ހިޔާ ފްލެޓް ލިބުނު މީހުންނާއެކު ހަދާ އެއްބަސްވުމުގައި ސޮއިކޮށް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރަމުން އަންނަނީ ކޮންމެ ޓަވަރަކަށް ވަކި ދުވަހެއް ކަނޑައަޅައިގެންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުންނާއި އެ މީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާންކުރެ އެވެ. އެޗްޑީސީން ކުރިން ބަލައިގެން ހުރީ މިދިޔަ މަހު ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ.
އެޗްޑީސީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަށް ދައްކާގޮތުން މިހާތަށް 85 ޕަސެންޓް ފްލެޓްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އަދި 88 ޕަސެންޓް ފްލެޓްގެ އެގްރިމެންޓްގައި ސޮއި ކުރަން ތައްޔާރުވެ ނިމިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެންމެ މަދުން އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ އެޗް13ގެ ފްލެޓް މީހުންނެވެ. އެ ފްލެޓުން އެގްރިމެންޓްގައި ސޮއި ކޮށްފައިވަނީ 79 ޕަސެންޓް މީހުންނެވެ. ދެން ހުރިހާ ފްލެޓެއްގެ ވެސް އެގްރިމެންޓް ހެދި ޕަސެންޓޭޖް އުޅެނީ 80 އިން މަތީގަ އެވެ.
ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގައި އެކި ކެޓަގަރީތަކުން 6،720 ފްލެޓް ދީފައިވެ އެވެ. ހަވާލުނުކޮށް ދިގުލައިގެން ގޮސްފައިވާ މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މި މިދިޔަ މަހުގެ 14ގަ އެވެ. ސޮއި ކުރުމުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ މެދުކަނޑާލުމަށް ފަހު އަލުން ފަށާފައި ވަނީ މި މަހު ހަތެއްގަ އެވެ.














