މި ޒަމާނަކީ ފުދުންތެރިކަން ހުރި ކޮންމެ ދިވެއްސަކަށްމެ، މާ ބޮޑު ތަކުލީފަކާ ނުލައި، އުޟުހިޔާގެ ގޮތުގައި ގެރިބަކަރި އާއި ގިތެޔޮ ކަތިލައި އެ ތަކެތީގެ މަހުން ޞަދަޤާތް ކުރުމުގެ ފުރުޞަތު ލިބިފައިވާ ޒަމާނެވެ. އަހަރެމެން ކުޑައިރު، ނުވަދިހައިގެ އަހަރުތަކުގައި މެދު ފަންތީގެ ދިވެހިން ޢީދަށް ކަތިލަނީ ކުކުޅުހާލެވެ. އެއަށްވުރެ ތަންކޮޅެއް ފޯރާ މީހުން ކަތިލަނީ މުސަޅެވެ. ހަނދާނަށް އަންނަނީ، ރެލީ ބައިސްކަލުގެ ފިޔަވަޅު މަތީ ކޮޅަށް ހުރެ ބައްޕަ ނުވަތަ ބޭބެއާއެކު ޙައްޖު މަހު ބާޒާރަށް ދާއިރު، މުޅޯށިތަކުގައި ވިއްކަން ހުންނަ ކުކުޅުހާލެވެ. ބިސްމި ކިޔައިފައި ތޫނު ވަޅިއަކުން ކުކުޅުގެ ކަރުއަޅައިލުމާއެކު ހުދުކުލައިގެ ނައިލޯނު ގޯންޏަކަށްލައި ތުން އައްސާލުމުން އެސޮރު މަރަށް ތެޅޭ ތެޅުމެވެ. ބައްޕަމެން ކުކުޅުން ހަންނޮޅަން ފަރިތަކަމެވެ. ތާޒާ ކުކުޅުމަހުގައި ކައްކާ ފުނޑި ހަވާދުގެ ރިހައިގެ މީރުކަމެވެ.
އަދިވެސް ދިވެހިންގެ ތެރޭގައި ޢީދު ސުފުރާ މައްޗަށް އެއްމެ މަޤުބޫލު މަހުގެ ބާވަތަކީ ކުކުޅެވެ. އެހެންނަމަވެސް ތާރީޚު ލިޔާން ފެށީއްސުރެ، ރާއްޖޭގައި ވަކި ފަންތީއެއްގެ ބަޔަކު އުޟުހިޔާ ކަތިލުމަށާއި އެ ނޫން ބޭނުންތަކަށް ގެރި ބަކަރި ގެންގުޅޭކަން ފެންނާން އެބަހުއްޓެވެ. ސޯޅަ ވަނަ ޤަރުނުގައި ދިވެހި ރާއްޖޭގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ދިވެހި އާދަކާދަތަކަށް ފަރަންޖީ ނަޒަރަކުން ބެލި ފްރަންސުއާ ޕިރާޑް ޑި ލަވާލް، ރާއްޖޭގައި ގެންގުޅޭ ބިޔަ ޖަނަވާރުތަކާ ބެހޭގޮތުން ލިޔުއްވާފައިވެ އެވެ.
"އެ ރަށުގައި ގާތްގަނޑަކަށް ފަސް ސަތޭކަ، އަންހެން ގެރިޔާއި ފިރިހެން ގެރި އުޅެ އެވެ. އެކަމަކު އެއީ ހައްތަހާވެސް ރަސްގެފާނުގެ އެއްޗެއްސެވެ. އެތަކެތި އުޅޭނީވެސް މާލޭގަ އެވެ. ފުރަތަމައިން ގެރި ބޭރުން ގެންނާންފެށީ ނާދިރު އެއްޗެއްގެ ގޮތުގަ އެވެ. އެއަށްފަހު ވިހަމުން އައިސް ގިނަވީ އެވެ. އެގޮތަކީ ވަރަށް މަދު ފަހަރަކު ނޫނީ އެބައިމީހުން ގެރި ކައްޗެއް ނުލާނެ އެވެ. އާދަވަގެން އަހަރަކު ހަތަރު ފަހަރު ނުވަތަ ފަސް ފަހަރު ގެރި ކަތިލަނީ، އެއީ އެބައިމީހުންގެ ބޮޑު ޖާފަތްތައް އޮންނަ ދުވަސް ދުވަހު އެވެ."
"ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" މި ފޮތުގައި ޕިރާޑު ސިފަކުރައްވާ ގޮތުގައި ޢީދު ދުވަހު، ރަދުންގެ ހާޒިރުގައި ކަތިލަނީ ހަމައެކަނި ގެރި އެއް ނޫނެވެ. ކަތިލާކަމަށްވަނީ ފިރިހެން ގެރިއަކާއި ފުއްލާއެކެވެ. އަދި އެ ދެ ޖަނަވާރުގެ މަސް ކުދިކޮށް ކޮށުމަށްފަހު ފުރަތަމަ ބައިއަޅާކަމަށްވަނީ ރަށުގެ މާތް މީހުންނާއި ޢިއްޒަތްތެރިންނާއި ރަދުން ބޭނުންފުޅުވާ ބަޔަކަށެވެ. ޕިރާޑު ލިޔުއްވާ ގޮތުން އެ މަސް ލިބޭ މީހުން އެއާ މެދު ދެކެނީ އެއީ ހެޔޮ ފާލެއްގެ ގޮތުގަ އެވެ. އަދި އެމީހުންނަށް ލިބޭ ބައި، ރައްޓެހި ރަޙުމަތްތެރީންނާއި އަވަށްޓެރިންނަށް ބަހާކަމަށް ވެ އެވެ.
މީގެ އެތައް ޤަރުނެއްފަހުން، 1835 ވަނަ އަހަރު ދިވެހިރާއްޖޭގެ ޗާޓު ކުރަހަން ވަޑައިގަތް ވަފުދުގައި ހިމެނިވަޑައިގެންނެވި ވިލްމޮޓް ކްރިސްޓޮފާ ވެސް ސިފަކުރައްވަނީ ދިވެހިރާއްޖޭގައި ގެރި ބަކަރި އަކީ ވަކި ދަރަޖައެއްގެ މީހުންގެ ބޭނުމަށް ގެންގުޅޭ ތަކެތީގެ ގޮތުގަ އެވެ. ކްރިސްޓޮފާ ލިޔުއްވާފައިވެ އެވެ.
"ރަދުން ހުންނަވާ ރަށް މާލޭގައި ހިސާބަކަށް ކަންބަޅި އަދި ގެރި އުޅެ އެވެ. ޢީދު ދުވަސް ފަދަ ބޮޑެތި ދުވަސް ދުވަހަށް އެތަކެތި ކަތިލަ އެވެ. އަދި ބައެއް ފަހަރަށް ރަދުންގެ ބަދިގެކޮޅުގައިވެސް އެފަދަ ތަކެތި ކައްކާނެ އެވެ. އާދައިގެ މީހުން ގެރިބަކަރި ގެންގުޅުމީ ރަށުގެ ބޮޑުން ހިތްޕުޅާވާ ކަމެއް ނޫނެވެ. އެއީ ގޯތީ ފުޅަފުކައިރީ ހުންނަ މޭވާގަސްތައް އެސޮރުމެން ކައި ހަލާކުކުރާތީ އެވެ. އެކަމަކު މާލޭ މީހުން ރަދުންގެ މައްޗަށް ހުންނަ ލޮބުވެތި ވަފާތެރިކަމަކުން ނުވަތަ ފިނޑިކަމަކާހެދި، ރަދުންގެ ގެރިބަކަރި އެބައިމީހުންގެ މިލްކުގައިވާ މޭވާގަސްތައް ކައި ހަލާކު ކުރި ނަމަވެސް އެއްޗެއް ނުބުނާނެ އެވެ."
"ދިވެހީންގެ އާދަކާދަ" މި ފޮތުގައި މޫސާ ޢަލީ ލިޔުއްވާ ގޮތުގައި ހަވަރު ގެރި ހިފުމާއި ކަތިލުމަކީ އޭރު ޢީދާ ގުޅޭ އިހުތިފާލުތަކުގެ ތެރޭ ހިމެނޭ މުހިއްމު ދެ ހަރަކާތެވެ. މާލޭގައި އޭރު ގެންގުޅޭ ގެރިތައް ސަހަރާ އާއި ގޮނޑާއި އަތިރިޔާއި މި ނޫންވެސް ހާމަތަންތަނުގައި އުޅޭކަމަށް ވެ އެވެ. ހަވަރު ގެރިއަކީ ހަނގުބޭކަލުން އުޟުހިޔާ ކަތިލެއްވުމަށް ރަދުން ދެއްވާ ގެރިއެއް ކަމުން، އެ ގެރި ހިފުމަށް ޙައްޖު މަހުގެ ހަވަނަ ދުވަހު ވަކި ގަޑިއަކަށް މައްޗަންގޮޅި މައިޒާނަށް އެއްވުމަށް ހަނގުބޭކަލުންނަށް އަންގަ އެވެ. އެ ދުވަހު ހަނގުބޭކަލުން އެތަނަށް އެއްވުމުން، ގެރިތަކާ ހަވާލުވެ ހުންނަ މީހާ ނިކުމެ، ގެރިތައް ތިބޭ ތަންތަން ބަލަމުން ގޮސް އުޟުހިޔާއަށް ކަތިލަން ކަނޑައެޅި ގެރި ހަނގުބޭކަލުންނަށް ދައްކާނެ އެވެ. އެ ހިސާބުން ހަނގުބޭކަލުން އެ ގެރި ހިފަނީ އެވެ.
ދެން ހަނގުބޭކަލުން ގެރީގެ ހަތަރެސްފައި ބަނުމަށްފަހު، ދިއްގާ ވަކައިން ހަދާފައި އޮންނަ ބޮޑު މެދުރިއެއްގައި ބާއްވައިގެން އެ ގެރި ހިފައިގެން މައްޗަންގޮޅީ މައިޒާނަށް އެނބުރި ދާނެއެވެ. (މެދުރިއަކީ ގޮޅި ނުހުންނާނޭހެން ބަދަހިކޮށް ވިޔެފައި ހުންނަ ބޮޑެތި ދޫލަ ޒާތުގެ އެއްޗެއްސެވެ.) ކޮންމެއަކަސް، އެ ގެރި މައްޗަންގޮޅީ މައިޒާނަށް ގެންދިއުމަށްފަހު، ޢީދު ދުވަސް އަންނަންދެން ބެއިންދުމަށް ގެންދާނީ ބަނޑޭރިގެއަށެވެ. މައްޗަންގޮޅީ މައިޒާނުން ބަނޑޭރިގެއާ ހަމައަށް ގެންދަނީ "ބޭންޖަހާފަ އެވެ". ކަނޑައެޅިފައިވާ ވަކި މަގުތަކަކުން ހިނގާފައި ގޮހެވެ.
ދެން ދިހަރޯދަ ޢީދު ދުވަސް ނުވަތަ ޢަޟްޙާ ޢީދު ދުވަސް ޖެހުމުން، އެ ގެރި ކަތިލުން އޮންނާނީ ޢީދު ނަމާދަށް ފަހު، ރަދުން އެނބުރި ގަނޑުވަރަށް ވަޑައިގަތީމައެވެ. ގެރީގައި ވާޖަހައިގެން ހަނގުބޭކަލުން ވަޑައިގަންނަވަނީ ދެ ދޮރޯށި ދޭތެރޭ ހުންނަ ގަސް ދޮށަށެވެ. ޢީދު ދުވަސް އަންނަންވާއިރަށް އެ ގަސްދޮށުގައި އޮންނާނީ ގެރި ކަތިލާނެ ބޮޑު ވަޅެއް ކޮނެ، އޭގެ މަތީގައި ދެ ވަކަރު އަޅައި ތައްޔާރުކޮށްފަ އެވެ. ގިނަ ފަހަރަށް ގެރި ކަތިލަނީ ޢީދު ނަމާދު ކުރެއްވި ބޭކަލެކެވެ. އަދި ގެރި ކަތިލަނީ މުލީގޭ ޚަންޖަރުންކަމަށް މޫސާ ޢަލީ ލިޔުއްވަ އެވެ. ގެރި ކަތިލުމާއެކު ކިލެގެ ބުރުޒުން ތިން ބަޑި ޖަހާނެއެވެ. އަދި ނާބުސްޚާނު (ރަސްމީ ކަންކަމުގައި ބެރު ޖަހާ ތަނުން) ބަޑީބެރު ޖަހާނެ އެވެ.
ގެރީގެ ހަން ގެންދަނީ ބެރު އެދުރުގެ ގެޔަށް ކަމަށާއި ބޮލާއި ހަތަރުމޮއްގަނޑު ގެންދަނީ ގެރި ކަތިލެއްވި ބޭކަލެއްގެ ގެއަށްކަމަށް މޫސާ ލިޔުއްވަ އެވެ. މަސްތައް ބަހަނީ ހަނގުބޭކަލުންނާއި، ފަޅުއޮޑިފަހަރުގެ މީހުންނާއި، ކަމުވޮށީންނާއި ފަޤީރުންނަށެވެ.
މިއަދު އަހަރެމެންގެ މި ޘަޤާފަތް ބަދަލުވެފައި މިވަނީ ހީވެސް ނުކުރާހާ މިންވަރަކަށެވެ. ކުރީގައި މި އޮންނަ ފަދަ ކުލަގަދަ ރަސްމުތަކާ ނުލައި ވެސް ދިވެހިންނަށް މިއަދު މިވަނީ މިކަން ކުރެވޭނޭ މަގު އިންތިހާއަށް ލުއިފަސޭހަވެފަ އެވެ. ކީބޯޑުގެ ދެތިން ފިތަށް ފިތާލައިގެން ސީދާ މައްކާއިންވެސް އުޟްހިޔާ ކަތިލެވޭނޭ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި މިއީ ރަދުންނާއި ހަނގުބޭކަލުންނަށް ޚާއްޞަކުރެވިފައިވާ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، މިކަން މިހާރު ވެފައިވަނީ މެދުފަންތީގެ ޢާއިލާތަކަށްވެސް ކުރެވޭ ވަރުގެ ކަމަކަށެވެ. ކޮވިޑުގެ މިއޮށްފަދަ ދުވަސްވަރުވެސް މި ފުރުޞަތު ވަނީ ފަހިވެފަ އެވެ. މިހާރުވެސް ޢީދު ސުފުރާ މަތިން ކުކުޅުފެނުނަސް، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ޢީދު ކޭމަށް އިންސާފުކުރަނީ ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އަހަރެމެން އުޟުހިޔާގެ ގޮތުގައި ކަތިލި ގެރިބަކަރީގެ މަހުން ޞަދަޤާތުގެ ގޮތުގައި ބެހި ބައިން، ނިކަމެތި ޢާއިލާއަކަށް ޢީދުގެ އުފާ ހޯދައިދެވުނުކަމުގެ ޔަޤީންކަމާއެކުގަ އެވެ.








