ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ސަބަބުން އިންސާނީ ނުވަތަ އަސާސީ ހައްގުތައް ގެއްލިފައިވާ މައްސަލަތައް ހުށަހެޅުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ހުޅުވާލުމުން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 59 މައްސަލަ ހުށަހަޅާފައިވާކަމަށް އެ އޮފީހުން ބުނެފި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.
އަންނަ އޯގަސްޓް، 13 ގެ ނިޔަލަށް އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މިދިޔަ މަހުގެ 13 އިން މި މަހުގެ 13 ގައި ނިޔަލަށް ޖުމްލަ 59 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ބާވަތަށްބަލާއިރު، އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނައީ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.
ދެވަނަ އަށް އެންމެ ގިނައިން މަސައްކަތްކުރުމުގެ ހައްގަށް އަރައިގަނެފައިވާ މައްސަލަތަކެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 20.34 ޕަސަންޓެވެ.

ދެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި މުދަލާއި، އުގެނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، ގާނޫނު ހިލާފަށް ހައްޔަރުކުރުމާއި ޒާތީ ދިރިއުޅުމުގެ މައްސަލަތައް ވެސް ފުރަތަމަ މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލައެއް މަދުވެގެން ދެ އަހަރުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހޭނެ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އޮމްބަޑްސްޕާސަންގެ އޮފީހުގެ ޒިންމާއެކެވެ.
އިންތިގާލީ އިންސާފުގެ ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ އަބްދުއްސަލާމް އާރިފެވެ. އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ލައިޒާއަކީ ވެސް އިންތިގާލީ އޮފީހުގެ އޮމްބަޑްސްޕާސަންއެކެވެ.













