ހުޅުމާލެ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށް ޕަބްލިކް ސީ ޕޮއިންޓް ޕޫލެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
މިއީ ރާއްޖޭގައި އަޅާ މިފަދަ ފުރަތަމަ ޕޫލެވެ. ސީ ޕޮއިންޓް ޕޫލަކީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ ތަނެކެވެ.
އެތަނުގައި ތެރަޕީ ބޭނުންވާ ކުދިންނަށް ހާއްސަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އަލަށް ފަތަން ދަސްކުރާ ކުދިންނަށް ވެސް ފަސޭހަ ވާނެހެން އެ ތަނުން ހިދުމަތްތައް ލިބޭނެ އެވެ.
އެޗްޑީސީން ބުނީ ޕޫލް އެޅުމަށް ނިންމާފައި ވަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކަމަށެވެ.

މި ޕޫލް ތަރައްގީކުރުމާ ގުޅޭ ގޮތުން އެޗްޑީސީން ވަނީ ކްލަބްހައުސް މެދުވެރިކޮށް ހުޅުމާލެ ރައްޔިތުންގެ ހިޔާލު ހޯދައިފަ އެވެ.
އެޗްޑީސީގެ މާސްޓަޕްލޭންގައި ވާގޮތުން އެ ސަރަހައްދު ތަރައްގީ ކުރާއިރު 4.5 ކިލޯ މީޓަރުގެ ދުވާ ޓްރެކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ޓްރެކް ހަދަނީ މޫދާ އެހާ ދުރު ނޫން ހިސާބެއްގަ އެވެ. ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި ކުޑަކުދިން ގޮވައިގެން ސްޓޯލާ ވެސް އެ ޓްރެކްގައި ދުއްވޭނެ އެވެ.
ހުޅުމާލެ ބީޗް ތަރައްގީ ކުރަން ނިންމާފައިވަނީ ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ގޮނޑުދޮށް ކުރިން ބޭނުންކުރަމުން އައީ އެ ސަރަހައްދުގައި ހިންގާ ކެފޭތަކުންނެވެ. އެކަމަކު މި ސަރުކާރުން ވަނީ ކެފޭ ހިންގުން މަނާކޮށް، އާއްމުންގެ ބޭނުންތަކަށް އެކަނި ގޮނޑުދޮށް ހުޅުވާލައިފަ އެވެ.












