ދިވެހި ދިގު ވާހަކަތަކޭ ބުނުމުން ޢާއްމު ގޮތެއްގައި ސިފަކުރެވެނީ ލޯބީގެ ތިނެސްކަން މައްސަލައެއް އަސްލެއްކަމުގައި ހަދައިގެން ލިޔެފައިހުންނަ ތިލަ ވާހަކަތައް ނުވަތަ ލޯބީގެ ތިނެސްކަނެއްގައި ރޫޙާނީ ކޮންމެ ވެސް ބާރެއް ހިމަނައިގެން ލިޔެފައިހުންނަ ވާހަކަތަކެވެ. އައްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގައި ދިވެހި ނާވިލުތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރީ ޝަމީމާ ޔަހްޔާ އާއި ގައްދޫ މުޙައްމަދު ރަޝީދު ފަދަ ކުޅަދާނަ ލިޔުންތެރިންގެ ތަރުޖަމާ ވާހަކަތަކުންނެވެ. އެއްފަހު ބިންމާ އިބްރާހިމް ވަހީދާއި ފާޠިމަތު ނަޙުލާގެ ޒަމާނެވެ. އަސަރު ގަދަ، ދިވެހިވަންތަ، ޒަމާނީ، ލޯބީގެ ވާހަކަތަކެކެވެ. މި ޒާތުގެ ދިގު ވާހަކަ ނުވަތަ ނާވިލުތަކުގެ ތެރޭގައި ވެސް ހޮވާލެވޭ މޮޅެތި ވާހަކަ ފެންނާން ނެތީކީ ނޫނެވެ. ލޯބީގެ އަސަރުގަދަ ރީތި ވާހަކަތަކުގެ ތެރެއިން އިޖުތިމާޢީ ގިނަ މައްސަލަތަކެއް ތަޙުލީލުކުރެވިފައިވެ އެވެ. ގައްދޫ ރަޝީދާއި ޝަމީމާގެ ތަރުޖަމާ ވާހަކަތަކުން އަވަށްޓެރި ޤައުމުތަކުގެ އިޖުތިމާޢީ މައްސަލަތަކުގެ ވާހަކަ އެވެ. އަންހެނުންނަށް ކުރިމަތިލާންޖެހިފައިވާ ނިކަމެތި ޙާލަތްތަކުގެ ވާހަކައެވެ. ނަހުލާ އާއި ބިންމާ އިބްރާހިމް ވަހީދުގެ ވާހަކަތަކުން ލޯބީގެ ޖޮންރާގައި ވެސް ޢާއްމުކޮށް ނުފެންނަ އެންގަލްތަކުގެ ވާހަކަތައް ފެނިފައި އެބަހުއްޓެވެ. އަދި އެފަދަ ޕްލޮޓުތަކުގެ ތެރެއިން އިޖުތިމާޢީ އެތައް މައްސަލަތަކަކަށް އަލިއަޅުއްވާލައްވާފައިވެ އެވެ.
އެހެން ނަމަވެސް މި ނޫން ޖޮންރާއެއްގެ ނާވިލެއް ކިޔާލުމަށް ދިވެހިން ތިބީ ކެތްމަދުވެފަ އެވެ. މި ފަދަ ވާހަކަތަކަށް ދިވެހި އޯޑިއަންސް އާދަވެފައިއޮތް އޮތުން ނިމުމަމަކަށް ގެނެސްދެއްވި ނާވިލު ލިޔުންތެރިންގެ ތެރޭގައި ޑރ. މުޞްޠަފާ ލުޠުފީ، ޑރ. ޢާއިޝަތު ޢަލީ ނާޒް، ކޮޕީ މުޙައްމަދު ރަޝީދު އަދި އާމިނަތު އިބްރާހިމް ފާހަގަކޮށްލެވެ އެވެ. "ސާގާ" އޭ މިކިޔާ ޒާތުގެ އެތައް ޖީލެއްގެ ދިރިއުޅުން ދައްކުވައިދޭ ވާހަކަތަކާއި، ލޯބީގެ ތިނެސްކަން ޕްލޮޓުގައި ހިމެނުނުކަމުގައި ވިޔަސް، ޕްލޮޓުގެ މައިގަނޑު މައްސަލައަކީ އިޖުތިމާޢީ މައްސަލަތައްކަމުގައިވާ ވާހަކަތައް މި ބޭފުޅުންނާއެކު ތަޢާރަފުވެގެންދިޔަ އެވެ. ޑަޔަލޮގާއި ނެރޭޝަންގެ ތެރެއިން ވާހަކަ ސެޓުކޮށްފައިވާ ޒަމާނެއްގެ އާދަކާދަތަކާއި ޘަޤާފަތްތައް ސިފަކޮށްދެއްވަ އެވެ. އަދި މި މައްސަލަތައް ހުށަހަޅާފައިވަނީ ތަޙުޤީޤީ ވާހަކަތަކާއި، ތާރީޚީ ހާދިސާތަކާ ގުޅޭ ވާހަކަތަކާއި، މީހެއްގެ ދިރިއުޅުމުގެ ވަކި ޚާއްޞަ ހާދިސާއަކަށް ބޮޑުވާ ބިއްލޫރިއަޅައިގެން ލިޔެފައިވާ ވާހަކަތުގެ ސިފައިގަ އެވެ.
އާމިނަތު އިބްރާހިމް (ގ.އައިނާއެޑަމްސް)ގެ "ލޯންޗިންގ" އަކީ މިފަދަ ރީތި ވާހަކައެކެވެ. ގިނަ ދުވަސްތަކެއްވަންދެން ސާނަވީ އަދި މަތީސާނަވީ ދަރިވަރުންގެ ދިވެހި މުދައްރިސާކަން އަދާކުރެއްވި އަދި ދިވެހި ބަހުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައި، ގިނަ ދިރާސާތަކެއް ޝާއިޢުކުރައްވާފައިވާ އާމިނަތު އިބްރާހިމްގެ މި ވާހަކައަކީ، ބަހުގެ ގޮތުންވެސް މުއްސަނދި ވާހަކައެކެވެ. މިސާލުބަސްތަކާއި މަޖާޒުތައް ގިނަ ވާހަކައެކެވެ.
ވާހަކަ ސެޓްކޮށްފައިވަނީ "އަނެއް ދިވެހިރާއްޖެ"އަށް ދިވެހިން މަރުޙަބާ ކީ ދުވަސްވަރުގަ އެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޕްރައިވެޓް މީޑިއާ ސްޓޭޝަންތަކުގެ ޅަފަތުގަ އެވެ. ފުރަތަމަ މީހާގެ ނަޒަރުން ލިޔެފައިވާ މި ތަޙުޤީޤީ ވާހަކައިގެ ހަރު ދުވެލި ގާއިމުކޮށްފައިވަނީ، ސާދާ ބަސްކޮށާރަކުން އެކުލަވާލާފައިވާ ކުރު ޖުމުލަތަކަކާއި މިޒަމާނުގެ ކިޔުންތެރިންނަށް ފަރިތަ ޑަޔަލޮގުތަކަކުންނެވެ. ވާހަކައިގަ މައިގަނޑު ޝަޚުޞިއްޔަތުކަމުގައިވާ ޝާން އަކީ ކުރިން ސަލާމަތީ ބާރުތަކުގައި އުޅުމަށްފަހު "ބޮންޑު ހަމަވުމުން" ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަންފެށި ހުނަރުވެރި ނޫސްވެރިއެކެވެ. އޭނާ ކަވަރުކުރަމުންދިޔަ ޚަބަރުތަކަކާ ގުޅުންހުރި ހާދިސާއެއް ހިނގުމުން، ދެން ކަންތައްތައް ނިއުޅިގެންދިޔަ ގޮތަކީ ވާހަކައިގެ މައްސަލައެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަކްރަމްގެ އެންމެ ފަހުގެ ވާހަކަ "ލޯންޗިންގ" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ކަވަރުކޮށް އެނބުރި އޮފީހަށް ދިޔަތަނާ އަކްރަމްގެ އަންހެނުން ލީޒާ މަރުވި ޚަބަރު ޝާންއަށް ލިބެ އެވެ. އެ ހިސާބުން ޝާން ފުޓޭޖްތައް ބެލުމުގެ ތެރޭގައި މި ކުއްލި މަރުގެ ޙަޤީޤަތް ހޯދުމުގެ ޝަޢުޤުވެރިކަން އުފެދިގެން ދެ އެވެ. މި މަސައްކަތުގެ ތެރެއިން އަޑިނޭނގޭ ގިނަ ކަންތައްތަކެއް ޝާންއަށް ފާހަގަކުރެވި އެ މައްސަލަތައް ފުލުހުންނާއި ޝާން މަސައްކަތްކުރާ ސްޓޭޝަންގެ ސަމާލުކަމަށް ގެނެސް، ފުލުހުންގެ ތަޙުޤީޤުގައި އޭނާވެސް ބައިވެރިވެ އެވެ. ވާހަކަ ނިމޭއިރު، މި ހުރިހާ ކަމެއްގެ ޙަޤީޤަތެއް "ލޯންޗިންގ" ވާހަކައިގެ ދެލިކޮޕީގެ ޒަރިއްޔާއިން ހާމަވެ، ލީޒާގެ މަރުގެ ޒިންމާ އުފުލަންޖެހޭ މީހުން ހައްޔަރުކުރެވެ އެވެ.
މިގޮތަށް ޚުލާސާކޮށްލުމުން ވަރަށް ސާދާ ތަޙުޤީޤީ ވާހަކައެއް ގޮތަށް ސިފަކުރެވެ އެވެ. އެހެންނަމަވެސް މި ވާހަކައިގެ ޙަޤީޤީ "ހީރޯ"އަކީ ލިޔުންތެރިޔާގެ ބެކްގްރައުންޑް ރިސާޗޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ޝާންގެ ތަޖުރިބާތަކުގެ ތެރެއިން ނޫސްވެރިކަމަށް ޚާއްޞަ ބަސްކޮށާރު، ޚާއްޞަކޮށް ބްރޯޑްކާސްޓު ނޫސްވެރިއަކަށް މެނުވީ ބޭނުންކުރަން ނޭނގޭ ފަދަ ކަވި އިޖުރާޢަތްތަކުގެ ވާހަކަތައް އާމިނަތު އިބްރާހިމް ހުށަހަޅުއްވާފައިވަނީ އެއްވެސް ބީރައްޓެހިކަމެއް ނުފެންނާނެހާ އޮމާންކޮށެވެ. މިސާލަކަށް އޮންއެއާގެ ކޮންޓްރޯލްގައި ގެންގުޅޭ ޗެކްލިސްޓުގެ ވާހަކައާއި ސްޓޭޝަންތަކުގައި ވީޑިއޯ އަރުޝީފުތައް ބަލަހައްޓާ ގޮތުގެ ތަފްޞީލުތައް ލިޔުއްވާފައިވަނީ އަމިއްލަފުޅު ތަޖުރިބާއެއް ފަދައިންނެވެ. ޝާން ކަވަރުކުރަމުންދިޔަ މީހަކާ ގުޅުންހުރި މުހިއްމު ހާދިސާއެއް ހިނގުމުން، އޭނާ ކުރިން އެ މީހާގެ ޚަބަރުތައް ކަވަރުކުރެވުނީ ވަރަށް "ކަންނެތް"ކަމާއެކުކަން އޭނައަށް އިހުސާސްވާ ހާލަތަކީ، ނޫސްވެރިންނަށް ވަރަށް ފަރިތަ ހާލަތަކެވެ.
"އަހަންނަށްވެސް މިވީ ހަމަ މިވަރެވެ. 10 ފޮތް ލޯންޗުކުރެވުނު ނަމަވެސް، ލިޔުންތެރިޔާގެ އެއްވެސް މަޢުލޫމާތެއް ނޭނގޭއިރު، އޭނާގެ އާއިލާއާ ބެހޭގޮތުން އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟"
ލިޔުންތެރިކަމަށް ބަލާއިރު ފާހަގަކުރެވުނު އަނެއް ސިފައަކީ ލިޔުންތެރިޔާގެ ޒާތީ ބައެއް މަޢުލޫމާތު، ވާހަކައިގެ ކެރެކްޓާ އަކްރަމްގެ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅުއްވާފައި އޮތް އޮތުމެވެ. ބައެއް ކިޔުންތެރިންނަށް މި އެއްގޮތްކަން ފާހަގަނުވުން އެކަށީގެންވެ އެވެ. ޚާއްޞަކޮށް އާމިނަތު އިބްރާހިމްގެ އެހެން މަސައްކަތްތަކަށް ނުފަރިތަ ނަމަ، މި ކަން ފާހަގަ ނުކުރެވުނީހެވެ. އެހެންނަމަވެސް އަކްރަމްގެ ޝަޚުޞިއްޔަތު (ފަހުން އެނގޭ ގޮތުގައި ލީޒާގެ ޝަޙުސިއްޔަތު) ލިޔާ ވާހަކަތަކުގެ ނަންތަކަކީވެސް، ކަވާ އާޓަކީވެސް، ޕްލޮޓަކީވެސް އަދި އެ ވާހަކަތަކަށް ލިބިފައިވާ އެވޯޑުތަކަކީވެސް ޙަޤީޤަތުގައި އާމިނަތު ލިޔުއްވާފައިވާ ވާހަކަތަކުގެ ނަންތަކާއި، އެ ފޮތްތަކުގެ ކަވާ އާޓާއި އެ ވާހަކަތަކުގެ ޕްލޮޓުތަކާއި އެ ވާހަކަތަކަށް ލިޔުންތެރިޔާއަށް ލިބިވަޑައިގެންފައިވާ އެވޯޑުތަކެވެ. ވާހަކައިގެ ޝަޚުޞިއްޔަތު، އަކްރަމްގެ ލިޔުންތެރިކަމާ ބެހޭގޮތުން ޝާން އާއި ޙަސަން ކުރާ މަޝްވަރާއެއްގެ ތެރެއިން ބުނެ އެވެ.
"އެއީ ހަމަ ތެދަކަށްވާނީ، އެނގިވަޑައިގަންނަވާ ދޮގެއްތޯ، 2008 ވަނަ އަހަރުވެސް އަކުރަމުގެ ތިން ފޮތަކަށް ޤައުމީ އިނާމު ލިބުނު، އޭގެ ތެރެއިން އެއްފޮތް "ނަތޫ"އަކީވެސް، އަޅުގަނޑަށް ހީވަނީ އެއީ ދެވަނައަށް ދިޔަ ވާހަކަހެން. އެއްވަނަވެސް ލިބުނީ އަކުރަމަށް، އެ ވާހަކައަށް ކިޔަނީ "ތަރި"."
މިއީ ސީދާ ލިޔުންތެރިޔާ، އާމިނަތު އިބްރާހިމްގެ ވާހަކަތަކަކަށް ކުރައްވާފައިވާ އިޝާރާތެކެވެ. 2008 ވަނަ އަހަރުގެ ނާވިލު ލިޔުމުގެ ޤައުމީ މުބާރާތުގައި އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަވެސް، އެ ތަރުތީބުން ލިބިވަޑައިގެންފައިވަނީ އާމިނަތު އިބްރާހިމްގެ ތިން ވާހަކަ ކަމަށްވާ "ތަރި"، "ނަތޫ" އަދި "ލޯބި" މި ތިން ނާވިލަށެވެ.

ލިޔުންތެރިޔާ އާމިނަތު އިބްރާހިމް
މި ތިން ވާހަކައިގެ އިތުރުން "50 އިންސައްތަ"، "786" އަދި "ވިރާޝާ"، މި ތިން ނާވިލުގެ ވާހަކަވެސް "ލޯންޗިންގ"ގެ ވާހަކައިގެ ތެރެއިން ގެނެސްދެއްވާފައިވެ އެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިއިން ކޮންމެ ވާހަކައެއްގެ ޕްލޮޓަކީ "ލޯންޗިންގ" މި ވާހަކައިގައި އަކްރަމްގެ ނަމުގައި ފޮތްތައް ލިޔުނު އޭނާގެ އަނބިމީހާ، ލީޒާގެ ޝަޚްޞިއްޔަތު ޑިވެލޮޕްކުރުމުގެ މުހިއްމު ބައެއްގެ ގޮތުގައި ލިޔުންތެރިޔާ ހުށަހަޅުއްވާފައިވާ ގޮތެވެ.
ނާވިލު ލިޔުންތެރިންގެ މަސައްކަތްތަކުގައި ލިޔުންތެރިޔާގެ އަމިއްލަ ޝަޚުސިއްޔަތު ޕްލޮޓުގައި ހިމެނުމަކީ ނާދިރުކަމެއް ނޫނެވެ. އެގޮތުން މަޝްހޫރު ލިޔުންތެރިންކަމަށްވާ ޑަގަލްސް ކޫޕްލަންޑް، ރޯލް ޑާލް، ސޯމާސެޓް މޯގަމް ފަދަ ލިޔުންތެރިން ސީދާ ޝަޚްސިއްޔަތުތަކާ ވާހަކަދައްކާ ދައުރުތައްވެސް ލިޔުންތެރިޔާ އަދާކުރައްވާފައިވެ އެވެ. ލިޔުންތެރިންގެ އެއް ވާހަކައިގައި އުޅޭ ޝަޚްސިއްޔަތެއް އަނެއް ވާހަކައިގައި ބާރުދޭ ޝަޚްސިއްޔަތެއްގެ ގޮތުގައި ހުށަހެޅުމަކީ ވެސް ނާދިރުކަމެއް ނޫނެވެ. އެހެން ނަނަވެސް މި ޒަމާނުގެ ދިވެހި އަދަބިއްޔާތުގައި މި ފަދަ ފެންވަރަކަށް ލިޔުންތެރިޔާގެ އެހެނިހެން މަސައްކަތްތައްތައް އެއްވާހަކައިގެ ޕްލޮޓުގެ ތެރެއަށް މި ފަދަ ބުގިސް ގަތާލުމަކުން ގަތާލާފައިވާތަން އަދި ފެނިފައެއް ނުވެ އެވެ.
މި ވާހަކައަކީ އިޖުތިމާޢީ ގިނަ މައްސަލަތަކަކަށް ވެސް އަލިއަޅުވާލާ ވާހަކައެކެވެ. އޭގެ ތެރޭގައި ދިވެހި އަދަބިއްޔާތުގެ އަދުގެ ޙާލަތާއި ނޫސްވެރިކަމާއި ތަޢުލީމީ ނިޒާމު އަދި އިޖުތިމާޢީ ބަދަހިކަން ހިމެނެ އެވެ. އެގޮތުން ތަޙުޤީޤުކުރުމުގެ ތެރެއިން އަކްރަމްގެ ވާހަކަތައް ކިޔަމުން ދިޔައިރު، ދިވެހި ބަހުން ހުންނަ އެފަދަ މަސައްކަތްތައް މަދުކަމާއި، އޭގެ ތެރޭގައި ވެސް މޮޅެތި މަސައްކަތްތައް ހިމެނޭ ކަމާމެދު ވާހަކައިގެ ޝަޚުޞިއްޔަތުތައް ބަހުސްކުރެ އެވެ. ޝާންގެ ތަޖުރިބާ ސިފަކުރައްވަމުން ރާއްޖޭގެ ޕްރައިވެޓް މީޑިއާތައް ހިންގާ ގޮތުގެ "އައިޑިއަލް" ތަސްވީރެއް ގެނެސްދެއްވުމަށް ލިޔުންތެރިޔާ މަސައްކަތްކުރައްވަ އެވެ. އަދި ޝާންގެ ފަންނީ ތަޖުރިބާގެ ތެރެއިން ދިވެހިންގެ ތެރޭގައި ތަޢުލީމީ "ބޮންޑް"ގެ ކަންކަން އޮންނަ ގޮތަށް އަލިއަޅުއްވާލައްވާފައިވެ އެވެ. ލީޒާގެ ޝަޚުސިއްޔަތުގެ ފަސްމަންޒަރުގެ ތެރެއިން އޭނާ ނިސްބަތްވާ ރަށުގައި އިޖުތިމާޢީ ބަދަހިކަމެއް ނެތްކަން ސިފަކުރައްވާފައިވެ އެވެ.
އެހެން ނަމަވެސް އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެއްގެ ގޮތުގައި ލިޔުންތެރިޔާ ފާހަގަކުރައްވާފައިވަނީ މަސްތުވާތަކެތީގެ ވަގުފާރީގެ މައްސަލަ އާއި ގެވެށި އަނިޔާގެ މައްސަލައެވެ. އަކްރަމާއި ލީޒާގެ ވާހަކައިގެ ހުރިހާ ހައިޖާނެއްގެ އަސްލަކީ ވެސް މި ދެ މައްސަލަ އެވެ. އަކްރަމް ލީޒާއާ ކައިވެނިކުރަނީ ވެސް އޭނާގެ ހުނަރުވެރިކަމާއި އެކަނިވެރިކަމާއި ނިކަމެތިކަމުގެ ނާޖާއިރު ފައިދާ ނެގުމުގެ މަޤްޞަދުގަ އެވެ. އަކްރަމް ހިންގާ މަސްތުވާތަކެތީގެ މާސިންގާ ވިއުގައިގެ "ފްރަންޓެއް" ގޮތަށް ބޭނުންކުރުމަށް ލީޒާގެ ލިޔުންތެރިކަން ނުވަތަ ލީޒާގެ ފިކުރީ މުދާ ފޭރިގަނެ އެވެ. އަދި ގެވެށި އަނިޔާއިން ނުޙައްޤު ބާރު ހޯދައިގެން ލީޒާއަށް އޭނާގެ މަސައްކަތުގައި ބައިވެރިވުމަށް މަޖުބޫރުކުރުވަ އެވެ. މީގެ އިތުރުން މައިގަނޑު ޝަޚްޞިއްޔަތު ޝާންއަށް ލީޒާގެ މަރާއި އަކްރަމްކުރާ މަސައްކަތްތަކުގެ ޙަޤީޤަތްތައް އެނގެމުންދިޔަ ވަރަކަށް އޭނާއަށް ލިބެމުންދިޔަ އިންޒާރުތަކުގެ ވާހަކައަކީ ވެސް މަސްތުވާތަކެތީގެ މިފަދަ ވިއުގަތަކާ "ކުޅޭ" މީހުންނަށް އަންނަ، ޚާއްޞަކޮށް ނޫސްވެރިން ދަންނަ އިންޒާރުތަކެކެވެ.
މި ދެ މައްސަލައަކީ ވެސް ދިވެހިންގެ ތެރޭގައި މޫލާފައިވާ ނުރައްކާތެރި، ބޮޑު ދެ މައްސަލައެވެ. މަސްތުވާތަކެތީގެ ބޮޑެތި ވިއުގަތައް ހިންގާނަމަ، ކުރީ ޒަމާނުގައި އެކަން ވަންހަނާވެފައިވާ ނަމަވެސް، މި ފަދަ ބޮޑެތި ވިއުގަތައް ހިންގާ ކަމީ މިއަދު ޢާއްމު މަޢުލޫމާތެވެ. ގެވެށި އަނިޔާ އަކީ ވެސް ކުރިން ޒާތީ މަޢުލޫމާތުގެ ގޮތުގައި ވަންހަނާކޮށްފައިވާ މަޢުލޫމާތުކަމުގައިވިޔަސް، އެއީވެސް، ހިތަށް ވެސް ނާރާ ފެންވަރެއްގައި ހިނގާ އަނިޔާތަކެއްކަން މިއަދު ދިވެހި މުޖުތަމަޢުން ފެންނާން އެބަހުއްޓެވެ. ބޮޑެތި ޑްރަގް ލޯޑުންނާއި ޓެރަރިސްޓުން "ފްރަންޓް" ވިޔަފާރިތަކުގެ ގޮތުގައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން މަސައްކަތްކުރާ ކަމީވެސް މިއަދު އެންމެންދަންނަ ބޮޑު ސިއްރެކެވެ. އެފަދަ ވިއުގައެއްގެ މަސައްކަތްތައް ހާމަކުރަން އުޅޭ ނޫސްވެރިޔަކަސް، ފުލުހަކަސް، އެފަދަ މީހަކާ ދެކޮޅަށް ހެކިބަހެއް ދީފާނެއޭ ހީވާ މީހަކުކަމުގައިވިޔަސް، އެމީހަކަށް މަރުގެ އިންޒާރުތައް ދިނުމަކީ މިއަދުގެ ރާއްޖޭގައި ޢާއްމުކަމެކެވެ. "ލޯންޗިންގ" މި ވާހަކައިގައި އާމިނަތު އިބްރާހިމް ވަނީ ވަރަށް ފުރިހަމައަށް މި މައްސަލަތަކަށް އިޝާރާތްކުރައްވާފަ އެވެ.
އާމިނަތު އިބްރާހިމްގެ ވާހަކަތަކުގެ ތެރެއިން "ލޯންޗިންގ" މި ވާހަކަ އަޅުގަނޑަށް ޚާއްޞަވީ، ނޫސްވެރިއެއްގެ ނަޒަރުން އެ ވާހަކަ ލިޔުއްވާފައި އޮތުމުންކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް އެ ވާހަކަ ހުށަހެޅުއްވުމުގައި އެ ގެންގުޅުއްވި ވައްޓަފާޅި، ޚާއްޞަކޮށް އާމިނަތު އިބްރާހިމްގެ އެހެން މަސައްކަތްތައް މި ވާހަކައިގައި ހިމަނުއްވާފައިވާ ޙިކުމަތްތެރި ގޮތަކީ އަދަބީ މަސައްކަތްތަކުގެ ތެރޭގައި މި ވާހަކަ ޚާއްޞަ މަޤާމެއް ހޯދާ އެއް ސަބަބެވެ. ލުއި ފަސޭހަކަމާއެކު ވާހަކަ ލިޔުއްވާ ލިޔުންތެރިންނަށް އިޝާރާތްކުރައްވަމުން "ވާހަކަ ލިޔުމުގެ ފަންނު" މި ފޮތުގައި ޑރ މުސްޠަފާ ލުޠުފީ ވިދާޅުވެފައިވެ އެވެ.
"އެފަދަ މީހުންނަށް ޚިޔާލު އާދެ އެވެ. އެ ޚިޔާލުތައް އަވަސްކަމާއެކު ބަސްތަކާއި ޢިބާރާތްތަކަށް ބަދަލުކުރެވެ އެވެ. ގަލަމާއި ކަރުދާހާއި އަދި ކޮމްޕިއުޓަރާއި އޭގެ ކީބޯޑު އެމީހުންނަށް ބީރައްޓެހި އެއްޗިއްސަކަށް ނުވެ އެވެ. އެފަދަ މީހުންނަކީ މި ފަންނުގެ ނަސީބުވެރިންނޭ ބުނެވިދާނެ އެވެ."
އަޅުގަނޑަށް "ލޯންޗިންގ" މި ވާހަކަ ސިފަކުރެވެނީ އެ ވިދާޅުވާފަދަ ލިޔުންތެރިއެއްގެ ގަލަމުގެ ޚަޒާނާއެއްގެ ގޮތަށެވެ.








