"ސަންތި މަރިޔަނބު މީއަރާރޭ ބަންދެކޭ މީ ނެތްކަމުންގޭ
މަންމަ ދަރިފުޅު ދެން ނުރޯނދޭ ދަންވަރޭމީ ނާނަނާ
ހަންޑި ޓޮއްގޮއްވާ އަޑޭރޭ ފައްޓަމާ ތަކުބީރުވެސްއޭ
ދަންވަރޭމީ އަނގަލަފާދޭ މަންމަ ފުޅުދަރި ނާނަނާ"
މި ބައިތުތަކަކީ ކުޑައިރުގެ ހަނދާންތައް ގެނުވާ ބައިތުތަކެކެވެ. ޢުމުރުން ހައެއްކަ އަހަރުގައި ނުނިދާން ހިތުލައިގެން އޮތަސް މާމަ ކިޔައިދޭ މި ނާނާ ކަންފަތުގައި ޖެހުމާއެކު، ސަންތި މަރިޔަނބާއި ގޯނިބެޔާއި މާދޫނި އަތުވެދާނެތީ ގަންނާކުރައްވާ ބިރުން ދެލޯ ތަގުޅިކޮށްގެން އޮއްވާ ނިދިދާނެ އެވެ. ޢުމުރުން ދުވަސް ވީވީހެން، ދިވެހިން ތުއްތު ދަރިން ނިންދަވަން ކިޔާ ނާނާގެ ބާވަތާމެދު ސުވާލު އުފެދެން ފެށި އެވެ. ދިވެހިން ދަރިން ނިންދަވަނީ ބޮޑުބުޅަލާއި ފޫޅުދިގު ހަންޑިއާއި ސަންތިމަރިޔަނބާއި މި ނޫންވެސް ދެވިތަކާއި ފުރޭތަތަކުގެ ވާހަކަތަކުން ބިރުގަންނަވައިގެންނޭ ހީކޮށް، އެ ޘަޤާފަތުގެ ސަބަބުން ތުއްތު ކުދިންނަށް ކޮށްފާނޭ ނަފްސާނީ އަސަރާމެދު ވެސް ވިސްނުނު ދުވަސްވަރެއް ދިޔަ އެވެ. މިހެން ހިތާފައި އަޅުގަނޑުގެ އަމިއްލަ ދަރިއަކަށް އެކަހަލަ "ބިރުވެރި" ނާނާއެއް ނުކިޔައިދިނުމަށް ހިތުލީމެވެ. ނަމަވެސް އެއީ، އަލްމަރްޙޫމް އިބްރާހިމް ފިކްރީ ދީދީ ނުވަތަ ކަރައްޔެ ކަޅުތުއްތު ދީދީގެ "ކުޑަކުދިންގެ ނާނަނާ" މި ޅެން، އެކުގައި ކިޔާލާނޭ ފުރުޞަތު ލިބުމާހަމައަށެވެ. އެ ޅެން އެކުގައި ކިޔާލެވުމާއެކު، އޭރު މާމަމެން އެ ކިޔައިދޭ ނާނާއަކީ އެ ޅެމުގެ އެންމެ ދެތިން ބައިތުކަން އެނގުނެވެ. އަދި އޮނަތިރީސް ބައިތުގެ މިޅެމުގައި ދިވެހިން ބިރުގަންނަ ފުރޭތަތަކުގެ ވާހަކައިގެ އިތުރުން އެތައް ޝިޢާރުތަކެއް ހިމަނުއްވާފައިވާކަން އެނގުނެވެ.
ކަޅުތުއްތުދީދީއަކީ ތޯއެވެ؟ ތަޢާރަފު ދޭނީ އަޅުގަނޑެއް ނޫނެވެ. ހ. ޝަފީޤުގޭ އަޙްމަދު ޝަފީޤު ކަޅުތުއްތުދީދީއާ މެދު ލިޔުއްވާފައިވެ އެވެ.
"ޅެން، ފަރިހި، ރައިވަރު، އަންބާ އަދި މަރުޘިއްޔާ ފަދަ ތަކެތީގެ ރޮނގުން ރާއްޖޭގެ ދެކުނުން ނުހެދޭވަރުގެ ބޭފުޅަކަށް ވެވަޑައިގަތުމުގައި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ، ޙުސައިން ޞަލާޙުއްދީން، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން، އަލްފާޟިލް ދެކުނުގޭ ދޮންމަނިކުގެ އެހީފުޅު ލިބިވަޑައިގަތެވެ. ޢަރަބި ޅެން އެކުލެއްވުމުގައި އެ ދުވަސްވަރު އެންމެ އިސްކޮށް ތިއްބެވީ ޞަލާޙުއްދީނު، ޢަބްދުﷲ ފަހުމީ ދީދީ، ދެން އަޅުގަނޑުގެ މަޢުޞޫފު އިބްރާހިމް ފިކުރީ (ކަރައްޔެ ކަޅުތުއްތު ދީދީ) އެވެ. މިއީ އަޅުގަނޑުގެ އަމިއްލަ އިންސާފެއް ނޫނެވެ. އެ ދުވަސްވަރު މާލޭގައި ތިއްބެވި ޢަރަބި ބަހާއި ދިވެހި ބަހުގެ އެދުރުންގެ ބަސްފުޅެވެ،"
ކަޅުތުއްތު ދީދީގެ އެންމެ މުހިއްމު ޚިދުމަތުގެ ގޮތުގައި ގިނަ ދިރާސާވެރިން އިއްތިފާޤުވެވަޑައިގަންނަވަނީ، ފުވައްމުލަކުގެ ޖިއޮގްރަފީ އާއި ޘަޤާފަތް ސިފަކުއްރައްވައި ލިޔުއްވާފައިވާ ދިގުޅެން "ފުވަށްމުލަކު ރަށުވެށި" މި ޅެމެވެ. މިއީ ދިވެހިރާއްޖޭގެ އަތޮޅެއްގެ ވެއްޓާއި އުޅުން ގުޅުންތަކާ ބެހޭ މަޢުލޫމާތު ހިމަނުއްވައިގެން ޅެން ބަހުން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް ލިޔެވުނު ފުރަތަމަ ފޮތުގެ ގޮތުގައި ސިފަކުރެވޭ މުހިއްމު ޅެމެކެވެ.
އެހެންނަމަވެސް މިއަދު އަޅުގަނޑު ތަފްޞީލުކޮށް ބަލާލާނީ އެމަނިކުފާނު ލިޔުއްވާފައިވާ ކުޑަކުދިންގެ ނާނާތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔަ އެއް ނާނާއަށެވެ. "ކުޑަކުދިންގެ ނާނަނާ"ގެ ނަމުގައި އެމަނިކުފާނު އެތައް ޅެމެއް ހައްދަވާފައިވެ އެވެ. މީގެ ތެރެއިން ހަތަރު ނާނާއެއް މި ދެންނެވި ޅެންފޮތުގައި ޝާއިޢުކުރައްވާފައިވެ އެވެ. މިއިން ކޮންމެ ނާނާއަކީވެސް އޭގެ ޒާތުގައި ޚާއްޞަ ސިފަތައް ލިބިގެންވާ ޅެންތަކެވެ. އެއް ނާނާ ފައްޓަވަނީ ރަދުންނަށް ސަނާ ވިދާޅުވަމުންނެވެ. އަނެއް ނާނާގައި ކަޅުތުއްތުދީދީގެ ހުރިހާ ދަރީންގެ ނަންތައް ހިމަނުއްވާފައިވެ އެވެ. އެއް ނާނާގައި ވަނީ ދަރިފުޅު ދުނިޔެ އުޅޭން ބޭނުންވާނޭ ހުރިހާ ނަޞީހަތެއް ހިމަނާފައޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ.
އެހެންނަމަވެސް އެ ދުވަސްވަރު ތުންތުންމަތިން ކިޔައި، އެންމެ ބޮޑަށް މަޝްހޫރުވެ، މަޤުބޫލުވެ، މަސްހުނިވެސް ވެގެންދިޔަ ނާނާއެކީ މި ލިޔުން އެ ޅެމަކަށް ޚާއްޞަކުރާ ޅެމެވެ. ކަޅުތުއްތުދީދީ، މި ޅެން އެކުލަވާލައްވާފައިވަނީ ދ. ކުޑަހުވަދޫގައި ހުންނަވައިގެން ކަމަށާއި، އެ ޅެމުގެ އެކި ރިވާޔަތްތައް ތުންތުންމަތިން މުޅި ރާއްޖެއަށް ފެތުރިގެންދިޔައީ ކުޑަހުވަދޫގައި ފުރަތަމަ ކިޔަން ފެށިގޮތް އަސްލަކަށް ބަލައިގެން ކިޔަމުން ގޮސްކަމަށް، ކަޅުތުއްތު ދީދީގެ ދަރިކަލެއް ކަމަށްވާ އަދި މަޝްހޫރު ޅެންވެރިޔާ ޙުސައިން ސަޢީދު ވިދާޅުވި އެވެ. އަޅުގަނޑު މި ލިޔުމުގައި ހަވާލާދޭނީ، ކަޅުތުއްތުދީދީގެ ދަރިކަލުން މުޙައްމަދު ސަޢީދު އެކުލަވާލެއްވި "ކަޅުތުއްތުދީދީގެ ޅެންފޮތް" މިފޮތުގައިވާ ރިވާޔަތަށެވެ.
ޅެމުގެ އޮނިގަނޑަށް ނަޒަރު ހިންގާލާއިރު، އޮނަތިރީސް ބައިތުގެ ޅެމުގެ ކޮންމެ ބައިތެއްގައިވެސް ކާފިޔާ އާއި ފިލިކޯޅި ހަމަކުރައްވާފައިވެ އެވެ. ޅެމަށް އިތުރު ރީތިކަން ގެނެސްދެނީ، ޢަރަބި ވަޒަނުގެ ހަމައަށް އަކުރުތަކުގެ އަޑުތައް ތަރުތީބަކުން ތަކުރާރުވާނޭ މޭރުމުން ބަސްފުރޮޅައި، ބަސްއޮޅުވާފައި ހުންނަ މޮޅުގޮތުންނެވެ. ކަޅުތުއްތުދީދީގެ ދަރިކަލުން ޙުސައިން ސަޢީދު ވިދާޅުވިގޮތުގައި ބައްޕާފުޅު ޅެން ހައްދަވާފައިހުންނަނީ "ވިދެމުން، ވިދެމުން، ވިދެމުން، ނެގެމުންދާގޮތަށް، ފިލިކޯޅިތައްވެސް ދިމާވާގޮތަށް" ކަމަށެވެ. ބައެއް ބައިތުތަކުގައި ފުވައްމުލަކު ބަހުރުވައިން ހުރި ލަފުޒުތައްވެސް ހިމަނުއްވާފައިވުމުން، ޅެމަށް އިތުރު މުއްސަނދިކަމެއް ލިބެއެވެ.
ޅެން ފައްޓަވައި ނިންމަވާފައިވަނީ ޢަރަބި ބައިތަކުންނެވެ.
"طالت اﻻوقات ليلي حاش اسفاري فويلي
سامعا لي ياطفيلي نوم سكت ނާނަނާ"
ތިލަކޮށް ތަރުޖަމާކޮށްލާނަމަ، މި ބައިތުގައި މި ބުނަނީ؛ "ރޭގަނޑުގެ ވަގުތުތައް ދެމިގެން ހިނގައްޖެ އެވެ. މަގޭ މި ދަތުރު ދަތިވެއްޖެ އެވެ. މަގޭ ދަރިފުޅާއި، މި އަޑުއަހައިގެން މަޑުމަޑުން އޮވެ ނިދާލާށެވެ." މިހެންނެވެ. ޅެން ފައްޓަވާފައިމިވަނީ ދަރިފުޅަށް އެ ނާނާ އަޑުއަހަން އޮވެ މަޑުމަޑުން ނިދާލުމަށް އިލްތިމާސްކުރަމުންނެވެ. ޅެން ނިންމާލައްވަނީ ވެސް ހަމަ މި ބައިތު ތަކުރާރުކުރައްވައިގެންނެވެ. ހިތަށް މަޑުމޮޅިކަން ގެނުވާ މި ދެ ބައިތުގެ ތެރޭގައި "ޕާރުސަލުކުރައްވާފައިވާ" އަނެއް ހަތާވީސް ބައިތުގައި ޅެންވެރިޔާ ގިނަ ޝިޢާރުތަކެއް ކިޔުންތެރިންނަށް ހަދިޔާކުރައްވާފައިވެ އެވެ. އެގޮތުން ދިރިއުޅުމުގެ އެކި ތަޖުރިބާތަކާ ގުޅުންހުރި ނަޞޭޙަތްތަކެވެ. ތުއްތު ދަރިފުޅު ނުނިދައިފިނަމަ ރޭގަނޑު ތިލަވާ އެކި ބިރުވެރި ހަންޑިތަކާއި ނުރައްކަލުގެ ވާހަކަ އެވެ. ބަސްއަހައިގެން ނިދައިފިއްޔާ އަނެއް ދުވަހު ދޭނޭ އިނާމުތަކުގެ ވާހަކަ އެވެ. އަދި އެ ދަރިފުޅަށް ލޯބި ދޭނީ މުޅި އާއިލާއިންކަން ދައްކުވައިދޭ ބައިތުތަކެވެ.
ޅެމުގެ ފުރަތަމަ އަށް ބައިތުގައި ޅެންވެރިޔާ ވިދާޅުވެދެއްވަނީ ދުނިޔަވީ އެކި ދަރުސްތަކެވެ. ޖުމުލަ މާނައަށް ބަލާލަމާތޯ އެވެ.
ވާލު ޔާރުންވެސް ރުޅިވެރިވެފައިވާ ޙާލު، މާ އެކަނިވެރި ދަތި ހާލާއި ތުރާލާއި މޮޅިވެރިކަމުގައިވާ ނަމަވެސް، ދަރިފުޅު ނިންދެވުމަށް ޗާލު ނާނާއެއް ކިޔައިދެމެވެ. ރަޙުމަތްތެރިން މިއަދު މަދުވެފައިވާތީ ހިތައް ތަދުވެގެން އިނދެ ނާނާ ކިޔަމެވެ. މިޒަމާނުގައި މީހަކަށް ރަޙުމަތެއް ވެއްޖެނަމަ، އެއްތަށިން ކައި އުޅުނު މީހުންވެސް ފެން ނުބޮވެނީސް ގުޅުން ކަނޑާލަފާނެ އެވެ. ހާލުދެރަވެ މޮޅުވެރިވެފައިވާއިރުވެސް އަޅާލާނޭ މީހެއް ނެތަސް ދަރިފުޅު ކެތްތެރިވާންވާނެ އެވެ. ދޯނިގަނޑު ބެހި، ފެނަށް ޖެހުނީމާ، ނަޚުދާ (މާލިމީ) ގޮތްހުސްވެ، ދޯނީގެ ނިލަމަތީ ހިތާމަކުރަނީ އެވެ. ކޮޅިގަދަކަމުން، ބުއްދި އާއި ފިކުރާ އޮޅި، މި މޮޅިވެރި ވޭނުގައި އިންއިރު، ދަރިފުޅު މިކަމުގައި ބައިވެރިވެ ނުރޯނުތޯ އެވެ.
ޅެމުގެ ހަތަރު ވަނަ ބައިތަށް ބަލައިލަމާތޯ އެވެ.
"ވެއްޖެނަމަ އަހަމީހަކާރެން ތެއްރަޙުމަ މިޒަމާނުގާ ދެން
އެއްތަށިން ކައި ކެނޑިދެޔޭ ދެން ފެން ނުބޮވެނީސް ނާނަނާ"
މި ބައިތަކީ، ތިމާ ގާތްކޮށްގެން ގެންގުޅޭ މީހުން ތިމާއަށް ކެހިދޭ ގޮތާމެދު ހައްދަވާފައިވާ މަޝްހޫރު ރައިވަރަށް ކުރައްވާފައިވާ އިޝާރާތެކެވެ. ހަނދާނަށް އަންނަނީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ ރައިވަރެއް ދެއްތޯ އެވެ؟
"ވެއްޖެނަމަ މީހަކާ
ތެއްރަހުމަ މިޒަމާނުގާ
ގެންގޮސް ގެއަށް އަތުހިފާ
އެއްތަށިން ނޫނީ ނުކައި
ދެން އެހިތް ނެތި ހިނގައިދާނޭ
ފެން ނުބޮނީސް ކެނޑިދާނޭ"
ޅެމުގެ ފުރަތަމަ އަށް ބައިތުގައި ޅެންވެރިޔާ ސިފަކުރައްވަނީ ދުނިޔެއަކީ ކޮންކަހަލަ ތަނެއްކަމެވެ. އިންސާނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭނޭ މީހެއްކަމެވެ. ހިތާމަތަކާ ކުރިމަތިލާ، އެކަންކަމަށް ކެތްތެރިވާންޖެހޭނޭ މީހެއްކަމެވެ.
މި ފަދަ ބަރު، ބޮޑެތި، މުހިއްމު ވާހަކަތަކަކަށްފަހު، ނާނާގެ ދެން އޮތް ހަ ބައިތު ޚާއްޞަކުރައްވާފައިވަނީ ތުއްތު ކުދިންނަށް ކިޔައިދޭ ފުލޯކު ވާހަކަތަކަށް ދޭ ހަވާލާތަކަށެވެ. ރޭގަނޑުގެ އަނދިރިކަމުގައި ފޮރުވިފައިވާ ބިރުވެރި ކަންތައްތަކަށް ކުރާ އިޝާރާތްތަކަށެވެ. އެގޮތުން މީ ސަންތިމަރިޔަނބު އަރާރޭ ކަމަށާއި، ގޭގައި ބަންދެއް ނެތް ކަމުން، ސަންތި މަރިޔަނބަށް ދަރިފުޅު ރޯ އަޑު އިވިދާނޭތީ، ނުރޮއި ހުއްޓާލުމަށް ބުނެ މަންމަ ނަޞޭޙަތްތެރިވެ އެވެ. ހަންޑިތައް ޓައް ގޮއްވާ އަޑުވެސް އެބަ އިވޭ ކަމަށާއި، ތަކުބީރު ކިޔައިގެން އަނގަލަފާގެން (ބަސްމަދުކޮށްގެން) ހުރުމަށް މަންމަ ދަރިފުޅަށް ނަޞީޙަތްތެރިވެ އެވެ. ލޯއަވަރު، ކޮރު، ބޯދިގު ގޯނިބޭ އަންނާނޭ ކަމަށާއި، އޭނާ ގޭ ބިތް ދޮށުގައި ހޮރުޖަހައިގެން (ފާރައަށް) ހުންނާނޭކަމަށް މަންމަ ބުނެދެ އެވެ. އަދި ދަރިފުޅު ރޯ އަޑު މަޑުކުރަންވީ ކަނޑުލަބަރި މި ރަށަށް އަރައި ދެކުއްޖެއްގެ ބަނޑު ދޫލުވައިފިޔޭ (ވީދާލައިފިޔޭ) ބުނާތީ ކަމަށް މަންމަ ބުނެ އެވެ. މާދޫނިވެސް ގޭ މަތިން އެބަ އުދުހޭކަމަށާއި، އެ މާދޫންޏަށްވެސް ދަރިފުޅު ރޯ އަޑުއިވި އަތުވެދާނޭތީ ބަސްއަހައިގެން ތަންމަތީ އޮވެ ނިދުމަށް މަންމަ ނަސޭޙަތްދެ އެވެ.
މިހާ ހިސާބުން އުފެދެނީ އެއްކަލަ ސުވާލެވެ. ދަރިން ނިންދަވަން އެކުދިން ބިރުގަންނަވަނީ ކީއްކުރަން ހެއްޔެވެ؟ ރޭގަނޑުގެ އަނދިރިކަމުގައި ނިވާވެވާ ބިރުވެރި ކަންތައްތަކަކީ ހަމައެކަނި ޖިންނި، ފުރޭތަ އާއި ދެވީގެ ބިރުވެރިކަމެއް ނޫނެވެ. މިފަދަ ޚިޔާލީ ފުރޭތަތަކާއި ހަންޑިތަކުގެ ސޫރައިގައި މައިންބަފައިން ދަރިން ރައްކާތެރިކޮށްދެނީ ރޭގަނޑު ނިވަލުގައި ހިނގާ ޙަޤީޤި އެތައް ނުބައިކަމަކުންނެވެ. ރަންނަމާރިއަކީ ވެސް ކޮންކަހަލަ "ފުރޭތައެއްކަން" މިއަދު ދިވެހިން ރަނގަޅަށް ދަނެ އެވެ. ތުއްތު ކުދިންނަށް އެފަދަ ޙަޤީޤީ ނުރައްކަލުގެ ވާހަކަ ތިލަކޮށް ކިޔައިދިނުމުގެ ބަދަލުގައި އެކަމުން ރައްކާތެރިވެވޭނޭ ގޮތްތައް ކިޔައިދިނުމަށް މި ފަދަ ޚިޔާލީ ފުރޭތަތައް ފޯކްޓޭލްސްގެ ތެރެއިން ހުރިހާ ޤައުމެއްގައި ވެސް ބޭނުންކުރެވިފައިވެ އެވެ.
ރޭގަނޑުގެ ނުރައްކާތަކުން ދުރުވުމަށްޓަކައި ލޯމަރައިގެން މަޑުމަޑުން އޮވެ ނިދަން ނަސޭޙަތްދޭ ބައިތުތަކަށް ފަހު ދެން ޅެމުގައި އުފާވެރި ކުލަތައް ޖެހެން ފައްޓަ އެވެ. ޅެމުގައި ދެން އޮތް އަށް ބައިތަކީ ދަރިފުޅު ނިދައިފިއްޔާ ކޮށްދޭނޭ ކަންކަން ކިޔައިދީފައިވާ އަށް ބައިތެވެ. މަގޭ ދަރިފުޅު ނިދަން ޤަބޫލުވެއްޖިއްޔާ ހެނދުނު ހެނދުނާ ނިކުމެ ބުލްބުލް ހިފައިދޭނޭކަމަށް މަންމަ ބުނެ އެވެ. ޞާލިހުގެ ދަރިފުޅު މިރޭ ނިދައިފިއްޔާ، މާދަމާ ތިމަންނާ ދިރިހުރިއްޔާ ދަރިފުޅަށް ތޯތާ އާއި ގުރައާއި ޗިޅިޔާ އަދި ޑިންޑިންކޮވެލި ހިފައިދޭނޭކަމަށް ބުނެ އެވެ. ލޯބިވާ ދަރިފުޅާ އެވެ. ދުނިޔޭގެ މޮޅުވިހާ މޭވާއެއްވެސް ހޯދައިދޭނަމެވެ. ނިޔަނދުރާއި، އަތަޔާއި، ފޮނިލުނބޮޔާއި، ކަރަޔާއި، އަލަނާސިއާއި އަނބު އަދި ޔޫސުފު އަފަންދީ ވެސް ހޯދައިދޭނަމެވެ. މަންމަގެ ދަރިފުޅު މި ތަންވަޅު ލޯމަރާލައިފިއްޔާ ރަތް ޖަނބުރޯލާއި ޖަންބު ހޯދަން ވެސް ނިކުންނާނަމޭ މަންމަ ބުނެ އެވެ.
މި ބައިތުތަކުގައި ޅެންވެރިޔާ އެ ސިފަކުރައްވަނީ ތުއްތު ދަރިފުޅު ލޮއްސުމަށް، އެ ދަރިފުޅު އެރޭ ނިދައިފިއްޔާ އިނާމުގެ ގޮތުގައި ގެނެސްދޭނޭ އެކު ދޫނި ސޫފާ ސޫފީގެ ވާހަކަ އެވެ. މީރު މޭވާގެ ވާހަކަ އެވެ. މި ފަދައިން ދަރިފުޅު ނިދައިފިއްޔާ ދެން ހަދިޔާގެ ގޮތުގައި ދޭނޭ ތަކެތީގެ ވާހަކަ ނާނާގެ ޅެމުން ފެނުމަކީ ދިވެހި ބަސް ނޫން އެހެން ބަސްބަހުންވެސް ފެންނަ މިސާލުތަކެވެ. އިނގިރޭސި މަޝްހޫރު ލަލަބައި "ހަޝް ލިޓްލް ބޭބީ ޑޯންޓް ސޭ އަ ވަރޑް" އަކީ މި ފަދަ މިސާލެކެވެ.
ކަޅުތުއްތުދީދީގެ ކުޑަކުދިންގެ ނާނާގެ ދެން އޮތް ހަ ބައިތު ޚާޢްޞަކޮށްފައިވަނީ އެ ތުއްތު ދަރިފުޅަށް މުޅި ޢާއިލާއިން ދޭ ލޯބި ދައްކުވައިދިނުމަށެވެ. އެގޮތުން މިއިން ކޮންމެ ބައިތެއް ޚާއްޞަކޮށްފައިވަނީ ޢާއިލާގެ މެމްބަރެއް އެ ތުއްތު ކުއްޖާއަށް ބުނެދޭ ވާހަކައަކަށެވެ.
"ރާމަގެންލޯ އިންނަވާނދޭ ރާއިކޮޅު ދަރިފުޅު ނިދާނދޭ
ލާރިއެއް ނެތަކަސް ނުރޯނދޭ ސާރި ހެޔޮވެފި ނާނަނާ
އަތްފަޔާ ދަރިފުޅު ވިދާރަވަ ލައްޕަވާތޯ ހާރަފުޅުއަވަ
ކައްޕައަށް ގެންގޮސް އެހެން ލަވަ ބައްޕަ ކިޔަމޭ ނާނަނާ
ފާފަޔާ ދަރިފުޅުވެ ކުފުރުން އާފަތުން ހުރެ މިންޖުވެ ދިޔުން
ވާފަޔާލޭ ލޯބި އުފަލުން ކާފަ ކިޔަމޭ ނާނަނާ
މާލެމަފު ދަރިފުޅު ނިދިއްޔާ މާދަމާކޮށްގެން ބަގީޗާ
މާމެލާމެލި މީރުވަސް ހާ މާމާ ދޭނަމެ ނާނަނާ
ނޭނުދޭ ކެނޑި ގާނެ ދުނިޔޭން ލޭހަތަށްވާ ދަރިފުޅާއޭ
މޭރުމޯ ރާގުން ހުތުރުހޭ ބޭބެ މިކިޔާ ނާނަނާ
މަތްތަކުން ރަޙް ދަރިފުޅަށް ދެން ފަތްތަކަށްވާ ރީތިކަން ދެން
ވައްތަރުގެ އެކިރާގު ނެރެގެން ދައްތަ ކިޔަމޭ ނާނަނާ"
މި ބައިތުތަކުގައި މަންމަ އާއި ބައްޕަ އަދި ކާފަ އާއި މާމަގެ ހެޔޮ ނަޞީޙަތުގެ އިތުރުން، ދައްތަ އާއި ބޭބެ ކޮއްކޮ ރުއްސުމަށް އެކި ގޮތްގޮތަށް އެކި ރާގުލާ އެ ލަވަ ކިޔައިދޭ ވާހަކަ ޅެންވެރިޔާ ގެނެސްދެއްވާފައިވެ އެވެ. މިއަށްފަހު ޅެން ނިންމަވާލައްވަނީ ޅެން ފެއްޓެވުމަށްވެސް ބޭނުންކުރެއްވި ޢަރަބި ބައިތުންނެވެ.
ދަރިފުޅަށް އެ ދިން ނަސޭޙަތްތަކާއި ދަރިފުޅަށް ދިން އިންޒާރުތަކާއި ހެޔޮކޮށް އުޅެފި ނަމަ ލިބޭނޭ އިނާމުތަކުގެ ވާހަކަ ދެއްކެވެމަށްފަހު، އެ ދަރިފުޅަކީ މުޅި ޢާއިލާގެ ހެޔޮ ދުޢާ އާއި ލޯބި ލިބިގެންވާ ކުއްޖެއްކަން ދައްކައިދެމުން ޅެންވެރިޔާ އަނެއްކާވެސް ތުއްތު ދަރިފުޅުގެ ކިބައިން މި އެދެނީ، އެ ވާހަކަތައް އަޑުއަހަން އޮވެ ނިދާލުމަށެވެ.
މި ގޮތަށް ޢަރަބި ބަހުން ބައިތު ލިޔުމަކީ އޭރު ޅެންވެރިންގެ ހުނަރާއި ޢިލްމު ދައްކުވައިދޭ ކަމެކެވެ. އެގޮތުން މަޝްހޫރު އަދީބުން، އަދި ކަޅުތުއްތުދީދީގެ އެދުރުންކަމުގައިވާ ޙުސައިން ޞަލާޙުއްދީނާއި އައްސައްޔިދު ބޮޑު ފެންވަޅުގޭ ސީދީ ފަދަ ބޭފުޅުންނަކީ ވެސް މި ފަދައިން ޢަރަބިން ޅެން ލިޔުއްވާ އަދި ދިވެހި ޅެމުގައި ވެސް ޢަރަބި ބައިތުތައް ހިމެނުއްވި ޅެންވެރިންނެވެ.
މި ޅެމުގައި ޅެންވެރިޔާ އެތައް ޝިޢާރަކަށް އިންސާފުކުރައްވާފައި ވާނަމަވެސް ބަދަލެއް ނުވެ މުޅި ޅެމުގައި އެއް ޝިޢާރެއް ގެނެސްދެއްވާފައިވެ އެވެ. އެއީ އެ ތުއްތު ދަރިފުޅުދެކެ ވާ ލޯތްބެވެ. ގާތްގަނޑަކަށް ކޮންމެ ބައިތެއްގައިމެ "ލޭވަފާ"، "ލޭފަވެތި"، "މަންމަ ދަރިފުޅު"، "ހެޔޮ ދަރި" ފަދަ ލަފުޒުތައް ދަރިފުޅު ސިފަކުރެއްވުމަށް ލިޔުއްވާފައިވެ އެވެ. އެހެންނަމަވެސް އެ ލޯބި އެންމެ ބޮޑަށް ހާމަވާ އެއް ބައިތަށް ބަލާލާނަމެވެ.
"އަތްފަޔާ ދަރިފުޅު ވިދާރަވަ ލައްޕަވާތޯ ހާރަފުޅުއަވަ
ކައްޕައަށް ގެންގޮސް އެހެން ލަވަ ބައްޕަ ކިޔަމޭ ނާނަނާ"
މި ބައިތުގައި ދަރިފުޅުގެ އަތްފަޔާ ވިދާ ރަވަ ލައްޕަވާތޯ، މި ލަވައިގެ މަޢުޟޫޢު ބަދަލުކޮށްލާ ބައްޕަ ނާނަކިޔަމޭ އެ ވިދާޅުވެފައިވާ ގޮތުން، އެ ދަރިފުޅަކީ އެ ބައްޕަގެ ލޮލުގެ ނޫރުކަން ފާޅުވެގެންދެ އެވެ.
މި ނާނާ އޭރު ތުންތުންމަތިން ކިޔަމުންގޮސް، ތުރާކުނުން ފެށިގެން ގޮސް ގަމާ ހަމައަށްވެސް މި ލަވަ ކިޔެމުންދެ އެވެ. މަންމައިންނާއި މާމައިން ކުޑަ ކުދިން ނިންދަވާއިރު ކިޔާ ނާނާއެއްގެ ގޮތުގަ އެވެ. ތުންތުންމަތިން އައި ތަރިކައެއްކަމުން ފޮނިތޮށި ކާފޫރުތޮޅި އިތުރުވެ އެކި ހިސާބު ހިސާބުގައި މި ޅެން ކިޔައި އުޅުނީ އެކި ދިގުމިނަށް އެކި ގޮތްގޮތަށް ބަދަލުކުރެވިގެންނެވެ. އެހެންނަމަވެސް މިއަދު، ކަޅުތުއްތުދީދީގެ ދަރިކަލުން މުޙައްމަދު ސަޢީދުގެ މަސައްކަތުން، މި ޅެންވެސް ހޯދައި ޝާއިޢުކުރެވިފައިވުމުން، ދެން މި ޅެން އޭގެ އަސްލު ގޮތުގައި ދެމިގެންދާނޭކަމަށް އުއްމީދުކުރަމެވެ.
އަލްމަރްޙޫމް އިބްރާހިމް ފިކްރީ ދީދީ ނުވަތަ ކަޅުތުއްތު ދީދީ ފަދަ އަދީބުން މިއަދު އަޅުގަނޑުމެންނާ ވަކިވެފައިވާ ނަމަވެސް، އެމަނިކުފާނުގެ އަދަބީ މަސައްކަތްތައް ވަނީ ދިވެހި އާދަކާދައާ ގުޅި ލާމެހިފައެވެ. ފަހެ އެއަށްވުރެ ބޮޑު ތާރީފެއް ޅެންވެރިއަކަށް އޮންނާނެތޯ އެވެ. "ކަޅުތުއްތުދީދީގެ ޅެންފޮތުގައި" ހިމަނުއްވާފައިވާ ބަޔޮގްރަފީގައި އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ ފަދައިން، ޙަޤީޤީ ޚިދުމަތަކީ އަދި އަގުހުރި ކަމަކީ މުޖުތަމަޢަށް ދެމިހުންނަ ގޮތަށް ކޮށްދޭ ކަންތައްތަކެވެ.








