އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މާދަމާ ފައިޒާ ވެކްސިން ދޭން ފަށަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ޖަހާނީ އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކުރި ފައިޒާ ވެކްސިނެވެ. އެ ގައުމުން ހަދިޔާކުރި 128،700 ޑޯޒު ލިބުނީ މިދިޔަ ބުދަ ދުވަހު އެވެ.
ފައިޒާ އަކީ މިހާތަނަށް ޑަބްލިޔުއެޗްއޯއިން ކުއްލި ބޭނުމަށް ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން، ކުޑަކުދިންނަށް ރައްކާތެރި ހަމައެކަނި ވެކްސިނެވެ.
ފައިޒާ ވެކްސިން ޖަހަން ނިންމާފައިވަނީ ކުޑަކުދިންގެ އިތުރުން މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ކިޔަވަންދާ ގައުމުގައި ހަމައެކަނި ފައިޒާ ގަބޫލުކުރާ ގައުމުތަކަށް ދާ ދަރިވަރުންނަށެވެ.
މާބަނޑު މީހުންގެ ތެރެއިން ފައިޒާ ޖަހަނީ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ކޮވިޑް ޝިލްޑް ޖެހި މީހުންގެ ތެރެއިން ފައިޒާ ޖަހަން ބޭނުންވާ މީހުންނަށެވެ.

ކޮވިޑްޝީލްޑް ނުވަތަ ސައިނޯފާމްގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވި މީހުންނަށް ވެސް ފައިޒާ ޖެހުމަށް ވަނީ ނިންމަައިފަ އެވެ.
ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ގޮތުގައި ބަލަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭހެއް ކާ މީހުންނެވެ. ގަވައިދުން ޑައިލަސިސް ހަދާ މީހުންނާައި ކެންސަރަށް ފަރުވާ ހޯދާ މީހުން ވެސް ބަލަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރެއިންނެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި މިދިޔަ އަހަރު ގްރޭޑް 10 ނިންމި ކުދިންނަށް ވެކްސިން ދޭން ނިންމާފައިވަނީ އެ ކުއްޖަކު ކިޔަވާ ސްކޫލަކުންނެވެ.
އެހެން މީހުންނަށް ފައިޒާ ޖަހައިދެނީ އިސްލާމިކް މަރުކަޒާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ވިލިމާލޭ ޔޫތު ސެންޓަރުންނެވެ.
އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމަން ވަނީ އަމާޒު ހިފާފަ އެވެ. ދުވާލަކު 5،000 މީހުންނަށް ވެކްސިން ޖެހޭ ވަރުގެ ގާބިލްކަން ހުއްޓަސް ސެންޓަރުތަކަށް މީހުންދާލެއް މަދުވުމުން ސަރުކާރަށް މަޖުބޫރުވީ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއްކޮށްގެން ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެކްސިން އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދާށެވެ.
އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައިވާ ނަމަ ދޭނެ ލުއިތައް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި ނަމަ ޕީސީއާރު ނެތި ދަތުރުކުރެވޭނެ އެވެ.
އެކަމަކު ވެކްސިން ނުޖަހާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގެ އިތުރަށް ރިލީޒް ސާމްޕަލަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ.













