ޔޫރަޕަށް 1800ގެ އަހަރުތަކުގެ ތެރޭގައި އައި ތަރައްގީ އާއި ތަހުޒީބުގެ އިންގިލާބުގެ އަސަރު އިންޑިއާ ކަނޑު ހުރަސްކޮށް ދިވެހިރާއްޖެއާ ހަމަޔަށް އަންނަން ފެށީ މިދިޔަ ގަރުނުގެ ކުރީކޮޅު އެވެ. ތާރީހު ލިޔުންތެރިޔާ މަރްހޫމް ޝަފީގުގޭ އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުގައި އޭރު ގިނަ ދިވެހިން ތިބީ ތަނުން އެނގުނު އެއްޗަކާއި ލިބުނު އެއްޗަކުން ފުއްދާލައިގެން ކަމަށާއި އޭރު ދިވެހިންގެ ތެރޭގައި އިލްމަކީ، ދީނީ އިލްމު ކަމަށެވެ.
"އިލްމު ލިބިގަންނަނީ އަރަބި ފޮތްފޮތުންނެވެ. ކިފާޔަތުގެ ފަރުޟެއް ފަދަ ގޮތަކަށް ނުޖޫމީ އިލްމާއި ބޭސްވެރި ކަމާއި، ފަންޑިތަވެރި ކަމުގެ އިލްމު އުނގެނިގެން ތިބި މަދު ބަޔަކު ތިބޫ އެވެ. ދިރިއުޅުމާއި ބެހޭގޮތުން ބޭނުންވާ ފަންނީ މަސައްކަތް ދަންނަ މަދު ބަޔަކު ވެސް ވަރަށް އެވޭލޭ އަކުން ފެށިގެން އަޅުގަނޑުމެންގެ ތެރޭގައި އުޅުނެވެ،" ޝަފީގު ލިޔުއްވާފައިވެ އެވެ.
އޭރު އޮތް ގޮތަކީ އެ މީހަކު ދަންނަ އިލްމެއް ހިތުން ހިތަށް އަނގަބަހުން ރައްދު ކުރަމުން އައުމެވެ. އެއްވެސް ބަހަކުން ލިޔެ ކިޔަން ދަންނަ މީހުން ވަރަށް ވެސް މަދެވެ. މާދަރީ ބަސް އެ ފެންވަރުގައި އޮތުމުން ލިޔެވިގެންވާ ފޮތްތައް އެހާ ވެސް މަދު ކަމަށެވެ.
"އޮތަސް އޮންނާނީ އެދުރެއްގެ އަތްމަތީގައި،" ޝަފީގު ލިޔުއްވާފައިވެ އެވެ.
އެކަމަކު މިދިޔަ ގަރުނުގެ ކުރީކޮޅު މަންޒަރު ބަދަލުވާން ފަށައިފި އެވެ. އިންޑިއާ، ސްރީ ލަންކާ އަދި މިސްރުން ކިޔަވައިގެން ދިވެހި ޒުވާނުން ރާއްޖެ އަންނަން ފެށުމާ އެކު އެވެ. އެ ކުދިން މާލެ އައިސް އާ ހިޔާލުތައް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ހިޔާލަކީ ނޫސް މަޖައްލާތައް ނެރެން ފެށުމެވެ. އެންމެ ފުރަތަމަ ނެރުނީ "ހުޅެވިހަނދު" އަދި "ނަޔާހިޔާލު" އެވެ. އެކަމަކު އެއީ ޗާޕުކޮށްގެނެއް ނޫނެވެ. އަތުން ލިޔެގެން އެންމެ ކޮޕީއެއް ހަދައިގެން، ގަނޑުވަރުތަކަށާއި ގޭގެޔަށް ގެންގޮސް އަޑުބާރުކޮށް ކިޔުއްވަނީ އެވެ.
އެކަން އެގޮތަށް ހިނގަނިކޮށް، ޗާޕުކޮށްގެން ރާއްޖޭގައި ނޫސް މަޖައްލާއެއް ނެރުއްވުމުގެ ހިޔާލު ފާޅުކުރެއްވީ ފަޟީލަތުއްޝައިޚު ހުސެއިން ސަލާހުއްދީނާއި ކަކާގޭ އަންނަބީލު އިސްމާއީލް ދޮށިމޭނާ މަނިކުފާނެވެ. އެ ހިޔާލުތައް ކުރެވުނީ ރާއްޖެ އަށް ގެނައި ފުރަތަމަ ޗާޕު މެޝިން ކަމަށްވާ އައްޑޫ އައްޝޭހު އިބްރާހީމް ބަހާއުއްދީން އައްޑު އަތޮޅު ހުޅުދޫގައި ބެހެއްޓެވި މެޝިނުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފުމަށް މާލެ އަށް ގެނައި ދަނޑިވަޅުގަ އެވެ.
އެކަމަކު އެ ހިޔާލަށް އަމަލީ ސިފަ ނާންނަނީސް، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުނެވެ. އެ މަސައްކަތަށް ރަދުން މުހައްމަދު ޝަމްސުއްދީން އެއްކުރެއްވި މަޖިލީހުގައި، ކުރިން ނޫސްވެރިކަން ފަށަން އަތުކުރިއޮޅާލި ޒުވާނުން ހިމެނުނެވެ.
ދިވެހީންނަށް ޑިސެމްބަރު 22، 1932 ގައި ލިބުނު ގާނޫނު އަސާސީން ފެވިގެން ދިޔައީ ހަމައެކަނި ވެރިކަމެއްގެ ގާނޫނީ އޮނިގަނޑެއް ނޫނެވެ. އަދި ތަސައްލީއެއް ލިބިގެން ދިޔައީ ހަމައެކަނި ސިޔާސީ ވާދަވެރިކަމުގެ އުދާސްތަކަށް ނޫނެވެ. އެއީ ވަރަށް ގިނަ އަސާސީ ހައްގުތަކެއް ފުރަތަމަ ފަހަރަށް، ލިޔެވިފައިވާ ގާނޫނުތަކަކުން ދިވެހިންނަށް ލިއްބައިދިން، ގާނޫނު އަސާސީއެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހައްގަކީ، ޝަރީއަތާއި ގާނޫނާއި ހިލާފުނުވާގޮތުން މީސްތަކުންގެ ބުއްދިއަށް ފެންނަ ކަންކަން ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމެވެ.
އެހެން ކަމާ އެކު މީސްތަކުން ގާނޫނުގެ މައްޗަށް ހޭއެރުވުމުގެ ގޮތުން ދުލާއި ގަލަމުން ސިޔާސަތު ހާމަކުރަމުން ގެންދަންވާނެ ކަމަށް، ގާނޫނީ ގޮތުން އުފެދުނު ފުރަތަމަ ސަރުކާރަށް ފެނުނެވެ. ނަތީޖާއަކަށްވީ އެކަމަށްޓަކައި "އަލް އިސްލާހު ގެ ނަމުގައި ޗާޕު މަޖައްލާއެއް ނެރެން ފެށުމެވެ. އެ މަޖައްލާ ވެގެންދިޔައީ، ގިނަ ބަޔަކަށް ކިޔަން ލިބޭނެ އުސޫލަކުން ރާއްޖޭގެ ލިޔުންތެރިންގެ ލިޔުންތައް ފުރަތަމަ ފަހަރަށް އާއްމުވުމުގެ މެދުވެރިޔާ އަށެވެ. އެހެންވެ، އެ މަޖައްލާ ނެރެން ފެށި ދުވަސް ކަމަށްވާ ޖުލައި 8 އަކީ ރާއްޖޭގެ "ލިޔުންތެރިންގެ ދުވަހުގެ" ގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން 1993 ވަނަ އަހަރު ނިންމައި ފާހަގަކުރަން ފެށި އެވެ.
ފުރަތަމަ ގާނޫނީ ސަރުކާރުގެ ވަޒީރުއްދާހިލިއްޔާ (ހޯމް މިނިސްޓަރު) އަދި ވަޒީރުލްމައާރިފް (އެޑިއުކޭޝަން މިނިސްޓަރު) އަހުމަދު ކާމިލް ދީދީގެ އެޑިޓަރުކަމުގައި އަދި ރައީސުއްތަހުރީރްގެ މަގާމަށް ސަލާހުއްދީން ލައްވައިގެން "އަލް އިސްލާހު" ނެރެން ފެށީ މަހަކު އެއް ފަހަރު ނުކުންނަ މަޖައްލާއެއްގެ ގޮތުގަ އެވެ. ދިގު މިނުގައި ނުވަ އިންޗި އަދި ފުޅާމިނުގައި ހަތް އިންޗު ހުންނަ 54 ސަފުހާގެ މި ނޫސް ޗާޕުޖެހީ ހިލަ ޗާޕު މެޝިނުގަ އެވެ.
މި މަޖައްލާގެ މަގުސަދުތަކުގެ ތެރޭގައި ދިވެހީން ދީނާއި ދުނިޔޭގެ ފަރާތަށް ހޭއެރުވުމާއި ގާނޫނު އަސާސީ އާއި އަހްކަމާއުއާއްމާއި ދައުލަތުގެ ފަރާތުން ނުކުންނަ ގެޒެޓުގައިވާ ގާނޫނުތަކުގެ އެކި އެކި މާއްދާތަކުގެ މައްޗަށް އޮޅުންފިލުވުމުގެ ފަރާތުން ވާހަކަދައްކައި ބަޔާންކުރުން ހިމެނެ އެވެ. އަދި އެ ގާނޫނުތަކާ ހިލާފުވަމުން ކަމެއް ހިނގާ ނަމަ އެ ކަމެއްގެ މައްޗަށް ވާހަކަ ދެއްކުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ސިޔާސީ، އިގްތިސާދީ، އަދި އިޖްތިމާއީ، ތައުލީމީ ދާއިރާ އިން ދުނިޔޭގެ އެކިއެކި ތަންތަނުގެ ހަބަރުތައް ލިޔުމާއި ދިވެހިރާއްޖޭގެ ތާރީހީ ހަބަރުތައް ލިޔުމާއި އެކިއެކި ބާވަތް ބާވަތުގެ އިއުލާންތަކާއި އިޝްތިހާރުތައް ލިޔުމާއި ރާއްޖޭގެ އެކިއެކި ތަންތާގެ ހާލުތަކާއި ހަބަރުތައް ލިޔުން ވެސް ހިމެނެ އެެވެ.
އެއިން ކޮންމެ ކަމަކާއި ބެހޭ މަޒްމޫނެއް ކޮންމެ މީހަކު ފޮނުވިޔަސް މަޖައްލާގެ އިދާރާ އިން ފާސްވުމަށް ފަހުގައި ލިޔެ ޝާއިއުކުރެވޭނެ ކަމަށާއި އެކަމަކު މީހެއްގެ ޒާތަކާއި ނުވަތަ މީސްތަކުންގެ އަބުރުތަކާއި ބެހޭ ނުވަތަ ދައުލަތުގެ ނުވަތަ މީހަކަށް އެ ވާހައަކުން ގެއްލުމެއް ލިބޭނޭ އެއްވެސް ހަބަރެއް ޝާއިއުއެއް ނުކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
"އަލް އިސްލާހު" ގެ ފުރަތަމަ އަދަދުގައި ހިމެނުނު 11 ލިޔުމުގެ ތެރޭގައި "ދިވެހި ހަކުރު"، "ދިވެހިރާއްޖޭގެ ތާރީހު"، "ހަދީސްގެތަރުޖަމާ" އަދި "ދިވެހިރާއްޖޭގެ އަޖާއިބުތައް" މި ސުރުހީތަކުގެ ދަށުން ސަލާހުއްދީން ލިޔުއްވި ލިޔުންތައް ހިމެނެ އެވެ. އަދި ކާމިލް ދީދީ ލިޔުއްވި "ގައުމާބެހޭ"، "މިހާރު މިހިނގާ ދުސްތޫރީ ދައުލަތް" އަދި "ދިވެހި ދައުލަތަށް އާގުބޯޓެއް ނުހޯއްދަވައި ތިއްބެވުން ހެޔޮނުވާނެ" މަޒުމޫންތައް ހިމެނެ އެވެ.
ފުރަތަމަ އަދަދަށް އެ ދެ ބޭފުޅުން އެކަނި ލިޔުއްވި ނަމަވެސް ފަހުން ނުކުތް އަދަދުތަކަށް ލިޔުއްވި ބޭފުޅުންގެ ތެރޭގައި މުހައްމަދު އަމީން ދީދީ އާއި މުހައްމަދު ފަރީދު ދީދީ އާއި ބަގީޗާގޭ ދޮންދުއްތުދީދީ އާއި މުހައްމަދު ޖަމީލް ދީދީ އަދި މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ (ދޮންތުއްކަލާ) ހިމެނެ އެވެ.
ބައެއް ބޭފުޅުން އުރުދޫ ބަހުން މަޒުމޫނުތައް ލިޔުއްވާފައި ހުރި ނަމަވެސް އެ މަޖައްލާ ވެގެންދިޔައީ ދިވެހި ބަހުން ލިޔުމުގެ އާ ދައުރަކަށް އެރި އިރަކަށެވެ.
"އަލްއަމީރު މުހައްމަދު އަމީނާއި، އަލްއުސްތާޒް މުހައްމަދު ޖަމީލުގެ ލިޔުއްވުންތަކުން (އިބާރާތްތަކުން) ދިވެހި ބަހާއި އެބަހުގެ އަދަބުގެ އަލުން ދުވަހެއް އަތުވެދާނެޔޭ ކަމުގެ ހެކި ފެނުނެވެ. އަދި ތަންކޮޅެއް ފަހަށް ބަލާލުމުން ބަހުގެ އަދަބުގެ ދަނޑުގައި ކުރިއަށް ހިންގަވައިގެންނެވި އަލްއުސްތާޒް އިބްރާހިމް ޝިހާބަކީ އެންމެ ފަށުއި ކޮށް ދުލާއި ގަލަމުން ވަޞްފުކުރައްވާ އަދީބަކަށް ވެގެން ދިޔަ އެވެ. ހަމަ އެ ދަނޑިވަޅު މުހައްމަދު އަމީން ހިމެނިގެންދިޔައީ ދިވެހި ބަހަށް އައު ޒަމާނެއް ގެނެސްދެއްވި ދިވެހި ދަރިޔާ އަށެވެ،" ލިޔުންތަކާ ބެހޭގޮތުން ޝަފީގު ބަޔާންކުރައްވާފައިވެ އެވެ.
ސިޔާސީ ހަމަނުޖެހުންތަކަކާ ގުޅިގެން، ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވެ ގާނޫނު އަސާސީ ވީދާލުމާ އެކު، އަހަރެއްހާ ދުވަސް ފަހުން "އަލް އިސްލާހު" ނުކުތުން ހުއްޓުނެވެ. އެ ގާނޫނު އަސާސީ އާއި އެ މަޖައްލާ، ޅަފަތުގައި މަރުވިޔަސް، އޭގެ ތެރެއިން ލާފައި އުފަންވި ދިވެހި ލިޔުންތެރިކަމުގެ ފަންނު ދިރިދިރި އެބައޮތެވެ.
titledesc








