ހުޅުމާލެ ގޮނޑުދޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށް ތަރައްގީ ކުރަން ނިންމާފައިވާ ޕޫލް ކްލަބް (ޕަބްލިކް ސީ ޕޮއިންޓް ޕޫލް) އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ހުޅުމާލެ ރުއްގަނޑު ދޭއްގައި އަޅާ އެ ޕޫލް ޕްރޮޖެކްޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖުމްލަ 6،027.78 އަކަ ފޫޓެވެ. އެ ޕޫލުގެ ދިގުމިނުގައި 40 މީޓަރު އަދި ފުޅާ މިނުގައި 14 މީޓަރު ހުރެ އެވެ. އެއީ 8.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އެޗްޑީސީން ބުނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަަމަށެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހެ އެވެ.
ކުއްޔަށް ދޫކުރާ މުއްދަތުގައި ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ އެ ޕްރޮޖެކްޓް ޑިޒައިން ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި މެނޭޖްމެންޓް އެންޑް އެޑްމިނިސްޓަރޭޝަން މަސައްކަތެވެ.
ޕޫލް އަޅާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި އެ ތަނުގައި ފެންވަރަން ހާއްސަ ތަނެއް ހެދުމާއި ގޮނޑުދޮށުގައި ތަޅުލެވޭނެހެން ހުންނަ ކަބަޑު ބެހެއްޓުމަކީ ކުއްޔަށް ނަގާ ފަރާތުގެ ޒިންމާއެއް ކަމަށް އެޗްޑީސީން ބުނެ އެވެ.


ހުޅުމާލޭގައި ތަރައްގީ ކުރާ ޕޫލުގެ ކުރެހުމެއް--
މިއީ، ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ ޕޫލެވެ. ސީ ޕޮއިންޓް ޕޫލަކީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ ތަނެކެވެ.
އެތަނުގައި ތެރަޕީ ބޭނުންވާ ކުދިންނަށް ހާއްސަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އަލަށް ފަތަން ދަސްކުރާ ކުދިންނަށް ވެސް ފަސޭހަވާނެހެން އެ ތަނުން ހިދުމަތްތައް ލިބޭނެ އެވެ. އެ ޕޫލް އެޅުމަށް ނިންމާފައި ވަނީ ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދުގަ އެވެ.

ހުޅުމާލެގައި އަޅާ ޕޫލުް އިންނާނެ ސަރަހައްދު ފާހަގަކޮށްފައި--
ހުޅުމާލޭ ގޮނޑުދޮށަކީ ދެވަނަ ފިޔަވައްސާ އެކު 3.23 ކިލޯ މީޓަރެވެ. އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ގޮނޑުދޮށެވެ. ގޮނޑުދޮށް ތަރައްގީ ކުރުމުގެ ޕްލޭން އެޗްޑީސީން ހެދީ އެ ސަރަހައްދު ބޭނުން ކުރާ މީހުން ހިމަނައިގެން ހެދި ދިރާސާއަކަށް ފަހުގަ އެވެ.
އެޗްޑީސީގެ މާސްޓާ ޕްލޭންގައި ވާގޮތުން އެ ސަރަހައްދު ތަރައްގީ ކުރާއިރު 4.5 ކިލޯ މީޓަރުގެ ދުވާ ޓްރެކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެޓްރެކް ހަދަނީ މޫދާ އެހާ ދުރުނޫން ހިސާބެއްގަ އެވެ. އެ ޓްރެކް ހަދަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި ކުޑަކުދިން ގޮވައިގެން ސްޓޯލާ ވެސް ދުއްވޭ ގޮތަށެވެ.
ބީޗް ތަރައްގީ ކުރަން ނިންމާފައިވަނީ ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭ ގޮނޑުދޮށް ކުރިން ކެފޭތަކުން ދިޔައީ ބޭނުން ކުރަމުންނެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެޗްޑީސީން ވަނީ ގޮނޑުދޮށުގައި ކެފޭ ހިންގުން މަނާކޮށް އާއްމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލައިފަ އެވެ.












