ތަކުރާރު ކުޅައުމުގެ ބޭނުމެއްނެތް ފަދައިން ދިވެހީންގެ ބޯދާ ތާރީޚު އޮތް ނެތް ގޮތަކީ ގިނަ ބަޔަކު ދަންނަ ހަގީގަތެކެވެ. އެ ތާރީޚު ވަނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރޭގައިކަމެވެ. ވީމާ ދިވެހީންގެ ގަދީމީ ތާރީޚުގެ މައްޗަށް ކަޅިއެއް އެއްލާން އެދޭ މީހާ، އެންމެ ފުރަތަމަ ބަލާން ޖެހިދަނީ މިރާއްޖެޔާ އެންމެ ކައިރީގައިވާ ގައުމުތަކުގެ ތާރީޚުގެ މައްޗަށެވެ. ސިލޯނާއި އިންޑިޔާގެ މައި ބައްރުގައިވާ ގިނަ ގައުމުތަކެއްގެ ފަތްފުށްތަކެވެ. ވަކީން ޚާއްސަކޮށް ތަމަޅައިންނާއި މަޅިޔާޅަމުންގެ ތަރީޚީ ފަތްފުށްތަކުގެ މައްޗަށް ނަޒަރު ހިންގާންޖެހެ އެވެ. އެހެނީ ދެކުނު އިންޑިޔާގެ އައްސޭރީގައިވާ ގައުމުތަކުގެ ތާރީޚުން މުސްކުޅި ދިވެހި ޙަޟާރަތުގެ ބޯދާ ތާރީޚުގެ މައްޗަށް އަލިކަމެއް ލިބެމުންދާކަމެވެ.
ބޯދާ ދިވެހި ގައުމުގެ ޚަބަރު ހޯދުމަށްޓަކައި ދޫދޫމަތީން ރިވާކުރަމުން އަންނަ ފޯކުލޯރު ވާހަކަތަކާއި މޮށެއުޅޭ ބަސްބަހާއި އެންމެ އިހުއްސުރެ އެކުލެވިފައިވާ އާދަތަކާއި އަދި މުޅި ދިވެހި ސަގާފަތުގެ މައްޗަށް ނަޒަރު ހިންގާންޖެހެ އެވެ. އެކަންކަމުގެ މައްޗަށް ގިނަ ތަޙްލީލުތަކެއް ހެދިއްޖެކަމުގައިވާނަމަ، ދިވެހީންގެ އެވޭލާ މުޖުތަމަޢުގެ މަންޒަރެއް ސިކުނޑީގައި ކުރަހާލުމަކީ މާ ދަތި އުނދަގޫކަމަކަށް ނުވާނެ އެވެ. ހަމައެހެންމެ މި ސިލްސިލާ އެވާހަކައެއްގެ މައްޗަށް ބިނާވެ އޮތް ކޮއިމަލާ ފޯކުލޯރު ފަދަ ވާހަކަތައް ނިއުޅައިގަތުމުގައިވެސް ލިބޭނެ ކިތަންމެ ލުއި ފަސޭހަތަކެއް ހުންނާނެކަން ގައިމެވެ.
ކޮއިމަލާ ވާހަކައަކީ އެވޭލާ ދިވެހި ތާރީޚުގެ ވަރަށް މުހިންމު ހާދިސާތަކެއް ބުނެދޭ ވާހަކައެކެވެ. މި ވާހަކައިގެ ޛަރީޢާއިން ދިވެހީންނާ ދެކުނު އިންޑިޔާގެ ގައުމުތަކާއި ސިލޯނުކަރަޔާއި ދެމެދު އޮތް އެތައް ގުޅުމެއްގެ މައްޗަށް އިޝާރާތްކޮށްދެ އެވެ. މިރާއްޖެޔަށް އިންސާނީ ބޮޑު ހިޖުރައެއް ކޮށްފައިވާ ތަނަކީ ކޮބައިކަމުގެ މައްޗަށް ސޫރައެއް ކުރަހާލަދެ އެވެ. އިސްލާމުވުމުގެ ޙާދިސާގެ މައްޗަށް ތަފާތު ނަޒަރެއް ހިންގައިދެ އެވެ. އެވޭލާ ދިވެހި މުޖުތަމަޢުގައި އޮވެދާނެ ގިންތީގެ ނިޒާމެއް ބުނެދެ އެވެ. ވެރިކަމުގެ މުޅި ވައްޓަފާޅި ސޫރަކޮށްދެ އެވެ. ހަނގުރާމަވެރި ލަޝްކަރު އެކުލެވިފައި އޮންނާނެ ގޮތްތަށް އަންގައިދެ އެވެ. ފޯކުލޯރު ވާހަކަތަކަކީ މާޒީ އާއި މިއަދާ ގުޅައިދޭ ފާލަމެކޭ ބުނަނީ މިހެންވެގެންނެވެ. އޭގެ ޛަރީޢާއިން މާޒީގެ އެތައް ޚަބަރުތަކެއް އަދަށް ކޮށްދެމުން އަންނާތީ އެވެ. އަދި މިނޫނަސް ތާރީޚީ އެތަކެއް ގިނަ ޚަބަރުތަކަކަށް މި ވާހަކަ މަގުދައްކައިދެ އެވެ.
ކޮއިމަލާއިންނަކީ މަލާބާރު ކަރައިގައި ނަމްބޫތިރި ބެރުހަމުނައިންނަށް ފަހު ދެން ތިބޭ އެންމެ މަތީ ފަންތީގެ މީހުންނެވެ. އާދެ ކިރިޔާތިލް ނާޔަރުންގެ ގިންތީގެ ބޭކަލުންނެވެ. މިއީ ވެރީންނާއި އަމީރުންނާއި ލަޝްކަރުތަކުގެ ކޮމާންޑަރުންގެ ދަރަޖަ އެވެ. މަލާބާރު ކަރައިގައި ޝަތުރިޔަ ވަރުނައިގެ ދަރަޖަ ދެވިފައިވާ ގިންތިއަކީވެސް މިއީ އެވެ. މަލާބާރުގެ މުޖުތަމަޢު އެކުލެވިފައިވާ ގޮތުގެ މައްޗަށް ޕޯޗުގީޒުންގެ ޙަކީމީ ސައްޔާޙު ޓޯމޭ ޕިރޭސް ލިޔުއްވި އޭޝިޔާގެ ވިޔަފާރިއާއި ގުޅޭ ފޮތުގައި އަލިއަޅުވާލައްވައިފައިވެ އެވެ. އެ ފޮތުގެ ފުޓު ނޯޓުގައި ފޮތް އެޑިޓުކުރެއްވި ފަރާތުން ދެއްވާފައިވާ ބަޔާނަކުންވެސް ނާޔަރުންގެ މީހުންނީ ޝަތުރިޔަ ވަރުނައިގެ ދަރަޖަ ދެވިފައިވާ ބަޔެއްކަން އެނގެ އެވެ.
titledesc
ތަރުޖަމާ: "ޝަތުރިޔަ ދަރަޖަޔާއި އެއްފަދަވެގެންވާ އުރުސްޠުޤުރާތީ ޢަސްކަރީ ގިންތިއެއް ވުޖޫދުކުރި ނާޔަރުންނަކީ އިންޑިޔާގެ ހުޅަނގު ދެކުނު ސަރަޙައްދަކަށް ނިސްބަތްވާ އެތަނުގެ މަށް އަހުލުވެރީންނެވެ."
އަދިވެސް އިތުރަށް އެފޮތުގައި ޓޯމޭ ޕިރޭސް ލިޔުއްވާފައިވާ އިބާރާތްކޮޅަކަށް ބަލާލަމާތޯއެވެ.
titledesc
ތަރުޖަމާ: "އީޓުން ހިޔާކުޅައުމީ މަލާބާރު ކަރައިގެ އެއްވެސް މީހަކަށް ހުއްދަލިބިގެންވާކަމެއް ނޫނެވެ. ކިއެއްތަ ފައްޅިތަކާއި މިސްކިތްތަކާއި އެކަމަށް ކުފޫ ހަމަވެގެންވާ ބޮޑެތި ކައިމަލުންގެ ގެދޮރު ފިޔަވަ އެވެ. އެއީ އެބައިމީހުންގެ ބާރު ޝަހަރުގައި މާގަދަވެ ނުދިނުމައްޓަކަ އެވެ. މިކަމަކީ މަލާބާރު ކަރައިގެ ރަސްރަސްކަލުން ވަރަށް ރަނގަޅަށް ތަންފީޒުކޮށް އުޅުއްވާ ކަމެއްވެސްމެ އެވެ. އެބައިމީހުންނަށް ކައިމަލުންނޭ ކިޔަނީ އަހަރުމެންގެ ތެރޭގައި ޑޫކުންނާއި މާކީންނާއި އަދި ކައުންޓު ފަދަ ލަގަބުތައް ދީ ބޭނުންކޮށް އުޅޭ ބީދައިންނެވެ. އެހެނީ އެއީ ބޮޑެތި ބިންތަކާއި އެބައިމީހުންގެ ހައްގުގައި ފިދާވާނެ އެތައް ބައެއް ލިބިގެންވާ ސާހިބުންވެސްމެ އެވެ. މަލާބާރު ކަރައިގެ ބައެއް ކައިމަލުންނަކީ އެބައިމީހުންގެ ހައްގުގައި ފިދާވާނެ ދިހަހާސް ނާޔަރުން (ހަނގުރާމަވެރިން) ތިބި ބެއިކަލުންނެވެ. އަނެއްބައި ކައިމަލުންނަކީ ސައްތައިންނާއި ދުއި ސައްތައިން އެފަދަ ނާޔަރުން ތިބި ބެއިކަލުންނެވެ...."
ބޯދާ މަލާބާރުކަރަޔަކީ ލާމަރުކަޒީކޮށް ހިނގަމުން އައިސްފައިވާ ކަރަޔެކެވެ. މަރުކަޒީ ބޮޑު ބާރެއް ނޯވެ އެވެ. އެކަރަ އިހުގައި އެކިއެކި ނާޑުތަކެއްގެ މައްޗަށް ބެހިފައިވެ އެވެ. ނާޑޭ މި ކިޔެނީ ބިމުގެ ސަރަޙައްދަށެވެ. މިސާލަކަށް ތަމިލްނާޑޫ އޭ ކިޔާ ފަދައިންނެވެ. މާނައަކީ ތަމަޅައިންގެ ސަރަޙައްދެވެ. މިއިން ކޮންމެ ނާޑެއްގެ ވެރިކަން މިލްކުވެގެންވާ ފަރާތަށް ނާޑުވާޅިންނޭވެސް ކިޔަ އެވެ. މާނައަކީ ބައްރެއްގެ މައްޗަށް ވެރިކަން ކުރާ ފަރާތެވެ. ނާޑުވާޅި މަގާމަކީ ކިރިޔާތިލް ނާޔަރުންގެ ތެރޭގައި ވިރާސީ ގޮތުން ދެމެމުން އަންނަ މަގާމެކެވެ. އެފަދަ ވެރީންގެ ގޮތުގައި ކޮއިމަލާއިންވެސް ތިބެ އެވެ. މި ނާޑުވާޅިންނަށް ބޮޑު ރަސްގެފާނުގެ ދަށުގައިވާ ކުދި ރަސްކަލުންނޭވެސް ކިޔައި އުޅެއެވެ. "އެމްޕެރަރ" އެއް ދަށުގައި "ކިންގްސް" ތިއްބަވާ ފަދައިންނެވެ.
ޒަމާން ފުރޮޅި އިންޑިޔާގެ ބައްރުގައި ދައުލަތްތަށް އުފެދި ދިޔުމުގެ ތެރެއިން މަލާބާރުކަރައިގައިވެސް ރަސްރަސްކަލުން އުފަންވެގެން ދިޔަ އެވެ. އެހެނަސް އެރަސްރަސްކަލުންނީ ޝަރަފުވެރި މަގާމުތަކެއްގެ ވެރިބައެކެވެ. ޚުދުމުޚުތާރު ބާރުތަކެއް އެބޭބޭފުޅުންނަކަށް މިލްކުވެވަޑައިގެނެއް ނުވެ އެވެ. ވެރިކަން ހިންގުމުގެ ބާރުތައް އޮންނަނީ ކިރިޔާތިލް ނާޔަރުން (ކޮއިމަލާއިން) ގެ އަތްޕުޅުގަ އެވެ. އެއީ ދިވެހީންގެ ވެރިކަމުގެ ތެރޭގައި ތިއްބެވި ކިލެގެ ބޭކަލުންނެކޭ އެއްފަދަ ބައެކެވެ. މި ބޭބޭކަލުން ވެރިކަމުގެ އަމުރު މައުރޫފު ހިންގަވަމުން ގެންދަވަނީ އޭގެ ދަށަށް ތިއްބަވާ ނާޑުވާޅިންނާއި ދޭސަވާޅިން މެދުވެރިކޮށެވެ. މިގޮތަށް އެކަރައިގެ ވެރިކަމުގެ ހައިރާކީ ތަރުތީބުވެފައިވެ އެވެ. އެންމެ ގަދީމީ ޒަމާނުއްސުރެ މަލާބާރީންގެ ރަސްދަރިކޮޅުތަކަކީ އެއްބަނޑު އެއްބަފާ އާއިލީ ގުޅުންތަކެއް އޮތް ދަރިކޮޅުތަކެކެވެ. މި ހުރިހާ ދަރިކޮޅެއްމެ އެބައިމީހުންގެ ޝާހިއްޔަތުގެ ހެކި ބަޔާން ކުރައްވަނީ "ޙައްޖަށް ވަޑައިގެންނެވި ޗޭރަމަން ޕޭރޫމާލެއްގެ" ފުށުންނެވެ. މި ހުރިހާ ޝާހީ ޢާއިލާތަކެއްގެ މެދުގައި ގާތް އާއިލީ ގުޅުންތަކެއް އޮތްކަމުގައި ވިޔަސް އެއިން ކޮންމެ ބަޔަކީ އޭގެ އަނެއް ބަޔެއްގެ ބޮޑެތި ޢަދާވާތްތެރިންކަންވެސް ހަނދާންކޮށްލަންޖެހެ އެވެ.
އާދެ! މިގޮތުން މަލާބާރީންގެ ޝަހަރުގެ އުތުރުފަޅީގެ ވެރިކަން ހިއްޕަވައިގެން ތިއްބެވީ ކޯލަތިރިންނޭ ޝާހީ ދަރިކޮޅެކެވެ. އެކަރައިގެ އާދައިގެ މައްޗަށް މިބައިމީހުންގެ ވެރިކަންވެސް އޮންނަނީ އެތައް ފަޅިޔަކަށް ބައިކުރެވިފަ އެވެ. ކޯލަތިރި ރަސްރަސްކަލުންވެފައި ވަނީ ރަމްޒީ ބާރެއްގެ ވެރިބަޔަކަށެވެ. ވެރިކަން ދަމަހައްޓައިދެނީ ކުދި ރަސްކަލުންގެ ގޮތުގައި ތިއްބަވާ ނާޑުވާޅިންނޭ ކިޔާ ނާޔަރުންނެވެ. ތާރީޚީ އެކި މުއައްރިޚުންގެ ލިޔުއްވުންތަކުން ފެންނަގޮތުގައި ކޯލަތިރިންނަކީވެސް ޚުދު ނާޔަރު ގިންތީގެ ސޯމަވަންސަ (ހަނދުވަންހަ) ޝާހީ ދަރިކޮޅެކެވެ. މި ކޯލަތިރިންނެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ސޯމަވަންސަ (ހަނދުވަންހަ) ދަރިކޮޅަކީވެސް ނާޔަރު ގިންތީގެ ދަރިކޮޅެއް ނޫންތޯ އެވެ. މިކަން ކަށަވަރުކޮށްދެނީ އެދަރިކޮޅުގެ ބާނީއަކީ އެއްކަލަ ތީމުގޭ ކޮއިމަލާކަން އެނގެން އޮތީމާ ނޫންތޯ އެވެ. ކެރެލާގެ ތާރީޚުގެ މައްޗަށް ލިޔުއްވި ބައެއް މުއައްރިޚުން ލިޔުއްވާ ގޮތުގައި ދިވެހީންގެ ޝާހީ ދަރިކޮޅަކީ ވެސް މުސްކުޅި ކޯލަތިރިންނާ އެއްބަނޑު އެއްބަފާ ދަރިކޮޅެވެ. ވީމާ ދިވެހީންގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ކޯލިތިރި ވެރިކަމާ އެއްގޮތް ސިފަތަކެއް ފެނުމަކީ ދުރުގައިވާ ކަމެއް ނޫނެއްނުންތޯ އެވެ.
ދިމާވި ސަބަބަތަކަކާއި ހެދި ލިޔެވިފައިވާ ޤާނޫނެއް ދިވެހީންގެ ތެރެޔަށް ވުޖޫދުކުރަން މަޖުބޫރުވި ހިނދު އެއިރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން، ދިވެހީންގެ ވެރިކަން އެކުލެވިފައިވާ ގޮތުގެ މައްޗަށް ޚުލާސާ ގޮތެއްގައި ބަޔާނެއް ލިޔުއްވި އެވެ. އެއީ ލިޔެވިފައިވާ ޤާނޫނެއް އެކަށައެޅުމުގެ ކުރީގައި އެގޮތެއް ހޯދާ ބެލުމުގެ ގޮތުންނެވެ. ޞަލާޙުއްދީނު ލިޔުއްވަނީ
"......ރަސްގެފާނުގެ ވެރިކަން އޮންނަނީ އެތައް ބަޔަކަށް ބައްސަވައި ވެރީން ލައްވައި އެމީސްމީހުނާއި ޙަވާލު ކުރައްވައިފަ އެވެ. ރަސްގެފާނާއި ދާދި ގާތް ޢިއްޒަތްދެއްވައި ގާތް ކުރައްވައިފައި ރަސްގެފާނަށް ހުރިހާ ކަމެއްގައި ނަސޭޙަތްޕުޅު އެރުވުމަށާއި ރަސްގެފާނަށް ޖެހިވަޑައިގަތް ކޮންމެ ބުރަކަމެއްގައި ރަސްގެފާނާއި ބައިވެރިވާ 10 ބޭކަލުންގެ މަޖިލިސެއް އޮވެ އެވެ. މި މަޖިލިސްގެ ބޭކަލުން ގިނަ ފަހަރަށް ފެންނަނީ ރަސްގެފާނުންގެ ގާތް ބޭފުޅުންކަމުގައި ވަނިކޮށެވެ. އެއީ
- ފާށަނާ ކިލަގެ
- ރަންނަބަނޑޭރި ކިލަގެ
- ދޮށިމޭނާ ކިލަގެ
- މާފަތް ކިލަގެ
- ފާމުދޭރި ކިލަގެ
- ދަހަރަދަ ކިލަގެ
- އޮޅުގިނައި ކިލަގެ
- ކައުޅަންނާ ކިލަގެ
- ކުޑަރަންނަބަނޑޭރި ކިލަގެ
- ކުޑަދޮށިމޭނާ ކިލަގެ
ރަސްގެފާނީވެސް އިހު މީހުންގެ ގޮތުގައި ކިލަގެއެކެވެ. އެއީ ރަސްކިލަގެއެވެ. މިހެންވީމާއި މަޖިލިސް ފުރިހަމަވަނީ 11 ކިލަގެ ތިއްބެވުމުންނެވެ.
އަންހެން ތިން ކިލަގެވެސް ތިއްބަވަތެވެ. އެއީ 1 ރަނިކިލަގެ 2 މާވާކިލަގެ 3 ކަނބައިދި ކިލަގެ އެވެ. ރާއްޖޭގެ އާދަކާދައިގެ ކަންކަމުގައްޔާއިރަސްކަމުގެ ޢިއްޒަތުގެ ކަންކަމުގައި މިތިން ކިލަގެ ކިބައިން ލަފާ ހޯއްދަވަތެވެ. ޢިއްޒަތުގެ ބައެއް ކަންކަމުގައި މިތިން ކިލަގެޔަށް ބޭނުން ކުރައްވަތެވެ.
........މިނަންގަތް ކިލަގެ ބޭކަލުންގެ މަޝްވަރާޔާއެކު ރަސްގެފާނުން ހިންގަވާ ވެރިކަން އޮންނަނީ ފަސް ބަޔަކަށް ބައްސަވާ ފަސް ވަޒީރުންނާ ޙަވާލު ކުރައްވާފައިކަމަށް ފެނެ އެވެ. މި ފަސް ވަޒީރުންނަށް އެންމެ އިހުގެ ލިޔުމުގައި ހުރީ ފަންސަފުރަދާނަ މި ނަމުން ކިޔިފަ އެވެ. މި ފަސް ބަޔަކީ 1 ފަނޑިޔާރު 2 ހަދެއިގިރި 3 މާފަތް 4 ފާމުލަދޭރި 5 ދަހަރަދަ މި އެވެ.
.....ކަންގަތި ކޮލި މިއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ރައްޔިތުން އިންތިޚާބު ކުރާ ބަޔަކަށް ރަސްގެފާނުން ލައްވާ ކޮލިތަކެކެވެ. މިބައިމީހުންނަށް ދައުލަތުގެ ފަރާތަކުން މުސާރައެއް ނުހުރެ އެވެ. މިބައިމީހުން ހަދޭގިރިއަކު (ހޯމް މިނިސްޓަރު) ގެ ވާސިޠާއިން ރަސްކަމުގެ ތެރޭގައި ހިނގާ ކޮންމެ ކަމަކާއި ރަސްގެފާނުންގެ އަރިހުގައި ބަސް ދަންނަވައި ލަފާ ދަންނަވައި ހަދަތެވެ. މި ކޮލިތަކީ
- ރަންނާ
- ފެންނާ
- ކާންނާ
- ދާންނާ
- މޭނާ
- ގަދަހަމާދި
- ހިރިހަމާދި
- މާރާދަ
- ކުޑަބަނޑޭރި
- ވަތަބަނޑޭރި
- އަރުވާކަހާ
- ފަޑިއަތް
- ދޮއްތޮޑަފި
ކޮންމެ އަހަރަކު އުތުރު ނަކަތުގައި ކަންގަތި ކޮލީގެ މީހުން މާލެ އައިސް ހަދޭގިރިއަކާއި ވާހަކަ ދައްކައި އެހަރަށް ބައިތުލްމާލުގައި ކަންހިނގި ގޮތް ބަލާ ބޭރުން އަންނާން ހުރި ނުރައްކައުކަންތަކާއި މެދުގައި ރައްޔިތުންކަންތައް ކުރާންވީ ގޮތަކާއި އުޅޭންވީ ގޮތްތައް ހޯދާ އުޅޭކަމަށް ބުނާތީ އިވެ އެވެ...."
(ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް/ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް / ސ 5، 6 އަދި 7)
ޞަލާޙުއްދީނުގެ މި ލިޔުއްވުންކޮޅުން އެވޭލާ ޒަމާނުއްސުރެ ދިވެހީންގެ ވެރިކަން ތަރުތީބުވެގެންވާ ފުރިހަމަ ނިޒާމު ސާފުކޮށް އެނގިގެންދެ އެވެ. ކޮންމެ އަތޮޅެއްގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކަންގަތި ކޮލީގެ ބޭކަލުން މާލެ ދުރުވެ ބައިތުލް މާލުގެ ކަންހުރި ނެތްގޮތް ބެލުމޭ އޮތް އިބާރާތް ކޮޅުން އެއިރުގެ ވެރިކަމުގައި ރައްޔިތުން ޝާމިލުވެފައިވާ މިންވަރު ސަރީޙަކޮށް ހާމަވެގެންދެ އެވެ. ހަމައެހެންމެ ޞަލާޙުއްދީނުގެ މުޅި ބަޔާނުގެ މައްޗަށް ވިސްނާލުމުން މަލާބާރުކަރައިގެ ކޯލަތިރިންނެކޭ އެއްފަދައިން ދިވެހި ރަސްރަސްކަލުންނަކީވެސް ޚުދު މުޚުތާރު ބާރެއް މިލްކުވެފައިވާ ބަޔެއް ނޫންކަން އެނގެ އެވެ. މިއީ ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި މަޝްހޫރު ބެލް ސާހަބުވެސް ފާހަގަކުރައްވާފައިވާ ނުކުތާއެކެވެ. ކޯލަތިރިންގެ ވެރިކަން ކޮއިމަލާއިންގެ މަޖިލީހުން ތާޑުވާޅިންނާ ދޭސަވާޅިން މެދުވެރިކޮށް ހިންގަމުން އައިސްފައިވާ ބީދައިން ދިވެހި ރަސްކަން ހިންގަމުން އައިސްފައިވަނީ ކިލެގެ ބޭކަލުންގެ މަޖިލީހުން ވަޒީރުންނާއި ކަންގަތި ކޮލީގެ ބޭކަލުން މެދުވެރިކޮށެވެ. ފަހަރުގައި އެންމެ ބޯދާ ޒަމާނުގެ ކިލެގެއިންނަކީ ކިރިޔާތިލް ނާޔަރުންކަމުގައިވެސް ވެދާނެ އެވެ. މާ އެވޭލާ ޒަމާނުގައި ކަން އޮތްގޮތް ނޭނގުނެއްކަމަކު އެނގެން އޮތް ތާރީޚުން ފެންނަ ގޮތުގައި ކިލެގެ ބޭކަލެއްގެ ދަރަޖަޔާއި ހަމަޔަށް އައުމަކީ ސިޔާސީ މައިދާނުގައި ފައިހަމަކޮށްލާން ކެރުނު ހަމަ ކޮންމެ މީހަކަށްމެ އޮތް ފުރުސަތެކެވެ. ފާއިތުވެ ދިޔަ ދިގު ޒަމާނުގައި ކިލެގެ ބޭކަލުންގެ ގޮތުގައި ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްރަށަށް ނިސްބަތްވާ ބޭބޭކަލުން އެމަގާމު ފުރުއްވާފަވިޔަތީ ފެނިވަޑައިގަންނަވާނެ އެވެ.
މި ސަރަޙައްދުގެ ބޯދާ ތާރީޚަށް ބަލައިފިނަމަ ކޮއިމަލާއިން ފެންނަނީ ރަސްރަސް ކަލުންނަށްވުރެވެސް މުޖުތަމައެއްގައި ބާރުގަދަ ފަރާތްތަކެއްގެ ގޮތުގަ އެވެ. މިހެންކަމުން އިހު ދިވެހި ރަސްކަލުން ކިލެގެ ބޭކަލުންގެ މައްޗަށް ސިހިސިހި ތިއްބަވާ ބީދައިން ކޮއިމަލާއިންގެ މައްޗަށް ރަސްރަސްކަލުން ސިހިސިހި ތިއްބަވަ އެވެ. އިސްވެ ދަންނަވާލެވުނު ޕޯޗުގީޒު ސައްޔާޙު ތޯމޭ ޕިރޭސް ގެ ބަޔާނުންވެސް މިކަން ހާމަވެ އެވެ. މުޖުތަމައެއްގެ ތެރޭގައި ތިބޭ ހުރިހާ ކޮއިމަލާއިންނަކީ ބާރާއި އިއްޒަތުގެ ގޮތުން އެއްވަރު ބައެއް ނޫނެވެ. އެބައިމީހުންގެ ތެރޭގައިވެސް ޢިއްޒަތުގެ ގޮތުން އެކި ފަންތިތައްވެ އެވެ. ކޮއިމަލާއެއްގެ ޢިއްޒަތާއި ގަދަރު އުފުލުނު މިންވަރަކަށް އެބޭކަލެއްގެ ފަންތިވެސް އުފުލެމުން ދެ އެވެ. އިއްޒަތް ބޮޑުވެފައި ފަންތި އުފުލުން އޮންނަނީ ހުރިހާ ޒަމާނެއްގައިވެސް އިންސާނީ މުޖުތަމައުތަކުގައި އެއްގޮތަކަށެވެ. މާލިއްޔަތުގެ ގޮތުން ތަނަވަސްކަން އިތުރުވެފައިވާ ކޮއިމަލާއިންގެ އަތްދަށުގައި ތިއްބަވާނެ ނާޔަރުންގެ ލަޝްކަރުވެސް ގިނަވާނެ އެވެ. އެ ލަޝްކަރަކީ ބާރެވެ. އެ ބާރަކީ ފަންތީގެ ކުރިއެރުމެވެ.
މި އުސޫލުން މަތީ ފަންތިތަކުގައި ތިއްބަވާ ކޮއިމަލާއިންނާ ދައުލަތުގެ މުހިންމު ބޮޑެތި މަސްޢޫލިއްޔަތުތައްވެސް ހަވާލުވެފައިވެ އެވެ. ދައުލަތުގެ ޚަޒާނާގެ އެންމެ އިސް ވެރިޔަކީ އޭނާ އެވެ. އޭނާގެ ޣައިރު ޙާޟިރުގައި ދައުލަތުގެ ޚަޒާނާ ހުޅުވުމަކީ ރަސްރަސްކަލުންނަށްވެސް ވެވޭނޭކަމެއް ނޫނެވެ. ރަސްކަމުގެ ގާއިމު މަގާމަކީވެސް އޭނާ އެވެ. ރަސްކަމުގެ ތަޚުތު ހުސްވާ ހިނދެއްގައި އައު ރަސްކަލަކު ތަޚުތަށް އިސްކުރެއްވުމާއި ހަމަޔަށް ރަސްކަލެއްގެ ވާޖިބު އަދާކޮށް ވެރިކަން ހިންގާނެ ފަރާތަކީވެސް އޭނާ އެވެ. މިކަން ޕޯޗުގީޒު މަޝްހޫރު ސައްޔާޙު ޑުއާޓޭ ބާރބޯސާގެ ލިޔުއްވުންތަކުން ހާމަވެގެންދެ އެވެ. ބާބޯސާއަކީ މަލާބާރުކަރައިގައި ދިރިއުޅުއްވި މަޅިޔާޅަމު ބަހަށް ފަރިތަ އަދި އެކަރައިގެ ރަސްކަލުންނާ ޕޯޗުގީޒު އޮފިސަރުންނާ ދެމެދުގައި ތަރުޖަމާނެއްގެ ދައުރު އަދާކުރެއްވި ބޭކަލެކެވެ. އޭނާ އެތަނުގައި ދިރިއުޅުއްވި ދުވަސްވަރު ލޮލުން ދެކެވަޑައިގެންނެވި ކަންކަމާއި ހޯއްދަވާ ބައްލަވައިގެން ސާފުކުރެއްވި ކަންކަމުގެ މައްޗަށް ވަރަށް ތަފްސީލީ ޚަބަރުތަކެއް ހުރި ފޮތެއް އޭނާ ލިޔުއްވާފައިވެ އެވެ. ބާރބޯސާ ލިޔުއްވާފައިވެ އެވެ.
titledesc
ޚުލާސާ ތަރުޖަމާއީ
".......... (ރަސްކަލަކު ފުރައުއްތަވުމުން) ތޭރަ ދުވަސް ފާއިތުވެއްޖައުމަށް ދާންދެން ވެރިކަން ހިންގުމާއި ރަސްކަމަށް އިސްކުޅައުމުގެ މަރުޙަލާ މަޑުޖައްސާލަ އެވެ. އެއީ ދެން ރަސްކަމަށް އިސްކުރާން ތައްޔާރުވެފައިވާ މަނިއްޕުޅާއި މީހަކު ދެކޮޅުވެރިކަން ފާޅުކޮށް ތެދުވޭތޯ ބެލުމަށް ޖާގަދޭށެވެ. އެ މުއްދަތު ފާއިތުވުމާއިއެކު ޝަހަރުގެ އެންމެހައި އަޝްރާފުނާއި ކުރީގެ ގަވަރުނަރުން އިސްވެ ތިބެ އަލަށް އިސްކުރާ ރަސްގެފާނުންގެ ކިބައިން އިސްވެދިޔަހާ ރަސްކަލުންގެ އަތްޕުޅުން ބީވެ ގޮސްފައިވާ ކަންކަން ހޯދައިގަތުމަށާއި އެ ރަދުންގެ ގާނޫނުތައް ނެގެހެއްޓެވުމަށާއި އަދި އެރަދުން ދަރާ އޮވެއްޖެނަމަ އެ ދަރަންޏެއް އަދާކުޅައުމަށް ހުވާކުރައްވަ އެވެ. މިކަން ހިނގަމުންދާ ވަގުތުގައި އެ މަނިއްޕުޅު އުރައިން ދަމާލެވިފައިވާ ކަނޑިކޮޅެއް ވައަތްޕުޅުން ހިއްޕަވާ އަދި ކަނާތްޕުޅުން ވޮށްތަކެއް އެލުވައިފައިވާ ޗޭނުގަނޑެއް ހިއްޕަވައިގެން ހުންނަވަ އެވެ. އަދި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މެދުތެރެއިން ރަން އަނގޮޓިކޮޅެއްގައި އިނގިލިފުޅުތައް ޖައްސާލެއްވުމަށްފަހު ކަނޑިކޮޅުގެ ބާރުން އެންމެހައި ކަންކަމެއް ދެމެހެއްޓެވުމުގެ މައްޗަށް ރަދުން ހުވާކުރައްވަ އެވެ. މި ހުވާ ހަމަ ކުރެއްވުމާއެކު އެމަނިއްޕުޅުގެ އިސްތަށިފުޅު މައްޗަށް ހަނޑޫކޮޅެއް ބުރުއްސާލަ އެވެ. މިހިސާބުން ރަދުންނަށް ހުވާލައިދެއްވުން ނިމުނީ އެވެ. ދެން އިސާހިތަކު ކޮއިމަލާއިންނާއި އެކުގައިވާ ޝާހީ ދަރިކޮޅުގެ ބޭފުޅުންނާއި އަދި އެހެނިހެން ބޮޑެތި އަޝްރާފުން، ރަސްގެފާނަށް ތެދުވެރިކަމާއި ވަފާތެރިކަން އަދާކުޅައުމުގެ މައްޗަށް ހުވާކުރައްވަ އެވެ. ( ރަސްކަލަކު އިސްނުކޮށްވާ) މި ތޭރަ ދުވަހު ކޮއިމަލާއިންގެ ތެރެއިން ބޭކަލަކު ރަސްކަލެއް ފަދައިން ދައުލަތުގެ ކަންކަން ނިންމަވާ ވެރިކަން ހިންގަވަ އެވެ. އެބޭކަލަކީ ރަސްކަމުގެ އެންމެހައި ކަންކަމާއި ޙަވާލުވެ އަމުރު މައުރޫފު ހިންގަވާ ފަރާތެވެ. އެ (ކައިމަލުންގެ) މަގާމަކީ ވިރާސީ ހައިސިއްޔަތުން ވާރުތަވެފައިވާ އޭނާގެ ހައްގެކެވެ. މި ބޭކަލުންނީ ދައުލަތުގެ ޚަޒާނާގެ ވެސް ވެރީންނެވެ. އެހެނީ މިއިން ބޭކަލަކު ނެތި ( ކޮއިމަލާއަކު ނެތި) ދައުލަތުގެ ޚަޒާނާ ހުޅުވުމާއި ވަރަށް ބޮޑު މުހުތާދެއް ޖެހިގެން މެނުވީ އެ ޚަޒާނާއިން އެފަދަ ބޭކަލެއްގެ ލަފާފުޅާ ނުލާ އެއްޗެއް ނެންގެވުމަކީ އެކަރައިގެ ރަސްކަލަކަށް ވެސް ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. މުޅި ދައުލަތުގެ ގާނޫނުތައް ނަގަހައްޓަވާ ހިންގަވާ ފަރާތަކީ މިއީ އެވެ.
ކާސްޓު ނިޒާމެއްގެ މައްޗަށް އެކުލެވޭ މުޖުތަމައެއްގައި، ކޮއިމަލާއިންގެ ހައިސިއްޔަތަކީ ކޮބައިކަމާއި އަދި އެބައިމީހުންގެ ގަދަރު އުފުލިގެންވާ މިންވަރަކީ ކޮބައިކަން ޓޯމޭ ޕިރޭސާއި ބާރބޯސާގެ ބަޔާނާތުތަކުން ކިތަންމެހައިވެސް ރަނގަޅަކަށް ސާފުވެއްޖެ އެވެ.
ދިވެހީންގެ ތާރީޚަށް ވިސްނަމާ ހިންގަވާށެވެ. ދިވެހި ފޯކުލޯރުގެ ތެރެއިން ކޮއިމަލާއިންނާއި ބެރުހަމުނައިން (ބްރަހުމަނުން) ގެ ވާހަކަތައް އިވެ އެވެ. ރަސްރަސްކަލުންގެ ވާހަކަ ބަޔާންކޮށް ލިޔެފައިވާ މުސްކުޅި ރާދަވަޅީގައި "ތީމުގޭ ކޭމަލެއިކަލޯ" ގެ ނަން ފެންނާން އެބައޮތެވެ. ދިވެހި ރަސްރަސްކަލުންގެ ކޮލީ ނަންފުޅުތަކުގެ ޛަރީޢާއިން އެބައިމީހުންނީ ޝަތުރިޔަ ވަރުނައިގެ ރަސްކަލުންކަން އެނގެ އެވެ. ވީމާ މިހުރިހާ ކަމެއްގެ މައްޗަށް ވިސްނާއިރު މަލާބާރު ކަރައިގެ ކާސްޓު ނިޒާމުފަދަ ނިޒާމެއް ދިވެހީންގެ ބޯދާ ޒަމާނުގައި އޮވެދާނެކަމަށް ސޫރަނުކުރެވޭތޯ އެވެ؟ އެފަދަ ކާސްޓު ނިޒާމެއް މިރާއްޖޭގައި އޮތްކަމުގައިވާނަމަ ހުންނަވާނީ ތީމޫގޭ އެންމެ ކޮއިމަލެއް ނޫނެވެ. އެފަދަ ކިތަންމެ ގެޔެއްގެ ކޮއިމަލުން ތިއްބަވާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. އެހެންނަމަވެސް ދިމާވި އެތައް ހިތްދަތި ސަބަބުތަކަކާއި ހުރެ ގެއްލިދިޔަ ދިވެހީންގެ ބޯދާ ޒަމާނުގެ ތާރީޚާއެކު އެ ޚަބަރުތައް އެނގެން ނެތުނީކަމުގައި ދެކެމެވެ. ފެންނަން އޮތް ރާދަވަޅިޔާއި ތަރުޖަމާ ކުރެވުނު މުސްކުޅި ދަނބިދޫ ލޯމާފާނާއި އިސްދޫ ލޯމާފާނު ނެތްނަމަ މިހާރު އެނގެން އޮތް ކޮއިމަލާގެ ނަންފުޅުވެސް ތާރީޚުގެ މަސްދަރުތަކުގެ ތެރެއިން އެއްކޮށް ފުހެވުނީހެވެ. އެއިރަށް ފެންނަން އޮތީހީ ހަމައެކަނި ފޯކުލޯރުގެ ތެރޭގައިވާ މިވާހަކަ އެކަންޏެވެ. ދައްކާނެ އިތުރު ޙުއްޖަތެއް ނެތުނީހެވެ. މީލާދުން ބާރަވަނަ ގަރުނުގެ ކުރީކޮޅު ތިއްބެވި އެތައް ކޮއިމަލާއިންނެއްގެ ތެރެއިން ފަންތީގެ ގޮތުން އިސް ކޮއިމަލާއަކު، ދިވެހި ސިންގާ ތަޚުތަށް އިސްވެވަޑައިގެންނެވީ އެވެ. ތީމުގޭ ކޭމަލެއިކަލޯއަށް ސްވަސްތީ ސްރީ ބާނާބާރުނަ މަހާރަދުންނޭ ބުނެ ބަޔާންކޮށްފައި އެވަނީ އެ ޝަޚުސިއްޔަތެވެ.
ސްވަސްތީ ސްރީ ބާނާބާރުނަ މަހާރަދުން (ތީމުގޭ ކޮއިމަލާ ކަލޯ) ގެ ނަންފުޅު އެހެން ކޮއިމަލާއިންނާއި ޚިލާފަށް ފޯކުލޯރުގެ ތެރޭގައި ބިންވަޅުނެގި، ދޫދޫމަތީން އައިސްފައިވާ ކިތަންމެ ސަބަބުތަކެއް ހުންނާނެ އެވެ. ސިލޯނަށް ހަމަލާކުރި ވީރަދޭވަގެ މަތިން ހަނދާން އައުކޮށްލަން އަނެއްކާވެސް ޖެހެނީ އެ ސަބަބުތަކަށް ވިސްނައިގަތުމަށްޓަކަ އެވެ. ހަނގުރާމައަށް ވީރަދޭވަ ވަޑައިގެން އެތަނުގައި ގަތުލުވީ މީލާދުން 1114 ވަނަ އަހަރުގަ އެވެ. ތީމުގޭ ކޮއިމަލާ ކަލޯ ރަސްކަމަށް އިސްވެވަޑައިގެންނެވީ މީލާދުން 1120 ނޫނީ 1121 ވަނަ އަހަރުގަ އެވެ. ވީރަދޭވަގެ ގަތުލާއި ކޮއިމަލާގެ ރަސްކަމާ ދެމެދުގައިވަނީ ފަސްވަރަކަށް އަހަރެވެ. މިއީ ނިސްބަތުން ވަރަށް ކުރު މުއްދަތެކެވެ. ކޮއިމަލުންނަކީ ނާޔަރުންގެ ލަޝްކަރުތަކެއްގެ ވެރީންނެވެ. ވީމާ ވީރަދޭވަ ކުރެއްވި ހަނގުރާމައިގައި ފަނާވެދިޔަ ދިވެހި ލަޝްކަރުގައި ތިއްބަވާނީ ނާޔަރުންނެވެ. އެ ލަޝްކަރުތަކުގެ މައްޗަށް ކޮމާންޑުކުރައްވާނީ އެބައެއްގެ ވެރި ކޮއިމަލާއިންނެވެ. ހަމައެހެންމެ އެ ލަޝްކަރުގައި އެނޫންވެސް ޝާހީ ކިތަންމެ ބޮޑުންނެއްވާނެ އެވެ.
ކުރިޔަށް ތިއްބެވި ބޮޑުންނާ ޝާހީ އާއިލާގެ އެތައް އަމީރުންނެއް ވީރަދޭވަގެ ހަނގުރާމައިގައި ގަތުލުވެދިޔުމަކީ ވަރަށް އެކަށޭނަކަމެކެވެ. ދިވެހީންގެ ކުޅަދާނަ ރަސްގެފާނު ވީރަދޭވަ އާއި މުޅި ލަޝްކަރު ގަތުލުވެ ފަނާވެދިޔަ ޚަބަރާ އެކު އެހެނިހެން ޢަދާވާތްތެރިންގެ ފުށުން ރާއްޖެޔަށް ޙަމަލާތައް ކުރިމަތިވަމުން ދިޔުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެދުވަސްވަރުގެ ތާރީޚު ބުނާގޮތުން އެއީ ދޭދޭ ގައުމުތައް ދެމެދުގައި ގިނަ ހަނގުރާމަތަކެއް ހިނގަމުންދިޔަ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ދެފަހަރެއްގެ މަތީން ޗޯޅާއިންގެ ވަރުގަދަ ހަމަލާތަކެއް ރާއްޖެޔަށް ކުރިމަތިވިކަން ތާރީޚުންވެސް ފެނެ އެވެ. އެ ވާހަކަތައް ވާނީ މި ސިލްސިލާގައި އިސްވެ ބަޔާންކުރެވި އެވެ. ވީމާ ވީރަދޭވަ ގަތުލުވެ ދިޔުމާއެކު ގައުމަށް އެރި ބޮޑު ލޮޅުން ގަނޑަކުން ދިފާޢުކޮށްދެއްވި އެއް ފަރާތަކީ ތީމުގޭ ކޮއިމަލާ ކަލޯކަމުގައި ފެނެ އެވެ. މިއީ މުޅި މި ސިލްސިލާގައިވެސް އަޅުގަނޑު ދޫކުރަމުން އައިސްފައިވާ ސުވާލުގެ އެއް ޖަވާބެވެ. އާދެ! ޣާޒީ ރަދުންގެ ވާހަކަ ބޮޑު ތަކުރުފާނު ވާހަކައިގެ ގޮތުގައި ކިޔަމުން އަންނަ ބީދައިން ހުއްޓުމެއްނެތި ކޮއިމަލާ ކަލޯގެ ވާހަކަވެސް ކިޔަމުން އައިސްފައިވުމުގެ އެއް ސަބަބަކީ އެއީ އެވެ.
ދެން އަނެއް ސަބަބަކީ ކޮބައިތޯ އެވެ. އާދެ! ތަޚުތު ހުސްވާ ކޮންމެ ހިނދެއްގައި ރަސްކަލެއްގެ ދައުރު އަދާކުރެއްވުމީ ކޮއިމަލާއިންގެ ވާޖިބާތެއްކަންވެސް އިސްވެ ދެންނެވިފައިވާނެ އެވެ. ވީމާ އެ ހަނގުރާމައިގެ ސަބަބުން ހުސްވި ދިވެހި ތަޚުތާއި ހަވާލުވެ ހުންނެވި ފަރާތަކީ ތީމުގޭ ކޮއިމަލާކަލޯކަމުގައި ވުމަކީ ބެލެވޭ ގޮތެކެވެ. ފަހުގެ ދިވެހި ތާރީޚުގެ ތެރެއިންވެސް މި ހަމައިން ކަން ހިނގާފައިވާތީ ފެނެ އެވެ. އުތީމު ޣާޒީ ރަދުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްފަހު ރަސްކަމަށް އިސްވެވަޑައިނުގެން ހުންނެވި އެވެ. ތަޚުތާ ހަވާލުވެގެން އެރަސްކަން ހިންގަވަމުން ގެންދަވާފައިވެ އެވެ. ހަމަ އެހެންމެ މުލީގޭ ދޮން ހަސަން މަނިކު، ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށްފަހު ވެސް ރަސްކަމަށް އިސްވެވަޑައިނުގެން ހަތްވަރަކަށް އަހަރު ހުންނެވި އެވެ. އެދުވަސްވަރު ރަސްކަން ހިންގަވަމުން ގެންދެވީ އައިމިނާ ރަނިކިނަގެ ނަންފުޅުގައި ދޮން ހަސަން މަނިކެވެ. އަދި ފަހުން ސުލްޠާން ޙަސަން ޢިއްޒުއްދީނުގެ ނަންފުޅުގައި ތަޚުތަށް އިސްވެވަޑައިގެންނެވުމުން ހުރަވީންގެ ނަމުގައި މުޅީން އައު ރަސްދަރިކޮޅެއްވެސް އުފަންވެގެން ދިޔައީ އެވެ.
ވީމާ ވީރަދޭވަ ގަތުލުވުމާއި އެކު ހުސްވި ދިވެހި ތަޚުތު ބަލަހައްޓަވަމުން ގެންދެވުމަށްފަހު ޙާލަތު ނިޔާކުރި ގޮތެއްގެ ސަބަބުން އޭގެ ފަސްވަރަކަށް އަހަރުފަހުން ސްވަސްތީ ސްރީ މާނާބާރުނަ މަހާރަދުންގެ ނަންފުޅުގައި ތީމުގޭ ކޮއިމަލާ ކަލޯވެސް ރަސްކަމަށް އިސްވެވަޑައިގެންނެވުމީ އެކަށޭނަކަމެކެވެ. އަދި އެކަމުގެ ސަބަބުން އައު ރަސްދޮރިކޮޅެއް އުފަންވީ އެވެ. ސޯމަވަންސަ ދަރިކޮޅުގެ ތީމުގޭ ދަރިކޮޅުގެ ރަސްކަން ފެށިގެން ދިޔައީ އެވެ. ދަނބިދޫ އަދި އިސްދޫ ލޯމާފާނުގައިވެސް ގަޑަނާއްދީއްތަ މަހާރަދުން އެރަދުންގެ އަމިއްލަފުޅު ނަސަބު ލިޔުއްވެވިއިރު ސްވަސްތީ ސްރީ މަހާބާރުނަ (ތީމުގޭ ކޮއިމަލާ) މާރަސުންގެ ނަންފުޅަށްވުރެ މައްޗަށް އެހެން ނަމެއް ގެންނަވާފައި ނެތްކަމީވެސް މިބަހުގެ މައްޗަށް އޮތް ގަރީނާއެކެވެ. (ނުނިމޭ)








