ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިން ނިންމަންދޭ ތިން މަހުގެ މުއްދަތު ގުނަން ފަށާ ތާރީހު އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްގައި ސޮއިކޮށް ތަޅުދަނޑި ދޫކުރަން މިދިޔަ ހަފްތާގައި ވަނީ ފަށައިފަ އެވެ. ނަމަވެސް ސޮއި ކުރަން ފެށިއިރު އެ އިމާރާތްތަކަށް ކަރަންޓް ހުރީ ނުދެވި އެވެ. މިހާރު ދެވަނަ ފިޔަވައްސަށް ކަރަންޓް ދީފައިވާއިރު ވަކިވަކި އެޕާޓްމަންޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް އަންނަ މަހުގެ 17 އަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ކަރަންޓް ލިބުމާއެކު ފެން ވެސް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހުމަދު "އަދަދު" އަށް ވިދާޅުވީ އެގްރިމެންޓްގައި ސޮއިކޮށް ނިމޭ އިމާރާތްތަކަށް ކަރަންޓްދީ ނިމުމުން އެ ދުވަހުން ފެށިގެން ތިން މަސް ގުނަން ފަށާނެ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް އިމާރާތެއް އެއްކޮށް އެގްރިމެންޓްގައި ސޮއިކޮށް ނުނިމެ އެވެ.
"މިހަފްތާ ދޫކޮށްލާފައި އަންނަ ހަފްތާގައި [ފިނިޝިން ނިންމަން ދޭ ތިން މަސް ގުނަން ފަށާ] ތާރީހުތަކެއް އިއުލާން ކުރާނަން،" ސުހައިން ވިދާޅުވި އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ. އެ އަގު ބޮޑުވެގެން ޝަކުވާ ދަނީ ކުރަމުންނެވެ.












