ދިވެހިން ކިޔާ ނާނާއިން ފާޅުކުރަނީ ކޮން ސިއްރުތަކެއް؟

އާޓްވޯކް: އަހުމަދު އިހްސާން (އަރަކަ އާޓްސް)

އާޓްވޯކް: އަހުމަދު އިހްސާން (އަރަކަ އާޓްސް)

ދިވެހި ބަސްފޮތް ބުނާ ގޮތުން ނާނާ އަކީ، ހަމަ އެކަނި އަޑުން އަޅުވާލާ ރާގެކެވެ. ކުދިން ނިންދަވަން ކިޔާ ލަވައެކެވެ. ނާނާކިޔުމަކީ ކުދިން ނިންދަވަން ލަވަކިޔުމެވެ. ދިވެހިންނަކީވެސް ދަރިން ނިންދެމުވުނުގެ އާދަކާދަތަކުގެ ތެރޭގައި ނާނަކިޔުން ހިމެނި، އަދި މިހާރުވެސް ހިމަނާ މީހުންނެވެ.

ނާނާގެ ގޮތުގައި ބަނދި، ރައިވަރު، ފަރިހި އަދި ލަވަ ކިޔައި އުޅުނެވެ. މިހާރު މިބަޔަށް މަދަހަ އާއި ނަޝީދުވެސް އިތުރުކުރެވިދާނެ އެވެ. ބައެއް ދިރާސާވެރިން ޤަބޫލުކުރާގޮތުގައި ދަރިންނަށް މައިން ކިޔައިދޭ ނާނާގެ ބާވަތް ގުޅިފައިވަނީ އެ މައެއްގެ އުއްމީދުތަކާއި ހުވަފެންތަކާއި، ކެކުޅުންތަކުގެ މައްޗަށްކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައިން ކިޔާ ނާނާތައް ދިރާސާކުރެއްވި ނޭޝަނަލް ޖިއޮގްރަފިކްގެ ނޫސްވެރިއެއްކަމަށްވާ ހެނާ ރެޔިސް މޮރާލިސް ވަނީ، ސޫރިޔާގައި ހަނގުރާމައިގެ ކުރިންނާއި ހަނގުރާމައަށްފަހު މައިން ކިޔާ ނާނާ ބަދަލުވެފައިވާ ގޮތް އޮޅުންފިލުއްވައިދެއްވާފަ އެވެ.

އެގޮތުން ހަނގުރާމައިގެ ކުރިން އެ ޤައުމުގެ އާދައަކީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންގޮސްފައިވާ ޤައުމީ ޝިޢާރުތައް ހިމެނޭ ލަވަތައް ނާނާގެ ގޮތުގައި ބޭނުންކުރުންކަމުގައިވިޔަސް، ހަނގުރާމައިގެ ތަޖުރިބާއަށް ފަހު އެ އާދަކާދަ ބަދަލުވެފައިވާކަމަށް މޮރާލިސް ހާމަކުރައްވާފައިވެ އެވެ. ބަދަލުގައި މިހާރު ކިޔާ ނާނާތަކުގައި އެދެނީ ހިމާޔަތަށެވެ. މިސާލެއްގެ ތަރުޖަމާ ލިޔެލާނަމެވެ.

Advertisement
"އޭ ވައިގެ އުޅަނދުތަކާއެވެ. އުޑުތަކުގައި އުދުހޭށެވެ. މަގުމަތީގައި އުޅޭ ކުޑަކުދިންނަށް ހަމަލާ ނުދެއްޗެވެ. އެކުދިންނަށް އޯގާތެރިވާށެވެ. އެކުދިންނަށް ރަހުމުކުރާށެވެ."

ހަމަ މި ދިރާސާގައި ރެފިއުޖީން، އެމީހުންގެ "ކާކުވަންތަކަން" ނުވަތަ "އައިޑެންޓިޓީ" ޤައުމުން ބޭރުގައި އުފަންވާ ތުއްތު ކުދިންނަށް އަންގައިދިނުމަށްވެސް އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އަންނަ ނާނާތައް ބޭނުންކުރާކަމަށް ބުނެފައިވެ އެވެ.

އިހުޒަމާނުގައި ރާއްޖޭގައި ކުޑަކުދިން ނިންދެވުމަށް ކަން ކުރާ ގޮތް ވަރަށް ރީތިކޮށް ސިފަކޮށްދެއްވަމުން، "ދިވެހި ދިރިއުޅުމުގެ ތެރެއިން" މި ފޮތުގައި އުތީމު އާދަމް ޢަބްދުއްރަޙްމާން ވިދާޅުވެފައިވެ އެވެ.

"ނިންދަވަން ފެށޭނީ އުނދޯލި ހެއްލާލުމާއެކު ދަރިފުޅަށް ކިރު ޖައްސަމުންނެވެ. ކުރަންޖެހިފައިހުރި މަސައްކަތުގެ ގިނަމަދު މިނުގެ މައްޗަށް ހާސްކަން ހިމެނިފައިވާ އަޑަކުން "ދަރިފުޅާ އަވަހަށް ނިދާ"ށޭ ބުނަމުން ދަރިފުޅުގެ ފޫކޮޅުގައި މަޑުމަޑުން އޯގާވެރިކަމާއެކު ތަޅާލަމުންނެވެ. ދެން ފެށޭނީ ބޫން އަޑަކުން ނާނާއެއް ނުވަތަ ބަންޖެއް ނޫންނަމަ ފަރިއްސެއްގެ އަޑެވެ. މި ފެށޭ ނާނާއަކީ ބަދަލުވަމުންދާ އެއްޗެކެވެ. އެވަގުތަކަށް އެންމެ ކަމުދާނެ ކަމަށް މަންމައަށް ފެންނަ ނާނާއަކަށް ނާނާ ބަދަލުވާއިރު އަޑުވެސް ދާނީ ބަދަލުވަމުންނެވެ."

އަޅުގަނޑުމެން، މި ޒަމާނުގެ ބޮޑެތި މީހުންނާއި އިސް ރަށްވެހިންގެ ތެރޭގައި މި ގޮތަށް "އޫނ. އޫނ" އަޅުވައިގެން އުނދޯލި މަތީގައި ބާއްވައި ފޫކޮޅުގައި ތަޅައިގެން ނުވަތަ ބާލީހެއްގައި މަންމަގެ ފައިމަތީ ބާއްވައި ދެއަތަށް ތަޅުވައިގެން، ނުވަތަ އުނގަށްލާ ނިއްކުރީގައި ހިފެހެއްޓުމަށްފަހު އެއް ފަހަރު ކުރިއަށް، އަނެއް ފަހަރު ފަހަތަށް ހެއްލަމުން ނިންދެވި މީހުން ތިބޭނެ އެވެ. ޚުދު އަޅުގަނޑުގެ އެންމެ ދުރު ހަނދާނަކީ، ނިންދަވަން އެނދަށް އަރުވައި ޝަހާދަތްކިޔައިދީ ނިންމުމަށްފަހު، މާމަގެ ރީތި، ހަރު އަޑުން، އަޑުން އަޑު ނަގާ ކިޔާ ބިރުވެރި ނާނާއެކެވެ.

"ހަންޑިތައް ގޮއްވާ އަޑެމީ، އަސްތަ މަ ތަކުބީރު ކީ މީ

ދަންވަރޭމީ އަނގަލަފާނދޭ، މަންމަ ދަރިފުޅު ނާނަނައޭ"

ފަހުން އެނގުނު ގޮތުގައި މިއީ މަޝްހޫރު ޅެންވެރިޔާ ކަރެއްޔެ ކަޅުތުއްތުދީދީގެ "ކުޑަކުދިންގެ ނާނަނާ" ތުންތުންމަތިން އައިސްފައިވާ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. އޭރު، ތުއްތު ކުއްޖެއްގެ މަޤާމުގައި ހުރި އިރު، ގަންނާކުރައްވާ ބިރުން ލޯމަރާ ގޮތަށް އޮއްވާ ނިދެނީ އެވެ. ދެން ވިއްސާރަގަނޑެއް އައިސް ގޭގައި ހުންނަ ރުކުގެ ފަންވަތްތައް ފުރާޅުގައި ހޭކުނަސް، އެއީ ވެސް "ހަންޑިތައް ގޮއްވާ އަޑު" ކަމަށް ނިންމައިގެން، ގުޑިވެސް ނުލައި އޮންނަނީ އެވެ.

މިއީ ހަމައެކަނި އަޅުގަނޑުގެ ތަޖުރިބާއެއް ނޫންކަން ޔަޤީންކުރެވުނީ، "ދިވެހި ދިރިއުޅުމުގެ ތެރެއިން" މި ފޮތުގައި އުތީމު އާދަމް ޢަބްދުއްރަޙްމާންވެސް އެކަމަށް އިޝާރާތްކުރައްވާފައި ވުމުންނެވެ. އާދަމް ޢަބްދުއްރަޙްމާން ލިޔުއްވާފައިވެ އެވެ.

"ކުދިން ނިންދެވުމަށް ކިޔާ ބައެއް ނާނާއަކީ ކުދިން ބިރުގަނެ ފިނޑިވާކަހަލަ ވާހަކަތަކެއް އެކުލެވޭ ނާނާ އެވެ. މިކުރެވެނީ ކީއްކަން އެނގިގެން ނުވަތަ ނޭނގި ނަމަވެސް ބޭނުންވަނީ ދަރިފުޅު ހުއްޓުވާލާށެވެ. ހިމޭން ކުރުވާށެވެ. ދަރިފުޅު ނިންދެވުމަށްފަހު މަންމަވެސް މިނިވަންވެލާށެވެ."

މި ޒަމާނުގެ "ޕޮލިޓިކަލީ ކަރެކްޓް" ލެންސުން ނަޒަރު ހިންގާލައިފިނަމަ، ބިރުން ރޫރޫ އަޅާފަދަ ވާހަކައެކެވެ. ތެދެކެވެ. އަޅުގަނޑުމެންގެ ޖީލުގެ ބޮޑެތި މީހުން ހަނދާން ހުންނަ ގިނަ ނާނާތަކަކީ "ބޮޑުބުޅަލާ ނާދޭ"، "ކަޅުތުއްތުދީދީގެ ކުޑަކުދިންގެ ނާނާ" ،"ބޮޑުމާލި އަރާނޭ" ފަދަ ނާނާއަށް ވުން އެކަށީގެންވެ އެވެ.

މި ހިސާބުން މި "ބިރުވެރި" ނާނާތަކުގެ ތެރެއިން އެއް ނާނާކަމަށްވާ "ބޮޑުބުޅަލާ ނާދޭ" މި ބަންޖާ ގުޅޭގޮތުން އަޑުއަހާފައިވާ ވާހަކައެއް ދަންނަވާލާނަމެވެ. މި ބަނދި ކިޔައި އުޅޭ އެކި ގޮތްގޮތް ބެލުމަށްފަހު، އަޅުގަނޑަށް ފެނުނު އެންމެ ފުރިހަމަ ގޮތަކީ މިއީ އެވެ.

"ބޮޑު ބުޅަލާ ނާދޭ، ނާދެ ހިނގައިދާންދޭ

މިގެއަކު ނެތް ރޯކުއްޖެއް، އެގޭ ތިބީ ރޯދެކުދިން

މިގޭ ދޮށަށް ނާދޭ، ބޮޑު ބުޅަލާ ނާދޭ

މަ ނިދާ އެނދު ފައިލާކޮޅު، ގަލެއް ޖަހައި ބަލެއް ހުއްޓެ

އެ ބަލުން ދުވެދަގަ ބުޅަލާ، ބޮޑު ބުޅަލާ ފިލާނދޭ... ކޮއިފުޅާ ނިދާންދޭ

އުތުރު އެނދު ކަންނެޔޮ ދޮށު އޮންނާނޭ ބިލެއްގަނޑެއް

އެ ބިލެއްގަނޑު ތުނބުލައިގެން ބޮޑު ބުޅަލާ ދާންދޭން... ކޮއިފުޅާ ނިދާންދޭ

މިކޮއި ނިދާ ނިދިދަމަކުން، މިކޮއި ނިދާ ނިދިދަމަކުން

ބޮޑުގުންބަރު ހޮޅުއައްޓަށް، މައެބަދަމޭ ދާންދޭ... ކޮއިފުޅާ ނިދާންދޭ"

މި ނާނާއާ ބެހޭގޮތުން ބުނެއުޅޭ އަޑު އެހީމެވެ. މިއީ ވަގު ފިރިއަކު ގެންގުޅޭ އަންހެނަކު ކީ ނާނާއެކޯލަ އެވެ. އެއްރޭ މި އަންހެނާ އޭނާގެ "ބިޓު" ގޮވައިގެން އިންދާ ފިރިމީހާ އަންނަކަން އެނގުމުން އޭނާގެ ބިޓު ފިލުވުމަށްފަހު، އޭނާގެ ތުއްތު ދަރިފުޅު ނިންދަވާކަމަށް ހެދިގެން އޮވެ، މި ކިޔައިދެނީ، ބިޓު ކަލޭގެއަށް އޭނާގެ ފިރިމީހާއަށް ނުފެނި ފިލައިގެން ދެވޭނޭ ގޮތްތަކުގެ ވާހަކަޔޯލަ އެވެ. ބުނެވޭ ގޮތުގައި އޭނާގެ ވަގުފިރި ފޮރުވަން ލަނީ އެނދު ތަންދޮށަށެވެ. އަދި އެނދު ތަންދޮށަށް ލުމަށްފަހު، އެތަނުގައި އޮތް ގަލަކުން ފަންގީގައި ބާގަނޑެއް ހަދައިގެން ނިކުމެގެން ދާށޭ ބުނެ، އޭނާގެ "ބިޓު ބުޅަލަށް" ދޭ އިރުޝާދެކޯލަ އެވެ. އަދި ދަމުން ބިލެތްގަނޑު ގެންދަންވެސް ކިޔައިދެ އެވެ. މިނާނާ ވެފައި މިވަނީ ކުޑަކުދިންނަށް ކޮންމެވެސް ބިރުވެރި، މިނިކާ ބުޅަލެއްގެ ވާހަކައަކަށެވެ. އެހެންނަމަވެސް މިއީ ތެދަކަށް ވާނަމަ، އެ އަންހެނާ މިއީ ހާދަ ކުޅަދާނަ ޅެންވެރިއެއްތާދޯ އެވެ.

ކޮންމެއަކަސް ދިވެހިން ކިޔައި އުޅުނު ހުރިހާ ނާނާއަކީ ކުޑަކުދިން ބިރުގަންނަވާ ނާނާތަކެއް ނޫންކަންވެސް އެނގެ އެވެ. އެގޮތުން ދަރިފުޅަށް ދޭ ނަޞޭޙަތުގެ ނާނާ އާއި، މަސައްކަތެއްގައި ރަށުން ބޭރަށް ފުރައިގެން ގޮސްފައިވާ ބައްޕަ ނުވަތަ ނިޔާވެފައިވާ ބައްޕަ ހަނދާންކޮށް ކިޔާ ނާނާތައްވެސް ފެންނާން އެބަހުއްޓެވެ. މަޝްހޫރު ނާނާ، "އިހުސާނު މިރޭ ނިންދެވުމަށް" މި ނާނާ ކިޔާ އުޅޭ ގޮތްތަކުގައި، މި ދެންނެވި ފަދަ ޝުއޫރުތައް ފެންނާން އެބަހުއްޓެވެ.

"އަންނާށެ ދަރިފުޅާ ނިދުމަށް މިހިރަ ދައިދޮލަށް

ވަންނާށެ އަދި އައިސް އަވަހަށް މަންމަ އުނގުތެރަށް

ދަންނާށެ މިއީ ބައްޕަ އެލުވި ރީތި ދައިދޯ... އިހުސާސުވާގޮތުން ނިދި އަވަހަށް މި ދައިދޯ

ބައްޕާ ވަނީ ފަނާވެ ޢުމުރު ގެއްލި ދުނިޔެއިން

ރައްކާ ވުމުގެ ކުރިން ދަރި މަންމާގެ މާބަނޑުން

ހުއްޓާ ނުލާ ރޮމުން އިނދެ ކިޔަނީ މި ދައިދޯ... އިހުސާސުވާގޮތުން ނިދި އަވަހަށް މި ދައިދޯ"

ބުނެވޭ ގޮތުގައި މި ނާނާއަކީ، ޔަތީމު ކުއްޖަކަށް، އޭނާގެ މަންމަ ކިޔައިދޭ ނާނާއެކެވެ. އެކުއްޖާގެ ބައްޕަ އެލުވައިދިން އުނދޯއްޔެއްގައި ދަރިފުޅު ނިންދަވަން އިނދެ ކީ ނާނާއެކެވެ. ބައެއް މީހުން ބުނާ ގޮތުން އޭނާ ދަރިފުޅަށް ބަލިވެ އިންދައި، އޭނާގެ ފިރިމީހާ ހައްޔަރުކޮށް، ޖަލުބަންދުގައި ހުރެ މަރުވީ އެވެ. މިނާނާ އަކީ އެ ހުވަފަތް އަންހެނާގެ ތަޖުރިބާގެ މައްޗަށް ހަދާފައިވާ ޅެމެކެވެ. އެހެން މިސާލެކެވެ.

"ބައްޕަ ބައޭ ބައްޕަ ބައޭ މިކޮއި އުރަން ބައްޕަ ބައޭ

ބައްޕަ ބައޭ ބައްޕަ ބައޭ

އަންނާށޭ އަންނާށޭ އައިސްފާ ގޮވާލާނޭ

ދަރިފުނަގާ ހަނދުވާނޭ އުރާފާ ބަހައްޓާނޭ"

މަތީގައި މިވަނީ މަސައްކަތެއް ކުރަން ރަށުން ބޭރުގައި އުޅޭ ބައްޕައެއްގެ ވާހަކަ މަންމައަކު ކިޔައިދޭ ނާނާއެއްކަމަށް ބުނެވޭ ނާނާއެއްގެ ތަންކޮޅެކެވެ.

ކޮންމެއަކަސް ތުންތުންމަތިން އައިސްފައިވާ މި ފަދަ ނާނާތަކުގެ އިތުރުން، ފޮތްފޮތުގައި ލިޔެވިގެން ކިޔާ ނާނާތައްވެސް ހުރެ އެވެ. މިގޮތުން ކުރިން ދެންނެވި "ކުޑަކުދިންގެ ނާނަނާ" އަދި "ބޮޑުބުޅަލާ ނާދޭ" ފަދަ ނާނާތައް ޅެންފޮތްތަކާއި ބަނދިފޮތްތަކުގައި ރައްކާކުރެވިފައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް ލިޔެވިފައިވަނީ ތަފާތު ރިވާޔަތްތަކެވެ.

ބަންޖަކީ ދިވެހި ޅެންބަހުރުވައިގެ އެންމެ ދުވަސްވީ ބާވަތެވެ. އެއީ ނިންމުންތައް އެއްގޮތްކޮށްގެން އެކުލަވާލާފައި ހުންނަ ބުނުންތަކެކެވެ. ނާނާގެ ގޮތުގައި ކުރިން، ވަރަށް ގިނައިން ބަނދި ކިޔައި އުޅުނެވެ. ޚާއްޞަކޮށް، ކުދިން ހެއްވާލަން ކިޔާ ބަނދިތައް، "ވާރެޔޯ ބޯއްޓޯ"، "ގުނބޯއްޔާ" އަދި "މާކަނާ ކަލޯތާ" ފަދަ ބަނދިތައްވެސް ކުދިން ނިންދަވާ އުޅުމަށް ކޮންމެވެސް ވަރަކަށް ކިޔައި އުޅުނު ދުވަސްވަރެއް ދިޔަ އެވެ. މި އާދަ އަލުން އިޔާދަވެގެން ދިޔައީ، މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިޝްގެ ތުއްތު އަޑުން މަޝްހޫރު ދިވެހި ބަނދިތައް ކިޔައި ނެރުނު އަލްބަމާއި، އެއާއެކު ޝާއިޢުކުރި ފޮތުގެ ސަބަބުންނޭ ދަންނަވަން ކެރިދާނެއެވެ.

ދެން އޮތީ ނާނާގެ ގޮތުގައި ބޭނުންކުރެވެން ފެށި "ޕޮޕް" ލަވަތަކުގެ ވާހަކަ އެވެ. ބައެއް މިސާލުތަކަށް ބަލާލާއިރު، "އަމާނާތް" ފިލްމުގެ ދެ ލަވަ ކަމުގައިވާ "ތުއްތު މޫނާ ދެލޯ" އަދި "ޖަވާހިރު" މި ލަވަ ތަކަކީ ފިލްމުން މަޝްހޫރުވި ލަވަތަކެކެވެ. ދިވެހި ފިލްމު "ދެރިޔާ"ގެ "މަގޭ ލޯބީ ދަރިފުޅާ" އަކީވެސް މި ފަދަ ލަވައެކެވެ. ޚާއްޞަކޮށް، "ޖަވާހިރު" ލަވައިގެ އުނޫޝާގެ ކަވަރ މިހާރު މުޅީންހެން ބޭނުންކުރެވެނީ ނާނާއެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އަމީން އިބްރާހީމްގެ "ދޮންކަނބުލޮ ނިދާލާށޭ"، ސްކޯސް އޮފް ފްލެއަރގެ "ރަން ކޮކާލާ" ފަދަ ލަވަތަކަކީވެސް ޕޮޕް ލަވައިގެ ގޮތުގައި މަޝްހޫރުވުމަށްފަހު ނާނާގެ ގޮތުގައި ބޭނުންކުރަމުންދާ ލަވަތަކެވެ.

މިއަށް ވުރެ ތަންކޮޅެއް ކުރީ ޒަމާނަށް ނަޒަރު ހިންގާލާއިރު، ޖަމީލާ ސަލީމް ނުވަތަ ޖޭމު ދޮންކަމަނަ ވިދާޅުވެފައިވާ "މަޑުން މީ އޮވެ ނިދާލާތޯ ކިޔޭ ކިޔޭ ނާނާ" ފަދަ ލަވަތަކަކީވެސް މިފަދަ ނާނާތަކެވެ.

ދެން މިއޮތީ 2000 ގެ އަހަރުތަކުގެ ތެރޭ އިޖުތިމާޢީ ޤަބޫލުކުރުންތަކަށް އައިކަމަށް ބެލެވޭ ބަދަލުތަކަކާއެކު ދަރީން ނިންދެވުމުގެ އާދަކާދައަށްވެސް އައި ބަދަލުތަކެއްގެ ވާހަކަ އެވެ. ދިވެހިންގެ ތެރޭ ދީނީ ހޭލުންތެރިކަން އިތުރުވެ، ދަރީން ނިންދެވުމަށް ޕޮޕް ލަވަތަކާއި މިއުޒިކާއެކު ރެކޯޑުކޮށްފައިވާ މައިވަންތަކަމުގެ އިހުސާސްތައް ކިޔައިދިނުމަށްވުރެ، މަދަހަ އާއި ނަޝީދު ކިޔައިދިނުން ހެޔޮކަމަށް ޤަބޫލުކުރެވެން ފެށުމުން، ނާނާގެ ގޮތުގައި އެފަދަ ތަކެތި ކިޔަން ފެށުނެވެ. އިހު ޒަމާނުގެ ބައެއް ނާނައިގައިވެސް ދީނީ ހެޔޮ ނަޞޭޙަތްތައް ނުހިމެނެނީއެއް ނޫނެވެ. އޭރުވެސް ބައެއް މަދަހަ ނާނާގެ ގޮތުގައި ނުކިޔަނީއެއް ނޫނެވެ.

އެހެންނަމަވެސް މި "އާ ރާޅު"ގައި ނާނާގެ ގޮތުގައި ކިޔައިދީ އުޅޭ މަދަހަ ތަކުގެ ތެރޭގައ ގިނައީ މަންމައިންގެ ލޯތްބާއި ޤުރުބާނީ ދައްކުވައިދޭ މަދަހަތަކެވެ. މީގެ ތެރޭގައި ޝިފާޢުގެ "މަގޭ ލޯބި މަންމާ"، "ލޯބިވާ މަންމާ މަގޭ"، އަދި ޝަލަބީ އިބްރާހިމް ކިޔާފައިވާ "މަންމަ" މަދަހަ ހިމެނެ އެވެ. މީގެ އިތުރުން، މަންމައިން ދަރީންނަށް ހަދާފައިވާ ލަވަތައްވެސް ނާނާގެ ގޮތުގައި ކިޔައި އުޅެ އެވެ. މީގެ ތެރޭގައި، ޙަޔާތު އިސްމާޢީލް ކިޔާފައިވާ "ކުޑަ ދަރިފުޅު" ފަދަ ލަވަތައްވެސް ނާނާގެ ގޮތުގައި ބޭނުންކުރެ އެވެ. މި މަދަހައިގައިވެސް މައިވަންތަ ލޯބީގެ އިތުރުން މަންމަ ދޭ ހެޔޮ ނަޞޭޙަތްތައް ހިމަނާފައިވެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ނާނާއަކީ ދަރިފުޅު ނިންދަވާ މީހެއްގެ އެ ވަގުތެއްގެ އިހުސާސްތައް ބަންޑުންކޮށްލުމަށް ކިޔޭ އެއްޗެކެވެ. މިއީ ކޮންމެހެން ދަރިފުޅާ ގުޅޭ ވާހަކައަކަށް ވުންވެސް މަޖުބޫރެއް ނޫނެވެ. އެހެންނަމަވެސް ދުވަހުގެ މަސައްކަތްތަކުން ދުރުހެލިވެލައި، ތުއްތު ދަރިފުޅު ގޮވައިގެން ހިމޭން ވެލުމުން ހިތުގައި އުފެދޭ ޝުޢޫރުތައް ލަވައެއްގެ ސިފައިގައި ކިޔައިދޭން ނުވަތަ އަޑުއިއްވައިދިނުމަކީ މަންމަގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް، ނަފުސާނީގޮތުން، ލިބޭނޭ "ތެރަޕީ"އަކަށް ވެދާނެއެވެ. މި ތެރަޕީ ލިބެމުންދާއިރު، އެ ރާގާއި މަންމަގެ ގާތްކަމުން، ދަރިފުޅުގެ ލޮލަށް ނިދިއައުން ފަސޭހަވެގެންދާނެ އެވެ. މިސާލަކަށް، "ދެރިޔާ" އަށް ފަޒީލާ އާމިރުގެ އަޑުން ކިޔާފައިވާ ލަވަ "މަގޭ ލޯބި ދަރިފުޅާ" އަށް ބަލާލަމާތޯ އެވެ.

"މަގޭ ލޯބީ ދަރިފުޅާ، ނުމެ ރޯށޭ، ކެތްކުރޭ

ހަރު ހިތެއް، ހިލަ ހިތެއް، ކަރުނައިން މަޑުވާނެހޭ

ރޯ ރުއިމުން ވާ ދެރައަކުން

މޭ ވިރިގެންދާ ދިއުމަކުން

ވާނެކަމެއް ގައިމޭ ނެތޭ

ކާކަށްހޭ އެނގެނީ އެކަން"

ނުލަފާ ފިރިއެއްގެ އަނިޔާ ލިބެމުންދާ އަންހެނަކު ދަރިފުޅު ނިންދަވާއިރު "މަގޭ ލޯބީ ދަރިފުޅާ" މި ލަވައިގައި އެ ފާޅުކުރާ އިހުސާސްތަކާ އޭނާއާ ގުޅުމެއްވާކަމަށް އިހުސާސް ނުކުރެވި ހިނގައިދާނެ ހެއްޔެވެ؟ ދަރިފުޅަށް ދޭ ނަޞޭޙަތެއްގެ ގޮތުގައި އެ ކިޔައިދެނީ ހިތް ހަރު މީހެއްގެ ހިތް ބަދަލު ނުވާނެ ވާހަކަ އެވެ. އެހެންނަމަވެސް، ފިލްމު ނުބަލާ، ކޮންޓެކްސްޓް ނޭނގޭ މީހަކަށް، މިއީ ހަމައެކަނި ނަޞޭޙަތެއްގެ ގޮތުގައި މާނަ ނެގިދާނެ އެވެ. އެ ފަދަ ތިލަ މާނައެއް ނެގިނަމަވެސް، އެއީ މައެއްގެ ހިތުގައި އެތައް އިހުސާސްތަކެއް އުފައްދާނޭ ލަވައެކެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ނާނާއަކީ މައިންނަށް ޚާއްޞަ އެއްޗެއްތޯ އުފެދޭ ސުވާލެވެ. ޖަވާބުގައި ދެންނެވެން އޮތީ އިހު ޒަމާނުގައި ދަރިން ނިންދަވައި އެކުދިންނަށް ނާނާ ކިޔައި ދިނުމަކީ ޢާއިލާގެ އަންހެންވެރިންގެ ޒިންމާއެއް ކަމަށްވިޔަސް، އޭރުވެސް ބައްޕައިންގެ ނާނާތައް އަޑުއިވިފައިވާތީ، މިއީ އަންހެނުންނަށް ނުވަތަ މައިންނަށް ޚާއްޞަ އެއްޗެކޭ ދެންނެވެން ނެތްކަމެވެ. ޚާއްޞަކޮށް ފަހަކަށް އައިސް، ދިވެހި ފިރިހެން ލަވަކިޔުންތެރިންގެ އަޑުން، ބައްޕައިން ދަރީންނަށް ކިޔައިދީފައިވާ ނުވަތަ ދަރިން ބައްޕައިންނަށް ނިސްބަތްކޮށް ކިޔައިދީފައިވާ ލަވަތައް އަޑުއިވިފައިވެ އެވެ. އަދި މި ފަދަ ލަވަތައް ނާނާގެ ގޮތުގައި ބޭނުންކުރަމުންދެ އެވެ. ދަ ކްލިއޯ ބޭންޑްގެ "ބަޠަލް" އަކީވެސް މި ފަދަ ލަވައެކެވެ.

މި މަޒުމޫނުގެ ފެށުމުގައި ނާނާ ކިޔާ ވާހަކަ ދައްކަމުން ގޮސްފައިމެ މަޒުމޫނުގެ މިހާހިސާބުން ނާނާ "ބޭނުންކުރާ" ވާހަކަ ދެކެވުމުން ސުވާލު އުފެދޭ ދެއްތޯ އެވެ؟ މިހެން މި ދަންނަވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކުރީ ޒަމާނުގައި ނާނާއަކީ ސީދާ ދަރިފުޅު ނިންދަވާ މީހަކު ކިޔައިދޭ އެއްޗެކެވެ. އޭނާއަކީ މިއުޒިކުގެ ޒައްރެއްގެ މިންވަރުވެސް ގައިގައި ނެތް މީހެއް ކަމުގައިވިޔަސް، މަންމައެއްގެ އަޑުން އެ އިވޭ ނާނާ ނުވަތަ ބައްޕައެއްގެ އަޑުން އިވޭ ނާނާ ދަރިފުޅަށް ކަމުދެއެވެ. ނަމަވެސް މިހާރު، ޑިޖިޓަލް ޒަމާނުގައި ނާނާވެސް ގިނަފަހަރަށް ވެފައި މިއޮންނަނީ ފޯނުން އަޑުއިއްވާ އެއްޗަކަށެވެ. ނާނާގެ ގޮތުގައި "ބޭނުންކުރެއޭ" މި ދަންނަވަނީ އެ ސަބަބަށްޓަކައެވެ.

ދަރިފުޅު އަތުތެރޭ ބާއްވާލައިގެން ދަރިފުޅު ރުއްސާލަން އެ ކިޔާ ނާނާތަކަކީ ޢުމުރުން ދުވަސްވެގެންދާއިރު، ދަރިންގެ ހިތުގައި ބިންވަޅު ނެގޭ ހަނދާންތަކެވެ. ބޮޑެތިވެގެން އަންނަ އިރުވެސް އެ ނާނާތައް އަކުރުން އަކުރަށް ހަނދާން ހުރެއެވެ. އެ ކުއްޖާގެ ޝަޚްޞިއްޔަތު ބިނާކުރުމުގައި އެ ނާނާތައް މުހިންމު ދައުރެއް އަދާކުރާނެކަން ކަށަވަރެވެ.

Newsletter

Get the latest news delivered straight to your inbox