އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (5)

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (5)

ސިންގަޅައިންގެވެރި ވިއްކަރަމަބާހޫ އާއި ދިވެހީންގެ ވެރި ވީރަދެވަޔާއި ދެމެދު ކުރެވުނު ހަނގުރާމައިގެ ވާހަކަ ޚުލާސާ ގޮތެއްގައި ދެންނެވިއްޖެ އެވެ. އެއީ މީލާދުން 1114 ވަނަ އަހަރު ސިލޯނުގެ ބިމުގައި ކުރެވުނު ހަނގުރާމައެކެވެ. އެ ކުރިމަތިލުންތަކުގައި ދިވެހީންގެ ވެރި ވީރަދޭވައަށް ފުރަތަމަކޮޅުގައި ކާމިޔާބު ލިބިވަޑައިގެންނެވި ކަމުގައިވިޔަސް ފަހުން އެރަދުންނަށް ވަނީ އެހަނގުރާމައިން ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ވީރަދޭވަ ރަދުން ސިންގަޅައިންގެ ވިއްކަރަމަބާހޫގެ އަތްޕުޅު ދަށުގައި ގަތުލުވެވަޑައިގެންނެވީ އެވެ. މި ހަނގުރާމައިގެ ވާހަކަ ސިލޯނާއި އިންޑިޔާގެ ތަފާތު ފޮތްފޮތުގައި އެކި މަގުމަގުން ރިވާވެ ބަޔާންވެގެންވެސްވެ އެވެ.

titledesc

މި ބަސްތަކުގެ ޖުމުލަ ތަރުޖަމާއީ

"......މާތްވެގެންވާ ރަދުން ފުރައުއްތަވީ ފަހުން އަނެއްކާ ވެސް އެހެން ޙަމަލާއެއް ކުރިމަތިވި އެވެ. މިފަހަރުގެ ޙަމަލާކުރިމަތިވީ އާރުޔަނުންގެ ދައުލަތަށް އުފަން ޕަޅަންދީޕުގެ ވެރި ވީރަދޭވިގެ ފަރާތްޕުޅުންނެވެ. އޭނާގެ ހިތްޕުޅުގައި ވަނީ މުޅި ލަންކާ އޭނާގެ އަމިއްލަފުޅު މިލްކަކަށް ހެއްދެވުމެވެ. މިނާ ( ޕަޅަންދީޕުގެ ވެރި ވީރަދޭވަ) އާއި ކުރިމަތިލައްވާ ހަނގުރާމަކުޅައުމަށް މަތިވެރި ވިޖާޔަ ބާހޫ ރަސްގެފާނުގެ ދަރިކަލުން ސިންގަޅައިންގެ ޢިއްޒަތްތެރި ރަސްގެފާނު ވިއްކަރަމަބާހޫ އަވަސްވެވަޑައިގަތެވެ. އެހެނަސް އެރަސްގެފާނަށް އެ ހަނގުރާމައިގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެވެ. އެހެނަސް އިސާހިތަކު އަލުން ގަދަކަން ހޯއްދަވާ، އަދާވާތްތެރިންގެ ލަޝްކަރު ބަލިކުރައްވާ، ގައުމަށްވެރިވީ ފަރާތް ގަތުލުކުރެއްވި އެވެ....."

މި ހަނގުރާމައިގެ ވާހަކަ ސިލޯނުގެ މަޝްހޫރު މަހަވަންސާގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ.

titledesc

މި ބަސްތަކުގެ ޖުމްލަ ތަރުޖަމާއީ

" ޕަޅަންދީޕުގެ ވެރި ވީރަދޭވައޭ ކިޔުނު ހިތްވަރާއި ބުންވަރު ހުރި ބޭކަލަކު، ގަދަފަދަވެގެންވާ ލަޝްކަރަކައިގެން މަހާޓިއްތަޔަށް ބަނދަރުކުޅަ އެވެ. އެބޭކަލަކީ އާރިޔަނުންގެ ޤައުމަށް އުފަން ބޭކަލެއްވެސްމެ އެވެ. އޭނާގެ ގަސްތެއްކަމަށްވެފައި ވަނީ މުޅި ލަންކާ އެކީ މިލްކުކުރެއްވުމެވެ. މި ބޭކަލަކު އޭނާގެ ގަދަފަދަވެގެންވާ ލަޝްކަރައިގެން ފައިބައިވަޑައިގެންނެވި ޚަބަރު، ސިލޯނުގެ ރަސްގެފާނު ވިއްކަމަބާހޫގެ ކަންފަތްޕުޅުގައި ޖެހުމާއެކު، އެރަސްގެފާނު ހިއްޕުޅަށް އަރާވަޑައިގަތެވެ. "ޢަދާވާތްތެރިންނަށް މުޅި ލަންކާގައި އެއްވެސް ޖާގައެއް ނެތިއްޖެއުމަށް ދާންދެން މުޅި ޝަހަރުގެ ހުރިހާކަމެއް މުލުން ލުހިފައި އޮތަ ދޭށެވެ." ދެން އިސާހިތަކު ކަލްޔާނިއޭ ކިޔުނު ޝަހަރުން ފުރާވަޑައިގެން މަންނާރޭ ކިޔުނު ސަރަޙައްދަށް ލަޝްކަރައިގެން ވަޑައިގެންނެވޫ އެވެ.

އެތަނުގައި ވިއްކަމަބާހޫ ރަސްގެފާނުން ވީރަދޭވަގެ ލަޝްކަރާ ބައްދަލުކުރައްވާ ގަދަ ހަނގުރާމަ ކުރެއްވި އެވެ. މި ހަނގުރާމައިގައި އަނިކަންގަޔާ (ބެލެވޭ ގޮތުގައި ޕޮއްލޮނުރްވައިގެ ޝާހީ ބޭފުޅެއް) ދެ އަޚުންނާއި، ރަސްގެފާނުގެ ފިރިހެން ދަރީންނާއި، ސިންގަޅަ ލަޝްކަރުގެ ކޮމާންޑަރު ކިންޓިޔާއި، އަދި މި ނޫނަސް ސިންގަޅައިންގެ އެތައް ފަހުލަވާނުންނެއް ގަތުލުވެގެން ދިޔަ އެވެ. މީގެ އިތުރުން ސިންގަޅަ ލަޝްކަރުގެ ކޮމާންޑަރެއްކަމުގައިވާ ރައްކަކަ އޭ ކިޔުނު ބޭކަލަކު ވެސް އަސީރެއްގެ ގޮތުގައި ވީރަދޭވަ ހިއްޕެވި އެވެ. އެ ހަނގުރާމައިގައި މުޅި ވިއްކަމަބާހޫގެ ލަޝްކަރު ހާވިޔާކޮށް ބޮޑު ބައްޔަކުން ބަލިކުރައްވާ ފައްސާ ނަގާލި އެވެ.

މިހިނދު ވިއްކަމަބާހޫ ރަސްގެފާނު ބިރުފުޅުން މައިދާން ދޫކުރައްވާ އަވަސްއަވަހަށް ފިއްލަވައިގެން އޭނާގެ އަމިއްލަފުޅު ޝަހަރަށް ވަޑައިގެން، އަތުޖެހުނު ޚަޒާނާއެއް ހިއްޕަވާ ސީދާ ގައުމުގެ މެދުގައިވާ ކޯއްޓޭއަކަށް ވެދެވަޑައިގެން އެތަނުން ހިމާޔަތް ހޯއްދެވި އެވެ. އެ ކޯއްޓޭއަކީ ކާބޯތަކެތި ރައްކާކުރާ ބަނޑަހަގެތައް ހުރި ތަނެއްވެސްމެ އެވެ. ވީރަދޭވަވެސް އެ ރަސްގެފާނު ފަހާ ދިޔުމަށްފަހު އެނބުރި ޝަހަރަށް ވަޑައިގެން ކުޑަދުވަސްކޮޅެއް ވާންދެން އެތަނުގައި ހުންނެވުމަށްފަހު، އަނެއްކާވެސް އެރަސްގެފާނު ހިއްޕެވުމަށް ގަސްތުކުރައްވާ އެދިމާއަށް މައްޗަށް ދަތުރުފުޅު ކުރެއްވި އެވެ.

ވީރަދޭވަ އޭނާގެ ލަޝްކަރައިގެން އަންނަކަމުގެ ޚަބަރު އިވުމާއެކު، ވިއްކަމަބާހޫ އެންމެ ފުރަތަމަ ފޮނުއްވީ އެރަދުންނަށް ހިމާޔަތުގެ މެހެމާނުދާރީ އަދާކޮށްގެން ތިއްބެވި ހިއްވަރުގަދަ ފަހުލަވާނުންތަކެވެ. ދެފަރާތުންމެ ގަދަ ހަނގުރާމަ ކުރައްވާ އެންމެ ފަހުން އަންތަރަވިއްތިކައޭ ކިޔުނު އަވަށްގަނޑުގައިވާ ކޯއްޓޭއެއްގައިވާ ޗަކަ ބިމެއްގައި ވިއްކަމަބާހޫގެ ފަހުލަވާނުން ވީރަދޭވަ ގަތުލުކުޅަ އެވެ. އަދި ހަމައެޔާއެކު އޭނާގެ ރައްޔިތުންގެ ސާހިބާއަށް ވިއްކަމަބާހޫ ވެވަޑައިގެންނެވި އެވެ. އެޔަށްފަހު ޕުލައްތިއޭ ކިޔުނު ޝަހަރުގައި ގާއިމުވެ ހުންނަވާ ރަސްގެފާނުގެ ދައުލަތުގެ ވެރިކަން ހިންގަވަމުން ގެންދެވި އެވެ..."

އިސްވެ ދަންނަވާލެވުނު ދެ ބަޔާނާތުންވެސް އެ ހަނގުރާމައިގެ ވަރަށް ތަފްސީލީ ޚަބަރުތަކެއް ލިބިލައްވާނެ އެވެ. މި ޚަބަރުތަކުގެ މައްޗަށް ތެދުވެ ހުރެ މަޢުޟޫއައިގެން ކުރިޔަށް ހިނގައިގަތުމުގެ ކުރީގައި ބައެއް ބޭކަލުންގެ ހިތްތަކުގައި ސުވާލެއް އުފެދިފައި އޮވެދާނެކަމަށް ބަލާ އެ ސުވާލަށް ޖަވާބެއް އަރުވާފައި ނޫނީ، މަޢުޟޫއައިގެން ކުރިޔަށް ދިޔުން އިހަށް މަޑުކޮށްލަމެވެ. އެ ސުވާލަކީ އިސްވެދިޔަ ބަޔާނާތުތަކުގައި އެވާ ޕަޅަންދީޕަކީ ރާއްޖެއަށް ވެދާނެތޯއުފެދޭ ސުވާލެވެ. އެކި ޒަމާންތަކުގައި ދިވެހިރާއްޖެޔަށް ނިސްބަތްކޮށް ބޭރު ގައުމު ގައުމުތަކުގެ ބޭކަލުން މުޚާޠަބުކޮށްފައިވާ ނަންތަކާއި މެދުގައި ވަރަށް ގިނަ ވާހަކަ ދެއްކިދާނެއެވެ. އެހެން ނަމަވެސް އެފަދަ ވާހަކަތައް ދިގުކުޅައުމުން އެއްކިބާވަމެވެ.

އާދެ! ދިވެހި ދައުލަތަށް ދިވެހީން ދީފައިވާ ނަން ނިސްބަތްވަނީ ދިވެހި ނަސްލަށެވެ. އެއީ "ދިވެހި ރާއްޖެ" އެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ Maldivian kingdom އެވެ. އާދެ ދިވެހީންގެ ރަސްކަމެވެ. ބޭރުގެ އެކި ލިޔުންތަކުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށްގެން ތަފާތު އެކި ނަންނަމުން މުޚާތަބުކޮށްފައި ހުއްޓަތީ ފެނެ އެވެ. މިސާލަކަށް ސިލޯނުގެ ބޯދާ ބައެއް ލިޔުންތަކުގައި ރާއްޖެޔަށް ނިސްބަތްކޮށްފައިވާ ނަމަކީ މަހިލަދީޕަ އެވެ. ޢަރަބީންގެ އެކި ލިޔުންތަކުގައި މަޙަލްދީބު، މަޙަލް، އަދި ދީބު ފަދަ ނަންނަން ރާއްޖެޔަށް ނިސްބަތްކޮށް ލިޔެފައި ހުރެ އެވެ. ސީނުކަރައިގެ މީހުން ވެސް އެމީހުންގެ ބަހުން އެކި ނަންނަން ދީފައިވާތީ ފެނެ އެވެ. މިފަދަ ކިތަންމެ ނަމެކެވެ. މި އުސޫލުން ދެކުނު އިންޑިޔާގެ ސަރަޙައްދުތަކުގައި މީހުން ދިވެހިރާއްޖެއަށް ނިސްބަތްކުރަނީ ޕަޅަންދީޕުގެ ނަމުންނެވެ. ވަކިން ޚާއްސަކޮށް ތަމަޅައިންގެ މީހުން ދިވެހިރާއްޖެޔަށް މުޚާތަބު ކުރާ ނަމަކީވެސް އެއީ އެވެ. "މުއްނީރު ޕަޅަންތީވް ޕަންނީރު އާޔިރަމް" އޭ ބުނެ ރާއްޖެޔަށް ނިސްބަތްކޮށް ތަމަޅައިންގެ މުސްކުޅި ޗޯޅާ ދައުލަތުގެ ލިޔުންތަކުގައިވެ އެވެ.

މީގެ އިތުރުން ޕޯޗުގީޒުންގެ މަޝްހޫރު ލިޔުންތެރިޔާ ޑުއާޓޭ ބަރްބަރޯސާގެ ލިޔުއްވުންތަކުން ވެސް ޕަޅަންދީޕަކީ ދިވެހިރާއްޖެކަން ޔަގީންކުރެވެ އެވެ. އާދެ ބަރުބަރޯސާ ލިޔުއްވާފައިވަނީ

titledesc

ޑުއާޓޭ ބަރުބަރޯސާގެ މި ލިޔުއްވުމުން ދިވެހިރާއްޖެއަކީ ޕަޅަންދީޕުކަމާމެދު ޝައްކެއްނެތް މިންވަރަށް ޔަގީންކުރެވެ އެވެ. ހަމަ އެހެންމެ "ޕަޅަންދީޕު" މި ނަމަކީ ވަރަށް ބޯދާ ޒަމާނުއްސުރެ ދިވެހިރާއްޖެޔަށް ނިސްބަތްކުރެވެމުން އައިސްފައިވާ ނަމެއްކަން ވެސް ތާރީޚުގެ ފަތްފުއްތަކުން އެބަ ސާބިތުކޮށްދެ އެވެ. ފަހަރުގައި މިނަމަކީ ބޯދާ ޒަމާނުގައި ޚުދު ދިވެހީން ވެސް އަމިއްލައަށް ބޭނުންކުރަމުން އައިސްފައިވާ ނަމަކަށް ވުމަކީ ވަރަށް އެކަށޭނެކަމެކެވެ. މިހިސާބަށް މިވާހަކަށް ކުރުކޮށްފައި އަސްލު މަޢުޟޫއައިގެން ކުރިޔަށްދަމާތޯ އެވެ. އަޅުގަނޑުމެންގެ މަލެއްފަދަކޮއި...ކޮއިމަލާއަށެވެ.

ދިވެހިންނާ ސިންގަޅައިންނާ ދެމެދު ކުރެވުނު ހަނގުރާމައަށްފަހު އޭގެ ފަސްވަރަކަށް ނުވަތަ ހަވަރަކަށް އަހަރުގެ ފަހުން މިރާއްޖޭގެ ސިންގާ ތަޚުތުގައި އިންނެވީ އަޅުގަނޑުމެންގެ ކޮއިމަލާކަލޯ އެވެ. އާދެ ސްވަސްތީ ސްރީ މާނާބާރުނައިގެ ނަންފުޅުގަ އެވެ. މިއީ ވީރަދޭވަ އެކުރެއްވި ހަނގުރާމައިން މުޅިން ބަލިވެ އިންދިރާސްވެފައި އޮތް ދައުލަތެއް އަލުން ރުކުރުވާލުމުގެ މައްޗަށް ބަލާއިރު ނިސްބަތުން ކުރު މުއްދަތެކެވެ.

ތެދުފުޅެކެވެ! މަންޠިގީ ބިންގަލެއްގެ މަތީގައި ސިކުނޑީގައި ކިތަންމެ ޚިޔާލެއްވެސް ކުރަހާލެވިދާނެ އެވެ. ވެދާނެ ގޮތްތަކެއްގެ މައްޗަށެވެ. ސިލޯނުގައި އެ ހިނގި ގަދަ ކުރިމަތިލުމުގައި ގައުމުގެ ކިތަންމެ ބޮޑުންނެއް ފަނާވެ ދާނެ އެވެ. ޚުދު ޝާހީ އާއިލާގެ ކިތަންމެ ބޭފުޅުންތަކެއް ވެސް ފަނާވެ ދާނެތެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ ތެރޭގައި ގުޖަޑުތައް އުފަންވެ ވެރިކަމާއި ދަޢުވާކުރާ ފަރާތްތައް ގިނަވުމަކީ ވެސް ނުވެނުދާނޭކަމެއްނޫނެވެ. މި ހުރިހާ ކަމަކާއި އެކު ދާޚިލީ ބޮޑު ތަޅާފޮޅުމަކަށް ދައުލަތް ވެއްޓޭނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. ހަމަ އެހެންމެ 1114 ވަނަ އަހަރު މި ކުރި ހަނގުރާމައިން މުޅި ދިވެހި ލަޝްކަރު ބަލިވެ، ރަސްގެފާނު ގަތުލުވެ، ދިޔުމުން ރާއްޖެ ޒާތެއްގެ އަޅުވެތިކަމެއްގެ ތެރެޔަށް ގޮސްފައިވާނޭކަމަށް ދުށުމަކީ މަންޠިގު އިންކާރު ކުރާނެކަމެއް ނޫނެވެ. މިހުރިހާ ކަމެއްގެ ސަބަބުން އިންދިރާސްވެފައި އޮތް ދައުލަތް، އަލުން އާރާސްތުކުރައްވާ ލަޝްކަރެއް ރުކުރުވާލައްވާ ގައުމު ދިފާޢުކުރެއްވި ފަރާތެއް ވާނީ ބޮޑު ޔަގީނުން ވެސް ބޮޑު ބަޠަލަކަށެވެ. އެ ބަޠަލަކީ ޝްރީމަތީ ސަނދަ މާވާކިލަގެ ދަރިކަލުން ތީމުގޭ ކޮއިމަލާ ނޫންބާވަ އެވެ؟ މި ނުކުތާއަށް ވިސްނާލެއްވުމުގެ ގޮތުން އުތީމު ޣާޒީ ރަދުންގެ މައްޗަށް ވިސްނަވާލައްވާށެވެ. ކޮންމެ ދިވެއްސެއް އެނަމާއި އެ ވާހަކަ ދަނެ އެވެ. އާދެ އުތީމު ޣާޒީ ރަދުންގެ ހާދިސާ، "ބޮޑު ތަކުރުފާނު" ވާހަކައަށްވެ އެގޮތުގައި ކެލައައްޑޫ ދެމެދުގައި ކިޔަމުން އަންނަ އައުމާ ދިވެހީންގެ މަލެއްފަދަ ކޮއި...އާދެ ކޮއިމަލާ ވާހަކައަށްވެ ކިޔަމުން މިއަންނަ އައުމާމެދު ވިސްނަވާށެވެ. އެއީ ގައުމީ ދަރަޖައިގައިވާ ދެ ފޯކުލޯރު ވާހަކަ ނޫންތޯ އެވެ. ވީމާ ވީރަދޭވިގެ ހަނގުރާމަޔާ އޭގެ ފަސްހަ އަހަރުފަހުން އުފެދުނު ކޮއިމަލާގެ ޝަޚުސިއްޔަތު ގުޅައިދެނީ އިސްވެ ދެންނެވި ކަންކަމުގެ މައްޗަށް ނޫންބާވަ އެވެ؟

ދޫކޮށްލެވުނު މި ސުވާލުތަކަށް ސިކުނޑީގައި ޖަވާބެއް ކުރަހާލުމުގެ ކުރީން މައްޗަށް ކޮއިމަލާއަކީ ކޮބައިތޯ ވެސް ވިސްނާލަންޖެހިދެ އެވެ. ކޮއިމަލުންގެ ވާހަކަ ދެއްކެން އަންނަނީ ބޯދާ ޒަމާނުގައި މި ސަރަޙައްދުގައި އޮތް ހައިރާކީ ނިޒާމުގެ މައްޗަށް ވެސް އަލިއަޅުވައިގެންނެވެ. އެއީ އުތުރުކަރައިގެ ޙަޟާރަތުގެ ތެރޭގައި އޮތް ކާސްޓު ނިޒާމެވެ. މި ކާސްޓު ނިޒާމުގެ ނުފޫޒު ދިވެހިރާއްޖޭގެ އެއްވެސް ޒަމާނެއްގައި އޮތްތޯ ނުވަތަ ނޫންތޯ ތާރީޚުގެ ތެރެއިން ކުރެވެމުން މިއަންނަ ސުވާލަށް އެންމެ ބޮޑު ޖަވާބެއް އަރުވަނީ ވެސް ހަމަ އަޅުގަނޑުމެންގެ މަލެއްފަދަ ކޮއި....އާދެ "ކޮއިމަލާ" ކަލޯ އެވެ. ތިލަކޮށް ދަންނަވަނީނަމަ ދެންނެވޭނީ މި ނަމަކީ އަހުމަދު، އަލީ، ދޮންތުއްތު، އަދި ކަޅުތުއްތު ފަދަ ނަންނަން ދީ އުޅޭ ޒާތަށް އެ ޒަމާނުގައި ދީ އުޅުނު ނަމެއް ނޫންކަމެވެ. " ކޮއިމަލާ" މިއީ ވަކި ގިންތިއެއްގެ ވަކި ދަރަޖައެއްގެ މީހެއްކަން ބުނެ އަންގައިދިނުމުގެ ގޮތުން ދީއުޅުނު ޚާއްސަ ނަމެކެވެ.

ގިނަ ތާރީޚު ޢިލްމުވެރީންގެ ލިޔުއްވުންތަކުގައިވާ ގޮތުންނަމަ ދެކުނު އިންޑިޔާ އާއި އެ ސަރަޙައްދާއި ގުޅުން ހުރި އެހެނިހެން ހިސާބުތަކަކީ އިންސާނުން ގިންތިކޮށް ފަންތިކުރުމުގެ ކާސްޓު ނިޒާމު އޮތް ސަރަހައްދުތަކެއް ނޫނެވެ. މި ނިޒާމު މި ސަރަޙައްދަށް ތައާރަފުވެގެން އައިސްފައިވަނީ މީލާދުގެ ހަތަރު ވަރަކަށް ޤަރުނުގެ ކުރީން ހިޖުރަކުރި ބެރުހަމުނައިންގެ ފުށުންނެވެ. ދެކުނު އިންޑިޔާގެ ބެރުހަމުނައިންނަށް މިކިޔެނީ ނަމްބޫތިރި ބެރުހަމުނައިންނެވެ. މި ބެރުހަމުނައިންގެ ދަޢުވާގައި އެމީހުންނީ އާރިޔަން ނަސްލުގެ މީހުންނެވެ. އެނޫން ނަސްލުތަކުގެ މީހުންނީ އެމީހުންނަށްވުރެ ދެރަ ފަންތީގެ ބަޔެއްކަމުގައި ވެސް ދެކެއުޅެތެވެ. މި ކާސްޓު ނިޒާމުގެ މައްޗަށް ބަލާނަމަ ފާހަގަ ކުރެވޭ އެންމެ މުހިންމު އެއްކަމަކީ ތަމަޅަ މަޅިޔާލަމް ސަރަޙައްދުގެ ކާސްޓު ނިޒާމާ، އިންޑިޔާ ބައްރުގެ އެހެން ސަރަހައްދުތަކުގައިވާ ނިޒާމާ ދެމެދު ވަރަށް ބޮޑެތި ފަރަގުތައްވާކަމެވެ.

އާއްމު ކާސްޓު ނިޒާމުގެ ތެރެއިން އެންމެ މަތީ ދަރަޖައިގައި ހިމެނެނީ ބެރުހަމުނައިންގެ މީހުނެވެ. އެއީ އެންމެ މަތީ ވަރުނަ އެވެ. އެޔަށްފަހު ޝަތުރިޔަ ވަރުނައިގެ މީހުންނެވެ. މިބައިމީހުންނަކީ ކޮބައިކަމާއި އެ ވަރުނަޔަށް ދިވެހި ބަހުން ކިޔައި އުޅެނީ ކައްތިރިން ކަމުގައި މި ލިޔުމުގެ ހަތަރުވަނަ ބައިގައި ވާނީ ތަފްސީލީ ގޮތެއްގައި ދެންނެވިފަ އެވެ. މިއީ ދެވަނަ ދަރަޖައިގެ ވަރުނަ އެވެ. މިޔަށްފަހު ދެން އޮންނާނީ ވައިޝަ ދަރަޖަ އެވެ. އެއީ ވިޔަފާރި ވެރިންނާ އެކި ފަންނުތަކުގެ ފަންނުވެރީންނާ އާލިމުންގެ ދަރަޖަ އެވެ. އާދެ ތިންވަނަ ވަރުނަ އެވެ. އެންމެ ދަށަށް ހަތަރު ވަނަ ވަރުނައެއްގެ ގޮތުގައި އޮންނާނީ ސުދުރާ ދަރަޖަ އެވެ.

އެހެން ނަމަވެސް އިސްވެ ދަންނަވާލެވިފައިވާނޭ ފަދައިން މަލާބާރު ސަރަޙައްދުގައި އޮތް ކާސްޓު ނިޒާމަކީ މި ދެންނެވި އާއްމު ކާސްޓު ނިޒާމާ މުޅިން ތަފާތު ނިޒާމެކެވެ. އެ ނިޒާމުގައިވެސް އެންމެ މަތީ ދަރަޖައަކީ ބެރުހަމުނައިންގެ ގިންތި އެވެ. އެއީ ނަމްބޫތިރި ބެރުހަމުނައިންނެވެ. އާއްމު ނިޒާމާ ޚިލާފަށް ދެން އޮންނަނީ ސުދްރާ ދަރަޖަ އެވެ. މި ދަރަޖައިގެ ހުރިހާ ފަންތިއެއް އެއްކޮށް ނާޔަރުންނޭ ވެސް ކިޔައި އުޅެ އެވެ. މި ދަރަޖަ ވަނީ އެކި ގިންތިތަކާއި ފަންތިތަކަކަށް ބެހެވިފަ އެވެ. އާއްމު ކާސްޓު ނިޒާމުގައި ރަސްރަސްކަލުންނާއި ހަނގުރާމަވެރިން ހިމެނިގެންވާ ޝަތުރިޔަ ވަރުނައިގެ ބަޔާއި ވައިޝަ ވަރުނައިގެ ބައި ވެސް ވަނީ މި ނާޔަރުންގެ އެކި ގިންތިތަކުގެ ތެރެޔަށް ވައްދާ އެއްކުރެވިފަ އެވެ. ނޭޓިވް ލައިފް އޮފް ޓްރެވެންކޯ އޭ ކިޔުނު ފޮތުގައި ޖީ ކެރެލަ ވަރަންމަންގެ ގައުލެއް ބަޔާން ކުރައްވާފައިވެ އެވެ. އޭނާ ބަޔާންކުރައްވާ ގޮތުންނަމަ އެކު ޖުމުލަ 72 ދަރަޖައެއްގެ ކާސްޓު މަލާބާރު ސަރަޙައްދުގައި ހިމެނިގެންވެ އެވެ. ހަމަ އެފޮތުގައި ބަޔާންވެގެންވާ ގޮތުންނަމަ ސުދުރާ ނާޔަރުންގެ ފަންތި 18 ދަރަޖަޔަކަށް ބެހެ އެވެ. އޭގެ ތެރޭގައި ކިރިޔައްތިލް ނާޔަރު، އިއްލަކާރު، ސްވަރޫޕަކާރު، ޕާޑަމަންގަޅަމް، ޕާޑަކަރް، އަދި އިޑަޗޭރި ނާޔަރު، ފަދަ އެތައް ދަރަޖައެއް ހިމެނެ އެވެ.

އާދޭހެވެ! އަޅުގަނޑުމެންގެ ކޮއިމަލާ ދެއްތޯ އެވެ. ކޮއިމަލުންނޭ ކިޔަނީ ނާޔަރުންގެ 18 ގިންތީގެ ތެރެއިން އެންމެ މަތީ ދަރަޖައިގައި ހިމެނޭ ކިރިޔައްތިލް ނާޔަރުންގެ ފަންތީގައި ހިމެނޭ މީހުންނަށެވެ. ކިރިއްޔަތިލް ނާޔަރުންގެ ފަންތިއަކީ މަލާބާރުކަރައިގައި ރަސްރަސްކަލުންނާއި، އަމީރުންނާއި، އަދި ހަނގުރާމައިގެ އިސް ކޮމާންޑަރުން ފަދަ ބޭބޭފުޅުންގެ ދަރަޖަ އެވެ. އާދެ އިސްވެ ދެންނެވިފައިވާ ޝަތުރިޔަ ވަރުނައިގެ ދަރަޖަޔަށް މަލާބާރުކަރައިގައި ގެންދެވޭ ފަންތިއަކީ ވެސް މިއީ އެވެ. ދެން ސިކުނޑީގެ ހުންގާނު އަޅުގަނޑުމެންގެ މަލެއްފަދަ ކޮއި...ތީމުގޭ ކޮއިމަލާއަށް އަނބުރާލަމާތޯ އެވެ. އެއީ ކޮއިމަލާއެއްކަމުން ދަލާލުކޮށް ބުނެދެނީ އެބޭފުޅަކީ ކިރިޔައްތިލް ނާޔަރެއްކަމެވެ. އާދޭހެވެ. ހަނގުރާމައިގެ ކޮމާންޑަރެއްކަމެވެ. ހަނގުރައިމައިގެ އުކުޅުތަކުގެ އެދުރެއްކަމެވެ.

އަނެއްކާވެސް މުޅި މި ސިލްސިލާގައި އަޅުގަނޑު ދޫކުރަމުން އަންނަ ސުވާލަށް ރުޖޫޢަވަމާތޯ އެވެ. ވީރަދޭވަ ސިލޯނަށް ވަޑައިގެން އެކުރެއްވި ހަނގުރާމައިން ދިވެހީން ބަލިވެ އަޅުވެތިވެފައި ވަނިކޮށް، އަލުން މުޅި ރާއްޖެޔަށް ބޮޑު ނަސްރަކާއި ކާމިޔާބީއެއް ހޯއްދަވާ ދެއްވި ކޮމާންޑަރަކީ މި ކޮއިމަލާ ނޫންބާވަ އެވެ؟ އާދޭހެވެ! ހޮޅީންގެ އަތްދަށުން މުލީގޭ ދޮން ހަސަންމަނިކު ރާއްޖެ މިނިވަން ކުރައްވާ ސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނަކަށް ވެވަޑައިގެންނެވި ބީދައިން، ޕޯޗުގީޒުންގެ ނުފޫޒުން ރާއްޖެ މިނިވަން ކުރެއްވި އުތީމު މުހައްމަދު ބޮޑު ތަކުރު، ސުލްޠާނުލް ޣާޒީ މުހައްމަދު ބޮޑު ތަކުރަށް ވެވަޑައިގެންނެވި ބީދައިން ތީމުގޭ ކޮއިމަލާ ކަލޯ ވެސް ރާއްޖެ އަޅުވެތިކަމުގެ ނުފޫޒުތަކަކުން ރާއްޖެ މިނިވަން ކުރައްވާ ސްވަސްތީ ސްރީ މާނާބާރުނަ މަހާރަދުންގެ ނަންފުޅުގައި ދިވެހި ޢިއްޒަތްތެރި ސިންގާ ތަޚުތުގައި ވެޑުވުނީ ނޫންބާވަ އެވެ؟ (ނުނިމޭ)

titledesc

Newsletter

Get the latest news delivered straight to your inbox