ސޯޝަލް މީޑިއާ އެކްޓިވިސްޓް އަަހުމަދު އަޝްރަފް (ޝުމްބާ) ލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލާގައި އިންސާފު ހޯދައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.
ޝުމްބާ ލަންކާއިން 2015 ވަނަ އަހަރު ހައްޔަރުކުރީ, އޭރުގެ ރައީސް އަބްދުالله ޔާމީން ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ފަހުން ހިނގައިދިޔަ ކަންތައްތަކާ ގުޅިގެންނެވެ.
އޭނާއަކީ ލޯންޗުކޮޅު މައްސަލާގައި ތުހުމަތު އަމާޒުވި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް މީހެކެވެ. ލަންކާއިން ޝުމްބާ ހައްޔަރުކޮށްގެން ގެނެސް, ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅުނެވެ.
ޝުމްބާ ލަންކާއިން ހައްޔަރުކުރީ ދިވެހި އެމްބަސީން ދިން މައުލޫމާތެއްގެ މައްޗަށް އެ ގައުމުގެ ފުލުހުންނެވެ. އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓަށް ލަންކާ ފުލުހުން ގަދަކަމުން ވަދެގަނެ, ޝުމްބާ ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ އެވެ.
އެކަން ކޮށްފައިވަނީ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ބުނެ, މީގެކުރިން ވެސް ޝުމްބާ މައްސަލަ ޖައްސާފައިވެ އެވެ. އަދި, އެކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުންޏެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މިއަދު ޝުމްބާ ހުށަހެޅި މައްސަލާގައި ވެސް އެދިފައިވަނީ ކުރީގެ އެ ދެ މިނިސްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށެވެ.
އޭގެއިތުރުން އޭރު ފުލުހުންގެ ވެރިންގެ ގޮތުގައި ތިއްބެވި މުހައްމަދު އަރީފާއި މުހައްމަދު ނަވާޒާއި ލަންކާގައި އޭރު ހުންނެވި ދިވެހި ސަފީރު ޒާހިޔާ ޒަރީރާއި އެ އެމްބަސީގެ މުވައްޒަފުންގެ މައްޗަށް ތަހުގީގު ހިންގައިދޭން ވެސް ވަނީ އެދިފަ އެވެ.
ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފަށް ޝުމްބާ ހައްޔަރުކުރުމުން އޭނާއަށް ލިބުނު ގެއްލުމަށް ދައުލަތުން މާފަށް އެދުމަށް ވެސް މައްސަލާގައި ބަދަލެއްގެ ގޮތުގައި ބޭނުންވާ ކަންކަމުގެ ތެރޭ އޭނާ ވަނީ ހިމަނާފަ އެވެ.
ރާއްޖެ ގެނެސް, ޖަލުގައި ގިނަ އަނިޔާތަކެއް ކޮށްފައިވާ ކަމަށް ޝުމްބާ ވަނީ ބުނެފަ އެވެ. އެގޮތުން އޭނާ ގޭބަންދަށް ބަދަލު ކުރަންދެން ވެސް ކަރަންޓު ނެތް ގޮޅިއެއްގައި ބަހައްޓައި, އަސާސީ ހިދުމަތްތަކުން މަހުރޫމްކުރި ކަމަށެވެ. އަދި, މާފުށީ ޖަލުގައި 15 ވަރަކަށް އޮފިސަރުން ވެގެން އޭނާއަށް އަނިޔާކުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެކަމުގެ ޝަކުވާތައް ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް ހުށަހެޅުމުން ވެސް ޖަވާބެއްދީ, ފިޔަވަޅެއް ވެސް އަޅާފައި ނެތް ކަމަށް ޝުމްބާ ބުނެފައިވެ އެވެ.












