އެއީ ޓްވިޓަރުގައި ވަރަށް ހޫނު ބަހުސެއް ހިނގަމުންދިޔަ ދުވަހެކެވެ. ވެރިންނަށް ވަކިގޮތެއް، ޢާއްމު ރައްޔިތުންނަށް ވަކިގޮތެއް ކަނޑައެޅިފައި އޮތް ވާހަކަ އެވެ. އެ ދުވަހު އެ ތަފާތުގެ ދިފާޢުގައި ވާހަކަ ދެއްކި މީހުން ބަހުސްކުރަމުންދިޔައީ ވެރިންނަށް ޚާއްޞަ އިނާޔަތްތައް ދެނީ މުޅި ޤައުމުގެ މަސްލަޙަތުގެ ހިމާޔަތުގައި ކަމެވެ. މިބަހުސެއްގައި އެއްބަޔަކު އަނެއް ބަޔަކު ބަދަލުކުރަމުންދާ ޓްވީޓުތައް ބަލަން އިންދައި، "ދެކުރު އެއްކޮށްގެން ކެވޭނީ ހަމައެކަނި ރަސްރަސްކަލުންނަށޭ" ބުނެ ކޮށްފައިވާ ޓްވީޓެއް އަޅުގަނޑުގެ ސަމާލުކަން އަތުލައިގަތެވެ. ކުއްލިއަކަށް ހަނދާނަށް އައީ ފޮތް ހަރުގަނޑުގައި އޮވެ ހިރަފުސްއަރަމުންދާ، ބާރަ ޞަފުޙާގެ ތުނި، ބާ ފޮތެކެވެ. ނަވާރަ ސަތޭކަ ނުވަދިހަ ފަހެއްގައި ޝާއިޢުކުރި "ހިއްސާ" ވާހަކަ މަޖައްލާގެ އަށް ވަނަ އަދަދުގައި ނައިފަރު ޢަލީ ސަޢީދު ލިޔުއްވާފައިވާ "ދެކުރުގެ ސިޔާސަތު" މި ފޮތެވެ.
ހިރަފުސް ފޮޅާލާ ކިޔާން ފެށުމުން، މި ދެންނެވި ޓްވީޓު، އެ ބަހުސަށް މުނާސަބު މިންވަރު ހިތަށް ވެރިވި އެވެ. ދެކުރުގެ ސިޔާސަތަކީ ތޯ އެވެ؟ މިއީ މާކުރިއްސުރެ ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކައެއްކަމަށް މި ދެންނެވި ފޮތުގައި ޢަލީ ސަޢީދު ލިޔުއްވާފައިވެ އެވެ. އަދި މިހާރު ވެސް ދިރިދުނިޔޭގައި ތިބި މުސްކުޅިވެރިން، މި ގޮތަށް މި ވާހަކަ ކިޔައި އުޅެ އެވެ. ޢަލީ ސައީދު ލިޔުއްވާފައިވެ އެވެ.
"ދެކުރު އެއްކޮށްގެން ނުކާން ޢަމުރުފުޅު ނެރެ ކޮއްޔެއް ލެއްވި ރަދުންގެ ވާހަކަ މުނި މާމައިންނާއި މުނިކާފައިން ކިޔާދީފައިވެ އެވެ. އެވާހަކަ ދަންނަ މުސްކުޅިން މިއަދު ވެސް އެބަތިއްބެވެ. ދިވެހި ރަސްކަމާ ގުޅުވައިގެން ނުވަތަ ވެރިކަން ކުރެއްވި ބޭފުޅެއްގެ ސިޔާސަތާ ގުޅުވައިގެން ޚިޔާލީ ވާހަކަތަކެއް ދެއްކުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ނެތް ކަމެކޭ ދަންނަވައިފިނަމަ އެއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ސަބަބަކީ ދިވެހި ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން ޢާއްމު ރައްޔިތުންގެ ހިތަށް ވައްދާދީފައިވާ ހައިބަތާއި ޤަދަރެވެ. ވީމާ ރަދުންގެ ނަންފުޅު ގަނެ ދެކެވޭ ވާހަކައަކީ ކުޅޭކުޅޭ ވާހަކައެއްކަމަށް ދެންނެވޭކަށް ނެތެވެ. އޭގައި ކޮންމެވެސް ޙަޤީޤަތެއް ފޮރުވިފައި އެބަވެ އެވެ. އެ ޙަޤީޤަތަކީ ކޮބައިތޯ އެވެ؟"
ތެދުފުޅެކެވެ. ދާދި ފަހަކާ ޖެހެންދެން، ދިވެހިންގެ ތެރޭގައި ރަސްރަސްކަލުންނާއި، ރައީސުންނާ މަތިކޮށް، ޙަޤީޤަތެއް ނެތް ވާހަކަ ދައްކައި އުޅެނީ ހަމައެކަނި އެ ފަދަ ބޭކަލެއްގެ ގައިގައި ހުރި ނުރަނގަޅުކަމެއް ފޮރުވުމުގެ ގޮތުންނެވެ. ރަނިންނޭ ކިޔައިގެން އެ އަރުވާ އަޑުތައް އަދި އެއީ މުޅީން އެހެން ވާހަކައެއްތާ އެވެ. ކޮންމެއަކަސް، ޢަލީ ސަޢީދު މި ވާހަކަ ހުށަހަޅުއްވާފައިވަނީ ވެސް ރަދުން އެ ލެއްވި ކޮއްޔަކީ ރައްޔިތުންނަށް އޮތް ނާއިންސާފެއްކަމަށް ސީދާ ބަހުން ވިދާޅުނުވެ، އެހެންނަމަވެސް އެގޮތަށް ދޭހަ ކުރެވޭނޭ ވައްޓަފާޅިއަކަށެވެ.
މިހާހިސާބުން މި ވާހަކަ ޚުލާސާކޮށްލަމާތޯ އެވެ. ޒަމާނަކީ ސީދާ ކޮން ޒަމާނެއްކަމެއް ސާފެއް ނޫނެވެ. "އަންޒަމާނެވެ." އޭރު ރެދަލިކުރެއްވި މަހާރަދުން ރައްޔިތުންގެ މެދުގައި މަޝްހޫރުވެފައިވަނީ މާ މީރުކޮށް، ޚަރަދު ބޮޑުކޮށް ފަރީއްކުޅުއްވާ ރަސްކަލެއްގެ ގޮތުގަ އެވެ. ބޭރު ޤައުމުތަކުން ބޮޑު މުސާރަ ދެއްވައިގެން މަސައްކަތްކުރާ ކައްކާއިން ތިބެ އެވެ. ކޮންމެއަކަސް، ކޮންމެ ދުވަހަކު ވެސް ރަދުން ފަރީއްކުޅުއްވާ ރިހައެއް ކެއްކުމުގެ ކުރިން އޮނަސައްތަ ކައްކާއިން އޮނަސައްތަ ބާވަތުގެ ހަވާދު ފުނޑާކަމަށްވެ އެވެ. އަދި މީގެ ތެރެއިން އެ ދުވަހަކު ރިހަ ކައްކާނޭ ދެ ހަވާދެއް، މަހާރަދުންގެ އަނބިކަނބަލުން ޚިޔާރުކުރެއްވުމުން، ބާކީ 98 ހަވާދު ރަދުންގެ ގެރިތަކަށް ޖުއްލާބެއްގެ ގޮތުގައި ކާންދިނުމަށް ފޮނުވަ އެވެ.
އެއް ދުވަހަކު މާހަރަދުންނާއި އަނބިކަނބަލުންނާ ދެމެދު ކުންޏެއް ޖެހި، ރަދުންގެ ފަރީއްކޮޅަށް ހަވާދު ޚިޔާރުކުރެއްވުމަށް އަނބިކަނބަލުން އިއުތިރާޒު ކުރައްވަ އެވެ. އެހިސާބުން ކައްކާއިން މަސައްކަތް ހުއްޓާލާފައި ހިނގައްޖެ އެވެ. ބަނޑޭރި އަށް ލިބުނީ ރަދުންނަށް އަރުވާނޭ ރޫސިހާ ބަތްކޮޅެއް އެކަންޏެވެ. ދެން ހަދާނޭ ގޮތެއް ހުސްވެގެން ކަންބޮޑުވެފައި ހުއްޓައި އޭނާގެ އަނބިކަނބަލުން ދޭ ރިހާކުރު ބޮލިއްސަކާއި ދިޔާހަކުރު ބޮލިއްސެއް ހިފައިގެން ރަދުންނަށް ފަރީއްކޮޅަށް އެރުވީ އެވެ. އެދުވަހު ރަދުންގެ ހައިހޫނުކަން ފިލިކަމަށްވަނީ އެއް ނާޅީގެ ހަނޑުލުގެ ބަތް ރަދުންނަށް ފަރީއްކުޅުއްވުނު ފަހުންނެވެ. އެ ހިނދުން ހިނދަށް، މަހާރަދުން ފިޔަވައި އެހެން އެއްވެސް މީހަކު ބަތްކާއިރު ދެކުރު އެއްކޮށްގެން ކެއުން މަނާކޮށް ކޮލިލާން އަންގައިފި އެވެ. ބަނޑޭރި ހީކުރީ ރަދުންގެ ބުއްދި ގޯސްވީކަމަށެވެ. އެހެންކަމުން ޖެހިލުންވެ ހުރެ، އެއީ ކީއްވެ ލެއްވި ކޮއްޔެއްތޯ ރަދުން އަރިހު އެއްސެވުމުން، ރިހާކުރާ ދިޔާހަކުރާ އެއްކޮށްގެން މުޅި ޢާއްމު ރައްޔިތުން ބަތް ކާންވެއްޖެއްޔާ ރާއްޖެއަށް އެތެރެ ކުރަން ޖެހޭ ހަނޑުލުގެ މިންވަރު އިތުރުވާނެކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ރަދުންނަށް ހުއްދަވަނީ ކީއްވެގެންތޯ، އެ ސުވާލު ކުރަން ބަނޑޭރިއަކަށް ނުކެރުނެވެ.
ކުޑަކުޑަ ފޮތެކެވެ. ކުޑަކުދިންގެ ފޮތެއްގެ ސިފައިގައި އޭރު ކިޔައި އުޅުނު ފޮތެކެވެ. އެހެންނަމަވެސް އެ ވާހަކަ ހުށަހެޅުއްވުމުގައި ޢަލީ ސަޢީދު ގެންގުޅުއްވާފައިވަނީ ވަރަށް ދޮށީ ވައްޓަފާޅިއެކެވެ. އަތްނުލާ އައްދޮކިޔުއްވުމުގެ ވައްޓަފާޅި އެވެ. މުޅި ވާހަކައިގައި ވެސް ސީދާގޮތުން ލިޔުއްވާފައިވަނީ ރަދުންގެ ކީރިތިކަމާއި މޫރިތިކަމުގެ ވާހަކަ އެވެ. ރަދުންގެ ވިސްނުންފުޅުގެ ތޫނުކަމާއި ދުރުވިސްނޭ ސިޔާސަތުތަކުގެ ވާހަކަ އެވެ. ބަނޑޭރީގެ ކޮށިކަމާއި ގޮތްހުސްވުމުގެ ވާހަކަ އެވެ. އެހެންނަމަވެސް މިހާރުގެ ކިޔުންތެރިއަކު އެ ފޮޅުވަތްތައް ކިޔާލުމުން، އޭގައި އެތައް މާނައެއް ނެގިދާނޭ ޖާގަ ލިޔުންތެރިޔާ ދެއްވާފައިވާކަން ސާބިތުވެ އެވެ. މި ގޮތުން މި ވާހަކައިގެ ތެރެއިން ފެންނަ އެންމެ ބޮޑު އެއް ޝިޢާރަކީ އެކި ފަންތީގެ މީހުންގެ ތެރޭގައި އޮންނަން ޖެހޭކަމަށް ބަލައިގެންފައިވާ ތަފާތުތަކެވެ. މިކަން ފެންނަ އެންމެ ސާދާ އެއް މިސާލަކީ، މަހާރަދުންގެ އަނބިކަނބަލުން ހަވާދު ނަންގަވައިނުދެއްވުމުން، ފަރީއްކޮޅުގެ ކަންތަކާ ކަންބޮޑުވެ ކައްކާއިން ބަނޑޭރި ވަށާލައިގެން އުޅޭތަން ފެނި މުސްކުޅި ފާނު ބުނާ ބުނުމެވެ.
"އެކަމަކުވާ! ތިޔައީ ދެން މަޝްވަރާކޮށް ސައްލާ ކުރަންވީ ކަމެއްތަ؟ ރަދުންނަށް ފަރީއްކޮޅު ވަތްނުކުރެވިގެން އެކަމާ ޒިންމާވާން މިތިބަ ބަޑޭރިމެން ކުޑަތަ؟ އަހަރެމެންކަހަލަ ކައްކާއިން ތިޔަ ކަހަލަ އާރުލާ ކަންކަމާ ބެހި އުޅޭނޭ ކަމެއް ނެތް"
ރަދުން ދެކުރު އެއްކޮށްގެން ޢާއްމު ރައްޔިތުން ކެއުން މަނާކޮށް ކޮލި ލެއްވުމުން، ބަނޑޭރިއަށް ކުރެވެމުންދިޔަ އިހުސާސްތަކަކީ ވެސް އެ ފަދަ ވެރިކަމުގެ ނިޒާމެއްގައި މި ފަދަ ތަފާތުތައް މީހުންގެ ސިކުނޑީގައި ކަނޑާ ނެގިފައިވާ މިންވަރު ތިލަކޮށްދޭ ރީތި މިސާލެކެވެ.
"ބަނޑޭރިއަށް ވަރަށް ބޮޑުބައި އޮޅުން ފިލައިފިއެވެ. މަހާރަދުންގެ ހިކުމަތްފުޅާ ދުރުވިސްނޭ ސިޔާސަތުގެ ހަރުދަނާކަމެވެ. ފުރަބަންޑާރައިންގެ އަމުރުފުޅުގައި ފޮރުވިފައިވާ އާއްމު މަސްލަހަތެވެ. އެކަމަކު ރައްޔިތުން ދެކުރު އެއްކޮށްގެން ނުކާން އަމުރެއް ނެރުއްވާފައި އަމިއްލަ ޒާތަށް އެކަން ހުއްދަކުރެއްވުން އެއީ ސުވާލެއް ނޫންބާވަ އެވެ؟ މި ސުވާލު ކޮށްލާފާނަމޭ ބަޑޭރި ހިތަށް އެރި އެވެ. އެކަމަކު ކީރިތި މަހާރަދުންގެ ކުރިފުޅުމަތީ އަނެއްކާވެސް އަނގަބެދި ހުތްވެދާނެތީ ކުރިންވީ ހުތް ކަނޑުވާލަން އަޑަފިމަލާފަތުން ހެދިބިލެތްގަނޑެއް އަގައަށް ލައިގެން ބަޑޭރި އޭނާގެ ހާލުގެ މައްޗަށް އެނބުރި ހިގައްޖެ އެވެ."
ވެރިންގެ ކުރިމަތީ ތިމާ ނިކަމެތިވެ ގަމާރުވުމަކީ ވެރިންނަށް އިހުތިރާމުކުރުން ކަމުގައި އޭރު ފުޅާ ދާއިރާއެއްގައި ޤަބޫލުކުރެވެމުންދިޔަ އެވެ. މިއީ އާ ވާހަކައެއް ނޫނެވެ. މިއަދުވެސް، މި އަގީދާގައި ދެމި ތިބި އެކި ޢުމުރުގެ އެކި މީހުން އެބަތިއްބެވެ. މިއީ ޙަޤީޤަތުގައި ހިނގި ހާދިސާއެއް ކަމުގައިވިޔަސް ނުވަތަ ހަދަހަދައިގެން ދައްކާ އުޅުނު ވާހަކައެއްކަމުގައިވިޔަސް މި ވާހަކައިގައި މި ދައްކާ ތަފާތުކުރުންތަކަކީ އޮތް ކަންތައްތަކެއްކަން ތާރީޚުންވެސް ހެކިވެ އެވެ. ކުރީގެ ބައެއް ޤާނޫނުތަކަށް ބަލާއިރު، ކީރިތި މަހާރަދުންނާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ނޫނީ ބައިސްކަލު ނުދުއްވޭ ޤާނޫނު ފަދަ ޤާނޫނުތައް ލިޔެވި ފެންނާން އޮތުމުން، އަދި މަތީގައި އެ ބަޔާންކުރާ ފަދަ ކޮއްޔެއް ލުމަކީ ބަޔަކު އެކަމާ އަޖާއިބު ވާންޖެހޭ މިންވަރުގެ ކަމެއް ނޫންކަން ހާމަވެ އެވެ. އަދުގެ ރާއްޖެއަށް ނަޒަރުހިންގާލިޔަސް، ވެރިކަން ކުރި ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް ފެނެ އެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަމަށް ބުނާ ނޭވާގައި ޢާއްމު ރައްޔިތުންނަށް "ފުދޭ" އާސަންދަ ނިޒާމު، ޤާނޫނު ހަދާން ތިބި މީހުންނަށް ނުފުދޭ ކަމުން އެކަނިވެސް، ޢާއްމު ރައްޔިތު މީހާއަށް "ދެކުރު އެއްކޮށްގެން ބަތް ކެއުމަކީ" މިއަދުވެސް މަނާކަމެއްކަން އެބަ ސާބިތުވެ އެވެ.
މި ވާހަކައިގައި ވެސް އެ ލެއްވި ކޮލީގެ ދިފާޢުގައި ރަދުން ވިދާޅުވާކަމަށް ވެ އެވެ.
"ބަޑޭރި ތިޔަ ގެނައި ރިހާކުރާ ހަކުރު އެއްކޮށްގެން އެއްނާޅި ހަނޑުލުގެ ބަތް ކޭ އިރުވެސް އަހަރެން ކާހިތް ފިލައިގެނެއް ނުދިޔަ. އެހެންވީމާ ރިހާކުރާ ހަކުރާ އެއްކޮށްގެން މުޅި ޢާއްމު ރައްޔިތް ބަތްކާ ކަމަށްވަންޏާ މި ރާއްޖެއަށް އެތެރެކުރަންޖެހޭ ހަނޑުލުގެ ޢަދަދު އޮތީ ހީކޮށްލުމެއްނުން... ބައިލާހި ދާންވީ ތަނަށް ބައިނާޅި ހަނޑުލުންވެސް ނުވެގެން ހަނޑޫ ނާޅިއެއް ދަންޏާ އެއީ އެއްގޮތަކަށް ވެސް އިގްތިސާދީ ކަމެއް ނޫން. އަހަރެންގެ އަމުރަށް މި މޭރުމުން ކޮއްޔެއްލީމާ އެކަމުން ރައްޔިތުންނަށް ލިބޭނީ ނިކަމެތިކަމެއް ނޫން! ފައިދާއެއް!"
ރަދުން ތަފްޞީލުކޮށްދެންވާން އުޒުރުވެރިވެފައި އޮތީ އެ ގޮތް މަހާރަދުންނަށް ހުއްދަ ވުމުގައި އޮތް ހިކުމަތެކެވެ. މި ދެންނެވި ރަހުންނާއި ރަނިންގެ ޒަމާން މާޒީވެގެން ހިނގައްޖެ އެވެ. އެހެންނަމަވެސް "ރަސްރަސްކަލުންނަށް މެނުވީ ދެކުރު އެއްކޮށްގެން ނުކެވޭ" ހާލަތްތައް މިއަދު ވެސް، ދިރިއުޅުމުގެ އެކި މައިޒާނުގައި ރައްޔިތުން ތަޖުރިބާ ކުރާކަން ކަށަވަރެވެ.








