ރިޒާގެ ޝަރީއަތް ފަށައިފި; ހެކިބަސް ދޭން ޖެހޭ ބިދޭސީއަކު ނުފުރިފައި

ރިޒާ: އޭނާގެ މައްޗަށް ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައި

ރިޒާ: އޭނާގެ މައްޗަށް ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައި

އިންސާނީ ވަގުފާރި ކުރުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާއާ ދެކޮޅަށް ހެކިބަސް ދޭން ޖެހޭ ބިދޭސީއަކު މާލީ ގޮތުން ދަތިވެ ހާލުގައި ޖެހުމުން ރާއްޖޭން ފުރަން ބޭނުންވެއްޖެ އެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ރިޒާގެ ކުންފުނި ކަމަށްވާ އާރްއައިއެކްސް (ރިޒް ކުންފުނިން) ގެންގުޅުނު ބިދޭސީންނާމެދު އިހާނެތިކޮށް ހިތައި, އެމީހުންގެ އިންސާނީ ހައްގަށް އަރައިގަތް މައްސަލާގައި ރިޒާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ, އިންސާނީ ވަގުފާރީގެ ދައުވާގެ އިތުރުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.

އޭނާގެ މައްޗަށް ވަގުފާރީގެ ދައުވާ އުފުލީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި, ބިދޭސީން ރާއްޖެއަށް ޓްރެފިކްކޮށް, އެ ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފައިވާތީ އެވެ.

ގާނޫނާ ހިލާފަށް މަޖުބޫރުކޮށްގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރިޒާއަށް ތުހުމަތު ކުރެ އެވެ.

މި ތުހުމަތުތައް ސާބިތުކުރުމަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހެޅި ހެކިންގެ ތެރޭ އަނިޔާ ލިބުނު ބައެއް ބިދޭސީން ހިމެނެ އެވެ. ނަމަވެސް, ބޮޑުފިނޮޅުގައި ދިމާވި ދަތި ހާލަތަށްފަހު މާލީ ގޮތުން ދަތިވެ ރާއްޖެ ދޫކޮށް ދާން އޭގެ ތެރެއިން ބައެއް މީހުން ވަނީ ބޭނުންވެފަ އެވެ. އެގޮތުން އެފަދަ އެއް ބިދޭސީއަކު ވަނީ އޭނާގެ ހެކި ބަސް އަވަހަށް ނަގައި, ގައުމަށް ފުރައިގެން ދިޔުމުގެ ހުއްދައަށް އެދިފަ އެވެ.

މިވަގުތު ރާއްޖޭ ތެރޭ ރަށެއްގައި ހުރި އެ ބިދޭސީ މީހާ ތަމްސީލުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުނި ގޮތުގައި, އޭނާ މިވަގުތު ހުރީ ވަރަށް ނިކަމެތި ހާލެއްގަ އެވެ. އަދި, އޭނާގެ އާއިލާއަށް ވެސް ވަނީ އެ ނިކަމެތިކަން ފޯރާފަ އެވެ. އެހެންވެ, އޭނާ އެނބުރި ގައުމަށް ދާން ބޭނުންވެ, އެކަމުގައި އިދާރާތަކުގައި އާދޭސް ކުރަމުންދާ ކަމަށް ބުންޏެވެ.

ނަމަވެސް, އޭނާއަކީ ހެކިވެރިއަކަށްވެފައި ފުރައިގެން ގޮސްފިނަމަ އިންސާފަށް ހުރަސް އެޅިދާނެ ކަމަށް ބުނެ މިހާތަނަށް ފުރައިގެން ދިޔުމުގެ ހުއްދަ ސަރުކާރުގެ ފެސިލިޓީއެއްގައި ހުރި އެމީހާއަށް ވަނީ ނުލިބި އެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ދެކޭ ގޮތުގައި, މައްސަލައެއްގައި ހެކިބަސް ދޭން މީހެއްގެ މައްޗަށް މަޖުބޫރުކޮށް, އޭނާއަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދިނުމަކީ އުސޫލެއް ނޫނެވެ. ތަހުގީގަށް އޭނާ ބަޔާން ދީފައިވާއިރު ރާއްޖޭގައި އޭނާ މަޖުބޫރުކޮށްގެން ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް އެ ސެންޓަރުން ގަބޫލު ކުރެ އެވެ.

ރިޒާގެ ޝަރީއަތް ފެށިއްޖެ, ބިދޭސީ މީހާގެ ހެކިބަސް އަވަހަށް ނެގޭތޯ ބަލަނީ

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ރިޒާ އާއި އޭނާއާއެކު މައްސަލާގައި ދެން ދައުވާ ލިބޭ ހަސަން އުމަރު އަދި ނަސްރުالله އުސްމާންގެ ޝަރީއަތް ފެށުމުގެ ގޮތުން އިބްތިދާއީ އަޑުއެހުންތަކުގެ މަރުހަލާ ފަށާފަ އެވެ. އެގޮތުން, މިއަދުގެ އަޑުއެހުމުގައި އެ ތިން މީހުންނަށް ލިބޭ ހައްގުތައް ކިޔައިދީ, ވަކީލުން ހޯދަން ފުރުސަތު ދިނެވެ.

ތިން މީހުން ވެސް މައްސަލާގައި ކުރިއަށް ދާން ބޭނުންވާތީ ވަކީލަކު އައްޔަން ކުރުމަށް ތިން ހަފުތާގެ މުއްދަތެއް ދިނުމަށް އެދުނެވެ. ނަމަވެސް, ދައުލަތުން އެދުނީ ގާނޫނުގައި ބުނާ އެންމެ ދިގު މުއްދަތެއް ދިނުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ވަކީލަކު ހޯދަން ދޭން ވާނީ 10 ދުވަހުގެ މުއްދަތެކެވެ.

ވަކީލަކު ހޯދަން ދިގު މުއްދަތެއް ދިނުމުން ޝަރީއަތް ލަސްވެގެން ގޮސްދާނެތީ, މައްސަލަ ބައްލަވާ ގާޒީ ދިބާނާޒު ފަހުމީ ވަނީ ތިން ހަފުތާއަށްވުރެ އަވަހަށް ވަކީލަކު ހޯދިދާނެތޯ އައްސަވާފަ އެވެ. ނަމަވެސް, ތިން މީހުން ވެސް ބުނީ އެކަމުގެ ޔަގީން ކަމެއް ނެތް ކަމާއި ވީއެންމެ އަވަހަކަށް ވަކީލަކު ހޯދަން މަސައްކަތް ކުރާނެ ކަމެވެ.

މައްސަލަ އަވަހަށް ކުރިއަށް ގެންދަވަން ގާޒީ ބޭނުންފުޅުވީ, ބިދޭސީ މީހާގެ ހެކިބަސް އަވަހަށް ނަގައިދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ޝަރީއަތުގައި އެދިފައިވާތީ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, ބިދޭސީ ހެކިވެރިޔާގެ މާލީ ހާލަތު ގޯސްވެ, އޭނާ އަނބުރާ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ އެ އޮފީހަށް ވަނީ އެދިފަ އެވެ.

އެހެންވެ, އެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުން ޝަރީއަތުގައި ވަނީ އެދިފަ އެވެ.

ގާޒީ ދެން ދައުލަތަށް ސުވާލު ކުރެއްވީ ބިދޭސީ މީހާ ހާޒިރު ކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުންނެވެ. އެމީހާ ތިން ހަފުތާއަށްވުރެ ކުރިން ހާޒިރު ކުރެވިދާނެތޯ އެއްސެވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އޭނާ މިވަގުތު މާލޭގައި ނެތުމުން ޝަރީއަތަށް ސީދާ ހާޒިރު ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. ތިން ހަފުތާއަށްވުރެ ކުރިން އޭނާއަށް އާދެވިދާނެކަން ސާފު ނުވާ ކަމަށް ވެސް ބުންޏެވެ.

އެހެންވެ, ގާޒީ ނިންމެވީ ވަކީލަކު ހޯދަން ރިޒާ އާއި އަނެއް ދެ މީހުންނަށް މިއަދާއެކު 21 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ މުއްދަތަށްފަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވަކީލަކު ހަމަނުޖެހުނު ކަމުގައިވިޔަސް ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެކަން ގާޒީ އެންގެވި އެވެ. އެއީ, ގާނޫނުގައި ބުނާ މުއްދަތަށްވުރެ ދިގު މުއްދަތެއް ވަކީލަކު އައްޔަން ކުރުމަށް ދެއްވާފައިވުމުންނެވެ.

ގާޒީ ދައުލަތަށް އެންގެވީ ހެކިން ހާޒިރު ކުރެވޭނެ ދުވަސްތައް ވީއެންމެ އަވަހަކަށް ޝަރީއަތަށް އެންގުމަށެވެ. އެގޮތުގެ މަތިން ޝަރީއަތް ތާވަލު ކުރައްވަމުން ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސާބިތުވެއްޖެނަމަ ރިޒާއަށް އަންނާނީ ބޮޑު އަދަބެއް

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަގުފާރީގެ ދައުވާ ރިޒާގެ މައްޗަށް އުފުލާފައިވާއިރު މި ކުށުގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. ދެން އުފުލާފައިވާ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.

ކުށުގެ އަސާސީ އަދަބަކީ ހަތަރު އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. މި އަދަބު ބޮޑުކުރެވޭނެ ހަމަތަކާއި ލުއި ކުރެވިދާނެ ހަމަތައް ގާނޫނުލްއުގޫބާތުގައި ބަޔާންކުރެ އެވެ. އެހެންވެ, މި ދެ ދައުވާ ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެ ނަމަ، އޭނާ މެންބަރުކަމުން ވަކިވާނެ އެވެ. ނަމަވެސް، އެ ހާލަތަށް ދާނީ އެ މައްސަލައިގައި ތިން މަރުހަލާގެ ކޯޓު ޝަރީއަތްތައް ނިމި، ނިހާއީ ހުކުމަކަށް ދިޔުމުންނެވެ.

އެ ހާލަތު މެދުވެރިވެގެން އެންމެފަހުން ގޮނޑި ގެއްލުނީ މިދިޔަ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެންބަރު ކަމުގެ މަގާމުގައި ފުރަތަމަ ހުންނެވި އަހުމަދު ނާޒިމެވެ. އޭނާގެ ގޮނޑި ގެއްލުނީ ހިޔާނާތުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވުމުންނެވެ.

ނިމިދިޔަ މަޖިލީހުގެ އެހެން ބައެއް މެންބަރުންގެ މައްޗަށް ވެސް ޖިނާއީ ދައުވާތައް ސާބިތުވި އެވެ. އެގޮތުން، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހިމެނެ އެވެ. ނަމަވެސް، އެ ބޭފުޅުންގެ މައްސަލަތައް ނިހާއީ ހުކުމަކާ ހަމައަށް ނުދިޔުމުން ގޮނޑި ގެއްލިފައެއް ނުވެ އެވެ.

ރިޒާގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް އޭނާގެ ވަކީލުން ގެންދަވަނީ ބޮޑުފިނޮޅު މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި, ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރި އެ ރަށުގައި ތިބި ހުރިހާ ބިދޭސީންނަކީ އާރުއައިއެކްސްގެ މުވައްޒަފުންނެއް ނޫނެވެ. އަދި މުސާރަ ދިނުން މަޑުޖެހުނު ނަމަވެސް ބަރާބަރަށް މުސާރަ އާއި އަސާސީ އެހެން ހިދުމަތްތައް ވެސް ފޯރުކޮށްދީފައިވާނެ ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox