ގުޅިފަޅުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ 250 އެނދުގެ ކޮވިޑް ފެސިލިޓީ ބޭނުން ކުރަން ފަށައިފި އެވެ.
އެ ފެސިލީޓީ ހަދާފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މުވައްޒަފުންގެ އެކޮމެޑޭޝަންވެސް ހިމެނޭގޮތަށް ޒަމާނީ ފެންވަރުގަ އެވެ.
އެ ފެސިލިޓީ ހަދައި ނިންމައި ހަވާލު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ހެލްތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އެ ފެސިލިޓީ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގައި މިވަގުތު ކޮވިޑަށް ފަރުވާ ދިނުމަށް 276 އެނދުގެ ފެސިލިޓީއެއް ހުރެ އެވެ. މި ފެސިލިޓީގައި އައިސީޔޫގެ 11 އެނދާއި 18 ވެންޓިލޭޓަރު އެނދު ހުރެ އެވެ. ނަމަވެސް، ބަލީޖެހޭ މީހުން އިންތިހާއަށް ގިނަވުމާ ގުޅިގެން އެ ފެސިލިޓީގެ އެނދުތައް ވަނީ ފުރެން ކައިރިވެފަ އެވެ.

އެއާއެކު ހުޅުމާލޭގައި 270 އެނދުނުގެ އާ ފެސިލިޓީއެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ކުރީގެ އެފްއޭއެމް ހައުސް ވެސް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮވިޑް އިންތިހާއަށް ފެތުރެމުންދާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ އެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ.
އެގޮތުން، އިއްޔެ އިރުއޮއްސުމާ ހަމައަށް އިތުރު 710 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 64،396 އަށް އަރައިފަ އެވެ.
އެ ބަލީގައި މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިވަގުތު މާލޭގެ އިތުރުން އަތޮޅު ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލުން ނެއްޓި ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، އެ ބަލީގައި މި ދިޔަ މަހު އެކަނި ވެސް 88 މީހުން ވަނީ މަރުވެފަ އެވެ.











