ގައުމީ އަދި ބައިނަލްއަގްވާމީ ތައުލީމާއި ގުޅޭ އިމްތިހާނުތައް އިންތިޒާމުކޮށް ބާއްވާ ސަރުކާރުގެ އިދާރާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) ގެ ކޮމްޕިއުޓާ ސިސްޓަމްތަކަށް ރެންސޮމްވެއާ ހަމަލާއެއް ދީފި އެވެ.
އެ ހަމަލާއެއް އިއްޔެގެ ވަގުތެއްގައި އަމާޒުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ހަމަލާ ދިންކަން އެނގުނުފަހުން މިހާރު ހުރިހާ ކަމެއް ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ޑީޕީއީގެ އިންޓަނެޓާއި ފޯނު ހިދުމަތްތައް ވެސް އަނބުރާ އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
އަދި މުހިންމު ޑިޕާޓްމެންޓްތަކުގެ ސިސްޓަމްތައް އަނބުރާ އިއާދަކުރެވިފައިވާއިރު، ޑީޕީއީގެ އައިޓީ ޑިޕާޓްމެންޓުން ފައިލް ސާވާތަކުން މިހާރު ހަމަލާގެ އަސަރު ކަނޑުވަން ސާފުކުރަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ހަމަލާއާ ގުޅިގެން ޑީޕީއީގެ ފައިލްތަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެއީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަ އެއް ނުކުރެ އެވެ. އެއީ ރާއްޖޭގައި ތިބި ހެކަރުންތަކެއް ދިން ހަމަލާއެއްތޯ ނުވަތަ ބޭރުގެ ބަޔަކު ދިން ހަމަލާއެއްތޯ ކުރި ސުވާލަށް ވެސް އެ މިނިސްޓްރީން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ރެންސޮމްވެއާ ހަމަލާއަކީ ކޮބާ؟
ރެންސޮމްވެއާ ހަމަލާއަކީ މެލްވެއާގެ ބާވަތެކެވެ. އެ ބާވަތުގެ މެލްވެއާ، ހަމަލާ ދޭ ހެކަރުން ފަރުމާކުރަނީ އިންފެކްޓް ކުރާ ސިސްޓަމެއްގައި ހުންނަ ފައިލްތައް އެންކްރިޕްޓްކޮށް، ސިސްޓަމްގެ ވެރިފަރާތަށް އެ ފައިލްތައް ބޭނުންކުރުން ހުއްޓުވައި، ބޭނުން ކަނޑުވާލާފަދަ ޒާތަކަށެވެ.
ބައެއް ފަހަރު ހެކަރުން އެ ސިސްޓަމުގައި ހުރި މައުލޫމާތު އާއްމުކުރާނޭ ކަމަށް ބުނެ ވެރިފަރާތަށް ބިރު ދައްކަ އެވެ. ހެކަރުން އެންމެ އާއްމުކޮށް ސިސްޓަމްތަކަށް ރެންސޮމްވެއާ އަޅަނީ ވެެރިފަރާތަށް އޮޅުވާލައިގެން ވައިރަސް ޑައުންލޯޑު ކުރުވައިގެންނެވެ. އެ އުކުޅަށް ކިޔައި އުޅެނީ "ފިޝިން" ސްކީމެވެ.
އެހާ ހިސާބުން އެ ހަމަލާދޭ ފަރާތުން ވެރިފަރާތަށް ހުށަހަޅާނީ ފައިސާގެ އަދަދެއް ދައްކައިގެން އެ ފައިލްތައް ޑީކްރިޕްޓް ކުރުން ނުވަތަ ސިސްޓަމްއަށާއި ފައިލްތަކަށް އަލުން އެކްސެސް ވިޔަ ދިނުމުގެ ފުރުސަތެވެ. އެ ފައިސާގެ އަދަދު އަދާކޮށްފިނަމަ، ހެކަރުން ގިނަ ފަހަރަށް ސިސްޓަމުގެ ވެރިފަރާތަށް ފޯރުކޮށްދެނީ ފައިލްތައް އަލުން އަނބުރާ ހޯދައި ހުޅުވުމަށް "ޑިޖިޓަލް ތަޅުދަނޑި" އެކެވެ.
އެގޮތަށް އާއްމު ގޮތެއްގައި ބޭރުގެ ރެންސޮމްވެއާ ހެކަރުން ފައިސާ ނަގަނީ ބިޓްކޮއިން ފަދަ ޑިޖިޓަލް ކަރެންސީ ފައިސާއިންނެވެ. އެއީ އެފަދަ ފައިސާ ޓްރެކް ކޮށްގެން ފައިސާ ނެގި ފަރާތް ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އުނދަގޫވާތީ އެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެފަދަ ހަމަލާތަކުން "ޔުނިވާސަލް ޑިކްރިޕްޝަން ކީ" އެއް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ސަލާމަތްވެފައި އެބަ ހުއްޓެވެ.
ބޭރު ދުނިޔޭގައި މިފަހުން އައިސް ރެންސޮމްވެއާ ހަމަލާތައް ދިނުން ވަނީ އާއްމުވެފަ އެވެ. އެގޮތުން މިދިޔަ މޭ މަސް ތެރޭ އަޔަލޭންޑުގެ ސިއްހީ އިދަރާއަށް ދިން އެފަދަ ހަމަލާއެއްގައި ހެކަރުން ވަނީ 20 މިލިއަން ޑޮލަރުގެ ފައިސާގެ ޕޭމެންޓަކަށް ކިޔައިފަ އެވެ.
އަދި ޖުލައި މަސް ތެރޭ ކަސެޔާ ވީއެސްއޭ ނަމަކަށްކިޔާ އެމެރިކާ ކުންފުންޏަކަށް ދިން ރެންސޮމްވެއާ ހަމަލާއެއްގައި ހެކަރުން ވަނީ 70 މިލިއަން ޑޮލަރު ދޭން ބުނެފަ އެވެ.
އޯގަސްޓް މަހު ރާއްޖޭގެ ބައެއް އިދާރާތަކަށް ވެސް މިފަދަ ހަމަލާތަކެއް ދީފައިވެ އެވެ.
މިފަދަ ހަމަލާތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ނުދަންނަ ލިންކުތަކާއި ފައިލްތައް ސިސްޓަމަށް ނޭޅުންކަމަށް މިފަދަ ހަމަލާތައް ދިރާސާކުރާ ބޭރުގެ ތަޖުރިބާކާރު ފަރާތްތަކުން ބުނެ އެވެ. އަދި އެފަދަ ހަމަލާއެއް އައިސްފިނަމަ ވީހާވެސް އަވަހަށް ކަމާބެހޭ އިދާރާއަކަށް އެންގުމަށް ވެސް އެ ފަރާތްތަކުން ލަފާދެ އެވެ.












