މީގެ 56 އަހަރު ކުރިން، އަލްމަރްޙޫމް ސައިކުރާ އިބްރާހިމް ނަޢީމު ލިޔުއްވި ތާރީޚީ ވާހަކަ "ޔަމަނުގެ މަޢުޞޫމާ" މަޝްހޫރުވެފައިވަނީ ލޯބީގެ ވާހަކައެއްގެ ގޮތުގަ އެވެ. ޅެން ބަހުރުވައިން، ފުރަތަމަ ޝާއިޢުކުރެއްވި އިރު 89 ބައިތުން އަދި 2002 ވަނަ އަހަރު ފޮތް ދިހަ ވަނަ ފަހަރަށް ޗާޕުކުރެއްވި އިރު 225 ބައިތު ހިމެނޭގޮތަށް ޅެން އިތުރަށް ފުރިހަމަކުރައްވައިގެން ޝާއިޢުކުރެއްވި މި ރީތި ވާހަކަ މަޝްހޫރުވެފައިވަނީ ދޮންހިޔަލަ އާއި އަލިފުޅު ފަދަ، ލައިލާ އާއި މަޖުނޫނު ފަދަ، ރޯމިއޯ އާއި ޖޫލިއެޓް ފަދަ ލޯބީގެ ވާހަކައެއްގެ ގޮތުގަ އެވެ. ތެދެއްމެ އެވެ. އަދަބީ ފެންވަރަށް ބަލާއިރު މި މަސައްކަތް ދިވެހި "އެޕިކް" އަކަށް ފުދެ އެވެ.
އެހެންނަމަވެސް ޅެމުގެ ވާހަކައަށް ބަލާއިރު ސާއިރާ އާއި ޝާހިދުގެ ލޯތްބަކީ ލައިލާ އާއި ޤައިސް، ރޯމިއޯ އާއި ޖޫލިޔެޓް އަދި ދޮންހިޔަލަ އާއި އަލިފުޅަށް ވުރެ ޒަމާނީ ލޯތްބެއްގެ ވާހަކައެކެވެ. އިންތިހާއީ ވަފާތެރިކަމުގެ ވާހަކައެއް ނޫނެވެ. ސާއިރާގެ ވަފާތެރިކަމުގެ ރައްދުގައި ޝާހިދުވީ ބޭވަފާގެ ވާހަކަ އެވެ. ޅެމުގެ އެންޓެގޮނިސްޓު ޝާހުލް ޔަމަންގެ އަނިޔާވެރިކަމުގެ ވާހަކަ އެވެ. ބާރާއި ނުފޫޒާ ހަމައަށް "ޤާނޫނުގެ ދިގު އަތް" ނުފޯރާވާހަކަ އެވެ. އަންހެނުންނަށް މުޖުތަމަޢު ދޭ ނިކަމެތިކަމުގެ ވާހަކަ އެވެ. އަދި މި ކަންކަމުގެ ކުރިމަތީ ސާއިރާ ދެއްކި ހިތްވަރުގެ ވާހަކަ އެވެ.
ޅެމުގެ ވާޙަކައަށް ދިޔުމުގެ ކުރިން، މި ޅެމަކީ ދިވެހި އަދަބިއްޔާތުގައި މި ޅެން މުހިއްމުވާ ސަބަބަށް ވިސްނާލަމާތޯ އެވެ. ބައިތު ބާޒީކުޅޭ އިރު، ޚާއްޞަކޮށް ރަޙުމަތްތެރިންގެ މެދުގައި ކުޅޭ އިރު، އެންމެ ފޯރީގައި ކިޔާ އެއް ބައިތަކީ ކޮބައިތޯ އެވެ؟
"ތިން ކުދިން ތެރެއިން މެދަށްއިން އެންމެ ދޮން ކުއްޖާ ޒުވާން
އިންތަނުން ތެދުވެއްޖެކަން އެނގުމާއެކީގައި އިސްޖެހިން"
މި ޅެން ބައިތު ނުދަންނަ ޒުވާނެއް މަދުވާނެއޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. އެހެން ބައިތެކެވެ.
"ކޯރެއްގެ ސާހިލެއްގައި ހަނދުއޮއްސެމުން އެދިޔައިރު
ރޮއިރޮއި އެއިން ޒުވާނާ ޢިބްރަތުގެ ދަރުސަކަށްވީ"
މަތީގައި މި ދެންނެވި ބައިތަކީ ވެސް އަހަރެމެން ދަންނަ، އަހަރަމެންގެ ދުލަށް ފަރިތަ ބައިތެކެވެ. އަދި އެއް ބައިތަށް ބަލާލަމާތޯ އެވެ.
"ނެތްކަމެއް ތަޤްދީރުގާ ވާކަށް ނުވެސް އޮންނާނެޔޭ
އެއްކަމެއްވެސް ނުހިނގަޔޭ ތަދުބީރު ކުރެހި ޕްލޭނަކުން"
މަތީގައި މި ދެންނެވި ތިން ބައިތަކީ ވެސް "ޔަމަނުގެ މަޢުޞޫމާ" މި ޅެމުގެ ބައިތުތަކެވެ. ދިވެހިން ދަންނަ، މަޝްހޫރު ޅެންބައިތުތަކުގެ ތެރޭގައި ގުނާލެވޭ ބައިތުތަކެވެ. މީގެ ބައިޤަރުނު ކުރީގެ އަދަބީ މަސައްކަތެއް ކަމުގައިވިޔަސް، މިއަދުވެސް ބައިތުބާޒީކުރާ މެހެފިލުތަކުން، ދަރިވަރުންގެ މަޒުމޫނުތަކުން، އަދި ކިއެއްތަ، ސިޔާސީ ޕޯޑިއަމްތަކުން ވެސް އިވޭ ބައިތުތަކެވެ. ޅެމެއް، ތަރިކައަކަށް ވާކަން ދައްކުވައިދޭ އެއް ސިފައަކީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް އެ ބައިތުތައް ބޭނުންކުރެވޭ ކުރެވުން ކަމުގައި ބަލާނަމަ، "ޔަމަނުގެ މަޢުޞޫމާ" މިޅެމުގައި މި ދެންނެވި ތިން ބައިތު ނޫނަސް، އެތައް ބައިތެއްގައި އެ ސިފަ ފެނެ އެވެ.
ޅެމުގެ އޮނިގަނޑަށް ބަލާއިރު، ޅެން ބަހާލާފައިވަނީ ތިން ބަޔަށެވެ. އެއީ ވާހަކައިގެ ޚުލާސާ އާއި ވާހަކަ އަދި ވާހަކައިގެ ނިމުމަށެވެ. ވާހަކައިގެ ފެށުމުގައިވާ އެގާރަ ބައިތު އެކުލަވާލައްވާފައިވަނީ 24 ފިލީގެ، އުރުދޫ ޅެމާއި ފާރިސީ ޅެމުގެ ވަޒަނަށެވެ. ޅެމުގެ ވާހަކަ އާއި ނިމުމުގެ ބައިތުތައް އެކުލަވާލައްވާފައިވަނީ ރޯޝަނީ ވަޒަނަށެވެ. ވާހަކައިގެ ޚުލާސާ ފައްޓަވަނީ ސާއިރާ ކޯރެއްގެ ސާހިލެއްގައި އިނދެގެން މާޒީއާ މެދު ވިސްނާ މަންޒަރު އަދި އޭނާ އެ ވިސްނަމުންދާ ކަންތައްތައް ސިފަކުރައްވަމުންނެވެ. އެއަށްފަހު ވާހަކައިގެ އޭގެ ތަފްޞީލު ދެއްވަ އެވެ. އަދި ނިންމުމުގައި ސާއިރާ އެއިން ހިތާމަވެރި ޙާލަތައް ދާން ދިމާވި ގޮތް ވިދާޅުވެދެއްވަ އެވެ. ޕްލޮޓު ޚުލާސާކޮށްލާނަމަ، ސާއިރާ އާއި ޝާހިދު ބައްދަލުވެ، ލޯބީގެ ގޮތުން ގުޅި، އެންގޭޖްމަންޓް ވެސް ނިމިފައިވަނިކޮށް، ޔަމަންގެ ވެރިކަމުގައި ހުރި ޝާހުލް ޔަމަނަށް ސާއިރާ ފެނި، އޭނާއާ ގަޔާވެ އެވެ.
ޝާހުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން، އުފަންދުވަހަގު ޕާޓީއަކަށް ދޭ ދަޢުވަތެއްކަމަށް ބުނެ، ސާއިރާ ގަނޑުވަރަށް ގެންގޮސް އޭނާ ޤައިދުކޮށް، އޭނާގެ އިއްފަތްތެރިކަން ނަގާލައި، އޭނާއަށް އެތައް އަނިޔާއެއް ދެ އެވެ. ޝާހުލް ޔަމަންގެ އެދުންވެރިކަމަށް ސާއިރާ ނޫނެކޭ ބުނުމުން އަދަބެއްގެ ގޮތުން އޭނާގެ ލޯ އަނދިރިވާފަދަ އަނިޔާއެއް ދެ އެވެ. އަދި ޝާހުގެ ބޭނުން ފުދުމާއެކު، ސާއިރާ އަޅެއްގެ ގޮތުގައި ވިއްކާލަ އެވެ. އެހެންނަމަވެސް ސާއިރާ ގަތް މީހާއަށް އޭނާ ގެއާ ހަމައަށް ގެންދެވުމުގެ ކުރިން ކާކުކަން ނޭނގޭ މީހަކު އައިސް އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަކަށް ގެންގޮސް އޭނާއަށް ބޭސްފަރުވާކޮށްދެ އެވެ. އަދި އޭނާގެ މި ގޮތްނޭނގޭ އެހީތެރިޔާގެ އެހީގައި އޭނާ ލޮލުގެ އޮޕަރޭޝަނެއްކޮށް ލޮލުގެ ފެނުން އަލުން ލިބި، އޭނާގެ އާއިލާއާ އޭނާ ހަވާލުކުރެ އެވެ. އެހެންނަމަވެސް އަދިވެސް މިއީ ކާކުކަމެއް ސާއިރާއަކަށް ނޭނގެ އެވެ. މިހެން ދިރިއުޅެނިކޮށް، ޝާހިދުގެ އިންތިޒާރުގައި ސާއިރާ އިންދައި އޭނާއަށް ޝާހިދުގެ ސިޓީއެއް ލިބެ އެވެ.
މި ސިޓީގައި އެ ގޮތްނޭނގޭ އެހީތެރިޔާއަކީ ޝާހިދުކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް ސާއިރާއަކީ ބޭވަފާތެރިއެއްކަމަށް ދެކި، ޝާހުލް ޔަމަނުގެ މަޤާމާއި ޢިއްޒަތް ފެނި ސާއިރާ ޝާހިދު ދިޔައީކަމަށް ތުހުމަތުކޮށްފައި، ދެން އޭނާ ސާއިރާއާ ނުގުޅޭނޭކަމަށް ބުނެފައިވެ އެވެ. ސާއިރާއަށް މި ސިޓީ ފެނި އޭނާ މާޔޫސްވެ އެވެ. އެހެންނަމަވެސް ހިތާމަކުރަން ޖެހުނުކަމުގައިވިޔަސް، ޝާހިދަކީ އިންސާފެއް ނެތް މީހެއް ކަމުން، ދެން އޭނާވެސް ޝާހިދަށް އިންތިޒާރުނުކުރުމަށް ނިންމަ އެވެ. އެހެންނަމަވެސް އެއީ އޭނާގެ ހުރިހާ އުފާވެރިކަމެއްގެ ނިމުން ކަމުގައި އޭނާ ކަނޑައަޅަ އެވެ.
މި ޅެން ކިޔަމުން ދިޔައިރު މައިގަނޑު ޝިޢާރުތަކެއް ފާހަގަކުރެވުނެވެ. ސާއިރާގެ ވަފާތެރިކަމެވެ. ޝާހިދުގެ ފިނޑިކަމެވެ. ޝާހުލް ޔަމަނުގެ އަނިޔާވެރިކަމާއި އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ސާއިރާދެއްކި ހިތްވަރެވެ. އަދި ސާއިރާގެ މައިންބަފައިންގެ އިހުމާލެވެ.
އެހެންނަމަވެސް މި ޅެމުގައި ފެންނަ އެންމެ މުހިއްމު އެއް ޝިޢާރަކީ ސާއިރާގެ "ޓްރޯމާ" އަދި އޭނާއަށް އިހުސާސްކުރެވޭ މާޔޫސީ އެވެ. ބައެއް ބައިތުތަކަށް ބަލާލުމުން އޭނާއަށް ކުރިމަތިވީ އަނިޔާވެރިކަމުގެ ނޭދެވޭ އަސަރުތައް އޭނާއަށް ނަފްސާނީ ގޮތުން ފޯރާފައިވާކަން ޅެންވެރިޔާ ވަރަށް ފުރިހަމައަށް ދައްކުވައިދެއްވާފައިވެ އެވެ.
"ލޯއަނދިރި އަހަރެން މިތާ އެކި ތަންތަނަށް ގެންދިޔަ ވަގުތު
ލޯމަތިން ހަމަހީވިޔޭ ޝާހުލް ޔަމަން ދައްކާލިހެން"
"ނެތް އިނގޭ ޒައްރެއްގެ މިންވަރުވެސް ވެވޭ އިތުބާރަކަށް
ދެންމިއީ ފަހު ނޭވައޭ ހީކޮށް ހިމޭންކަމުގާ އޮތިން"
"ލޯބިވެސް ވީމޭ ޙަޔާތުގެ ދުވަހުގާ އެހެނަސް އެއިން
ހޯދިހުރިހާ އެއްޗަކުން ކިރިޔާ މި ލިބުނީ އެއް ކަފުން"
ޝާހިދާއި ސާއިރާގެ ލޯތްބަކީ ލައިލާ އާއި މަޖުނޫންގެ ލޯބިކަމުގައި ސިފަކުރުމާ ދެކޮޅު ހެދެނީ ސަބަބެއް ނެތިއެއް ނޫނެވެ. ސާއިރާ އާއި ލައިލާއަށްވެސް ދިމާވަނީ މަޖުބޫރީ ޙާލަތުތަކެކެވެ. އާއިލާގެ މަޖުބޫރީ އެވެ. ލައިލާއަކީ ބަސަރާގެ އަމީރުގެ ދަރިކަމުން އަދި ޤައިސް (މަޖުނޫން) އަކީ ޔަމަންގެ އަމީރުގެ ދަރިކަމުން، ލައިލާގެ ބައްޕަ އެ ގުޅުމާ ދެކޮޅު ހަދައެވެ. އަދި ބޮޑު ހަނގުރާމައަކަށްފަހު، ޤައިސް މަރުވީ ކަމަށް ޤަބޫލުކޮށް، ލައިލާ، ނުފޫޒުގަދަ އަމީރަކާ ދެވަ އެވެ. ސާއިރާގެ ވާހަކަ މިއަށްވުރެ ހިތާމަވެރި އެވެ. ޝާހުލްޔަމަންގެ މަޤްޞަދާމެދު ލައިލާއަށް ޝައްކުކުރެވެމުންދިޔައިރު ވެސް އާއިލާއަށް ލިބޭ ޢަބުރާއި އިއްޒަތެއްކަމުގައިދެކި، އޭނާގެ އާއިލާއިން އޭނާ ޝާހުލްޔަމަންގެ އަރިހަށް ފޮނުވަން މަޖުބޫރުކުރުވަ އެވެ. މިކަމުން ހިމާޔަތަށް އެދި ސާއިރާ ޝާހިދުގެ ކައިރިއަށް ދިއުމުން އޭނާއަށް ވެސް ސާއިރާއަށް ހިމާޔަތެއް ނުދެވުނެވެ. ނަތީޖާއެއްގެ ގޮތުން ޝާހުލްޔަމަންގެ އަނިޔާއަށް ސާއިރާ ހުށަހެޅުނެވެ.
ލައިލާ މަޖުނޫނުގައި އޭނާ މަޖުބޫރީ ޙާލަތެއްގައި މީހަކާ ކައިވެނިކުރުމަށްފަހު ހުވަފަތްވަންދެން ވެސް ޤައިސް އޭނާގެ އިންތިޒާރުގައި، ވަފާތެރިކަމާއެކު ހުއްޓެވެ. އެހެންނަމަވެސް ޝާހިދަށް ސާއިރާ ދިޔައީ މަޖުބޫރީ ޙާލަތެއްގައިކަން އެނގިހުރެމެ، އޭނާއަށް ބޭސްފަރުވާކޮށްދިން ނަމަވެސް، އޭނާގެ ވަފާތެރިކަމާމެދު އިތުބާރެއް ނުހިފެހެއްޓުނެވެ. މިއީ ދިވެހި މުޖުތަމަޢުގައި އައު ސިފައެއް ނޫނެވެ. އަނިޔާގެ ޝިކާރައަކަށްވާ އަންހެނެއް، ޚާއްޞަކޮށް ޖިންސީ އަނިޔާގެ ޝިކާރައަކަށް ވާ އަންހެނެއްގެ ފަސްބައިގައި އެ ޖަހާ ލައްގަނޑަކީ ކިތަންމެ ވަރަކަށް ދޮވުނަސް ފިލާ ލައްގަނޑަކަށް ނުވެ އެވެ. އެއީ އޭނާ އަކީ ސާއިރާ ފަދަ، ކުށެއް ނެތް މަޢުޞޫމު މީހެއް ނަމަވެސްމެ އެވެ. ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ތުއްތު ކުއްޖާއަކީ ވެސް ޢުމުރު ދުވަހަށް "އެ ލޭބަލް" ހަރުކޮށްގެން އުޅެން މުޖުތަމަޢު މަޖުބޫރު ކުރުވާ ކުއްޖަކަށްވަނީ މަދު ފަހަރަކު ނޫނެވެ. އެހެންކަމުން، ޔަމަންގައި ސެޓްކޮށްފައިވާ ވާހަކައެއް ކަމަކު ދިވެހި ލޮލަކުން ބަލާލުމުން، ޝާހިދުގެ ނިންމުމާމެދު އަޖާއިބު ވާނޭ ޖާގައެއް ނެތެވެ.
ޝާހުލްޔަމަންގެ އަނިޔާގެ ވާހަކައިންވެސް ފެންނަނީ ނާއިންސާފެވެ. ޕިކްނިކެއްގައި ސާއިރާ ފެނުމާއެކު އޭނާ ސާއިރާ ބޭނުންވެ އެވެ. ޝާހު އަންހެނަކު ބޭނުން ނަމަ، އޭނާ ވަގަށްނަގައި އޭނާއާ މެދު އަނިޔާވެރި ގޮތްތައް ނިންމާކަން އެންމެ ސާފުކޮށް ދޭހަވަނީ، ޝާހުގެ ގަނޑުވަރަށް ވަދެވުމާއެކު ސާއިރާގެ ހިތަށް އެ މަންޒަރު ސިފަވެގެންދިޔަ ގޮތް ބަޔާންކުރާ ބައިތުންނެވެ.
"މީނައޭ ތިޔަ ޤައިދުޚާނާއަށްޓަކައި އަދު ގެނެވުނީ
ހީވިޔޭ މީހަކު އަހަންނަށް ބުނެލިހެން އިލްހާމަކުން"
އެހެންނަމަވެސް އާރެއް ބާރެއް ނެތް ހާލުގައި ސާއިރާ ބަނދެގެން ޝާހުގެ ކުރިމައްޗަށް ގެންދިއުމުންވެސް ސާއިރާ އިސްކޮށްފައިވަނީ ހިތްވަރެވެ. ސާއިރާގެ ބަނދެފައި އޮތް އަތް މުހާލުމާއެކު ސާއިރާ ޝާހުގެ މޫނުގައި ޖަހަ އެވެ. އަދި ޝާހު އޭނާގެ އެދުން ފުއްދަން މަސައްކަތްކުރިއިރު، ހިތްވަރާއެކު ސާއިރާ ދައްކަމުންދިޔަ ވާހަކަތަކަކީ މިއަދުގެ ޙާލަތާ ވެސް ގުޅޭ ވާހަކަތަކެކެވެ. މަޤާމާއި ނުފޫޒާއި ފައިސާއަކީ ކޮންމެކަމެއް ވެސް ހުއްދަކުރާ ބާރުތަކެއްކަން ދައްކާ މީހުން މިއަދު ވެސް އެ ބާރުތަކުގެ އެހީގައި ބޮޑެތި ކުށަށް އަރައިގަތުމަށްފަހު މިނިވަންކަމާއެކު އުޅޭކަމީ މުޅި ދުނިޔެ ދަންނަ ކަންކަމެވެ.
"ޢިއްޒަތާ ޢަބުރާ އެއީ ޝާހުންގެ ޙައްޤެއްތޯ މިހާރު؟
ޢިއްޒަތުގެ ނަފުސަށްޓަކައި ކުރިފުޅުމަތީގައި ދެންނެވިން
ދުނިޔެއަށް ޝާހެއްގެ ނަމުގައި ތިޔަކުރައްވާ ރަސްކަމުން
އުނިވަމުން ނެތެމުންދަނީ ނޫންތޯ މި ތިބަ އަންހެންކުދިން"
އެ އަނިޔާތައް ލިބެމުންދިޔައިރުވެސް ސާއިރާ ދެމިހުރީ ވަފާތެރިކަން މަތީގަ އެވެ. ޝާހުލްޔަމަނާ ދިމާއަށް ޖެހިލުމެއް ނެތި ސާއިރާ ބުނެ އެވެ.
"ސާއިރާ ތިޔަ އަތްޕުޅުން ހަމައަށް ދެފަޅިކޮށްލެއްވިޔަސް
ޝާހިދަށް ނޫނީ ނެތޭ ހިނިތުންވެލާތަންވެސް ފެނުން"
އަޅުބާޒާރުގައި ސާއިރާ ވިއްކާލުމުންވެސް އޭނާ ޝާހުލް ޔަމަނަށް ބަހުގެ ހަމަލާތައް ދެމުން ގެންދިޔައީ ޝާހިދަށް ވަފާތެރިކަން މަތީ ދެމިހުރިކަން އަންގަމުންނެވެ.
"ތާޖަކާ ތަޚުތެއްގެ ދަޅަޔަށް ހެއްލިދާނޭ ހިއްތަވާ
ދާޖަހައިގެން ހިއްޕެވީމާ ވީމޮޅެއް އޮތްތޯ ސަފުން
ލޯއަނދިރިކޮށްލެއްވިޔަސް އަދި ދިރިއުޅުން އަތުލެއްވިޔަސް
ލޯބިވާ ޝާހިދު އިނގޭތޯ، ފެންނަނީ އަދިވެސް ލޮލުން
ޝާހިދޭ އަޅުގަނޑުގެ ހުރިހާވެސް ޙަޔާތުގެ މީހަކީ
ޝާހުތޯ؟ އޭނާގެ ފައިވާނޭ ފޮހޭނީ ނިސްބަތުން"
ޝާހިދު ސާއިރާއާ ވަކިވާން ނިންމި ފިނޑި ނިންމުމުގެ ދިލަ އިތުރުކުރުވަނީ، ޝާހުލް ޔަމަންގެ ކިބައިން ލިބެމުންދިޔަ އަނިޔާގެ ކުރިމަތީގައި ސާއިރާ މި ދެއްކި ހިތްވަރު ކިޔުންތެރިންނަށް އިހުސާސްކުރެވިފައިވާތީ އެވެ. މަޝްހޫރު ވާހަކަ "ދޭވްދާސް"ގައި ޕާރޯ ނުލިބިގެން ދޭވް އާވާރެވެގެން އުޅުނުނަމަވެސް، އޭނާގެ ލޯތްބައް ބަދަލެއް ނާންނާތީ، ޕާރޯ އެވީ ޤުރުބާނީގެ އަގެއް އޮތްކަން ދޭހަވެ އެވެ. ލައިލާއަށް ކުރިމަތިވި މަޖުބޫރީ ޙާލަތުގައިވެސް އޭނާ ކުރި ހިތްވަރުގެ އަގެއް ހުރިކަމަށްވީ، "މަޖުނޫނެއްގެ" ނަން ލިބިގެންނަމަވެސް ޤައިސް އޭނާއަށް ވަފާތެރިކަން މަތީ ދެމިހުރީތީ އެވެ. ދޮންހިޔަލައަށް ދިމާވި ޙާލަތްތަކުގައި ވެސް އަލިފުޅަކީ އޭނާގެ "ހީރޯ" އެވެ. އެކަމަކު ޝާހިދަކަށް، ސާއިރާގެ ހީރޯއަކަށް ވާކަށް ނުކެރުނެވެ. ތެދުތެދަށް ބުނާނަމަ، މި ވާހަކައިގައި ޙަޤީޤީ ކުލަ ޖައްސުވައިދެނީ ޝާހިދުގެ މި ފިނޑި ޢަމަލެވެ. ކުރިން މި ދެންނެވި ވާހަކަތަކުގައި ސިފަކުރާ ފަދަ ސާފު ލޯތްބަކީ ވާހަކަފޮތްތަކުގެ ހުސް ގަނޑުތައް ފުރާ "ފެންޓަސީ" ނުވަތަ ޖަމާލިއްޔަތުގެ ކުލަޖެހިފައިވާ އިހުސާސެކެވެ. ސިނަފް މަސައްކަތްކުރައްވާފައިވަނީ މި ވާހަކައިގެ ތެރެއިން ވަފާ އާއި ބޭވަފާ ދައްކުވައިދެއްވާށެވެ. ލޯބީގައި ހުރި ވޭން ދައްކުވައިދެއްވާށެވެ. ސާއިރާއަށް ޝާހުގެ އަރިހަށް ދާން މަޖުބޫރު ކުރެވުނީތީ އޭނާގެ މައިންބަފައިން ފަހުން ދެރަވެ މަޢާފަށް އެދެ އެވެ. އެހެންނަމަވެސް ސާއިރާ އެދުނު ހިމާޔަތް ނުދެވުނު ކަމުގެ ބަދަލު ޝާހިދު ދައްކަނީ ހަމައެކަނި "ގޮތް ނޭނގޭ މަދަދުގާރެއްގެ ސިފައިގައެވެ. ދުރުހިލޭ ގޮތެއްގަ އެވެ.
ލައިލާ އާއި މަޖުނޫނުގެ ވާހަކަ މި މަޒުމޫނުގައި މި ދެއްކެނީ ސަބަބެއް ނެތިއެއް ނޫނެވެ. "ޔަމަނުގެ މަޢުޞޫމާ" މި ޅެމުގެ ފަހު ދެ ބައިތައް ބަލާލަމާތޯ އެވެ.
"ނާރުތައް ކެނޑި ބުރިވެގެންގޮސް ހިތުގެ ލޭ ޒަހަރަށް މިވީ
"ޗާރު ދިން ކީ ޗާނދަނީމޭ ޣަމްކަ ބާދަލް" ފެތުރިގެން
ހާސްވުމާ ހިތްދަތިވުމުގެ ދުނިޔޭން މުޅިން މި ނިކުންނަކީ
"އާސްމާން ވާލޭތެރީ ދުންޔާސެޖީ ގަބަރާ" ވެގެން"
މިއީ 1953 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު ހިންދީ ފިލްމު "ލައިލާ މަޖްނޫ" އަށް ލަތާ މަންގޭޝްކަރާއި ޠަލްޙަތު މަޙްމޫދު ކިޔާފައިވާ މަޝްހޫރު ލަވަ "އާސްމާން ވާލޭ ތެރީ ދުންޔާސެ" މި ލަވައަށް އިޝާރާތްކުރައްވާފައިވާ ދެ ބައިތެވެ. ވާހަކަ ޢަރަބިކަރައިގައި ސެޓްކުރެވިފައިވުން ވެސް މިއީ މި ދެ ވާހަކަ ގުޅޭ އެހެން ސަބަބެކެވެ. ލައިލާ މަޖުނޫންގެ ބައެއް ރިވާޔަތްތަކުގައި މަޖުނޫނު ނުވަތަ ޤައިސްއަކީ ޔަމަންގެ އަމީރުގެ ދަރިކަލުންނެވެ. އަދި ލައިލާއަކީ ބަސަރާގެ އަމީރުގެ ދަރިކަނބަލުންނެވެ. ސާއިރާ އާއި ޝާހިދަކީ ޝާހީ އާއިލާތަކަށް ނިސްބަތްވާ ޝަޚްސިއްޔަތުތަކަކަށް ނުވާނަމަވެސް މި ދެމީހުންނަކީވެސް ޔަމަނީންނަށް ވުމަކީ ދެ ވާހަކަ ގުޅޭ އިތުރު ސަބަބެކެވެ.
އެހެންނަމަވެސް ޒަމާނަށް ބަލާއިރު، މިއީ ދެ ޒަމާނެއްގައި ސެޓްކޮށްފައިވާ ވާހަކަތަކެއްކަން އެނގެ އެވެ. "ޔަމަނުގެ މަޢުޞޫމާ" ސެޓްކޮށްފައިވާ ޒަމާނާމެދު ކޮންމެ ވެސް ވަރަކަށް ސުވާލު އުފެދެ އެވެ. ފަހަކާ ޖެހެންދެން އިރާނުގެ ވެރިކަމުގައި ޝާހުން ތިބިކަމުގައިވިޔަސް، ޔަމަނުގެ ވެރީންނަށް ޝާހުންގެ ލަޤަބު ދީ އުޅުނުކަމެއް އެނގިފައެއް ނެތެވެ. އަދި "ޔަމަނުގެ މަޢުޞޫމާ"ގައި މި ދައްކާ ޒަމާނަކީ ސިނަމާ ހުންނަ، ހޮސްޕިޓާތައް ހުންނަ އަދި އޮޕަރޭޝަން ކުރެވޭ ޒަމާނެއްކަމަށް ބެލެވިދާނެ އެވެ. ދެން އުފެދޭ ސުވާލަކީ، އެފަދަ ޒަމާނެއްގައި ޔަމަނުގައި އަޅުންގެ ވިޔަފާރި ކޮށްއުޅުނުތޯ އުފެދޭ ސުވާލެވެ. އެހެންނަމަވެސް މި ކަންކަމަށް މާ ފުންކޮށް ފީނުމުގެ ކުރިން މުސައްނިފު، އަލްމަރްހޫމް ސައިކުރާ ނަޢީމް މިއީ ޚިޔާލީ ވާހަކައެއްކަމަށް ވިދާޅުވެފައިވާކަން ހަނދާންކޮށް، ޙަޤީޤީ ޤައުމެއްގެ ނަން ދިން ކަމުގައިވިޔަސް، ޚިޔާލީ ކަންތައްތަކެއް ސިފަކުރެވިދާނެކަން ހަނދާންކޮށް، "ޕޮއެޓިކް ލައިސެންސް"ދީ މި ބަހުސް ނިންމާލާނަމެވެ.
"ސިނަފްގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރުވި އަދީބު ސައިކުރާ އިބްރާހިމް ނަޢީމް" މި ފޮތުގައި ކަށިމާ އަޙްމަދު ޝާކިރު ލިޔުއްވާފައިވެ އެވެ.
"މީހާ ދުނިޔޭގައި ހުރެ ޚިދުމަތް ކުރާހާ ހިނދަކު އޭނާ ވަރެއް ނެތެވެ. ތަޢުރީފުގެ ބަސްތަކުން ރެޔާއި ދުވާލު ފަސްބައި ފުރާލަދޭނެ އެވެ. ނަމަވެސް މީހާގެ އާރާއި ބާރު ކެނޑޭ ދުވަހު އެއީކީ އެއްވެސް މީހެއް ނޫނެވެ. ދެން އިވޭނީ ނުރުހުމުގެ ބަސްތަކުގެ އަޑެވެ. އެހެންކަމުން އަލްމަރްހޫމް ސައިކުރާ އިބްރާހިމް ނަޢީމުގެ ޚިދުމަތުގެ ބާބު ނިމުނުދުވަހު އޭނާއަށްވެސް ވީ ހަމަ އެހެންނެވެ. ކޮށްދިން ޚިދުމަތެއް، އެޚިދުމަތުގެ އަގެއްވެސް ނެތެވެ. އާދޭހެވެ. މިއަދު އައުކުރެވެން އޮތީ ހަމައެކަނި ނަޢީމުގެ ޒިކުރާއެވެ."
އަލްމަރްހޫމް ސައިކުރާ އިބްރާހިމް ނަޢީމުގެ ޒިކުރާ އާކުރާނީ އޭރު، އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރަން ނުކެރުނު ޖީލަކުން ނޫނެވެ. އަދުގެ ޒުވާން ޖީލުގައި ހިމެނޭ ދިވެހި އަދަބިއްޔާތުގެ ދަރިވަރުންނާއި، ދިރާސާވެރިންނާއި، ޚުދު ދިވެހި ޅެންވެރިކަމުގެ ފަންނުންނެވެ. "ޔަމަނުގެ މަޢުޞޫމާ" މި ޅެން އެކަނި ވެސް، "ބުރުނީ ކަމަނާ ރައިވަރު" ފަދަ ތަރިކައަކަށް މިއަދު މިވަނީ ވެފަ އެވެ. މީގެ ބައި ޤަރުނު ކުރިން ލިޔުއްވާފައިވާ ވާހަކައެއްގައި ވަނީ މިއަދުވެސް ލޭކައްކުވާލާފަދަ ޝިޢާރުތަކެވެ. ހިތުގެ ހިމަ ނާރުތަކާ ކުޅެލާފަދަ ޝާޢިރާނާ ޚިޔާލުތަކެވެ. ސައިކުރާ ނަޢީމް ވިދާޅުވާގޮތުންނަމަ، "މާކަ ފޭރާން ހެޔޮ" ޅެމެއް ނޫނެވެ. އެހެންނަމަވެސް ބަނޑުވައްއަކުރާއި ކާފިޔާގެ ޖަލުގައި އުފެއްދުންތެރި ޚިޔާލު ޤައިދުކުރަން ނުޖެހޭކަމަށް ޤަބޫލުކުރާ ފާޑުކިޔުންތެރިންނަށް، އަގުހުރި ނަމޫނާއެކެވެ.








