ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރާ ދުވަހު ތަޅުދަނޑިތައް ހަވާލު ކުރާނެ ކަމަށާއި އެކަމަކު ވަގުތުން ފިނިޝިން މަސައްކަތް ނުފެށިދާނެ ކަމަށް ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުންތަކުގައި އަންނަ ބުދަ ދުވަހުން ފެށިގެން ސޮއިކުރަން ފަށާނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު "އަދަދު" ވިދާޅުވީ ދުވާލެއްގެ މައްޗަށް 250 އާއި 300 އާ ދެމެދުގެ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. އެހެންކަމުން މަހެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 6،000 މީހުންނާ އެކު ސޮއިކޮށް ނިމޭނެ ކަމަށް އެޗްްޑީސީން ލަފާކުރެ އެވެ.
"ސޮއިކުރާ ދުވަހު ތަޅުދަނޑި ހަވާލު ކުރާނަން. އެކަމަކު ފާހަގަކޮށްލަން ބޭނުން ދާއިމީ ކަރަންޓް ނޫން ވީމައި ލިފްޓް ބޭނުން ކުރާއިރު އެ ކަމަށް ސަމާލުވުމަށް،" ސުހައިލް ވިދާޅުވި އެވެ.
އެއްބަސްވުމުގެ މުހިއްމު ބައިތައް
- ފްލެޓު ވިއްކަން ކަނޑައަޅާފައިވާ އަގަކީ ދެ މިލިއަން ރުފިޔާ. (2،250،000.00ރ.)

- އަގު ދައްކަން ފަށަން ޖެހެނީ ފްލެޓް ހަވާލުކުރާތާ ތިން މަސް ފަހުން، ކޮންމެ މަހެއްގެ 1ގެ ކުރިން.
- މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހޭ.
- ބޭނުން ނަމަ އެޑްވާންސް ފައިސާ ދެއްކޭ، އޭރަށް މަހުން މަހަށް ދައްކާ ބައިން އުނިކުރާނެ.
- ފްލެޓުގެ އަގު އެއްކޮށް ދެއްކުމުގެ ފުރުސަތު ވެސް ދޭ ގޮތަށް ވަނީ ހަމަޖައްސާފައި.
- އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ 1000ރ. - 100،000ރ ދެމެދުގެ މިންވަރަކުން ޖޫރިމަނާ ކުރެވިދާނެ.

ހިޔާ ފްލެޓްތައް: ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާ، އެ ދުވަހު ތަޅުދަނޑި ހަވާލު ކުރޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
ހިޔާ މަޝްރޫއުގައި ހިމެނޭ އެވްރެޖްކޮށް 550 އަކަ ފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ފިނިޝިން ނުލައި ޗައިނާ ކުންފުނިން އިމާރާތްކޮށްދިން އަގަކީ 956،040ރ. އެވެ. ފިނިޝިން ނުނިންމައި މި ފްލެޓްތައް ހަވާލުކުރުމަކީ އެތަނުގައި ދިރިއުޅެން ފަށާ މީހުންނަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ. އެހެންވެ އެޗްޑީސީން ނިންމާފައި އޮތީ އަންނަ ޖުލައި މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދުވަސް ފިނިޝިންއަށް ދޭށެވެ.
ސުހައިލް ވިދާޅުވީ ކަރަންޓްގެ މައްސަލަ އަދިވެސް އެއްކޮށް ހައްލު ނުވާ ކަމަށާއި ފިނިޝިން ނިންމަން ދޭ ތިން މަސް ގުނަން ފަށާނީ ކަރަންޓްގެ މައްސަލަ ހައްލުވުމުން ކަމަށެވެ. މިހާރު މަސައްކަތް ކުރަމުން އަންނަނީ ބުދަ ދުވަހުގެ ކުރިން އެކަން ހައްލުވޭތޯ ކަމަށާއި ނަމަވެސް އެ ދުވަހަށް އެކަން ނުވެދާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
މި މަޝްރޫއު ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 437 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އެ ލޯނު ހޯދީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ. އެ އަގު ބޮޑުވެގެން ޝަކުވާ ދަނީ ކުރަމުންނެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނީ ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭނީ 5،600ރ. ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް އަށް ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.
މި ހިސާބު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.












