ބައެއް މީހުން ދެކޭ ގޮތުގައި ލިޔެކިޔުންތައް އެންމެ ފުރިހަމަކޮށްދެނީ ސާދާ ބަސްކޮށާރަކުންނެވެ. ކޮންމެ ލަފުޒަކުން އޭގެ ލަފުޒީ މާނަ ފަސޭހައިން ނަގައިގަނެވިގެންނެވެ. އަނެއްބަޔަކު ޤަބޫލުކުރަނީ ލިޔުމެއްވިއްޔާ އޭގައި ދެލިގަނޑަށް އިތުރު ދިހުން އަރުވާނޭ ކުލަތައް ހިމެނެންވާނެކަމަށެވެ. ލިޔުންތެރިޔާ ސިފަކުރާ ހާލަތަކާ މުނާސަބު ހަރުބަހާއި މުސްކުޅި ބަހާއި މަޒާޖާއި މިސާލުބަސް ލިޔުމުގައި ހިމަނަން ވާނެ އެވެ. ތެދެކެވެ. ޑަކުޓަރު ލިޔުއްވާ ބޭސްސިޓީގައި "ފަސްހަނގުރާމަބަލައިގެން" އެންޓިބަޔޮޓިކް ކާށޭ ލިޔެގެން ކަމަކުނުދާނެ އެވެ. އެހެން ނަމަވެސް ސިޔާސީ ޕޯޑިއަމެއްގައި ނުވަތަ އަދަބިއްޔާތުގެ ބައިތައް ޒީނަތްތެރިކުރުމުގައި މަޖާޒާއި މިސާލުބަސްތަކުގެ ގަހަނާ ބޭނުންކުރެވިދާނެ އެވެ.
މަޖާޒަކީ އެ ލަފުޒަކުން ދޭހަވާ މާނަނޫން އިތުރު މާނައެއް ދޭހަވާ ބަސްބަހެވެ. މިސާލުބަހަކީ ހިނގާފައިވާ ކަމަކަށް ނިސްބަތްކޮށް ބުނާ ބުނުންތަކެވެ. މި ފަދަ ޒީނަތްތެރިކަން ކުރިން ފެންނާން އޮތީ އަދަބިއްޔާތުން އެކަންޏެވެ. ޅެންބަހުރުވަޔާއި ވާހަކަތަކުންނެވެ.
ދެހާހުގެ އަހަރުތަކުގައި ޑިމޮކްރަސީގެ ހަރަކާތާއެކު ދިވެހި ބަހަށް ލިބުނު މިނިވަންކަމުގައި ދިވެހި ބަސްކޮށާރު މުއްސަނދިވެގެން ދިޔަ މަންޒަރު ފެނުނެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ޢަބުރުގެ ދައުވާތަކުން ރެކުމަށްޓަކައި މަޖާޒާއި މިސާލުބަސް ބޭނުންކުރުމުގެ އުކުޅު ތަޢާރަފުކުރެވިގެންދިޔަ މަންޒަރު ފެނުނެވެ. އެތައް އަހަރެއް ވަންދެން ވަކި އިންތަކެއްގެ ތެރޭ ގައިދުކޮށްފައި އޮތް ބަސްކޮށާރު ވީއްލިގެން ދިޔަ މަންޒަރު ފެނުނެވެ.
ޑިމޮކްރަސީގެ އާ ބަހާތަކަށް އެކަށީގެންވާ ލަފުޒުތައް އުފެއްދުމަށް، އެހެން ބަސްބަހުން ލޯންކޮށްފައިވާ ލަފުޒުތަކާއި އަލަށް އުފެއްދި ލަފުޒުތައް ޢާއްމުވާން ފެށި އެވެ. 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވާފައިވާ "ލިބަރޭޓިންގް ލެންގުވޭޖް" މި މަޒުމޫނުގައި "ޕީސްފުލް ޕްރޮޓެސްޓް"، "ސިވިލް ޑިސްއޮބީޑިއަންސް" އަދި "ޑިޓެއިނީ" ފަދަ ލަފުޒުތައް ދިވެހިބަހަށް ތަރުޖަމާކުރެއްވުމަށް "ސުލްހަވެރި އެއްވުން"، މަދަނީ ބަސްނޭހުން" އަދި "ގައިދީ" ފަދަ އައު ލަފުޒުތައް އެކަށެއެޅުއްވި ގޮތާއި އޭގެ ޙިކުމަތް ތަފްޞީލުކޮށްދެއްވާފައިވެ އެވެ. އޭރު ބަހަށް ލިބުނު މިނިވަންކަން ވެގެންދިޔައީ، ޚާއްޞަގޮތެއްގައި ސިޔާސީ އެކި ވާހަކަތަކަށް މީހުން ޝައުޤުވެރިކުރުވުމަށް ބޭނުންކުރި، ލޮނުހެޔޮވަރު، ކުލަގަދަ ބަސްކޮށާރަށް ދިވެހި ދޫތައް ފަރިތަވާން ލިބުނު މިނިވަންކަމަކަށެވެ.
އަދިވެސް ސިޔާސީ ޕޯޑިއަމްތަކާއި ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި މިފަދަ ލަފުޒުތަކާއި ބުނުންތައް އަޑުއިވެ އެވެ. ސުވާލަކީ މަޖާޒާއި މިސާލުބަހަކީ މަސައްކަތުގެ މައިދާނުގައި ރިޕޯޓުތައް ލިޔެއުޅުމަށް ބޭނުންކުރެވިދާނޭ އުކުޅުތަކެއްތޯ ކުރެވޭ ސުވާލެވެ.
ފުރަތަމަ ލިޔުންތެރިކަމަށް ބަލައިލަމާ ތޯއެވެ. އަހަރެމެން މި ޒަމާނުގެ ނޫސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ޓްވިޓާ ފަދަ މަންސަތަކުގައި ވަކި ޢަދަދަކަށް ވުރެ ގިނައިން ލަފުޒު ބޭނުންނުކުރެވޭއިރު ކުރާ ޓްވީޓެއް ވައިގައި ހިފައި މިންވަރަށް ލިޔެލަން ދަތި ވާހަކަ އެވެ. ބައެއް ހާލަތްތަކުގައި އެއްމެ މަޖާޒީ ލަފުޒަކުން ދިގު ޖުމުލައެއް ދޭހަކޮށްދެ އެވެ. މިސާލަކަށް "ހިޔާ ފްލެޓުތަކުގެ ބޭރުފުށުން އެ ފެންނަ ރީތިކަން އެތެރެއަކުން ނުފެނެއޭ" ބުނުމުގެ ބަދަލުގައި "ހިޔާ ފްލެޓުތައް ވީ ފޮތިގަނޑުން ބޮޑު ކޭމަކަށް" ކަމުގައި ބުނެވިދާނެ އެވެ. ސަމާލުކަން އަތުލައިގަނެވޭނެ ސުރުޚީއެކެވެ. ލަފުޒުގެ ޢަދަދު މަދެވެ. މާނަ ދޭހަވެ އެވެ.
ސިޔާސީ ގަނޑުބަނޑެއްގެ ކޮޅުމަތި ފެންނަނީއޭ ބުނުމުގެ ބަދަލުގައި ދަރަހިލެނީއޭ ބުނެވިދާނެ އެވެ. މަޖިލީހުގެ މިއަދުގެ ބަހުސްގައި ދެއްކީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކައޭ ބުނުމުގެ ބަދަލުގައި، މަޖިލީހުގެ ތަޅަމުގައި ދެއްކީ ސައްދާދުވާހަކައޭ ބުނެވިދާނެ އެވެ. ދެން އުފެދޭ ސުވާލަކީ، މި ފަދަ ލަފުޒުތައް ބޭނުންކުރުމުން ކިޔުންތެރިންނަށް އެ ލިޔުން "ބަރު" ނުވާނޭތޯ އުފެދޭ ސުވާލެވެ. ޖަވާބަކީ، އެއްވެސް ލިޔުންތެރިއަކު، ކިޔުންތެރިޔާގެ ތޫނުފިލިކަން "ކުޑައިމީސްކޮށްގެން" ނުވާނެކަމެވެ.
މަޖާޒާއި މިސާލުބަހަކީ ޚާއްޞަކޮށް ސިފަކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދެ ހަތިޔާރެވެ. "ވޯޓު އޮޅުވާލީތޯ އެވެ. ހީވެސް ނުވެ އެވެ." މި ސުރުޚީގެ ދަށުން އިމާދު ލަތީފު 2020 ވަނަ އަހަރު ވީނިއުސްއަށް ލިޔުއްވާފައިވާ ލިޔުމެއްގައި، ވެނިމިފައިވާ ކަމެއްގެ ވާހަކަ އަލުން ފަށައިގެން ދެއްކުން ސިފަކުރައްވާފައިވާ ރީތި ގޮތަށް ބަލާލަމާތޯ އެވެ.
"ދިވެހިރާއްޖޭގައި އޮތުމަށް ރައްޔިތުން އެދެނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރުގެ އޮގަސްޓް މަހު ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަކީ ބޮޑުވެގެންވާ އޮޅުވައިލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހަފުތާގައި އަނެއްކާ ވެސް ވަނީ ވިދާޅުވެފަ އެވެ. މިއީ އައު ވާހަކަފުޅެއް ނޫނެވެ. މީގެ ތޭރަ އަހަރުކުރީންވެސް ދެއްކެވި ވާހަކަފުޅެވެ. ބަދަލުވީ ހަމައެކަނި ޒަމާނެވެ. ހާލަތެވެ. ދެހަޅަޖަހައި ނިމި ހަޅަމަޑުވެ ވައިވެސް އުތުރަށް އެރިފަހުން ވާހަކަ އައުކުރެއްވުމުގެ ހިކުމަތަކީ ކޮބައިބާވަ އެވެ."
މި ލިޔުމުގައި، ވެރިކަމުގެ ނިޒާމުގެ ބަހުސަކީ ނިމިފައިވާ ބަހުސެއްކަން ހާމަކުރެއްވުމަށް އިމާދު ބޭނުންކުރައްފައިވަނީ "ދެހަޅަޖަހައި މަޑުވުން" މި މަޖާޒެވެ. މޮޅެތި ލިޔުންތެރިން މި ދައްކަވާ ނަމޫނާއަކީ، މަޖާޒާއި މިސާލު ބަހަކީ ހަމައެކަނި ސަމާސާ ނުވަތަ ޖެއްސުންކުރުމުގެ ގޮތުން ބޭނުންކުރާ ލަފުޒުތަކެއް ނޫންކަމެވެ. މުހިއްމު މަޢުޟޫޢުތަކަށް އިންސާފުކުރުމުގައި ވެސް، މީހުންގެ އުޅުން ގުޅުމާއި ހަސީލަތް ސިފަކުރުމުގައި ވެސް މަޖާޒާއި މިސާލުބަސް ބޭނުންކުރުމުން އިތުރު ފުރިހަމަކަމެއް ގެނުވާކަމެވެ.
ހިތާމައަކީ ސައްތައިން ދުއިސައްތައިން ނޫސްތަކާއި މަޖައްލާތައް ދަފުތަރުކޮށް ކޮންމެ ދުވަހަކު ވަށިވަށިން ލިޔެކިޔުންތައް ޝާއިޢުކުރަމުންދާއިރު، ބަސްމަގު ޒީނަތްތެރިނުރާ ގަހަނާތައް މައިގަނޑު ލިޔުމުގެ ބަދަލުގައި ކޮމެންޓް ސެކްޝަނުން ފެންނަކަމެވެ. ލިޔުންތެރިންގެ މަޤާމުގައި ތިބޭ އަހަރެމެންގެ ނެތް ފެންވަރު ކިޔުންތެރިން ކޮމެންޓް ސެކްޝަންގައި ދައްކަމުންދާކަމެވެ. ދެތިން މިސާލަކަށް ބަލާލަމާތޯއެވެ.
އައްޑޫ އޮންލައިންގެ ލިޔުމެއްކަމަށްވާ "ޔާމީން ގޭ ބަންދަށް ދޫކޮށްފި" މި ލިޔުމަށް ކޮމެންޓުކުރަމުން "މަސްކައްކާ" ލިޔެފައިވެ އެވެ.
"...އިދިކޮޅުން ވާދަ ކުރާ މީހުން ފުނޑާލައިގެން ތޭ ތަމެން ގެންގުޅޭ ދެ ބަނޑުއަކިރި ވައްލަކޫޓިން ތަކަށް މަޖްލީސް މެމްބަރު ކަން ހޯދާދެނީ..."
އަދަދު ނޫހުގެ ސިޓީބިޓީ އަށް ކޮމެންޓު ކުރަމުން ސިއްތި ލިޔެފައިވެ އެވެ.
" މިހާރު ތި އޮތީ މަލިކު ލަވައަށް ބަދަލުވެފަ ބުނެފިއްޔާ ވާނީ ބުނިކަމަށް ނުބުނެފިއްޔާ ނުބުނިކަމުގާ ނުބުނެ ހިރެވޭކަށެއްނެތް..."
ކޮމެންޓް ސެކްޝަން މުއްސަނދިވުމަކީ ލިޔުންތެރިންގެ ފެންވަރު ނެތުމުގެ މައްސަލައަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރަސްމީ ލިޔެކިޔުންތަކުގައި އެފަދަ މިސާލުތައް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އެޑިޓޯރިއަލުން ޤަބޫލުކުރުކަމީ ވެސް އޮތުން އެކަށީގެންވާ ތަޢައްޞަބެކެވެ. އަދި އެ ފަދަ ލަފުޒުތައް ބޭނުންކުރާނޭ މިންވަރުގެ ޔަޤީންކަމާއެކު، ޚާއްޞަކޮށް ސިޔާސީ މަޢުޞޫޢުތަކަށް ލިޔަން ޖެހިލުންވުމަކީ ވެސް އެކަށީގެންވާކަމެކެވެ. ކޮމެންޓް ސެކްޝަނުގެ ނިވާގަނޑުގައި ހުރެ ބޮނބިގަނޑު ފުރުވުމަކީ، "ބައި-ލައިންގެ" ހާމަކަމަށްވުރެ ރައްކާތެރިކަމެއް ތާއެވެ. ޚާއްޞަކޮށް ނޫސްވެރިންނަށް ރިޕޯޓުކުރުމުގައި "ތެތަށް ކަނޑާފައި" ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ނޯންނާތީ މިއީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ.
މިހާރުވެސް ދަންބެރަށްވުރެ ތަގުޑި ދިގުވާހެން އެބަ ހީވެ އެވެ. ހައްތަހާވެސް ގިއްޗެއްވައްޓާލަން ބޭނުންނުވާތީ އެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، މަޖާޒާއި މިސާލުބަހަކީ އަދި ބަލަށް އެހެލާންވީ ތަކެއްޗެއް ނޫންކަމެވެ. ލިޔުންތެރިކަމަކީ ގުރާމޮށުން ކަމުގައި އޮތް ދުވަސް މާޒީވެ ހިނގައްޖެ އެވެ. މިއަދު މިއޮތީ ތަޅުމަޅުގަނޑު ނެއްޓިފަ އެވެ. ބަސްމޮށުންތެރިކަމުގެ މިނިވަންކަން ބަހަށް ގެނައި ކުރިއެރުމަކީ ބޮނޑުނަގުލަށްވާން ދޫކޮށްގެން ނުވާނެ އެވެ. އެކަމަކު މިކަން ވާން އޮތީ ލިޔުންތެރިންނަކީ އުޑިކިބަފިލާފައި ތިބި މީހުންނަށް ވެގެންނެވެ. އެހެން ނޫނީ އަހަރެމެންގެ ލިޔުންތަކުގެ ފެންވަރު އޮޑިތާންކަލޭގެ ރައިވަރެކޭ އެއްގޮތްވެދާނެ އެވެ.








