ކިތަންމެ ޓެކްނޮލިޖީއެއް މިއަދު ވަނީ ތަޢާރަފުވެފަ އެވެ. ހަމަ މިބީދައިން މާދަމާވެސް ދާނީ ތަޢާރަފުވަމުންނެވެ. ޒަމާނުގެ ބަދަލުތަކާއެކު ހޯދިފައިވާ އައު ތާރީޚީ ހެކިތަކުގެ މައްޗަށް ބުރަވެހުރެ ކޮއިމަލާ ކަލޯއަކީ ރާއްޖޭގެ ސޯމަވަންސަ ވަންހައިގެ ބާނީކަމަށް ބެލެވޭކަށް ނެތެވެ. އެހެނީ ކޮއިމަލާކަލޯގެ ކުރިޔަށްވެސް ދިވެހި ރަސްކަމެއް އޮތްކަން ޔަގީންކުރެވުމާއި އެ ރަސްކަމުގެ ތަޚުތު މިލްކުވެ އޮތީ ކޮން ވަންހައެއްގެ ބޭބޭފުޅުންނަށްކަން ހޯދިފައި ނެތުމުގެ ސަބަބުން މިކަމުގައި ގޮތެއް ކަނޑައަޅަން އަދި ދަތިވަނީ އެވެ. އެހެނަސް އެވަންހައިގެ ތީމުގޭ ގޮފީގެ ބާނީއަކީ ކޮއިމަލާކަލޯކަމާއި މެދަކު އަދިވެސް ޝައްކެއްނެތެވެ.

އާދޭހެވެ! ލުޠުފީވެސް ފާހަގަކުރެއްވި ފަދައިން ގަޑަނާއްދީއްތަ މަހާރަދުންނަށް އެރަދުން ލިޔުއްވާފައިވާ ލޯމާފާނުތަކުގައި ކޮއިމަލާގެ ކުރިޔަށް އިސްވެ ދިޔަހާ ރަސްރަސްކަލުންގެ ނަންފުޅުތައް ގެންނެވުމަކީ ދަތިކަމަކަށް ނުވާނެކަން ޔަގީނެވެ. އެހެނަސް އެރަދުން ލޯމާފާނުތަކުގައި ލިޔުއްވާފައިވާ ރަސްކަމުގެ ނަސަބުނާމާ ފައްޓަވާފައިވަނީ "ސްވަސްތީ ސްރީ ސޯމަވަންސަ އާދިފަތި ސްރީ ތީމުގޭ ސްރީ މަހާބަރަނަ މާރަދުން"ނާއި ހަމައިންނެވެ. މި މަހާބަރަނަ އަކީ ކޮއިމަލާކަލޯގެ ކޮލީނަންފުޅުކަން މިހާރު އަޅުގަނޑުމެންނަށް ވަނީ ޔަގީންކުރެވިފަ އެވެ. ވީމާ ދެން އުފެދޭ ސުވާލަކީ އޭގެ ކުރިޔަށް ދިޔަ ރަސްރަސްކަލުންގެ ނަންފުޅުތައް ގަޑަނާއްދީއްތަ ރަދުން އުނިކުރައްވާފައި އެވަނީ ކީއްވެގެންތޯ އެވެ؟ އެއީ ބުދުދީނުގެ ބޭފުޅުން އުނިކުރެއްވުމުގެ ގޮތުން ކަމުގައިވެސް މީހަކު ވިސްނާނެ ޖާގައެއް އޭގައި ނެތެވެ. އެހެނީ އެ ނަސަބުފުޅު ފައްޓަވާފައިވާ ސްވަސްތީ ސްރީ މަހާބަރަނަ މާރަސުންނަކީ ބުދުދީނަށް 21 އަހަރު ވެރިކަން ކުރެއްވި ރަސްކަލެއްކަމުގައިވާތީ އެވެ. އެހެންނޫންނަމަ އެނަސަބުފުޅު ފެއްޓެވީހީ އިސްލާމުވެވަޑައިގެންނެވި ރަސްކަލަކާއި ހިސާބުން ނޫންތޯ އެވެ. ވީމާ ގަޑަނާއްދީއްތަ ރަދުންގެ ނަސަބުފުޅު ސްވަސްތީ ސްރީ ސޯމަވަންސަ އާދިފަތި ސްރީ ތީމުގޭ ސްރީ މަހާބަރަނަ އާއި ހިސާބުން ފައްޓަވާފައި އެވަނީ އެއީ އެދަރިކޮޅުގެ ބާނީކަމަށް ވުމުންކަމުގައި ބަލަންޖެހެ އެވެ. ހަމައެހެންމެ އޭގެ ކުރިޔަށް ތިއްބެވި ރަސްރަނިންނާއި ތީމުގެޔާއި ދެމެދު ސީދާ ގޮތުން އޮތް އާއިލީ ގުޅުމެއް ނެތްކަމުގައި ބެލުމަށްވެސް އެބަ ޖާގަ ތަނަވަސްކޮށްދެ އެވެ.

ކޮއިމަލާކަލޯ ތީމުގޭގެ ރަސްކަން ފެއްޓެވީ މީލާދުން 1120 ނުވަތަ 1121 ވަނަ އަހަރުގަ އެވެ. އެދަރިކޮޅުގެ ރަސްކަމެއް ފެށުމަށް މެދުވެރިވި ސަބަބަކީ އޭގެ ކުރިޔަށް ހުންނެވި ވީރަދޭވަ ރަސްގެފާނު ސިލޯނުގައި ގަތުލުވެދިޔައިމާކަމަށްވެސް މިހާރު ވާނީ ދަންނަވާލެވިފަ އެވެ. ވީރަދޭވަ އާއި ޖުމުލަކޮށް ކޮއިމަލާގެ ކުރިޔަށް ދިވެހި ތަޚުތު ފަޅުފިލުއްވެވި ރަސްދަރިކޮޅަކީ ކޮބައިކަން އަދި ހޯދިފައެއް ނުވެ އެވެ. އެހެނަސް ނޭނގުމެއްގެ ތެރޭގައި މިވާ ބޯދާ ދިވެހި ތާރީޚުގެ މައްޗަށް ކުޑަކުޑަ އަލިކަމެއް ދީފާނެ މުހިންމު ހޯދުންތައް މަޑުމަޑުން ނަމަވެސް އަންނަނީ މިހާރު ތިލަވަމުންނެވެ. މިގޮތުން ކޮއިމަލާކަލޯގެ ކުރިޔަށް އޮތް ރަސްދަރިކޮޅަކާއި މެދު ވިސްނާ ބަޔެއްގެ ކުރިމަތީގައި ވަރަށް މުހިންމު ދެ އާސާރެއް އެބަވެ އެވެ. އެއީ ކޮޅުމަޑުލު ވޭމަންޑޫ ފުޓުބޯޅަ ދަނޑުގެ ކައިރިން ފެނުނު ރަން ފަތްކޮޅަކާއި ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫއިން ފެނުނު ހިރިގަލު ފޮއްޓެކެވެ. މި މުހިންމު ދެ އާސާރުގެ މައްޗަށް ސިލޯނުގެ މަޝްހޫރު ޕްރޮފެސަރު ޑރ ރަގުޕަތީ ދިރާސީ ނަޒަރަކުން ދެއްވާފައިވާ ޚުލާސާ ބަޔާނެއްވެސް ވެ އެވެ. މިއީ ޖުމުލަކޮށް މުސްކުޅި މުޅި ދިވެހި ތާރީޚުގެ މައްޗަށް ކުޑަނަމަވެސް އަލިކަމެއް ފޯރުވާދޭނެ ވަރަށް މުހިންމު ދެ އާސާރަކާއި ބަޔާނެކެވެ.

އާދެ! ކޮޅުމަޑުލު ވޭމަންޑޫއިން ފެނުނު ރަންފަތްކޮޅާއި ބެހޭ ގޮތުން ރާއްޖޭގެ ހެރިޓޭޖު ޑިޕާޓުމަންޓުން ޝާއިޢުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރު" މިނަން ކިޔުނު ފޮތުގައި ބުނެފައި ވަނީ

"މިއީ ކޮޅުމަޑުލު ވޭމަންޑޫގައި އޮތް އާސާރީ ސަރަޙައްދުން ފެނިފައިވާ ހިރިގަލު ފޮއްޓެކެވެ. މި ފޮށި ފެނިފައިވަނީ 1998 ވަނަ އަހަރު އެ ރަށުގެ ކުޅިވަރު ކުޅޭ ދަނޑަކުންނެވެ. އޭގެ ކުރިން އެއީ ވަރަށް ބޯކޮށް ވާހެދިފައިވާ ތަނެކެވެ. އެތަނާ ގާތުގައިވަނީ "މުންނާރު" ކިޔާ އުސްގަނޑަކާއި "ރެނދިންގެ ވެޔޮ" ކިޔާ އަނޑިގަނޑެކެވެ. މި ފޮށި ފެނުނުއިރު އޭގެ ތެރޭގައި ކުޑަކުޑަ ރަން ފަތްކޮޅަކާއި ބޮލިކޮޅަކާއި ހިމުން ވެލިކޮޅެއްވެސް ހުއްޓެވެ.

ދިވެހިރާއްޖެއިން ފެނިފައިވާ މިބާވަތުގެ ފޮށިތަކާ ޚިލާފަށް މި ފޮށީގައި އެއްވެސް ކުރެހުމެއް ނިޝާނެއް ނުވަތަ އެއްޗެއް ކަނޑާ ނަގައިފައެއްވެސް ނުވެ އެވެ. މި ފޮށީގައިވާ ބޮލިތައް ކާބަންޑޭޓު ކުރިއިރު އެތަކެތި ނިސްބަތްވަނީ މީލާދީން 690 އާއި 785 އާ ދެމެދަށެވެ. ބޮއްޔަކީ ފައިސާގެ ގޮތުގައި އިހުގައި ބޭނުންކުރި އެއްޗަކަށްވާތީ ބޮލިތަކުގެ އުމުރަކީ ކޮންމެހެން މި ފޮށީގެ އުމުރުކަމަކަށް ނުބެލެވޭނެ އެވެ. ފޮއްޓެއްގައި ބަންދުކުރުމުގެ މާކުރިންވެސް އެ ބޮލިތައް ގެންގުޅެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ރަން ފަތްކޮޅު

މިއީ ހަތަރެސްކަނަށް އޮތް 2.4 X 2.4 ސމ ބޮޑު މިނުގެ ތުނި ރަން ފަތްކޮޅެކެވެ. މީގެ ބަރުދަނަކީ 410 މިލިގްރާމެވެ. މި ފަތުގައި ލޮޓަސް މަލަކާއި ދިގަށް ކުރަހާފައިވާ ތިން މަސް ތައްގަނޑެއްގެ ގޮތަށް ޖަހައިފައިވެ އެވެ. ތިން މަސް ދައްކައިފައި ވަނީ ކޮޅަށް ތިބި ގޮތަށެވެ. ނިގޫފަތްތައް ލޮޓަސް މަލުގައި ޖެހިފަ އެވެ. ތިން މަހުގެ ބޯ ވަނީ މައްޗަށް އުފުލާފަ އެވެ. މަހުގެ ހުޅުނބުތަކާއި ކޮތަރި ވެސް ވަނީ ކުރަހާ ތައްގަނޑަކުން އޮބާފަ އެވެ. މި ފަތްކޮޅުގެ ތިން ފަރާތު އަރިމަތީގައިވެސް ކިޔަން އެނގޭނޭހެން ލިޔެފައިވާ ލިޔުންކޮޅެއްވެ އެވެ.

މި ލިޔުމުގައި ބޮޑަށް ހުރީ ސާސްކުރިތު ބަހެވެ. ދެން މުސްކުޅި ދިވެހި ބަހެވެ. މި ލިޔުންކޮޅު ބުނާގޮތުން މިއީ ބުދުދީނުގެ ވަޖްރަޔާނަ މަޒުހަބުގެ ދީންވެރި މާތް ބޭފުޅެއްގެ މަޤުބަރާއެވެ."

(ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރު ، ހެރިޓޭޖު ޑިޕާޓުމަންޓު. 2010 ، ސަފްޙާ 29 އަދި 30)

ފަތްކޮޅު
ފަތްކޮޅު

ފަތްކޮޅު

މި ފަތްކޮޅުގައި ލޮޓަސް މަލެއްގެ މަތީގައި ދިގަށްވާގޮތަށް ތިން މަސް ސިލް ޖަހާފައިވާތަން ފެނެ އެވެ. އަދި އޭގެ ވަށައިގެން މުސްކުޅި އަކުރުތަކަކުން އެއްޗެއް ލިޔެފަވާތީވެސް އެބަ ފެނެ އެވެ. މި ފަތްކޮޅާއި ބެހޭ ގޮތުން ޑރ ރަގުޕަތީ ވިދާޅުވަނީ މީގައި (ލޮޓަސް މަލެއްގެ މަތީގައި ތިން މަސް ފެންނަގޮތަށް ފަރުމާކޮށްފައިވާ ތައްގަނޑެއް ޖަހާފައިވުމުން) އެއީ ސިއްކަފުޅެއްގެ ގޮތަށް ބޭނުންކޮށް އުޅުނު ނިޝާނެއްގެ ތައްގަނޑު ކަމުގައި ބެލެވޭކަމަށެވެ. އެއީ ރަސްކަމުގެ ޝާހީ ނިޝާންކަމުގައިވެސް ބެލެވޭކަމަށެވެ. ހަމައެހެންމެ ފަތްކޮޅު ލިޔެފައިވަނީ މީލާދުން 10 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގެ ގްރަންތާ އަކުރާ ގުޅުންހުރި އަކުރަކުން ކަންވެސް އޭނާ ފާހަގަކުރައްވައެވެ. ފަތްކޮޅުގައިވަނީ

"ތްރިރަތުނަ މަހާ މައްޗީހަ ނަމޯ ބަހގަވަތޯ ރާދަސްހޔަ މަތިމަ."

އަދި މީގެ އިނގިރޭސި ތަރުޖަމާގައި ޑރ ރަގުޕަތީ ލިޔުއްވާފައިވަނީ

titledesc

ފަތްކޮޅުގައިވާ ބަސްތަކުން އެއީ ރަސްކަލެއްގެ މަގުބަރާކަން ޔަގީންކުރެވެއެވެ. ހެރިޓޭޖު ޑިޕާޓުމަންޓުން ޝާއިޢުކޮށްފައިވާ ފޮތުގައި ފަތްކޮޅު ފެނުނު ފޮށި ތެރޭގައި "ވަރަށް ހިމުން ވެލިކޮޅު ތަކެއް" ހުރިކަމަށް ބުނެފައިވެއެވެ. އެއީ އެރަސްގެފާނުގެ ހަށިކޮޅު އެންދުމަށްފަހު ފޮއްޓަށްލައިފައިވާ ލައިފައިވާ އަޅިތަކަށް ނުވާނެބާވަ އެވެ؟ އެ "ހިމުން ވެލިކޮޅުތައް" ކޮބައިބާވަ އެވެ؟ ފޮށި ތެރޭގައި ހުރި ބޮލިތައް ކާބަންޑޭޓު ކުރިއިރު އެ ހިމުން ވެލިތައް ތަޙުލީލު ކޮށްފައިވޭބާ އެވެ؟ ހައްތަހާވެސް ތާރީޚީ ގޮތުން މީހަކު ހިތައް އަރާނެ ސުވާލުތަކެވެ. ޖަވާބުވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.

ނިލަންދޫއިން ފެނުނު ފޮށީގައި ކަނޑާނަގާ ކުރަހާފައި ހުރި ކުރެހުން
ނިލަންދޫއިން ފެނުނު ފޮށީގައި ކަނޑާނަގާ ކުރަހާފައި ހުރި ކުރެހުން

ނިލަންދޫއިން ފެނުނު ފޮށީގައި ކަނޑާނަގާ ކުރަހާފައި ހުރި ކުރެހުން

ނިލަންދޫއިން ފެނުނު ހިރިގަލު ފޮށީގައިވެސް ވަނީ ރަން ފަތްކޮޅުގައިވާ ކަހަލަ ފަރުމާއެކެވެ. މަތީފައިވާ ތަސްވީރުންވެސް ހާމަވާނެ ފަދައިން ފެންނަ ތަފާތަކީ ފޮށީގައި ކަނޑާނަގައިފައިވާ ނިޝާނުގައި މަސްތައް ހުރީ ފަތްކޮޅުގައި ހުރި ފަދައިން ދިގަށްވާ ގޮތަށް ތެދަށް ނޫންކަމެވެ. "ގައުމީ ދާރުލް އާސާރު" ކިޔުނު ފޮތުގައި މި ހިރިގަލު ފޮއްޓާއި ބެހޭ ގޮތުން ބަޔާންކޮށްފައިވަނީ

"..މިއީ ނިލަންދެ އަތޮޅު ނިލަންދޫގެ އާސާރީ ހުކުރު މިސްކިތުގެ ދޮރާއްޓާ 250 ފޫޓު ދުރުގައިވާ ތަނަކުން ފެނިފައިވާ ހިރިގަލު ފޮއްޓެކެވެ. މި މިސްކިތް ހުރި ތާނގައި އިހުގައި ބުދިސްޓު ވޭރެއް ހުރިކަމުގެ ނިޝާންތައް ފެނިފައިވެ އެވެ. އަދި މިސްކިތުގެ ދޮރާއްޓަކީ އިހުގެ ވޭރުގެ ދޮރޯށިކަމަށްވެސް ކަމުގެ މާހިރުން ވަނީ ވިދާޅުވެފަ އެވެ. މި އާސާރު ފެނިފައިވަނީ 1984 ވަނަ އަހަރު އެވެ. ހިރިގަލު ފޮށީގެ މިންތަކަކީ 22.8 X 23 X 22.8 ސމ އެވެ. ފޮށި ހަދާފައިވަނީ އެންމެ ހިރިގަލަކުންނެވެ.

މި ފޮށީގެ ތެރޭގައި ދީނީ އާސާރީ އެއްޗެހި ބެހެއްޓުމަށްޓަކައި ފޮށީގެ ތެރެ 9.5 X 9.5 X 7 ސމ އަޑިއަށް ކަނޑައިފައިވެއެވެ. ފޮށީގެ މަތީފަރާތު މެދުގައި ވަޖުރާގެ ނިޝާން ހުރަހަށް ކަނޑާނަގައިފައިވާ ގަލުން ހަދާފައިވާ މައްޗެއްވެއެވެ. މި ވަޖުރާގައި ތީރެއް ޖަހާފައިވާ ސަންގެއް، ލޮޓަސް (ލައިނޫފަރު) މަލެއްގެ މަތީގައިވާ ގޮތަށް ދައްކާފައިވެ އެވެ. އޭގެ ތިރީގައިވަނީ ޖިއޯމެޓްރިކު ގޮތަށް ކުރަހާފައިވާ ތަރިއެކެވެ.

.........ފޮށީގެ އެކި ބިތުގެ ވައަތް ފަރާތުގައި ވަނީ ސްވަސްޓިކާ އާއި ޓްރިޕަލް ފިޝް ( ތިން މަސް) އަދި ސްރީ ނަމަކަށް ކިޔުނު ކަލާނގެއެއްގެ ނިޝާނާއި 3 ބުރިއަށް ހުރި އިސްތޫޕާއެއްގެ ލޯޓަސް މަލެއްގެ މަތީގައި ހުއްޓައި ދައްކައިދޭ ކުރެހުމެކެވެ.

( ގައުމީ ދާރުލް އާސާރު / ހެރިޓޭޖު ޑިޕާޓުމަންޓު/ 2010/ ސ 28 އަދި 29)

މި އާސާރުތަކާއި ގުޅޭ ގޮތުން ޝިޢުރާ ޖަޢުފަރު އޭނާގެ ބަޙުސުގައި ވަރަށް މުހިންމު ވާހަކަތަކެއް ގެނެސް ދެއްވާފައިވެއެވެ. އޭނާ ލިޔުއްވަނީ

titledesc

ޚުލާސާ ތަރުޖަމާއަކީ

"ރާއްޖެ އިސްލާމުވުމުގެ ކުރީގެ ބުދިސްޓު ދެ އާސާރެއްކަމުގައިވާ ތ ވޭމަންޑޫއިން ފެނިފައިވާ ރަން ފަތްކޮޅާއި ފ ނިލަންދޫއިން ފެނިފައިވާ ހިރިގަލު ފޮށީގެ މައްޗަށް ޑރ ރަގުޕަތީ ކުރައްވާފައިވާ ދިރާސާއިން ރާއްޖޭގެ ބުދިސްޓު ތާރީޚުގެ މައްޗަށް މުޅިން އައު އަލިކަމެއް ލިބިގެން ގޮސްފައިވެ އެވެ. މިއީ އޭގެ ޒާތުން ދިވެހިރާއްޖޭގެ ވަޖްރަޔާނާ ބުދިސްޓު ޒަމާނުގެ ރަމްޒުތަކާއި ލިޔުންތައް ފަހުމުކޮށް ދެނެގަތުމުގެ މައްޗަށް ކުރެވުނު ފުރަތަމަ ދިރާސާވެސްމެ އެވެ. ރަން ފަތްކޮޅުގައި ފަހަރުގައި އިޝާރާތްކޮށްފައި އެވަނީ ރަސްގެފާނާއި އޭނާގެ މަގުބަރާ (ރަސްގެފާނަށް ޚުޝާމަދު ކުރުމާއެކު) ގެ ވާހަކަކަމުގައި ވެދާނެ އެވެ. އަދި މިއީ ޝާހީ ގުޅުންތަކުގެ މައްޗަށް އޮތް ހެއްކެކެވެ. މި ރަން ފަތްކޮޅުގައި ނިޝާނުގެ ތައްގަނޑު ޖަހާފައިވުމުން އެއީ އާދަވެގެން ސިއްކަފުޅެއްގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވާ ނިޝާނެއްކަން ބުނެދެ އެވެ. ހަމަމީގެ އިތުރުން ނިލަންދޫއިން ފެނުނު ފޮށީގައިވާ ކެނޑުންތަކުގައިވެސް މިއާއި އެއްގޮތް ގުޅުންތަކެއް އެބަހުއްޓެވެ. އޭގައިވެސް ނިސްބަތްކުރެވިފައިވަނީ ރަސްގެފާނާ އޭނާގެ ބިނާއަށެވެ. އަދި ރަސްގެފާނަށް ހުރި ސަނާއާއި ޚުޝާމަދެވެ......."

ވޭމަންޑޫއިން ފެނުނު ރަން ފަތްކޮޅުގައިވާ ލިޔުމާއި ނިލަންދޫއިން ފެނުނު ހިރިގަލު ފޮށީގައިވާ ކެނޑުންތަކުގެ ތާރީޚަށް ބަލާއިރު މިތަކެއްޗަކީ މީލާދުން 9 ވަނަ ގަރުނާއި 11 ވަނަ ގަރުނާ ދެމެދުގެ އާސާރުތަކެއްކަމުގައި ބެލެވެ އެވެ. ކޮއިމަލާކަލޯގެ ރަސްކަން ފެށުނީ މީލާދުން 12 ވަނަ ޤަރުނުގެ އެންމެ ކުރީކޮޅުގައިކަންވެސް ތާރީޚުން އެނގެން އެބައޮތެވެ. އިސްވެ ދަންނަވާލެވުނު ބަޔާންތަކުން ހޯދިފައިމިވާ އާސާރުތަކުގައިވާ ނިޝާނަކީ އެއިރު އޮތް ރަސްކަމެއްގެ ޝާހީ ނިޝާންކަމުގައި ވަރަށް ބޮޑަށް ބެލެވެ އެވެ. ވީމާ މިއީ ތީމުގޭ ގެ ކުރިން އޮތް ރަސް ދަރިކޮޅެއްގެ ޝާހީ ނިޝާނެވެ. ހޯދިފައި މިވާ ގަދީމީ ދިވެހި ޝާހީ ނިޝާނާއި މި ސަރަޙައްދުގެ އެހެނިހެން ދައުލަތްތަކުގެ ނިޝާންތަކާއި ހުރި އެއްގޮތް ކަމަކީ ކޮބައިތޯ އަޅާ ބަލައިގެން އުފެދިފައި މިވާ ސުވާލުގެ މައްޗަށް ފުރިހަމަ ޖަވާބެއް ހޯދިދާނެކަމަށް އަޅުގަނޑު ދެކެމެވެ.

ރާއްޖޭގެ ތާރީޚެކޭ އެއްފަދައިން މި ސަރަޙައްދުގެ ގައުމުތަކުގެ ތާރީޚުވެސް ވަނީ ފޯކުލޯރު ވާހަކަތަކެއްގެ ތެރޭގައި ފޮރުވި ރައްކާކުރެވިފަ އެވެ. ދުނިޔޭގެ އެހެނިހެން ދިމަދިމާތަކުގައިވެސް ކަން އޮތީ ހަމަމިފަދައިންނެވެ. ޢިލްމުލް އާސާރާއި ޢިލްމުއް ތާރީޚުގެ ދާއިރާގައި ފޯކުލޯރުތަކުގެ މައްޗަށް ނަޒަރު ހިންގަންޖެހިދަނީ މިހެންވީމަ އެވެ. މިގޮތުން މި ސަރަޙައްދުގެ ގަދީމީ ފޯކުލޯރުތަކުގައި ރައްކާކުރެވިފައިވާ ޚަބަރުތަކުގެ ޛަރީޢާއިން ހޯދިފައިވާ ތާރީޚީ ހޯދުންތައް ބުނެދޭ ވާހަކަތަކަކީ ގިނަ އެއްޗެކެވެ. އެފަދަ ހޯއްދެވުންތައް ހޯއްދަވާ އާއްމުކުރެއްވި މުއައްރިޚުންގެ ތަޙުލީލުތަކުން ބުނެދޭ އެންމެ ބޮޑު އެއް ވާހަކައަކީ މި ސަރަޙައްދަކީ އެއްބަނޑު އެއްބަފާ ގައުމުތަކެއްގެ މައްޗަށް އެކުލެވިފައިވާ ސަރަޙައްދެއްކަމެވެ. އާދެ ދެކުނު އިންޑިޔާގެ ގައުމުތަކާއި ސިލޯނާއި އަދި ރާއްޖެޔަކީ ތާރީޚީ މައިގަނޑު އެއް ތަރަހައެއްގެ މަތީގައިވާ ގައުމުތަކެއްކަމެވެ.

ސިލޯނުކަރަޔާއި އިންޑިޔާ ބައްރުގެ އެކި ގައުމުތަކަކީ ނަސްލީ ގޮތުންނާއި ސަގާފީ ގޮތުން ދިވެހީންނާއި ގާތްގުޅުންތަކެއް އޮތް ގައުމުތަކެއްކަން ނިއުޅާލެވެމުން މިދާ އަޅުގަނޑުމެންގެ "ކޮއިމަލާ ފޯކުލޯރުގެ" ތެރެއިންވެސް މިހާރު ހާމަވާނެތެވެ. މިގޮތުން ދިވެހި މުސްކުޅި ވެރިކަމުގެ ނިޒާމާއި ދެކުނު އިންޑިޔާގެ ގައުމުތަކުގެ ވެރިކަމުގެ ނިޒާމާއި ހުރި އެއްގޮތްކަމާއި، އެތަންތަނުގެ ކާސްޓު ނިޒާމާއި ގުޅޭ "ކޮއިމަލާ" ފަދަ ނަންނަން، ދިވެހި ތާރީޚުންވެސް ފެންނަން މި ހުރި ހުރުމާއި، އަދި މުސްކުޅި މަހާބާރަތުނަ ވާހަކައިގައި ކިޔާ "ލަންކާ" އާއި ދިވެހިރާއްޖެއާ ހުރި ގުޅުންތައްފަދަ އެތައްކަމެއްގެ މައްޗަށް ޚުލާސާ ގޮތެއްގައިނަމަވެސް މި ސިލްސިލާގައި ވާނީ އަލިއަޅުވާލެވިފަ އެވެ.

ހަމަ މީގެ އިތުރުން އަޅުގަނޑުމެންގެ ކޮއިމަލާކަލޯއަކީވެސް ސޯމަވަންސަ ވަންހައިގެ ބޭފުޅެއްކަން ލޯމާފާނުތަކުން އެނގެން އޮތް އޮތުމާއި އެގައުމުތަކުގެ ވެރިކަންތަކަކީވެސް ސޯމަވަންސަ ފަދަ ވަންހަތަކާއި ގުޅުން ހުރި ވެރިކަންތައްކަން ވާނީ ބަޔާންކޮށްލެވިފަ އެވެ. މުޅި ކޮއިމަލާކަލޯ ފޯކުލޯރުވެސް ބުނެދެމުން އައިސްފައި އެވަނީ މިފަދަ އެފަދަ ގުޅުންތަކެވެ. މިހެންކަމުން އަނދިރިކަމެއްގެ ތެރޭގައިވާ ބޯދާ ދިވެހި ތާރީޚު ހޯދާ ކޮންމެ މީހަކަށްމެ އެންމެ ބޮޑު އަލިކަމެއް ލިއްބައިދޭނެ އެއްޗަކީ މި ސަރަޙައްދުގެ އެހެނިހެން ގައުމުތަކުގެ ތާރީޚެވެ. ދިވެހީންގެ މަލެއްފަދަ ކޮއި..ކޮއިމަލާކަލޯގެ މައްޗަށް ނަޒަރު ހިންގުމަށްޓަކައި އެކި ކަރަކަރައިގެ ތެރޭގައި "ހޭކެމުން" މި އާދެވޭ ސަބަބަކީވެސް ހަމަ މިއީ އެވެ.

އާދެ ! ބޯދާ ޒަމާނުގެ ދުނިޔޭގައި ގައުމުތަކުގެ ޚާރިޖީ ގުޅުންތައް ދަމަހައްޓަމުން އައިސްފައިވަނީ ކުރެވޭ "ސިޔާސީ ކައިވެނި"ތަކެއްގެ ތެރެއިންނެވެ. މިމަގުން މި ސަރަޙައްދުގެ ބޯދާ "ޑިޕްލޮމެޓިކް" ގުޅުންތައްވެސް އޮތީ އެފަދަ ގިނަ ކައިވެނިތަކަކުން ގުޅާލެވިފަ އެވެ. ދުނިޔޭގެ ހުރިހާ އިރެއްގައިވެސް ކޮންމެ ބަޔަކުމެ މިފަދަ ކައިވެނީގެ ގުޅުންތައް އާލާކޮށްފައިވަނީ އެބަޔަކު ދެކޭ "ޑިޕްލޮމެޓިކް" މަސްލަޙަތެއް ހިމާޔަތްކުރުމަށެވެ. އެހެނަސް އެފަދަ ކައިވެނިތަކުން ގަސްތުކުޅަ މަސްލަޙަތު ގެއްލި ގިނަ ހަނގުރާމަތަކެއް ކުރާން ޖެހޭ ސަބަބަށްވެސް އެކަންވެފައި ހުރީކީ މަދުފަހަރެއްގައެއް ނޫނެވެ. މި ސަރަޙައްދުގެ ގަދީމީ ތާރީޚުންވެސް މިފަދަ "އާއިލީ ގިނަ ކޯޅުންތަކެއް" ފެނެ އެވެ. ތީމުގެއަކީ ސޯމަވަންސަ ވަންހައިގެ ގޮތްޕެއްކަން ލޯމާފާނުތަކުން އެނގެން އޮތުމުން އެވޭލާ ދިވެހި ޝާހީ އާއިލާ އާއި މި ސަރަޙައްދުގެ ގައުމުތަކާ މަތިފުށުގެ ގޮތުން އޮތް ތިމާގެކަން އެނގެ އެވެ. ވީމާ ތީމުގޭގެ ކުރިޔަށް އޮތް ރަސްދަރިކޮޅަކީވެސް ހަމަ މި ސަރަޙައްދުގެ ކޮންމެވެސް ވަންހައަކާއި ގުޅުންހުރި ގޮތްޕަކަމުގައި ވެދާނެ އެވެ. ފެނިފައިވާ ދިވެހި އާސާރުތަކުގައިވާ ނިޝާނުން މިކަމަށް އިޝާރާތެއްވެސް ކޮށްފާނެ އެވެ.

ޝައްކެއްވެސްނެތެވެ! ދިވެހިރާއްޖެއަކީ ވިޔަފާރީގެ ގައުމެކެވެ. ވިޔަފާރީގެ މައި މަގެއްގައި އޮތް ހެޔޮ ބަނދަރެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކާއި ގުޅުން އުފެއްދި ގައުމެކެވެ. މީލާދުން 321 ވަނަ އަހަރު ރޫމީންނަށާއި މީލާދުން 600 ގެ އަހަރުތަކުގެ ތެރޭގައި ސީނުކަރަޔަށް ދިވެހި ރަސްރަސްކަލުން ސަފީރުން ފޮނުވައިފައި އެ ވަނީވެސް ހަމަ މި ގުޅުމުގެ ތެރެއިންނެވެ. އެނޫން އެހެންއެއްވެސް ސަބަބަކާއި ލައިގެނެއް ނޫނެވެ. ދިވެހި ފަރުފަރުން ހިލާ ބޮއްޔަކީ އެފުރިކާގެ ގިނަ ގައުމުތަކަކާއި އިންޑިޔާގެ ވަކި ސަރަޙައްދެއްގައި ބޭނުންކުރި ފައިސާ އެވެ. އަދި އެއީ ސީނުކަރައިގައި ޖަވާހިރާ އެއްފަދަވެގެންވާ އެއްޗެކެވެ. މީގެ އިތުރުން ހޮވާ މާވަހަރާއި އަދި ބާނާ މަހަކީ ދިވެހީން ބޭރަށް އެކްސްޕޯޓު ކުރަމުން ގެންދިޔަ ތަކެއްޗެވެ. އެއީ ދުނިޔޭގެ ވިޔަފާރިވެރިންނަށް މުހިންމު އަގުބޮޑު ތަކެއްޗެވެ.

ދުނިޔޭގައި ބަޔަކު މީހުންނަކީ މުހިންމު ބަޔަކަށް ވެގެންދަނީ ވިޔަފާރި އާއި އިގުތިސޯދީ ނަފާތަކުގެ ތެރެއިންނެވެ. މިއީ އެއިރުވެސް އަދި މިހާރުވެސް ދުނިޔޭގެ ހަމައެވެ. ދުނިޔޭގެ ވިޔަފާރީގައި އެތައް ގޮތަކުން ދިވެހީން އަދާކުރަމުން ދިޔަ ބޮޑު ދައުރަކީ ދުނިޔޭގެ ކުރިމަތީގައި ދިވެހި ދައުލަތް ނަން ވިދަމުން ދިޔަ ސަބަބެވެ. ބައްލަވާށެވެ! ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގެ ވިޔަފާރީގެ މުހިންމު މަގުގައި ސަރާސަރަށް ދިގަށް އޮތް ދައުލަތެކެވެ. އެއިރުގެ ޙާލަތު ނިޔާކުރި ގޮތުން މިފަދަ ދައުލަތެއްވާނީ މުހިންމު ބަނދަރަކަށެވެ. އެފަދަ ބަނދަރުތަކާއި ނުލައި ދިގު ވިޔަފާރި ދަތުރުތައް ހިންގުމަކީ ވެވޭން އޮތްކަމެއް ނޫނެވެ. ވީމާ އަގުހުރި "ޖަވާހިރާއި ފައިސާ" އެކްސްޕޯޓުކުރާ ވިޔަފާރީގެ ހެޔޮ ބަނދަރެއްގެ ވެރި ގައުމަކާއި މެދު އެކަނޑުގެ ވިޔަފާރީގައި ޝާމިލުވާ ފަރާތްތަކުން ދެކޭނެ ގޮތް މަންޠިގީ ހަމައިން ވިސްނާ ބައްލަވާށެވެ. ބޮޑެތި ސައުދާގަރުންނާއި މި ސަރަހައްދުގެ އެހެނިހެން ބަނދަރުތައް ކޮންޓުރޯލުކުރާ ފަރާތްތަކަށް ދިވެހިރާއްޖެއަކީވެސް މުހިންމުތަނަކަށް ވާނެ އެވެ. މިފަދަ މުހިންމުކަމެއް ގައުމަށް ލިބުމަކީ އެގައުމަކާ މެދު ޑިޕްލޮމެޓިކު ގުޅުން ގާއިމުކުރާނެ ސަބަބެވެ. އާދެ "ސިޔާސީ ކައިވެނީގެ" ގުޅުންތައް ރާއްޖޭގެ ޝާހީ އާއިލާ އާއި މި ސަރަޙައްދުގެ އެހެނިހެން ބޮޑެތި ޝާހީ އާއިލާތަކާއި ދެމެދު އަބަދުވެސް އޮންނާނެކަމަށް އަޅުގަނޑަށް ބެލެވެނީ މިހެންވީމައެވެ.

އަނެއްކާވެސް ޑރ ރަގުޕަތީ ހޯއްދެވި ގަދީމީ ދިވެހި ޝާހީ ނިޝާނުގެ ތައްގަނޑަށް ވިސްނަވަމާ ހިންގަވާށެވެ. އޭގައިވަނީ ލޮޓަސް މަލެއްގެ މަތީގައިވާ ތިންމަހެވެ. ލޮޓަސް މަލެއްގެ މަތީގައި ތިން މަސް ކުރަހާފައި އެވަނީ ބުދިސްޓު މަފުހޫމަކުންކަން ޔަގީންކުރެވެ އެވެ. ތިން މަސް ރަމްޒުކުރަނީ "ތްރިރަތުނަ" އެވެ. އެހެނަސް އެ ނިޝާން ކުރަހާފައިވަނީ ހަމައެކަނި މި މަފުހޫމުންކަމުގައި އަޅުގަނޑު ނުދެކެމެވެ. މީގެ އިތުރަށް އޭގައި އެހެން މާނަތަކެއް އެކުލެވިފައިވާކަމަށް ބެލެވޭތީއެވެ. އާދެ! މަހަކީ ދިވެހި އިގުތިސޯދުގެ މައި ނާރެހެވެ. އިގުތިސޯދު ފުޅާވެ ތަނަވަސްވެ ދިޔުމަކީ ގައުމެއް ދެމިއޮތުމަށް ބޭނުންވާނެ އެންމެ މުހިންމު އެއްކަމެވެ. ނިޝާނުގައި "ތްރިރަތުނަ" ރަމްޒުކުރުމަށް ތިން މަސް ކުރަހާފައިވާ އަނެއް ސަބަބު ގުޅިފައިވަނީ މިކަމާއިވެސް ގުޅިގެންކަމަށް ދެކެމެވެ. އަދިވެސް މިނޫން އެހެން ސަބަބެއްވެސް އޭގައި އޮވެދާނެކަމަށް އަޅުގަނޑު ދެކެމެވެ. އެއީ އިސްވެ ދެންނެވުނު ފަދަ މަތިފުށާއި ކައިވެނީގެ ގުޅުމެއް ރަމްޒުކޮށްދޭ ކޮށްދިނުމެކެވެ. މިހެން ދަންނަވާން ޖެހުނު އެއް ސަބަބަކީ މި ސަރަޙައްދު ދުށް ކަނޑުދަތުރުފަތުރަށް ކުޅަދާނަ ވަރުގަދަ އެއް ދައުލަތަކުން އެމީހުންގެ ޝާހީ ނިޝާނެއްގެ ގޮތުގައިވެސް މަސް ބޭނުންކޮށްފަވާތީ ފެންނާން އޮތީމަ އެވެ.

ޝައްކެއްވެސް ނެތެވެ! މަހަކީ ދުނިޔޭގެ އެތަންމިތަނުގައި އުފެދިދިޔަ ވަރަށް ގިނަ ދައުލަތްތަކުން އެބައިމީހުންގެ ރަސްމީ ނިޝާނުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. ބާބިލާ މިސުރާއި ޔޫރަޕާއި އަދި ފަރިސީންގެ ޙަޟާރަތްތަކުގެ ތެރޭގައިވެސް "މަސް" އަދާކޮށްފައިވާ ދައުރު އިންތިހާޔަށް ބޮޑެވެ. އިންޑިޔާގެ އިސްލާމީ އަންބަރާޠޫރުންގެ ދަށުގައިވާ ނަވާބުންވެސް އެމީހުންގެ އަމިއްލަ އުރުސްޠުގުރާތީ ނިޝާންތަކުގައި މަސް ބޭނުންކޮށްފައިވެ އެވެ. އަދި މި ނޫންވެސް ކިތަންމެ ގައުމެއްގެ ބަޔަކު އެކި މައުނަ މައުނައިގެ މައްޗަށް މަހުގެ ސޫރަ ކުރަހާ އެ ބޭނުން ކުރަމުން އައިސްފައިވާކަން ޢިލްމުލް އާސާރު އަންނަނީ ބުނެދެމުންނެވެ.

މި ސަރަޙައްދުގެ މައި ޙަޟާރަތްކަމުގައިވާ އިންޑަސް ވާދީ ޙަޟާރަތަކީވެސް މަހަށް ޚާއްސަ ގަދަރެއް ދީފައިވާ ބައެކެވެ. މޯހެންޖަދާރޯފަދަ އެ ޙަޟާރަތުގެ މުހިންމު ޝަހަރުތަކުގެ އާސާރުތަކުން އަންނަނީ މިކަން ހޯދެމުންނެވެ. ގަދީމީ އެ ޙަޟާރަތުގެ ޒަމާންނިމި އެ ޙަޟާރަތުގެ ސަގާފަތާއި އާދަކާދަތައް ވާރުތަކުރި ވާރިސުންނަކީ ދެން އުފަންވެގެން ދިޔަ ގައުމުތަކެވެ. އެ ގައުމުތަކުގެ ތެރޭގައިވެސް މަހަށް ޚާއްސަކަމެއް ދީ އެޔާއި ގުޅޭ ޚުރާފީ ވާހަކަތައް އުފައްދާ ކިޔަމުން އައިސްފައިވާކަން ފޯކުލޯރު ޢިލްމު ބުނެދެ އެވެ. މިގޮތުން އެވޭލާ ޒަމާނުގައި އިންޑިޔާގެ މައި ބައްރުގައި އުފެދުނު މަހާޖަނަޕަދަ (އެންމެ ޢިއްޒަތްތެރި) ދައުލަތްތަކޭ ކިޔުނު ދައުލަތްތަކެއްގެ ތެރޭގައި، "މަސްޔަ" އޭ ކިޔުނު ދައުލަތެއް އޮތްކަމީ މި ދެންނެވި ބަހުގެ މައްޗަށް އޮތް ދަލީލެކެވެ. އަދި މިނޫނަސް މިފަދަ ކިތަންމެ ގައުމެއްގެ ބަޔަކު އައީ ތަފާތު މައުނަތަކާއިއެކު މަހުގެ ރަމްޒުތައް ބޭނުންކުރަމުންނެވެ. އެޔާއި ގުޅޭ ޚުރާފީ ވާހަކަތައް ކިޔާ އުފައްދަމުންނެވެ. އަދި ދިވެހި ބޯދާ ޝާހީ ނިޝާނުންވެސް ފެނިފައިވާ ފަދައިން އައިސްފައިވަނީ އެބައިމީހުންގެ ނިޝާނުންވެސް މަހަށް ޖާގަ ދެމުންނެވެ.

މިފަދަ ގައުމުތަކުގެ ތެރެއިން މަހަށް އެންމެ ބޮޑު ޚާއްސަކަމެއްދީ އެބައެއްގެ ޝާހީ ނިޝާންތަކުގައި މަސް ބޭނުންކުރަމުން އައިސްފައިވާ އެއް ބަޔަކީ މުސްކުޅި ޕާޑިޔަން ދައުލަތެވެ. ޕާންޑިޔަނުންނާއި އާއިލީ ގޮތުން ގުޅިފައިވާ އެހެނިހެން ދަރިކޮޅުތަކުންވެސް އެބައިމީހުންގެ ޝާހީ ނިޝާންތަކުގައި މަސް ބޭނުންކޮށްފަވާތީ ފެނެ އެވެ. މިގޮތުން އަލޫޕާ ދަރިކޮޅާއި ސިލޯނުގައި އޮތް ކަރަވަ ދަރިކޮޅު ވަކީން ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަމެވެ.

ޕާންޑިޔަނުންނަކީ ސޯމަވަންސަ ވަންހަޔަށް ނިސްބަތްވާ ކަނޑުގެ އައްސޭރީގެ ގިނަ ބަނދަރުތަކެއް ކޮންޓްރޯލުކުރި ވަރަށް މުސްކުޅި ދައުލަތެކެވެ. އެއިރުގެ އިންޑިޔާ ކަނޑުގެ ވިޔަފާރީގައި ރަނގަޅަށް ޝާމިލުވެގެން ތިބި ގައުމެއްގެ ބައެކެވެ. ވިޔަފާރީގެ މަގުން އެ ދައުލަތުގެ ގުޅުންތައް އިންޑޮނީޝިޔާގެ އަސޭކަރަޔާއި ޖާވާ ފަދަ ތަންތަނާއި އަދި މެލޭ ބައްރުގެ ކަރަތަކާއި ހަމަޔަށް ދާންދެން ދެމިގެން ގޮސްފައިވެ އެވެ. ހަމައެހެންމެ މި ސަރަޙައްދުގެ ގިނަ ގައުމުތަކަކާއި ކައިވެނީގެ ގޮތުން ގުޅުން އުފައްދަމުން ގެންގޮސްފައިވާ ގައުމެއްވެސްމެ އެވެ. ދިވެހީންނާއި އެންމެ ގާތުގައި އޮތް ސިލޯނުގެ ސިންގަޅައިންގެ ގައުމު ފެށިފައިވަނީވެސް ޕާޑިޔަނުންގެ ގޮމައަކާއި ކުރެވުނު ކައިވެންޏަކުންނެވެ. ހަމައެހެންމެ އޭގެ ފަހުންވެސް ސިލޯނާއި ކުރެވުނު ހަނގުރާމަތަކެއްގެ ތެރެއިން އެމީހުންގެ ތަޚުތައް ޕާންޑިޔަން ނަސްލުގެ ކިތަންމެ ރަސްރަސްކަލުންނެއް ވަނީ އިސްވެވަޑައިގެންފަ އެވެ. ވަކީން ޚާއްސަކޮށް ސިލޯނުގެ ވެރިރަށެއްގެ ގޮތުގައި ޕޮއްލޮނުރަވަ އޮތް ދުވަސްވަރު ފާހަގަކޮށްލެވެ އެވެ. ކޮއިމަލާކަލޯގެ ކުރިޔަށް ހުންނެވި ރަސްގެފާނު ވީރަދޭވަ ސިލޯނަށް ވަޑައިގެން ކުރެއްވި ހަނގުރާމައިގެ އަސްލުވެސް ގުޅިފައިވަނީ ޕާންޑިޔަނުންނާކަމަށް ސިލޯނުގެ ތާރީޚު މަގުދައްކަ އެވެ. ވީމާ ތީމުގޭގެ ކުރިޔަށް އޮތް ޝާހީ ދަރިކޮޅާއި މުސްކުޅި ޕާންޑިޔަނުންނާއި ދެމެދު ކޮންމެވެސް ކަހަލަ ގުޅުންތަކެއް އޮތްކަމަށް ތާރީޚު އެބަ އިޝާރާތްކުރެ އެވެ. (ނުނިމޭ)

Newsletter

Get the latest news delivered straight to your inbox