ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފުރުސަތު ހުޅުވާލާފައިވާ މުއްދަތުގައި ބައެއް މީހުން މިހާތަނަށް ވެސް ފޯމު ހުށަނާޅަފައި އެބަތިބި ކަމަށާއި ވަކި އެއްޗެއް ނާންގައި ސޮއިކުރަން ނުދާ މީހުންނަށް އަންނަ މަހުގެ ފަހުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރަމުން އަންނަނީ ކޮންމެ ޓަވަރަކަށް ވަކި ދުވަހެއް ކަނޑައަޅައިގެންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރަން ވަގުތު ކަނޑައަޅާފައިވަނީ ކޮންމެ ބައިގަޑިއިރަކުން 15 މީހުންނަށް ސޮއިކުރެވޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ސޮއިކުރަން ކަނޑައަޅާފައިވާ މީހުންނާއި އެ މީހުން ދާންޖެހޭ ވަގުތު ކުރިން އިއުލާންކުރެ އެވެ.
އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވީ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އެގްރިމެންޓުގައި ސޮއި ނުކޮށް ގާތްގަނޑަކަށް 300 މީހުން އަދި އެބަތިބި ކަމަށެވެ. އެޗްޑީސީން ލަފާކުރަނީ މިހާރު ކުރިއަށްދާ ކެޓގަރީން ލިބުނު މީހުން ސޮއިކޮށް މި މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މި ފަހަރު ސޮއިކުރަން ނުދާ ފަރާތްތަކަށް ދެވަނަ ބުރުގައި ލިބޭ ފުރުސަތުގައި ސޮއިކުރަން އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި ސަބަބު ނޭންގުމާއި މީހުންނަށް އަންނަ މަހުގެ ފަހުން އިތުރު މުއްދަތެއް ނުދެވޭނެ ކަމަށް ވެސް ސުލެއިލް ވިދާޅުވި އެވެ.
"ވަކި ސަބަބަކާ ހުރެ ސޮއިނުކުރާ ފަރާތްތަކަށް އަންނަ މަހު އެކެއްގެ ފަހުން ދޭނީ ހަތަރު މަސް. ސަބަބެއް ނެތި ސޮއިނުކޮށް ހުރި ފަރާތްތަކަށް ސެޕްޓެމްބަރު އެކެއްގެ ފަހުން އިތުރު މުއްދަތެއް ނުދޭނެ،" ކަމަށް ސުހެއިލް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގައި އެކި ކެޓަގަރީތަކުން 6،720 ފްލެޓް ދީފައިވެ އެވެ. ހަވާލުނުކޮށް ދިގުލައިގެން ގޮސްފައިވާ މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މި މިދިޔަ މަހުގެ 14ގަ އެވެ. ސޮއި ކުރުމުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ މެދުކަނޑާލުމަށް ފަހު އަލުން ފަށާފައި ވަނީ މި މަހު ހަތެއްގަ އެވެ.













