ޖުލައި 26، 1965 ގައި އިނގިރޭސިންގެ ހިމާޔަތޭ ކިޔުނު އަޅުވެތިކަމުގެ ކަސްތޮޅުން ދިވެހިރާއްޖެ ނެއްޓުނުއިރު، އ.ދ އޮތީ ރާއްޖެ އަށް މަރުހަބާ ކިޔުމަށް ދެ އަތް އުފުލައިގެންނެވެ. އ.ދ ގެ މެމްބަރަކަށް އެ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު ރާއްޖެވީ އެ ޖަމާއަތުގެ އެންމެ ކުޑަ ގައުމުގެ ގޮތުގަ އެވެ. އެކަމަކު، އ.ދ އަށް ކަނޑައެޅި ރާއްޖޭގެ ފުރަތަމަ ސަފީރު ކަކާގޭ އަހުމަދު ހިލްމީ ދީދީ ފާށަނާކިލެގެފާނު، ރާއްޖެ ބައިވެރިވި ފުރަތަމަ އާއްމު ޖަލްސާގައި ދެއްވި ތަގުރީރުގައި ވަނީ، އެއީ ފަހުރެއް ކަމަށް ވިދާޅުވެ، ކުޑަކުޑަ ރާއްޖޭގެ ފަރާތުން ދުނިޔެ އަށް ބޮޑެތި އުއްމީދުތައް ދެއްވައިފަ އެވެ.
ފަހުން އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ރާއްޖޭގެ ނާއިބް ރައީސްކަން ވެސް ކުރެއްވި އަހުމަދު ހިލްމީ އ.ދ އަށް ފޮނުއްވަން ނާސިރު ނިންމެވީ އޭނާ އަކީ އޭރު ރާއްޖޭގައި ސިޔާސީ ގޮތުންނާއި ހާރިޖީ ގޮތުން ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކަށް ވުމުންނެވެ. މުހައްމަދު އަމީނުގެ ބޮޑުވަޒީރުކަމުގައި 1951 ވަނަ އަހަރު ރާއްޖޭގެ ސިއްހަތާއި މުވާސަލާތީ ވަޒީރުކަން ކުރެއްވި އަހުމަދު ހިލްމީ ވަނީ އަމީނުގެ ރައީސްކަމުގައި ސިލޯނުގައި ހުންނަ ރާއްޖޭގެ ސަފީރުކަން ކުރައްވައިފަ އެވެ.

އަހުމަދު ހިލްމީ ދީދީ (ކ) އަށް އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ޔޫ ތާންޓު ރާއްޖޭގެ މެމްބަޝިޕުގެ ލިޔުން ހަވާލުކުރައްވަނީ.
އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުންނަ އ.ދ ގެ މައި މަރުކަޒުގައި އޮތް އާއްމު ޖަލްސާގައި އިނގިރޭސި ބަހުން އަހުމަދު ހިލްމީ ދެއްވެވި ތަގުރީރު ފެށްޓެވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ތަމްސީލްކުރެއްވުމަށް އެ ޖަލްސާގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ، ޝަރަފެއް އަދި މުހިއްމު ފުރުސަތެއްކަން ފާހަގަކުރައްވަމުންނެވެ.
"ސަރުކާރާއި ދިވެހި ވަފްދުގެ ފަރާތުން އަޅުގަނޑުގެ ފުރަތަމަ ޒިންމާއަކީ، އ.ދ ގެ މެމްބަރަކަށް ވުމަށް ދިވެހިރާއްޖޭން ހުށަހެޅި ހުށަހެޅުމަށް ލިބުނު ހޫނު ތާއީދަށް، ހަމަޖެހިފައިވާ ހިތަކުން ޝުކުރުއަދާކުރުން. އަދި ހާއްސަކޮށް އަޅުގަނޑު އެބަޖެހޭ، ސެކިއުރިޓީ ކައުންސިލާއި އާއްމު ޖަލްސާގައި އަޅުގަނޑުމެންގެ ހުށަހެޅުން ސްޕޮންސާކޮށްދެއްވި ފަރާތްތަކުން، އެކޮށްދެއްވި ހެޔޮ ކަމަށް، އަޅުގަނޑުމެންގެ ހިތުގައި އޮތް ޝުކުރު ރެކޯޑަށްޓަކައި ފާހަގަކުރަން،" އަހުމަދު ހިލްމީ ވިދާޅުވި އެވެ.
ރާއްޖެ އަކީ އިންޑިއާ ކަނޑުން ސިލޯނުގެ އިރު ދެކުނަށް ފެތުރިފައިވާ ކުޑަކުޑަ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ، އިންތިހާއަށް ވަސީލަތް މަދު ކުޑަކުޑަ ގައުމެއްކަން ފާހަގަކުރައްވައި އަހުމަދު ހިލްމީ ވިދާޅުވީ، ދުނިޔޭގެ ގައުމުތައް ތަމްސީލްކުރާ މި ޖަމާއަތުގެ އެންމެ ކުޑަ މެމްބަރަށް ވުމަކީ ޝަރަފެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
"މިކަމުން ސާބިތުކޮށްދިނީ ގައުމެއްގެ ސައިޒާއި އާބާދީއަކީ ކޮންމެ ވަރެއް ކަމުގައިވިޔަސް، އެންމެން އެކުވެ އުޅޭ ދުނިޔެއެއް ހޯދަން ކުރާ މަސައްކަތުގައި، މިނިވަން ދައުލަތަކަށް ހިއްސާއެއްވެވިދާނެކަން. އަހަރެމެންނަކީ މަދު އަދަކަށް ވިޔަސް، އަހަރެމެން މި ހުސްވަނީ، މި ޖަމާއަތުގެ އުސޫލުތަކަށް ތަބާވުމުގެ މަސައްކަތަށް. އަދި އ.ދ ގެ ޗާޓަރަށް ކުރާ ތާއީދަށް އަހަރެމެންގެ އިހުލާސްތެރިކަން އަންގައި އިއުލާންކުރަން،" އަހުމަދު ހިލްމީ ވިދާޅުވި އެވެ.

ރާއްޖެ އ.ދ ގެ މެމްބަރަކަށް ވުމުން ނިއު ޔޯކް ސިޓީގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅުދައްކަވާއިރު އަހުމަދު ހިލްމީ ދީދީ (ވ-3) މަޑުކޮށްލައްވައިގެން.
މިނިވަންކަން ހޯދުމުގެ މަޝްވަރާތަކުގައި ރާއްޖޭގެ ދައުލަތް ތަމްސީލްކުރެއްވި ސިލޯނުގައި ހުންނަވާ ސަފީރު އަބްދުއްސައްތާރު މޫސާ ދީދީއާ އެކު، ނިއު ޔޯކުގައި ހުންނަވާ އަހުމަދު ހިލްމީ ދެން ވަކާލާތުކުރެއްވީ، އަދި އަދަށް ވެސް އެކަމަށް މުޅި ދުނިޔެ މަސައްކަތްކުރާ އެކަމަކު ހާސިލްވެފައިނުވާ މުހިއްމު ކަމަކަށެވެ. އެމަނިކުފާނުގެ ދައުވާއަކީ، ދިރިއުޅެން އުފާވެރިތަނަކަށް ދުނިޔެ ހަދަން ޖެހޭ ކަމެވެ. ބިރުވެރިކަމާއި ހަނގުރާމަ އާއި ފަގީރުކަމާއި ބަލިތަކާއި ތަންދޮރުނުފިލުމުން، ސަލާމަތްވެފައިވާ ދުނިޔެއަކަށެވެ.
"އިންސާނުންނަށް ކުރިމަތިވެފައިވާ މި ބިރުވެރިކަން އެކީ އެކައްޗަކަށް ނައްތާލުމަކީ، މި ޖަލްސާގައި ތަމްސީލުވާ ހުރިހާ ގައުމެއްގެ ޖުމްލަ މަގުސަދަށް ވާން ޖެހޭ،" އަހުމަދު ހިލްމީ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުލްހަ އާއި އެކުވެރިކަން ރާއްޖެ ގަބޫލުކުރާ ކަމަށާއި ހުރިހާ ގައުމަކާއި މީހުންނާ ރަނގަޅު ގުޅުމެއް ގާއިމްކުރުމުގެ އަމާޒުގައި ރާއްޖެ މަސައްކަތްކުރާއިރު، އެ ދެކަންތައް ރާއްޖޭން ބޭނުންވާ ކަމަށެވެ. އަދި ދުވަހަކު ވެސް ބޭނުންނުވާ ވަރަށް ދުނިޔެ އަށް މިހާރު ސުލްހަ ބޭނުންވެއްޖެކަމަށް ގަބޫލުކުރާ ހިނދު، ދުނިޔެއާ މިހާރު ކުރިމަތިވާ އެތައް މައްސަލަތަކަށް ސުލްހަވެރި ހައްލު ހައްލު ހޯދުމަށްޓަކައި، ދޭން ޖެހޭ ފުރިހަމަ ތާއީދު ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ރާއްޖެ ވައުދުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަމުގައި، އާދެ މުޅި ދުނިޔޭގައި ސުލްހަ ދެމެހެއްޓުމަށްޓަކައި ސެކިއުރިޓީ ކައުންސިލްގެ ގަރާރުތަކާއި ނިންމުންތައް ތަންފީޒުކުރުމަށްޓަކައި އަހަރެމެން ހެޔޮ ހިތަކާ އެކު އެއްބާރުލުންދޭނަން. އަހަރެމެން މިތިބީ، ދެބަސްވުންތައް ހައްލުކުރުމުގެ އެންމެ މުހިއްމު އާލާތާކަކީ މަޝްވަރާގެ އުސޫލުކަމާއި އ.ދ އަކީ އެކަމުގެ އެންމެ އިސް ފަރާތް ކަމަށް ގަބޫލުކުރާ ކުރުމުގައި ފުރިހަމައަށް ހިފަހައްޓައިގެން. އެހެންކަމުން އަހަރެމެން ހުރިހާ ގައުމަކަށް އިލްތިމާސްކުރަން، ދުނިޔޭގެ ސުލްހައަށް ގެންގުޅޭ ސިޔާސަތުތައް ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް،" އަހުމަދު ހިލްމީ ވިދާޅުވި އެވެ.

އަހުމަދު ހިލްމީ ދީދީ (ކ) އާއި ކަނޑި އިސްމާއިލް އަހުމަދު މަނިކު އ.ދ ގެ ސެޝަނެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނޭޝަނަލް އާކައިވްސް
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭން ގަބޫލުކުރާ ހަމަޔަކީ، މި ޖަމާއަތުގެ މެމްބަރުންގެ އަދަދު ގިނަވުމަކީ، ޖަމާއަތް ބާރުގަދަވުންކަމެވެ. ސަބަބަކީ، އޭގެ ސަބަބުން ގިނަ ގައުމުތަކާއި ރައްޔިތުންގެ ހިޔާލުތައް އެކުވުމެވެ. އޭގެ ސަބަބުން ޝައްކެއް ނެތް ގޮތެއްގައި، ބައިނަލްއަގްވާމީ މައްސަލަތަކަށް، ގިނަ ބަޔަކު އެއްބަސްވާ ހައްލުތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަހު ކަމެއްގެ ގޮތުގައި އަޅުގަނޑު ބޭނުންވޭ، ރާއްޖޭގެ ވަފުދަށް ދެއްވި ހިތްވަރު ލިބިދެނިވި މަރުހަބާގެ ބަސްކޮޅާއި ހޫނު ތަރުހީބަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އާއްމު މަޖިލީހުގެ ނާއިބް ރައީސަށާއި ގައުމުތަކުގެ އިއްޒަތްތެރި މަންދޫބުނުންނަށް ޝުކުރުއަދާކުރަން،" އަހުމަދު ހިލްމީ ވިދާޅުވި އެވެ.
އަހުމަދު ހިލްމީ ދީދީ އަކީ ކޮން ބޭފުޅެއް؟
ރާއްޖޭގެ ވަރުގަދަ ސިޔާސީ އާއިލާއެއް ކަމަށްވާ ކަކާގޭ އިސްމާއިލް ދީދީ އާއި މަލިކު ސެރިއްކަލް ދޮންމަނިކަގެ ބޭފުޅެއް ކަމަށްވާ އަހުމަދު ހިލްމީ އަކީ އެ އާއިލާގެ ފުރަތަމަ ޑިޕްލޮމޭޓެއް ނޫނެވެ. އެމަނިކުފާނުގެ ބޭބޭ ހުސެއިން ހިލްމީ ދީދީ އަކީ، ފުރަތަމަ ގާނޫނު އަސާސީ އުވި އުފެދުނު މޮޓަރުބޯޓުގަޑުބަޑުގެ ދުވަސްވަރު ސިލޯނުގައި ހުންނެވި ދިވެހި ސަފީރެވެ.
ރާއްޖޭގެ މި ޒަމާނުގެ ޓެލެކޮމިއުނިކޭޝަނުގެ ފެށުން ކަމުގައިވި، ދޫނިދޫގައި ވަޔާލެސް ސެންޓަރުގައި ޓެކްނީޝަނުންގެ ގޮތުގައި 1943 ވަނަ އަހަރު މަސައްކަތްކުރެއްވި އަހުމަދު ހިލްމީ އަކީ ރާއްޖޭގެ ފުރަތަމަ މުވާސަލާތާ ބެހޭ ވަޒީރެވެ.

އަހުމަދު ހިލްމީ ދީދީ (އިށީނދެވަޑައިގެން ދެ ވަނަ އަށް) ރައީސް މައުމޫނުގެ ކެބިނެޓް ފޮޓޯއެއްގައި.
އެމަނިކުފާނު އ.ދ އަށް ވަޑައިގަތީ، އަމީނުގެ ދައުރަށް ފަހު އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމާއި ނާސިރުގެ ބޮޑުވަޒީރުކަމުގައި ސިއްހަތު ވަޒީރުކަން 1956-1965 އަށް ކުރެއްވުމަށް ފަހު އެވެ. އ.ދ ގެ ދައުރަށް ފަހު އެނބުރި ވަޑައިގެން ދެ ވަނަ ޖުމްހޫރިއްޔާގައި، ނާސިރުގެ ރައީސްކަމުގައި 1971 އިން 1975 އަށް ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި އެވެ. އެއަށް ފަހު ނާސިރު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ކުއްލި ބަދަލުގައި، 1975 އިން 1977 އަށް ނާއިބް ރައީސްކަން ކުރެއްވި އެވެ. އެއަށް ފަހު އަނެއްކާ ވެސް އަދި 1977އިން 1978 އަށް ފިޝަރީޒް މިނިސްޓަރުކަން ކުރެއްވީ އެވެ.

އަހުމަދު ހިލްމީ ދީދީ (ކ) އާއި އަނބިކަނބަލުން މަރިޔަމް އަމީން.
އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980 ވަނަ އަހަރު އެގްރިކަލްޝަރު މިނިސްޓަރުކަމަށް އައްޔަނުކުރެވުނެވެ. އަހުމަދު ހިލްމީ އަވަހާރަވީ ވަޒީރުކަމުގައި ހުންނަވަނިކޮށް ޑިސެމްބަރު 13، 1983 ގަ އެވެ. އެމަނިކުފާނު ކައިވެނި ބައްލަވައިގަތީ އަމީނުގެ ކޮއްކޯފުޅު ހ. އަތިރީގެ އާގޭ މަރިޔަމް އަމީންއާ އެވެ. ލިބިވަޑައިގަތީ ދެ ބޭފުޅުންނެވެ. އެއް ބޭފުޅަކު ވަރަށް ތުއްޕުޅުއިރު އަވަހާރަވީ އެވެ. އަނެއް ބޭފުޅަކީ އިސްމާއިލް ހިލްމީ އެވެ. އެކަމަކު އަމިއްލަ ބޭފުޅެއްހެން، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ، ފަހުން ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އާރިފް ހިލްމީ ގެންގުޅުއްވި އެވެ.








