އިމްޕްރެޝަނިޒަމްއަކީތޯ އެވެ؟ 19 ވަނަ ޤަރުނުގައި ކުރެހުންތެރިން އުފެއްދި ވައްޓަފާޅިއެކެވެ. ކްލޯދް މޮނޭގެ މަޝްހޫރު ކުރެހުން "އިމްޕްރެޝަން: ސޮލެއި ލެވާންތް" އަށް ނިސްބަތްކޮށް، މި ވައްޓަފާޅިއަށް ނަންދީފައިވަނީ، އެ ފަދަ ކުރެހުންތަކުން ދައްކުވައިދެނީ އެ ކުރަހާ އެއްޗެއްގެ އަސްލު ބައްޓަންތަކާއި ކުލަތަކުގެ ބަދަލުގައި ކުރެހުންތެރިޔާއަށް އެ ސިފަކުރެވޭ ގޮތް ކަމުގައިވާތީ އެވެ. މި ފަދަ ކުރެހުންތަކުގައި ބައްޓަންތައް ސާފެއް ނުވާނެ އެވެ. މާ ކަވި، ތަފްޞީލީ ލެނބުންތައް ކުރެހުމުގައި ހިމެނުމަށް މަސައްކަތެއް ނުކުރާނެ އެވެ. ފުރަތަމަ ނަޒަރުން ކުރެހުމުގައި ފަރުވާކުޑަކަމެއް ހުރިކަމަށް ހީވެދާނެ އެވެ. ކުޑަ ފުސްކަމެއް ފާޅުވާނެ އެވެ. އެހެންނަމަވެސް އިސާހިތަކު، މިއީ ގަސްދުގައި ގެންގުޅެފައިވާ "ފަރުވާކުޑަކަމެއްކަން" ހާމަވެގެންދާނެ އެވެ. ގަދަ ކުލަތަކެއް ބޭނުންކޮށްގެން، ފިހިވަޅު ފާޅުވާގޮތަށް، އެހެންނަމަވެސް މުޅި މަންޒަރުގައި ފަނޑުކަމެއް ހުންނަ ގޮތަށް ކުރަހާފައި ހުންނަ ކުރެހުންތަކެކެވެ.
އިމްޕްރެޝަނިސްޓު އަދަބިއްޔާތުގައިވެސް ނަކަލުކުރަނީ މި ސިފަތަކެވެ. ކިޔުންތެރިޔާއަށް ފެންނާނީ ލިޔުންތެރިޔާގެ ނަޒަރުން މަންޒަރެއް، ނުވަތަ ހާދިސާއެއް ނުވަތަ މީހެއް ސިފަކުރާގޮތެވެ. ކުރެހުމުގައިވެސް ކުލަތައް އެއްކުރުމަށް މަސައްކަތް ނުކުރާފަދައިން ލަފުޒުތައް ނުވަތަ ޖުމުލަތައް އެކުލަވައިލުމަކަށް މާބޮޑެތި މަސައްކަތްތަކެއް ކޮށްފައި ހުންނަ ކަމަކަށް ނުފެންނާނެ އެވެ. އެހެންނަމަވެސް ވަކި ވަކީން ލިޔެފައިހުންނަ އެ ލަފުޒުތަކުން ކިޔުންތެރިޔާއަށް ނުވަތަ އަޑުއަހާ މީހާއަށް އޭނާ އެ ސިފަކުރާ ކަމެއް މާނަކޮށް، ޝަރަޙަކުރާނޭ މިނިވަންކަން ލިބެ އެވެ. ލިޔުންތެރިޔާ ނުވަތަ ޅެންވެރިޔާގެ ނަޒަރުން ސިފަކުރާ ކަންތައްތައް ތިމާގެ ނަޒަރުން މާނަކުރާނޭ ފުރުޞަތު ލިބެ އެވެ.
ދިވެހި އިމްޕްރެޝަނިސްޓު އަދަބިއްޔާތޭ ބުނުމާއެކު ސިފަވެގެންދަނީ އިބްރާހިމް ޙުސައިން މަނިކުގެ ކުރުވާހަކަ "ކުރަނގި މާރަނގަ" އެވެ. އެ ވާހަކައިވާ ސިފަކުރުންތަކެވެ. ރަށްފުށުގައި ހޭދަކުރި ޅައުމުރުގެ ހަނދާންތައް ސިފަކޮށްދޭ ރީތި ގޮތަކީ އިމްޕްރެޝަނިސްޓް ޕްރޯސް ނުވަތަ ވާހަކަލިޔުންތެރިކަމުގެ މިސާލެކެވެ. އިބްރާހިމް ޙުސައިން މަނިކު ލިޔުއްވާފައިވެ އެވެ.
"ތަންކޮޅެއް ދުރުން ވަލުތެރޭން ކުނބޯއެއް ގޮވާއަޑު އިވެއެވެ. އެކަނިވެރި އަޑެކެވެ. ރިހުން ހުރި އަޑެކެވެ. ރީތި އަޑެކެވެ. ޖެހެމުންދާ އިރުދޮށު ވައި ގެނެސްދެނީ ފުއްޓަރުގެ ރާޅު ބޫންލާ އަޑެވެ. ލޮނުވެލީގެ ވަހާ އެކުވެފައިވާ ތާޒާ ފަތްޕިލާވެލީގެ ވަހެވެ. އިސްކޮޅަށްވުރެ ދިގުވެފައިވާ އަހަރުމެންގެ ހިޔަނިތައް އަހަރެމެންނަށް ފާރަލައެވެ. ދާހާތާކަށް ދެއެވެ. އަހަރެމެންނަށް މައްލަވަކުރަމުންނެވެ."
މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އާތިފް (އާތި) ގެ ޅެންވެރިކަމުން؛ ވަކިން ޚާއްސަކޮށް މި ފަހަކަށް އައިސް ނެރެފައިވާ "ކުދި ލަވަ" މަޝްރޫޢުގައި ހިމެނޭ ލަވަތަކުގެ ޅެންވެރިކަމުން މި ދެންނެވި "އިމްޕްރެޝަނިޒަމް" ގެ ސިފަތައް ފާޅުކޮށް ފެންނާން އެބަހުއްޓެވެ. މިއަދު ކޮށާ މަށަން މި ގަސްދުކުރަނީ މި ލަވަތަކުގެ ތެރެއިން ކުރު، ސާދާ ލަވައެކެވެ. "މާލެ" މި ލަވައިގައި ސިފަކޮށްދޭ މާލެއަށް ބަލާލަމާތޯ އެވެ. ކުރު ލަވައެއްކަމުން މުޅި ލަވަ ނަކަލުކޮށްލާނަމެވެ.
"ވަޔާ، ލޮނާ، ލެޔާ، ހިރަފުހާ
ދުމާ ކިލާ، މަގޭ ގައިގައި ހަރުލާފާ
ހިނގާފައޭ މަ އުޅެނީ، މި ރަށުގައި
ކުންޏާ، އަޖައިބާ، ކުޑަތަންކޮޅެއްގައި
އެންމެން ލާ ހެދުން ބެލްކަނީ ތަކުގައި
ވިހުރެޔޭ ވަޔާއެކީ ކުޑަ މިނިވަންކަމެއްގައި
މޫތަކަށް ކެތްވާ ވަރުން، ފުޅި ބުރިއެއްގައި
ހެދިލައޭ ލުނބޯ ގަހެއް، ކުޑަ އުއްމީދެއްގައި
ވަޔާ، ލޮނާ، ލެޔާ، ހިރަފުހާ
ހަޅޭކަކާ، ކީހަކާ، މަގޭ ކަންފަތުގާ
ނިދާފައޭ މަ އުޅެނީ މިރަށުގާ
ޚިޔާލެއް ތެރޭގައި ހުސްތަންކޮޅެއްގައި"
އަޅުގަނޑަކީ ލަވައެއްގެ ރާގާއި، ކިޔާކިޔުމުންވެސް މާނައަށް އަސަރުކުރުވާކަމަށް ޤަބޫލުކުރާ މަޛްހަބުގެ މީހަކީމެވެ. އެހެންކަމުން އަޅުގަނޑު ދެކެނީ ލަވައިގެ ފުރިހަމަ މާނަ ދޭހަކުރެވޭނީ ރާގާއެކު އަޑުއަހާލީމާކަމަށެވެ. އާތިގެ ހިމޭން އަޑުން އެ ލަފުޒުތައް އަމުނުއްވަމުން ގެންދަވާއިރު، އަޅުގަނޑުމެން މި ދަންނަ، ތޮއްޖެހިފައިވާ މާލެ ލޮލުކުރިމައްޗަށް ސިފަކުރެވެމުންދަނީ، މާލޭގެ ރަށްވެހިން "ވީހާލެއްގައިވާން" މަޖުބޫރުވެ، ބަލައިގެންފައިވާ ހާލަތު ހަނދާންކުރުވަމުންނެވެ.
ލަވައިގެ ނަމަކީ "މާލެ" އެވެ. އެނޫން ބައެއްގައި މާލޭގެ ނަން ދެނެއް ނުފެނެ އެވެ. ލަވައިގެ ތެރޭގައި މާލޭގެ ނަން ނުގަތަސް، އެ ސިފަކުރުންތަކުގެ ތެރެއިން މާލޭގެ ޙާލަތު ސިފަވެގެންދެ އެވެ. ފުރަތަމަ ކަޑީގައި، ފުރަތަމަ ފޮޅުވަތުގައި، ފެންނަ ފެނުމަށާއި އިވޭ އިވުމަށް، މާބޮޑު ގުޅުމެއް ނެތް ހަތަރު ލަފުޒުން އެ ދެނީ ކިހާ ބޮޑު މެސެޖެއް ހެއްޔެވެ؟ ވަޔާއި، ލޮނާއި، ލެޔާއި ހިރަފުހެވެ. މާލޭގައި އުޅެ ބޮޑުވާ، ނުވަތަ މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް މިއީ މާލޭގެ ދިރިއުޅުން ޚުލާސާ ކޮށްދޭނެ ހަތަރު ލަފުޒަށް ފުދެ އެވެ. އެއާ ޖެހިގެން އޮތް ފޮޅުވަތް ކިޔާލުމުން، މި ސިފަކުރުން އިތުރަށް ސާފުވެގެންދެ އެވެ. "ދުމާއި ކިލާ މަގޭ ގައިގައި ހަރުލާފާ" އޭ ބުނުމުން މާލޭގެ މަގު ހިނގާ މީހުންގެ ޙާލަތު ފެނެ އެވެ. ގެއިން ނިކުންނަނީ ފެންވަރައި ނަލަވެ ސެންޓު ޖަހައިގެންނެވެ. އެހެން ނަމަވެސް މާލޭ މަގަކުން ލާފައި ގޮސް އެ މަގުގެ އަނެއް ކޮޅަށް ދެވޭ އިރު ގައިގައި ހިފާފައި ހުންނާނީ ސިގިރޭޓު ދުމުގެ ވަހެވެ. ގައިގައި ބީހިލާ ކޮންމެ ވައިރޯޅިއަކާއެކު ދުއްވާތަކެތީގެ ދުން ގައިގައި ބީހިލަ އެވެ. ފައިތިލަ ފޮރުވޭ ވަރަށް ހުންނަ ހެދުންތަކުގެ ފަސްބައި ބަލާލުމުން ހިރަފުހުގެ ރޭނދާއެއް ނުފެންނަ ހެދުމެއް މަދުވާނެ އެވެ. ލޮނުގެ ތެތްފިނި ރޯޅިތަކުން ބައެއް ފަހަރު ފިނިކަން އިހުސާސްކުރޭއިރު، އަނެއްބައިފަހަރު އިތުރު ދިލަ ހޫނުކަމެއް އިހުސާސްކުރުވަ އެވެ. މިހުރިހާ ނުތަނަވަސްކަމެއް މާލޭގެ ރަށްވެހިން ތަހައްމަލުކުރަނީ އެންމެ ސަބަބަކަށް ޓަކަ އެވެ. ތިމާގެ ދިރިއުޅުމަށް ނުވަތަ ލެޔަށްޓަކަ އެވެ. މި ދެ ފޮޅުވަތް ލަވައިގެ މައިގަނޑުގެ ސިފައިގައި ވިދާޅުވަމުންދާއިރު އާތި ބޭނުންކުރައްވަނީ ޖުމުލަ ނުވަ ލަފުޒެވެ. އަޅުގަނޑަށް އެ ނުވަ ލަފުޒު ޝަރަހަކުރަން ސަތޭކަ ލަފުޒުވެސް ނުފުދުނެވެ.
އިމްޕްރެޝަނިސްޓް އަދަބިއްޔާތުގައި މާނަ ދޫކޮށްލަނީ ކިޔުންތެރިޔާއަށް ނުވަތަ އަޑުއަހާ މީހާއަށެވެ. ކުރެހުމުގައި އެ ބޭނުންކުރާ ގަދަ ކުލަތަކުގެ މަޤާމު ޅެންވެރިކަމުގައި އަދާކުރަނީ ބުރަދަންހުރި އަދި މާނަކުރުމުގައި މުއްސަނދިކަމެއް ހުންނަ ލަފުޒުތަކަކުންނެވެ. ލަވައިގެ މައިގަނޑުގެ ފަހު ފޮޅުވަތަށް ބަލާލަމާތޯއެވެ. އާތި ވިދާޅުވެ އެވެ.
"ކުންޏާ، އަޖާއިބާ، ކުޑަތަންކޮޅެއްގައި"
އަޅުގަނޑަށް ސިފަވެގެންދަނީ ކުޑަކުޑަ މާލޭގެ އާބާދީގެ ސިންދަފާތެވެ. އެކި ފެންވަރުގެ އެކި ފަންތީގެ މީހުން ކުޑަ ކުޑަ ތަނެއްގައި ތޮއްޖެހި ދިރިއުޅެމުންދާ ގޮތެވެ. ދިރިއުޅުމުގެ ފެންވަރުގެ ތަފާތުތަކެވެ. ނުވަ ބުރީގެ ޒަމާނީ އިމާރާތާ ޖެހިގެން ހުންނަނީ ލޯނު ނުލިބިގެން ނުހަދާ ހުރި ގެއެކެވެ. ކުޑަކުޑަ ޕޭވްމަންޓެއްގައި ދެކޮނޑު ޖެހޭހާ ގާތުން ހިނގާފައި އެދަނީ ޤައުމީ އިނާމު ޙާސިލުކުރި ޚިދުމަތްތެރިޔާ އާއި އިއްޔެ ޖަލުން ފިލި ޤައިދީ އެވެ. އައުރަ ނިވާކޮށްގެން ނޫނީ ނުވަދެވޭ ބޮޑު މިސްކިތް ހުންނަ ކޮށީގެ އަނެއް ފަރާތުގައި ފަތުރުވެރިންނަށް ބިކިނީ ވިއްކާ ޓޫރިސްޓު ފިހާރަތަކެވެ. ޅެންވެރިޔާ މިއިން އެއްވެސް ވާހަކައެއް ވިދާޅެއް ނުވެ އެވެ. މިއީ އަޅުގަނޑަށް މި މަދު ލަފުޒުކޮޅު ކިޔާލުމުން ސިފަވާ މާލެ އެވެ.
ދެން މިއޮތީ މި ޅެމުގެ އެންމެ މުހިއްމު ސިފަކުރެއްވުމޭ ދެންނެވުން ގޯހަކަށް ނުވާނެ އެވެ.
"އެންމެން ލާ ހެދުން ބެލްކަނީތަކުގައި
ވިހުރެޔޭ ވަޔާއެކީ، ކުޑަ މިނިވަންކަމެއްގައި"
މި ބައިގެ ފުރަތަމަ ފޮޅުވަތުން އެ ސިފަކޮށްދެނީ މާލޭގެ ބެލްކަނީތަކުގައި ޢާއްމު މަންޒަރެކެވެ. ލާ ހެދުން ދޮވުމަށްފަހު ހިއްކަންއަޅަން ލިބޭ ޖާގައަކީ އެއީ އެވެ. މިހެން ވިދާޅުފައި އޮތުމުން މަޖާޒީގޮތުންވެސް މާނައެއް ނެގޭނޭ ޖާގަ އެބަ ލިބެ އެވެ. އަންނައުނަކީ ވަރަށް ޒާތީ އެއްޗެކެވެ. އެހެން ނަމަވެސް އެތަކެތިވެސް ބެލްކަނީތަކުގައި ހާމައަށް ބަހައްޓަން ޖެހުމުން، ތޮއްޖެހިފައިވާ ތަނެއްގައި މީހުންގެ ޒާތީ ކަންކަތައްތައްވެސް ހާމަވެފައި އޮންނަކަންވެސް ހިތަށް ސިފަވެގެންދެ އެވެ. އަންނައުނަށްވެސް މިނިވަންކަމާއެކު ވިހުރިލަން ލިބޭ ޖާގައާއި ފުރުޞަތަކީ ބެލްކަނީގައި ހިއްކަންއަޅާފައި އޮންނަ ވަގުތުކަން މިއީ އަނެއްކާވެސް މާލޭގެ ހާލަތުގެ ސާދާ، ތެދު ސިފަކުރުމެކެވެ.
ލަވައިގެ ދެން އޮތް ބައިގައިވެސް ސިފަކުރަނީ މާލޭގެ ބެލްކަންޏެވެ. ފުޅިބުރިބުރީގައި ހައްދާފައި ހުންނަ ގަސްތަކެވެ. ގަސްތައް ހައްދަނީ ޑަރޯގާގެވެސް އުއްމީދެއް އޮވެގެންނެވެ. ތާޒާ ވައިކޮޅެއް، ފެހިކުލައެއް މާލޭގެ ހަނަފަސްކަމުން ތަޖުރިބާކުރެވޭތޯ ކުރެވޭ އުއްމީދެވެ. ލުނބޯ ގަހެކެވެ. ދިވެހިރާއްޖެ ފަދަ ހޫނު، ޓްރޮޕިކަލް މާހައުލެއްގައި ހައްދަން އެންމެ އެކަށީގެންވާ ފަދަ ގަހެކެވެ. ލުނބޯގެ ރީނދޫކުލަ އާއި ލުނބޯ ގަހުގެ ގަދަ ފެހިކުލައިގެ ތެރަސް ފަތްތަކުން ލޮލަށް ތާޒާކަމެއް ގެނެސްދެ އެވެ. އެހެންނަމަވެސް އެ ގަސްވެސް ހެއްދެން އޮތީ، ގަހުގެ މޫގަނޑަށް ފުޅިބުރިން ޖާގަ ލިބޭ މިންވަރަށެވެ. އެއަށްވުރެ ގަސް ބޮޑުވެއްޖިއްޔާ، ޑަރޯގާގެ އުއްމީދުވެސް، ލުނބޯ ގަހުގެ އުއްމީދުތައްވެސް ފެނަށްވެގެންދެ އެވެ. ލަވައިގެ މި ބައި އަޑުއަހަމުންދާއިރު ސިފަކުރެވެނީ ތޮއްޖެހިފައިވާ މާލޭގައި އުއްމީދެއް އޮތަތީ ދިރިއުޅޭ އެތައް ބައެއްގެ އުއްމީދުގެ ބައްތި، އެހެންމީހުންގެ ކާމިޔާބީގެ ހިޔަނީގައި ގެއްލިގެންދާ ދިއުމެވެ. އެތައް ހުވަފެނެއް ދެކި، ދަރިންފަތި ގޮވައިގެން މާލެއަށް ހިޖުރަކުރާ މައިންބަފައިންގެ އުއްމީދުތައް، ބައިބޯ މާލޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުގެ ތެރޭ ކަފުންވެގެންދާދިއުމެވެ. މި ޙާލަތްތައް ސިފަވެގެން ދިއުމާއެކު އަނެއްކާވެސް ލަވައިގެ މައިގަނޑުގައި އެ ސިފަކުރާ ކަންތައްތަކަށް އިތުރު ބުރަދަނެއް ލިބެ އެވެ.
ދެން އޮތީ ލަވައިގެ ނިންމުމެވެ. ފުރަތަމަ ފޮޅުވަތަކީ މުޅި ލަވައިގެ ފުރަތަމަ ފޮޅުވަތުގެ ތަކުރާރުކުރުމެކެވެ. އެހެންނަމަވެސް ދެވަނަ ފޮޅުވަތް ތަފާތެވެ.
"ހަޅޭކަކާ، ކީހަކާ، މަގޭ ކަންފަތުގާ"
ފުރަތަމަ ބައިގައި ސިފަކުރައްވަނީ ގައިގައި ހަރުލާފާ ހުންނަ ތަކެތީގެ ވާހަކަ އެވެ. ދުމާއި ކިލަ އެވެ. ފަހުކަޑީގައި މި ވިދާޅުވަނީ ކަންފަތުގައި ހަރުލާފައި ހުންނަ އަޑުތަކެވެ. މީހެއް ލަވާ ހަޅޭކުގެ އަޑެވެ. މަސައްކަތްކުރާ ސައިޓަކުން އިވޭ ކީހުމުގެ އަޑެވެ. ހަޅޭކުގެ އަޑުން އެތައް މާނައެއް ނެގިދާނެ އެވެ. ވޭނީ ހަޅޭކަކަށްވެސް ވެދާނެ އެވެ. އުފާވެރިކަމުގެ އަޑަކަށްވެސް ވެދާނެ އެވެ. ކީހުގެ އަޑުން އިވެނީ އެއްޗެއް ހަލާކުކުރާ އަޑަށްވެސް ވެދާނެ އެވެ. ނުވަތަ އެއްޗެއް ބިނާކުރާ އަޑަށްވެސް ވެދާނެ އެވެ. އިމްރްޕެޝަނިޒަމް ދޭ މިނިވަންކަމަކީ މިއީ އެވެ. އަޑުއަހާމީހާގެ އިހުސާސްތައް އެވަގުތެއްގައި ހުރި ގޮތަކަށް މާނަ އަނބުރާލުމުގެ މިނިވަންކަމެވެ. ދެން އޮންނަ ފޮޅުވަތުގައި ވަނީ މިހެންނެވެ.
"ނިދާފައޭ މަ އުޅެނީ މި ރަށުގައި
ޚިޔާލެއް ތެރޭގައި ހުސްތަންކޮޅެއްގައި"
އެ ހުރިހާ އަޑުތަކާއި އެ ހުރިހާ މަންޒަރުތަކެއްގެ ތެރޭގައި ހުސްކަމެއް ނުވަތަ ހިމޭންކަމެއް ހޯދުމަށް އޭނާއަށް ލިބޭ ފުރުޞަތަކީ އޭނަގެ ޚިޔާލުތަކެވެ. އެ ހަލަބޮލިކަމުން މިނިވަންވާން އޮތް ފުރުޞަތަކީ އެ ކަންކަމަށް ލޯމަރާލުމެވެ. މިންޖެއް އޮތީ ޚިޔާލުތަކުގެ ތެރޭގަ އެވެ.
މަރިޔަމް އާތިފް (އާތި) އަކީ "ބޮކިފުރާޅުއަލި- ސްކޫލްގެ" ޅެންވެރިއެއް ނޫނެވެ. އޭނާގެ ޅެންވެރިކަމުން ފެންނަނީ އެއަށްވުރެ ސާދާ ޝިޢާރުތަކެކެވެ. އޮނިގަނޑަށް ބަލާނަމަ، ނިންމުންތައް އެއްގޮތްކޮށްފައި ހުރެ އެވެ. މި ސްކޫލްގެ ޅެންވެރިކަމާމެދު ވިސްނާލުމުން އެންމެ އަވަހަށް ޚިޔާލަށް އަންނަ ލަވައަކީ އަލްމަރްހޫމް މުޙައްމަދު ޒާހިދު ހައްދަވައި، ޓްވެންޓިއެތު ސެންޗަރީ ބީ.ސީ ބޭންޑުން ކިޔާފައިވާ ލަވަ "އެއްޗެއް ކަޅެއް"، މިލަވަ އެވެ. ފަހަކަށް އައިސް އަނެއްކާވެސް އިމްޕްރެޝަނިސްޓު ވައްޓަފާޅިއަށް ފެތޭ ލަވަތައް މަދު މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ. އާތިގެ ކުދި ލަވަ މަޝްރޫޢުގައި ހިމެނޭ "ދަންވަރު"، ލުޖައިން ރަޝީދުގެ ޅެންވެރިކަން ފެންނަ "އެއްސަހަރެއްގައި"، ދ.ރ އަލްބަމްގައި ހިމެނޭ، އަހުމަދު ނަސީރުގެ ޅެންވެރިކަން ފެންނަ، އަހުމަދު ނަޝީދުގެ ލަވަ "ފިހިވަޅު" ފަދަ ލަވަތަކަކީ މި ވައްޓަފާޅިއަށް ލޯބިކުރާ މިއަދުގެ ޅެންވެރިންނަށް މުހިއްމު މިސާލުތަކެއްކަމަށް އަޅުގަނޑު ދެކެމެވެ.
ބޮކިފުރާޅު އަލި - ސްކޫލުން އަޅުގަނޑާ އެއްބަސް ނުވުން އެކަށީގެންވެ އެވެ. ރައްދުގައި އަޅުގަނޑު ހަވާލާދޭނީ "ޅެމާއި ޅެންވެރިކަން" މި ފޮތުގައި ޖަމީލު ދީދީ ލިޔުއްވާފައިވާ މުހިއްމު ޢިބާރާތަކަށެވެ.
"ޅެމަކީ ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ރީތި ޚިޔާލުތަކެއް ފާޅުކުރުމަށް ވަޒަނަކަށް ފެތޭގޮތަށް ކާފިޔާ ހަމަކޮށްގެން އަތުރާލެވޭ ބަސްތަކެކެވެ."








