އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
ކުރިން މައްސަލަ ހުށަހަޅަން ހުޅުވާލާފައި އޮތީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 84 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަރުޖަމާނު "އަދަދު" އަށް ވިދާޅުވެފައިވެ އެވެ. އޭގެ ތެރެއިން 19 މައްސަލައެއް ބަލަން ނިންމާފައިވާއިރު، 11 މައްސަލައަކީ މަސައްކަތްކުރުމުގެ ހައްގަށް އަރައިގަނެފައިވާ މައްސަލަތަކެވެ. ބަލަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ ފަސް މައްސަލަ ބަލަން ނިންމާފައިވެ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލައެއް މަދުވެގެން ދެ އަހަރުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހޭނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އޮމްބަޑްސްޕާސަންގެ އޮފީހުގެ ޒިންމާއެކެވެ.
އިންތިގާލީ އިންސާފުގެ ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ އަބްދުއްސަލާމް އާރިފެވެ. އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ލައިޒާއަކީ ވެސް އިންތިގާލީ އޮފީހުގެ އޮމްބަޑްސްޕާސަންއެކެވެ.











