ނަވާރަ ސަތޭކަ ފަންސާހުން ފެށިގެން ގޮސް ހަތްދިހައިގެ އަހަރުތަކާ ހަމައަށް ހިނގަމުންދިޔައީ، "ބޮކިފުރާޅުއަލީ"ގެ ބާވަތްތަކުގެ ތެރެއިން ލަވަ ހެދުމާއި، ރެކޯޑު ކުރުމާއި ކިޔުމުގައި އާދަޔާ ޚިލާފު ފޯރިއަކާއި ޖޯޝެއް ފެނުނު ޒަމާނެކޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ރަށްރަށާއި އަވަށް އަވަށުގެ ލަވަ ޕާޓީތަކާއި ކުލަބުތައް އުފެދި، މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާ މެދުއުޑުގައި ފިޔަޖަހަމުންދިޔަ ޒަމާނެކެވެ. ހަސަންފުޅު ދޮހުއްތު ނުވަތަ ދޮހުއްތުބެއަކީ އެ ޒަމާން ދުށް ތަފާތު ޝަޚްޞިއްޔަތެކެވެ. ކުޅިވަރު ކުލަބުތައް ހިންގެވި އަދި ލަވަ ޕާޓީތައް މެނޭޖުކުރެއްވި ބޭފުޅެކެވެ. ކަނބުރުވެރިކަމުގައި ޤައުމީ ފެންވަރުގެ ވަނަތައް ހޯއްދަވާފައިވާ އަތްތެރިމަސައްކަތްތެރިއެކެވެ. މިއުޒިކް ޕްރޮޑިއުސަރެކެވެ. ޅެންވެރިއެކެވެ. ލަވައިގެ އިތުރުން ދޮހުއްތުބޭ ފަރިއްސާއި މަދަހަވެސް ހައްދަވާފައިވެ އެވެ. ތިން މަދަހަފޮތާއި އެއް މާލޫދު ފޮތް ޝާއިޢުކުރައްވާފައިވެ އެވެ.
ދޮހުއްތުބެއޭ ނުވަތަ ޢަބްދުއްރަޙްމާން ޙަސަނޭ ދެންނެވުމުން، ގިނަ ބަޔަކަށް، ޚާއްޞަކޮށް އަދުގެ ޒުވާނުންނަށް، އެއީ ކޮން ޅެންވެރިއެއްކަން ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ދޮހުއްތުބޭގެ ޅެންވެރިކަމަށް މިއަދުގެ ޒުވާނުންވެސް ބީރައްޓެއްސެއް ނުވާނޭކަން ގައިމެވެ. ލަވަބާޒީގެ ކުޅިވަރުގައި ބައިވެރި ނުވެ، ބަލަން އިންނަ މީހެއްކަމުގައިވިޔަސް ދަންނަ އެއް ލަވަ އޮންނާނެއެވެ.
"ށޭ ޤައުމަށް ވާ ޤުރުބާން
ހިތްވަރު ލައިގެން ޅަޒުވާން
އޭމީއޭ ރަން ޒަމާން މުޅި ޤައުމުގެ ބަޠްލޭ ދިރުވި ޒަމާން
ޔާރްނޭ ވާށެ އެކުވެރި، ޤައުމުގެ ނޯޖަވާން"
ޤައުމީ ރޫހުގެ ލަވަތަކުގެ ތެރެއިން އިތުރު މިސާލަކަށް ބަލާލަމާތޯއެވެ.
"ފޯރީފޯރިން، ހިގާށޭ ފޯރިން، ޤައުމާއެކުގާ ސަހަރޯ
ފޯރީފޯރިން، ހިގާށޭ ފޯރިން، އަސަރުންނެ ފުރާ ސަހަރޯ"
މަޝްހޫރު ގިނަ ޤައުމީ ލަވަތަކެއް، ޚާއްޞަކޮށް އޭރުގެ ރައީސް، އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަށް ތާރީފުކުރައްވައި ގިނަ ލަވަތަކެއް އަލްމަރްޙޫމް ޢަބްދުއްރަޙްމާން ޙަސަން ހައްދަވާފައިވާ ނަމަވެސް، އެ ދުވަސްވަރު އެންމެ ބޮޑަށް ވައިގައި ހިފީ، ދޮހުއްތުބޭގެ ލޯބީގެ ލަވަތަކެވެ.
"އުލްފަތުގެ ކުލްޝަންތަކުން މާ، ފަރިވެ ފޮޅި ނުމެދާނެބާ؟
ބުލްބުލާ މުނިޔާތަކަށް ތާޒާހިތެއް ނުލިބޭނެބާ؟
ގުލްޗަނބޭލީ ގުލްހަޒާރީ ގުލްޢަލާ މާ ޗާނދަނީ
ކުލްޝަނުން އެދި އެދި މިހެން އުއްމީދުގާ ހުރެވޭނެބާ؟"
އޭރުގެ ނަން މަޝްހޫރު ލަވަކިޔުންތެރިންކަމުގައިވާ ހޯރަފުށީ ފަރީދާ، ޖަމީލާ ޙަސަން (ޖޭމު ދޮންކަމަނަ)، މުޙައްމަދު ރަޝާދު، މަސްއޮޑި އިބްރާހިމް ފުޅު، އަދި ދޮހުއްތުބޭގެ އަނބިކަނބަލުން ނަސީރާ މުޙައްމަދު ފަދަ ބޭބޭފުޅުންގެ އަޑުން ރެކޯޑުކުރައްވާފައިވާ ލަވަތައް ދިވެހިރާއްޖޭގެ އަޑުން އޭރު ޖަހައިއުޅެ އެވެ. އެ ލަވަތައް ޚާއްޞަވާ އެއް ސަބަބެއްކަމުގައި ވަނީ އެ ލަވަތަކުގައި ވަންހަނާކުރެވިފައިވާ ޖަޒުބާތުތަކުގެ ތެދުވެރިކަމެވެ. އެ ލަވަތަކަށް ޚާއްޞަ އަނެއް ސިފައަކީ އެ ޖަޒުބާތުތައް ހާމަކުރެއްވުމަށް ޅެންވެރިޔާ ބޭނުންކުރައްވާ ބަސްކޮށާރެވެ. މިސާލަކަށް ބަލާލަމާތޯ އެވެ.
"ލޯބިވާއޭ ތޭރީ، ލޯބިވާ އޭ މޭރީ
ދިލް ފަރުދާ ތިކުރީ
ޑިއަރު ކީއްތޯއެ ތިވީ
ޕްޔާރުއޭ ބޭތިވަފާވީ؟"
"ތޭރީ"، "މޭރީ"، "ދިލް"، "ޕިޔާރު" ފަދަ ލަފުޒުތަކަކީ ހިންދީ ނުވަތަ އުރުދޫ ނުދަތަސް، އެ ބަހުން ދައްކާ ވާހަކަ ޢާއްމުކޮށް އަޑުއިވޭ ބަޔަކުވެސް ދަންނާނޭ ފަދަ ޢާއްމު ލަފުޒުތަކެވެ. މިއީ މިހާރުގެ ޙާލަތެވެ. އެހެންނަމަވެސް ޅެންވެރިޔާ ދިރިއުޅުއްވި ދިވެހިރާއްޖެއަކީ އުރުދޫ ފަދަ ބަސްތައް ލިޔަންކިޔަން ދަސްކޮށްދޭ ކިލާސްތައްވެސް ހިންގި ރާއްޖެއެކެވެ. ތާނަ ލިޔުމުގައި އުރުދޫ ލަފުޒުތައް އުރުދޫ "ސްކްރިޕްޓުން" ލިޔެ އުޅުނު ޒަމާނެކެވެ. އެހެންކަމުން އެ ޒަމާނުގެ ލަވައެއްގައި އެފަދަ ލަފުޒެއް ހުރުމަކީ އައިބު ކަމަކަށް ނުވެ އެވެ. ބަދަލުގައި ދައްކުވައިދެނީ ޅެމުގެ މޮޅުކަމެވެ. ޅެންވެރިޔާ އަކީ ގިނަބައްސަ މީހެއްކަމެވެ.
ދިވެހި ޅެންވެރިކަމުގެ އުސްތާޛުން ކަމުގައިވާ މުޙައްމަދު ޖަމީލް ދީދީ އާއި ބޮޑުފެންވަޅުގޭ ސީދީގެ ޅެންވެރިކަމުގައިވެސް ބަސް މަސްހުނިކުރުން ފެނެ އެވެ. ތަފާތަކީ މަސްހުނިކުރައްވާފައިވާ ބަހާއި ޅެމުގެ މައުޟޫޢާއި ފަސްމަންޒަރެވެ. އެ ބޭފުޅުންގެ ބައެއް ދިވެހި ޅެންތަކުގެ ބައެއް ބައިތުތައް އެކުގައި، ނުވަތަ ބައިތުގެ ޞަދުރު ނުވަތަ ޢަޖުޒު ޢަރަބިން އޮންނަ ޙާލަތްތައްވެސް ފެންނާން އެބަހުއްޓެވެ. އެހެންނަމަވެސް އެއީ ގިނަ ފަހަރަށް ޢަރަބި ވަޒަނަށް އަތުރުއްވާފައި ހުންނަ ހެޔޮ ނަޞީޙަތުގެ ޅެންތަކެވެ. މުނިފޫހިފިލުވުމުގެ ސުރުޚީގެ ދަށުން ހުންނަ ޅެންވެރިކަމުގައި މި މިންވަރަށް ބަސް މަސްހުނިކޮށްފައި ހުންނަނީ މަދު ފަހަރެއްގަ އެވެ. ދޮހުއްތުބޭގެ ޅެންތަކުގައި ގިނަފަހަރަށް ބަސް މަސްހުނިކުރައްވާފައި ހުރީ ލޯބީގެ ޅެންތަކުގަ އެވެ. ހިންދީ ރާގުރާގަށް ހައްދަވާފައިވާ ޅެންތަކުގަ އެވެ.
މި ސަބަބާހުރެ، އޭރުވެސް ބައެއް މީހުން، އެއީ އެ ލަވަތަކުގެ ޅެންވެރިކަމުން ކޮޕީކުރެއްވުން ކަމުގައި ބުނެ އުޅެނެވެ. އެހެންނަމަވެސް ލަވައިގެ ރާގާއި، ދިވެހި ޅެން އަޅައިކިޔާލުމުން، މިއީ މުޅިން ތެދު ވާހަކައެއް ނޫންކަން ސާބިތުވާ ޅެންތައް ފެންނާން އެބަހުއްޓެވެ. 1959 ވަނަ އަހަރުގެ ބޮލީވުޑްގެ ފިލުމު "ބްލެކް ކެޓް"އަށް ލަތާ މަންގޭޝްކަރްގެ އަޑުން ކިޔާފައިވާ މަޝްހޫރު ލަވަ "މެ ތުމްހީ ސޭ ޕޫޗްތީ ހޫނ" ގެ ރާގަށް ހައްދަވާފައިވާ ލަވަ "ބޭނުމެއް ނެތް ލޯބި" މިސާލަކަށް ބަލާލަމާތޯ އެވެ. ހިންދީ ލަވައިގެ ޅެން ހައްދަވާފައިވަނީ ޖާވިދް އަޚްތަރްގެ ބައްޕަ، ޖާން ނިސާރް އަޚްތަރެވެ. ލަވައިގެ ޝިޢާރަކީ، ލަވަކިޔުންތެރިޔާ އޭނާގެ ލޯބިވެރިޔާ ދެކެ ލޯބިވާ މިންވަރުގެ ވާހަކަ އެވެ. އަދި އެފަދަ ލޯބިވެރިޔަކު ލިބިފައިވުން އެއީ އޭނާއަށް ލިބޭ ފަޚުރެއްކަމެވެ. އެހެންނަމަވެސް ދިވެހި ޅެމުގައި ވަނީ ގެއްލުނު ލޯތްބެއްގެ ވާހަކަ އެވެ. އެއްގޮތް ކަމަކީ ދެ ޅެމުގައިވެސް ސުވާލުގެ ބައިތުތަކެއް ހިމަނާފައިވާކަމެވެ.
"ނެތުނީހޭ މިއަދު ބޭނުން، އެކުލޯބިން ޕިޔާރު އުޅެފާ
މިކުރާ ހިތާމަ ތަކުގާ ދެކިލަން ނުވެސް އައީހޭ؟"
ހަމަ މި ފަދައިން، ހިންދީ ޅެމުގައި އެ ބުނާ ވާހަކަ، ދިވެހި ބަހަށް ތަރުޖަމާކުރައްވައި، ހަމަ އެރާގަށް ފެތޭގޮތަށް ހައްދަވާފައިވާ ޅެންތައްވެސް ދޮހުއްތުބޭގެ އަރުޝީފުން ފެނެ އެވެ. މިފަދަ މިސާލެއްވެސް ތަހުލީލުކޮށްލަމާތޯ އެވެ. މި ފަހަރު، 1956 ވަނަ އަހަރު ބޮލީވުޑްގައި ނެރުނު މަޝްހޫރު ފިލްމު "ޗޫ މަންތަރް"ގެ އެއަށްވުރެ މަޝްހޫރު ލަވަ "ޣަރީބު ޖާނެކެ" މި ރާގަށް ދޮހުއްތުބެ ހައްދަވާފައިވާ "ނިކަމެތިކަން" މިލަވަ އެވެ. ހިންދީ ލަވައިގެ ޅެން ހައްދަވާފައިވަނީ މި ފަހަރުވެސް ޖާން ނިސާރް އަޚްތަރެވެ. މުޙައްމަދު ރަފީގެ އަޑެވެ. ދެ ލަވައިގައިވެސް މި ދައްކަނީ އެއް ވާހަކައެކެވެ. އޭނާ މިހާރު ނިކަމެތިވެފައިވާ ވާހަކަ އެވެ. ހިތް ޒަޚަމުވެފައިވާ ވާހަކަ އެވެ. އަދި އެ ހިތަށް ފަރުވާލިބޭނޭ ބޭހެއް ނުވަތަ "ދަވާ"އެއް ދޭތޯ، ހިތް ހަލާކުކުރި ފަރާތާ ކުރާ ސުވާލުތަކެކެވެ. ދެ ޝާޢިރުންވެސް "ޣަރީބު" މި ލަފުޒު ބޭނުންކުރައްވަނީ އެއް މާނައެއްގަ އެވެ. ދެ ޅެމުގައި ބައިތުން ބައިތައް މާނަ ދިމާނުވި ކަމުގައިވިޔަސް، ޖުމުލަ މާނަ އެއްގޮތްވެ އެވެ.
(ހިންދީ ލަވައިގެ މައިގަނޑު)
"ޣަރީބު ޖާން ކެ ހަމްކޯ ނަ ތުމް މިޓާ ދޭނާ
ތުމްހީނަ ދަރްދް ދިޔާ، ހޭ ތުމްހީނ ދަވާ ދޭނާ"
(ދިވެހި ލަވައިގެ މައިގަނޑު)
"ޣަރީބު ޖާނެކެ ތިޔަހެއް ނުހައްދަވާށޭ ނާ
ވަނީމި އިޝްޤުގެ ތަލްވާރަކުން ޒަޚަމްވެ ފަނާ"
މި ގޮތަށް މަޝްހޫރު ހިންދީ ލަވަތަކުގެ ޅެމުގެ ޖުމުލަ މާނަ، އެ ރާގުގައި ދިވެހި ބަހުން ގެނައުމަކީ މިހާރުގެ ޅެންވެރިންގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ފެންނަ ކަމެކެވެ.
ޢަބްދުއްރަޙްމާން ޙަސަންގެ ޅެންވެރިކަމުގައިވެސް، އޭރުގެ ގިނަ ޅެންވެރިންނެކޭ އެއްފަދައިން ބަސްއޮޅުވުން ހިމަނުއްވާފައިވެ އެވެ. އެ ގޮތުން ބަސްއޮޅުވުމުގެ މިސާލުގެ ގޮތުގައި ދެއްކޭ ފަދަ ޅެންތައްވެސް ފެންނާން އެބަހުއްޓެވެ. އެގޮތުން "ކުދި ކުދިވި ލަގޮޑި" މިއީ ފާހަގަކޮށްލެވޭ ލަވައެކެވެ.
"ދިކު ދިކު ޑިލަގޮވެ ހުންނަ މި ޙާލުގައެ (ކުދި ކުދި ލަގޮނޑިވެ ހުންނަ މި ހާލުގައެ)
މެރި ނުލޯ ދާނެ ހެއްޔެ މެރިނުލޯ ދާނެހެއްޔެ (ލޯ ނުމެރިދާނެހެއްޔެ، ލޯ ނުމެރިދާނެހެއްޔެ)"
އެ ދުވަސްވަރުގެ މަޝްހޫރު ލޯބީގެ ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެތައް ލަވައެއްގެ ޝާޢިރަކީވެސް ޢަބްދުއްރަޙްމާން ޙަސަނެވެ. އެގޮތުން އެންމެ މަޝްހޫރުވި އެއް ލަވައަކީ، މުޙައްމަދު ރަޝާދު ވިދާޅުވެފައިވާ "ލޯބީގެ ޚަޒާނާ" އެވެ.
"ލޯބީގެ ތިޔަ ޚަޒާނާ، އިޝްޤީގެ ފަރި މަލާއޭ
ދުވަހަކު ހިތުން ނުދާނޭ، ސުވަރުގެ އަކީ ކަލާއޭ"
ޅެންވެރިޔާ އޭނާގެ ލޯބިވެރިޔާއަށް ކުރާ ތާރީފުގެ ރީތި މިސާލެކެވެ. އޭނާގެ ސޫރައަށް ކުރާ ތަޢުރީފެވެ. އޭނާގެ ފަރާތުން ލިބޭ ހިތްހަމަ ޖެހުމާއި އުފާވެރިކަމުގެ ވާހަކަ އެވެ. އެ ޅެމުގައި އެ ވާ ސިފަކުރެއްވުންތަކަކީ ތަފާތު، ރީތި ސިފަކުރެއްވުންތަކެކެވެ. ލޯބިވެރިޔާ އެ ސިފަކުރަނީ "ޚަޒާނާ"އެއްގެ ގޮތަށެވެ. ކަޑިތަކުގައިވެސް މި ފަދަ ރީތި ސިފަކުރުންތައް ފެނެ އެވެ. ލޯބިވެރިޔާ ސިފަކުރައްވަމުން ލިޔުއްވާފައިވެ އެވެ.
"ނޫރޭ ލޮލުގެ ބަޔާނޭ، ރޫޙެއް ދެވަނަ ނުވާނޭ
ސޫރަވެ ލޮލުގެ ދެކޮއިވޭ، ޙޫރެއްހެތީ ކަލާއޭ؟"
އެހެން ލަވައެކެވެ. ލަވަ ވިދާޅުވަނީ މަސްއޮޑި އިބްރާހިމް ޚަލީލެވެ. މަތީގައި ދެންނެވި ލަވަޔާ ޚިލާފަށް، ސާދާ ޢިބާރާތްތަކެކެވެ. ސާފު މެސެޖެކެވެ. ލޯބިވެރިޔާއަށް ހިތް ހަދިޔާ ކުރަމުން، ތިމަންނާ އެ ބޭނުމެއް ނޫނޭ ބުނެ، ހިތް ހަވާލުކުރަނީއެވެ. މުޅިން ތަފާތު، ލުއި، އިހުސާސެކެވެ.
"ދެމޭ، އަމޭ، މި ހިތޭ. މަ އެ ބޭނުމެއް ނެތޭ
ލޯބިވާ ބިލޯ، އެގެންދާށޭ، އަން ދެންހެ މޭ!"
ދޮހުއްތުބޭގެ ބަސް މަސްހުނި ނުކުރައްވައި، ހަމައެކަނި ދިވެހި ބަހުން ނުވަތަ ދިވެހި ވެފައިހުރި ލަފުޒުތައް ބޭނުންކުރައްވާފައިވާ ޅެންތައްވެސް ނެތީއެއް ނޫނެވެ. ޤައުމީ ޅެންތަކާއި، މަދަހަތަކާއި، ސީރަތުގެ ޅެންތަކުގައި އުރުދޫއާ މަސްހުނުކުރެއްވުމުގެ ބަދަލުގައި ބޭނުންކުރައްވާފައިވަނީ ޢަރަތްބެވެ. ޅެންވެރިޔާއަކީ ތިން ބަހަށްވެސް ފަރިތަ ބޭފުޅެއްކަމުން، ޅެންވެރިކަމުގައި ލަފުޒުތައް ހިމެނުއްވުމުގައި ބުރަކަމެއް ނުދައްކަވަ އެވެ.
މި ފަދައިން ބަސް މަސްހުނިކުރުމަކީ މިއަދު ދެރަކަމެއް ކަމަށް ބައެއް މީހުން ދުއްކަމުގައިވާ ނަމަވެސް، އޭރު އަދަބިއްޔާތުގައި ބަސް މަސްހުނިކުރުމަކީ މޮޅު ގޮތެކެވެ. ހަމައެކަނި ދިވެހި ބަހުގައެއް ނޫނެވެ. ހިންދީ، އުރުދޫ މޮޅެތި ޅެންޅެމުގައި ޢަރަތްބާއި ސާންސްކިރިތު ހިމަނާފައިވާނެ އެވެ. ފާރިސީގައި ޢަރަބި ހިމަނާނެ އެވެ. އިނގިރޭސި ޅެމުގައި ފަރަންސޭސި ނުވަތަ ލެޓިން ހިމަނަ އެވެ. މިއަދުވެސް ބަހެއްގެ ޅެންވެރިކަމުގެ މާހިރަކަށްވާން އެދޭނަމަ، އަދި ޚާއްޞަކޮށް އެ ބަހެއްގެ ބޯދާ އަދި ދުވަސްވީ އަދަބިއްޔާތު ދިރާސާކުރާނަމަ، މި ފަދަ ބަހަށް ބާރުދޭ އެހެން ބަސްބަހާ އަހުލުވެރިވާން ޖެހެ އެވެ.
ޢަބްދުއްރަޙްމާން ޙަސަނަކީ ދިވެހި މިއުޒިކީ "ކުލްޝަނަށް" ދިރުން ގެނުވައިދެއްވި ޅެންވެރިއެކެވެ. ޚާއްޞަކޮށް ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގައި ފަންނުވެރިކަމުގެ ހުރިހައި ދާއިރާއެއްގައިވެސް ވިދާލި ފަންނުވެރިއެކެވެ. މީހުންނަށް ހެޔޮ، ދީލަތި ރައްޔިތެކެވެ.
26 މެއި 1979 ގައި "ހަވީރު"ގެ މެނޭޖިން އެޑިޓަރު ކޮޕީ މުޙައްމަދު ރަޝީދު، ދޮހުއްތުބެއާ މެދު ލިޔުއްވާފައިވެ އެވެ.
"ޝައްކެއް ނެތި އޭނާއަކީ ތަރިއެކެވެ. ތަފާތު ފަންނުތަކުގައި ކުރިއަރާފައިވާ އަލިގަދަ ތަރިތަކުގެ ތެރެއިން ބެބުޅުންގަދަ، އެތަރީގެ އަލިކަން އެތައް ބަޔަކަށް ލިބިފައިވާ ތަރިއެކެވެ."
މިފަދަ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމަށް މިފަދަ މެހެފިލެއް ނުފުދެ އެވެ. ދިރާސާކުރެވިދާނޭ އެތައް އުފެއްދުމެކެވެ. އެތައް މަޢުޟޫޢެކެވެ. އެހެންނަމަވެސް، އަޅުގަނޑާއެކު، ޢަބްދުއްރަޙްމާން ޙަސަންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށްލަން ތިޔަ ހޭދަކުރެއްވި ވަގުތުކޮޅަށް ޝުކުރު ދަންނަވާހިތްވެސް އޮތީ ޅެންވެރިޔާގެ ރީތި ބައިތަކުންނެވެ.








