ރިޕޯޓުބަފައިބެގެ މަރު، ފެސިލިޓީގައި 24 ގަޑިއިރާއި މަންމަގެ ވަކިވުން!

ބަފައިބެގެ މަރު، ފެސިލިޓީގައި 24 ގަޑިއިރާއި މަންމަގެ ވަކިވުން!

މުޅި އާއިލާއަށް ކޮވިޑު ފެތުރި ބޮޑުވަރުވި ބަފައިބެ ފަރުވާ ހޯދައި ރަނގަޅުވީ ކަމަށް ޔަގީންކުރި. ކުއްލިއަކަށް އޮކްސިޖަން ދަށްވެ، 20 މިނެޓް ތެރޭގައި މަރު. ހަފުތާއެއް ނުވަނީސް ކޮވިޑުގައި މަންމަ މަރުވީ ފެސިލިޓީގައި. އެތަނުން ފެނުނީ ވޭނާއި ކެކުޅުމާއި ހިތްދަތި ކަމުގެ އެތައް މަންޒަރެއް.

ކޮވިޑުގައި މަރުވި މީހަކު ވަޅުލަނީ: މި ބަލީގައި ރާއްޖެ އިން އިއްޔެ އެކަނި 13 މީހަކު މަރުވި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ކޮވިޑުގައި މަރުވި މީހަކު ވަޅުލަނީ: މި ބަލީގައި ރާއްޖެ އިން އިއްޔެ އެކަނި 13 މީހަކު މަރުވި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑު ޖެހި ރަނގަޅުވަމުން އައި މަންމަގެ ކުއްލި ފޯނު ކޯލެކެވެ؛

ބްލަޑް ޕްރެޝާ މަތިވެ، ދާހިއްލައި، ނޭވާ ކުރުވެ އުނދަގޫ ގޮތްތަކެއް ވަމުން ދިޔަ ވާހަކަ އެވެ. އެ ކޯލަށް 15 މިނެޓް ވެސް ނުވަނީސް މަންމަ ހޭނެތިގެން ވެއްޓުނީ ބައްޕަގެ އަތްމައްޗަށެވެ. އިމަޖެންސީގައި އޭޑީކޭއަށް ގެންގޮސް ބެލުމުން އެނގުނީ ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިފައި އޮތް ކަމެވެ. ފަރުވާ އަށް ފަހު، ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވެ އެވެ.

އޮކްސިޖަން ދަށްވަމުން ގޮސް ހުސެއިން މުހައްމަދު (އަސްލު ނަމެއް ނޫން) ލޯ ކުރިމަތީގައި މި ދުނިޔެއިން އެންމެ ލޯބިވާ މަންމަގެ ހިތްދަތި ވަކިވުމެވެ. ޝަހާދަތް ލައިދީ، ދުއާތައް ކިޔައިދީ، މަންމަގެ އަތުގައި ހިފަހައްޓައިގެން ރޯން ވެސް ނޭނގިފައި އޭނާ އަށް ހުރެވުނީ އެވެ. ބައްޕައާ އެކު ލޯބިން އުޅެމުން އައި މަންމަ، 62، މިހާ ކުއްލި ގޮތަށް ގެއްލިދާނެ ކަމަށް ގަބޫލުކުރަން ދަތީ އެވެ. އޭނާ ފިޔަވައި އާއިލާގެ އެކަކަށް ވެސް އެ ވަގުތު މަންމަ ގާތުގައި ނުހުރެވުނެވެ.

Advertisement

"ކޮވިޑު ޖެހިފައި ހުއްޓާ ބްރެއިން ހެމަރޭޖެއް ވީމަ، އެނގޭ މަންމަ އަށް ފައިޓެއް ނުކުރެވޭނެ ކަން. އެކަމަކު އުއްމީދެއް ނުކުރަން މިގޮތަށް ވަކިވެދާނެ ކަމަކަށް،" ހުސެއިން ބުންޏެވެ.

ކޮވިޑުގައި މަރުވި މީހަކު ވަޅުލަން ސަންދޯއް ތައްޔާރުކޮށްފައި: މި ބަލީގައި ކޮންމެ ދުވަހަކު އެތައް އާއިލާއަކަށް ދަނީ ހިތްދަތިކަން ލިބެމުން. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެ ހިތްދަތިކަން އޭނާ އަށް ކުރިމަތިވީ ވަރަށް ގާތްކޮށް އުޅުނު ބަފައިގެ މަރަށް ހަފުތާއެއް ނުވަނީހެވެ. ރާއްޖެ އިން ބޭރަށް ގޮސް ބޭސްފަރުވާގެ ގިނަ ކަންކަން ބަލަހައްޓަމުން އައީ ހުސެއިން އެވެ. ދަރުމަވަންތަ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ބަފައިބެ ގެއަށް އައީ ހުރިހާ ކަމެއް ރަނގަޅުވީ ހީކޮށްގެންނެވެ.

"އަހަރެން ގާތުގައި ބުނަން ވެސް ބުނި މިހާރު ރަނގަޅުވެއްޖެއޭ، އަހަރެން ޕޮޒިޓިވްވެފައި ހުރީމަ ދިމާކޮށް ވެސް ހެދި،"

އެކަމަކު ޖެހިގެން އައި ރޭ ހާލަތު ކުއްލިއަކަށް ގޯސްވީ އެވެ. ކެއްސައި ނޭވާ ކުރުވެ، އޮކްސިޖަން ދަށްވާން ފެށިތާ ގާތްގަނޑަކަށް 20 މިނެޓްގެ ތެރޭގައި، މަރެވެ.

އޭނާ އެންމެ ލޯބިވާ ދެ މީހުންގެ މަރުން ހުސެއިން އަށް ލިބުނީ ކުއްލި ޝޮކެކެވެ.

ކޮވިޑުގައި ރާއްޖެ އިން އިއްޔެ އެކަނި 13 މަރެވެ!

ފެންނަން އޮތް މި ބިރުވެރި އަދަދަކީ އެތައް އާއިލާއަކަށް ފުން ހިތާމަތަކެކެވެ. ލޯބިވާ މީހަކު ވަކިވުމުން ބުނެދޭން، ކިޔައިދޭން ނޭނގޭ ފަދަ ހިތްދަތި ވޭނެކެވެ. ބަލި ޖެހި ކުއްލިއަކަށް ބޮޑުވަރުވަނީ އެވެ. ގިނަ މީހުން ފެސިލިޓީގައި އެކަނި އޮވެ، ހާލު ދަށްވަމުން ގޮސް މަރެވެ. މި ވަކިވުން އެ މީހަކާއި އާއިލާއަށް ވެސް ހިތްދައްޗެވެ. މަރު ތަންމަތީގައި ބުނަން ބޭނުން ކިތަންމެ ވާހަކަތަކެއް ހުއްޓަސް އެ ފުރުސަތެއް ވެސް ނުލިބެ އެވެ. ބައެއް މީހުންނަށް ޝަހާދަތް ލައިދޭން ޖެހެނީ ގާތުގައި، އެކި ކަންކަމުގެ އުދާސްތަކުގައި ހިތްފަޅައިގެންދާވަރުވެފައި ހުންނަ ނަރުހަށެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅުގައި ރާއްޖެ "ގެނބެމުންދާއިރު"، އަހަރެމެން އެންމެ މިތިބީ ކޮން ހިސާބެއްގައި ކަން އަދި މި ބަލި މިއީ ކިހާ ވޭންހުރި ކަމެއް ކަން ކިޔައިދިނުމުގެ ހިތްވަރު ހުސެއިން އަށް ލިބުނީ އޭނާ އަށް ގާތުން މި ބަލި ތަޖުރިބާ ކުރެވެމުންނެވެ.

މަންމަގެ ހާލު ބޮޑުވީ ހުސެއިންގެ ކަރަންޓީނުގެ 14 ވަނަ ދުވަހު

ކޮވިޑުގެ ނުރައްކާ ރާއްޖެ ވަށާލީއްސުރެން ހުސެއިނަށް ހިތާހިތާ ކުރެވޭ ސުވާލެކެެވެ. ހައި ރިސްކު މަންމައަށް ބަލި ޖެހިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

މަންމަ ބަލިވެއްޖިއްޔާ އެންމެ ގާތުގައި ހުރެ ބޭސްފަރުވާގެ ހުރިހާ ކަމެއް، މަންމަ އެންމެ އެދޭ ގޮތަށް އޭނާއަށް ކޮށްދެވެ އެވެ. އެއަށް ވުރެން ބޮޑު ހިތްހަމަޖެހުމެއް އޭނާއަށް ނޯވެ އެވެ. އެކަމަކު، ކޮރޯނާއަކީ ނުރައްކާތެރި ވައިރަހެއް ކަމުން މަންމަ ބަލިވެއްޖެ ނަމަ ގާތުގައި ނުހުރެވިދާނެ ކަމުގެ ބިރު އޮތެވެ.

އެހެންވެ، އާއިލާގެ އެންމެން ވެސް އުޅުނީ ވަރަށް ބަލައިގެންނެވެ. ގޭތެރެއަށް ވައިރަސްއަށް ނުވަދެވޭނެ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ވެސް އެޅި އެވެ. އެ ގޮތުގައި އަހަރެއްހާ ދުވަސް ވޭތުކުރެވުނެވެ.

ކޮވިޑް ސާމްޕަލް ނެގުމުގައި ސިއްހީ ހިދުމަތްތެރިންތަކެއް: މި ބަލީގެ ނުރައްކާ އޮތީ ރާއްޖެ ވަށާލާފައި. -- ފޮޓޯ/ އަދަދު

އެކަމަކު މީގެ މަހެއްހާ ދުވަސްކުރިން ފެށިގެން މާލޭގައި ވައިރަސް ފެތުރިފައި އޮތް ވަރުން، ސަލާމަތް ނުވެވުނީ އެވެ. ހުސެއިންގެ އާއިލާ އާއި އަންހެނުންގެ އާއިލާ އަށް ވައިރަސް ފެތުރުނީ އެވެ. އޭނާއަށް ބޮޑަށް ލަފާކުރެވެނީ އޭނާ އާއި ބައްޕަ ވެސް ބައްޕަށް ޕޮޒިޓިވްވީ މިދިޔަ ރޯދަ މަހު ތަރާވީހަށް މިސްކިތަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް ވުން ގާތެވެ.

ދެ ގެއެއްގައި ދިރިއުޅެމުން އަޔަސް ހުސެއިން އާއި ބައްޕަ ޕޮޒިޓިވްވީ ގާތްގަނޑަކަށް އެކުއެކީގަ އެވެ. އޭގެ ފަހުން އަންހެނުންގެ ބައްޕަ އެވެ. ދެން ޕޮޒިޓިވްވީ މަންމަ އެވެ.

ބަލި ޖެހިގެން ހުސެއިން ކަރަންޓީންގައި ހުރި މުއްދަތުގައި، މަންމަގެ ހާލު ގަވާއިދުން ބަލަ އެވެ. ފެސިލިޓީއަކަށް ނުގެންދިޔައީ، ހުސެއިން ބުނި ގޮތުގައި، މަންމައަކީ އެހެން ބަލިތައް ވެސް ހުންނަ މީހަކަށް ވާތީ އާއި އެކަނި އޮންނަންވުމުން ބޮޑުވަރުވެދާނެތީ އެވެ. ގޭގައި ފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ބައްޕަ އާއި އާއިލާ މީހުންނަށް ބެލޭނެ ގޮތަށް ޑޮކްޓަރުންގެ ލަފައާ އެކު ފަރުވާ ކުރިއަށް ގެންދިޔައީ އެހެންވެ އެވެ.

"ގަވާއިދުން މަންމަގެ ޕީބީ ވެސް ބަލާނެ. ކެއުން ވެސް ކުރިއަށް ވުރެން ރަނގަޅަށް ބަލަހައްޓަމުން އައީ،" ހުސެއިން ބުންޏެވެ.

މި ހާސްކަމުގެ ތެރޭގައި، ކަރަންޓީންގައި ހުއްޓައި ބަފައިގެ މަރަކީ ހުސެއިންއަށް ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އޭނާގެ ވެސް ބޭސްފަރުވާގެ ގިނަ ކަންކަމުގައި އުޅެދެނީ ހުސެއިން އެވެ. މި މަރާ ގުޅިގެން ވެސް މަންމަގެ ކަންކަން ވަރަށް ގާތުން ބެލި ކަމަށް ހުސެއިން ބުންޏެވެ.

މަންމަގެ ހާލަތު ގޯސްވެގެން ގުޅީ ހުސެއިން ކަރަންޓީން ނިމުނު ދުވަހެވެ. އެހެންވެ މަންމަ ގޮވައިގެން އޭޑީކޭއަށް އޭނާއަށް ދެވުނީ އެވެ. މަންމަގެ ފަހު ވަގުތުކޮޅު، ގާތުގައި ހުރުމުގެ ނަސީބު ވެސް މިންވަރު ކުރެއްވީ އެވެ.

ހުޅުމާލެ ފެސިލިޓީ: ހިތްދަތި މަންޒަރުތަކެއް

އޭޑީކޭގައި ސީޓި ސްކޭނެއް ހަދައި މަންމަ ސްޓްރޯކެއްގައި ބޮޑުވަރުވެފައި އޮތް ކަން އެނގި ޑޮކްޓަރުންގެ މާ ބޮޑު އުއްމީދެއް ނެތެވެ. ހުސެއިންގެ މަންމަ ދެން ގެންދަން ޖެހުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށެވެ.

އެތަނުގެ ދޮރުން އެތެރެވުމުން ފެނުނު މަންޒަރުތަކުން ހުސެއިންގެ ހާސްކަން ވީ އިތުރެވެ. އެތަނުގެ ދެ ފަރާތުގައި ގިނަ ބަޔަކު ތިބީ އޮކްސިޖަން ގުޅައިގެންނެވެ. އޭގެތެރެއިން ވެސް އޭނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ކުޅެންދާ އުމުރުގެ ޒުވާނުންނާއި ޖިމަށް ގޮސް އުޅޭ ވަރުގަދަ މީހުންނެވެ. އެ މީހުން ވެސް ތިބީ ހާލު ދެރަވެ ގޮނޑިތަކަށް ވެއްޓިފަ އެވެ. އެނދުތަކުގައި އެޑްމިޓްކޮށްފައި ވޭނާއި ކެކުޅުމުގައި ތިބީ އުމުރުން ދުވަސްވީ ގިނަ ބައެކެވެ.

ނޭވާލާން އުނދަގޫވެގެން އެ އެންމެންނަށް އޮކްސިޖަން ގުޅައިފަ އެވެ؛

ހުސެއިންގެ މަންމަ ގެންދިޔައީ ހައި ޑިޕެންޑެންސީ ޔުނިޓަށެވެ. އެތަނުގައި އޭނާގެ މަންމަ ބޭއްވި ވޯޑުގެ ޖާގައަކީ ހަ މީހުންނެވެ. އެތަނުގައި ވެސް އެންމެންނަށް ތިބީ އޮކްސިޖަން ގުޅައިފަ އެވެ. ބައެއް މީހުންގެ އެހީތެރިން ބޭރުގައި ތިއްބެވެ. އަނެއް ބަޔަކު ތިބީ އެހީތެރިންނާ ނުލައި ނަރުހުންނާއި ޑޮކްޓަރުންގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.

ފެސިލިޓީގައި އުސޫލު އޮންނަ ގޮތަކީ އަންހެނަކު ބަލަހައްޓަން އަންހެނަކު ހުރުމެވެ. އެކަމަކު ދިމާވި ގޮތުން ހުސެއިން ނޫން މީހަކަށް މަންމަ ގާތުގައި ހުރެވެން ނެތީ އެވެ.

ދުވާލަކު ގިނަ ބަޔަކު ފެސިލިޓީއަށް ފަރުވާ އަށް ގެންދޭ: އެ އެންމެންނަށް އަޅާލާނެހާ ނަރުހުންނާއި ޑޮކްޓަރުންނެއް ނެތް. -- ފޮޓޯ/ އަދަދު

މަންމަ ގާތުގައި އިނދެފައި ނަމާދަށް ފުރަތަމަ ފްލޯއަށް އެރިއިރު، ފެނުނީ ގިނަ ހޮޓާތަކުން ހުސެއިންއަށް އާއްމުކޮށް ފެންނަ ގިނަ މޫނުތަކެވެ. އެ މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ކޮވިޑަކީ މާ ބޮޑު ކަމެއްގެ ގޮތުގައި އެ މީހުންނަށް ގަބޫލު ނުކުރެވުނީ އެވެ. ކިހާ ނުރައްކާތެރި ބައްޔެއްކަން އެނގެނީ އަމިއްލައަށް ތަހައްމަލްކުރަން ޖެހުމުންނެވެ.

ކުދި އޮކްސިޖަން ފުޅިތައް ގުޅައިގެން ތިބި މީހުންގެ ތެރެއިން "މިވަރުވެދާނެ ކަމަކަށް ހިއެއް ނުކުރަމޭ" ބުނި ކިތަންމެ އަޑެއް ހުސެއިންގެ ކަންފަތުގައި ޖެހުނެވެ. އޭގެތެރެއިން ބައެއް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒެއް ވެސް ނުޖަހަ އެވެ. ބައެއް މީހުން ވެކްސިން ސީރިއަސްކޮށް ނުނެގީ އެވެ.

ކޮވިޑަކީ "ސިޔާސީ ކަމެއްގެ ގޮތުގައި" ދެކިގެން ފިޔަވަޅުތައް ގަބޫލުނުކުރި މީހުންނާއި ވެކްސިން ނުޖެހި މީހުންނާ ވެސް ހުސެއިންއާ ފެސިލިޓީ ތެރެއިން ދިމާވި އެވެ.

"ބަލި ޖެހި ބޮޑުވަރުވީމަ އެ މީހުންނަށް ވިސްނޭ މިކަމުގައި ހުރި ވޭން. ކޮންމެ މީހެއްގެ ވެސް އޮކްސިޖަން ދަށްވެ، އަޅާލަން ޖެހޭ ހާލަތުގައި އޮތީ. އެކަމަކު އެވަރަކަށް ނަރުހުންނެއް ނެތް އެތަނުގައި،" ހުސެއިންއަށް ފެނުނު މަންޒަރުތައް ކިޔައިދިނެވެ.

"އެހާ ގިނަ ބަޔަކު ތިބިއިރު، ފަރުވާދޭން ތިބީ ވަރުބަލިވެފައި ތިބި ސިއްހީ ހިދުމަތްތެރިންތަކެއް."

ބައެއް ނަރުހުން އެއްފަހަރާ 20 މީހުންގެ ކަންކަން ބަލަހައްޓަން އެބަޖެހެ އެވެ. އެތަނުގައި ތިބި އެންމެންނަކީ ވެސް ގާތުން މޮނިޓާކުރަން ޖެހޭ މީހުންނެވެ. އިރުކޮޅަކާ އޮކްސިޖަން ބެލުން ފަދަ ފަރުވާގެ ކަންކަމުގެ އިތުރުން ކާން ދިނުމާއި ފާހާނާއަށް ގެންގޮސް ދިނުމާއި އުނދަގޫވާ އެހެން ކަންކަމުގައި ވެސް އެޓެންޑުވާން ތިބީ ހަމަ އެ މީހުންނެވެ.

ފެސިލިޓީގައި ކެއިން ބުއިމާއި ސާފުތާހިރުކަން ކުޑަވުމާއި އަޅާނުލާ ކަމުގެ ޝަކުވާތައް ވަރަށް ގިނަ އެވެ. ގިނައީ އެތަނުން ބޭރުގައި ތިބެ، އިވޭ ވާހަތަކަށް ފާޑުކިޔާ މީހުންނެވެ. އެތަނުގެ ތެރެއަށް ވަނުމުން، ބަލި މީހުން އެކަނި އޮވެ ރޯ ރުއިންތަކާއި ހަށިގަނޑުގައި އަޅާ ވޭނާއި ނަރުހުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެ މީހުންނަށް އަޅާނުލެވި ދާ ސަބަބުތައް ފެނި މާބޮޑަށް ހިތުގައި ޖެހޭނެ އެވެ.

"ނަރުހުން، ޑޮކްޓަރުން، އެޓެންޑެންޓުން ގަސްތުގައެއް ނޫން ބަލި މީހުންނަށް އަޅާނުލަނީ. އެތަނުގެ ތެރެއަށް ވަނީމާ ހާލަތު ސިފަވާނެ،" ހުސެއިން ބުންޏެވެ.

ކޮވިޑުގެ މި ހާލަތަށް ކުރިން ތައްޔާރުވެވުނު ނަމަ ނުވަތަ މިވެނި ކަމެއް ނުކުރި ނަމައޭ ކުރާ ޝަކުވާތައް ހުސެއިން ގަބޫލުކުރެ އެވެ. އެކަމަކު ކޮވިޑު ފެސިލިޓީގެ ހާލަތު މިހާރު އޮތީ އެ ކަންކަމުގައި އިނގިލިދިއްކުރަން ތިބެވޭވަރަށް ވުރެން ހާލަތު ގޯސްވެ އެންމެންގެ އެހީ ބޭނުންވެފައި ކަމަށް ބުންޏެވެ.

އައިސީޔޫގައި، ކޮންމެ ބަލި މީހަކަށް ނަރުހެއް ހުންނަން ޖެހުނަސް މިހާރު ކޮންމެ ތިން މީހަކަށް ކިރިޔާ ނަރުހަކު ހަމަވަނީ އެވެ. ފެސިލިޓީގައި އެއް ނަރުހަކު 20-30 ބަލި މީހުން ބަލަން ޖެހެ އެވެ. 16 ގަޑިއިރުގެ ދެ ޝިފްޓް ނަގަން ޖެހެ އެވެ.

"އަހަރެން އެތާ ހުރިއިރު ވެސް ބަލި މީހުން އިތުރުވި، އެކަމަކު ނަރުހުން އިތުރެއް ނުވޭ، އައިސީޔޫން ވެސް އެކަކު މަރުވީމަ އަނެކަކަށް ޖާގަ ލިބޭ ހިސާބުގައި ހާލަތު އޮތީ،" ހާލަތު ހުސެއިން ސިފަކޮށްދިނެވެ.

އެޑްމިޓްކޮށްފައި ތިބޭ ބައެއް މީހުންނަށް އަބަދު ތިބެނީ ނިދިފަ އެވެ. ތެދުވެ އޮންނާނެ ވަރެއް ހަށިގަނޑުގައި ނެތީ އެވެ.

މުސްކުޅި ބައެއް މީހުންނަށް ބަލީގައި ބޮޑުވަރުވެ، އުނދަގޫ ހާލަތަކަށް ގޮސްފައިވެ އެވެ. ފާހާނާއަށް ދާން ބޭނުންވިޔަސް ބައެއް ފަހަރަށް ނަރުހުންނާ އެކު ދާން އިންކާރު ވެސް ކުރެ އެވެ. އެކަމަކު އާއިލާގެ މީހަކު ގާތުގައި ނެތުމުން އެ ނޫން ގޮތެއް ނެތޭ ވިސްނައިދިނަސް ގަބޫލު ނުކުރެވޭ މީހުން ތިބެ އެވެ.

"ނަރުހުންނާ އެކު ނުދިޔައީމަ އަޅުގަނޑު ގޮސް ބުނިން ބޭބޭ ހިނގާށޭ ދާން. އެކަމަކު ވެސް ދާކަށް އެއްބަހެއް ނުވި،" އެއް ހާދިސާ ހުސެއިން ކިޔައިދިނެވެ.

އެހެން އެނދެއްގައި އޮތް ފިރިހެނެކެވެ؛ ގުރުއާން ކިޔަވާލަ ކިޔަވާލައި އޮތުމަށް ފަހު ކުއްލިއަކަށް ކޮޅަށް ތެދުވެ އެވެ. ގަދަ ހުމުގައި ހާސްވެ ނޭވާލަން ވެސް އުނދަގޫވަނީ އެވެ. އެއީ މި ބަލީގައި ވާ ގޮތެކެވެ. އޭނާ އެކުގައި ވެސް އެހީތެރިއަކު ނެތެވެ.

"ކިހިނެއްހޭ މަށަށް މިވަނީ؟ އިރުކޮޅަކު އިނދެލާފައި އަނެއްކާ ވެސް އޮށޯންނަނީ. ދެން އަނެއްކާވެސް އުނދަގޫވާން ފެށީމަ ކުއްލިއަކަށް ތެދުވަނީ. އެ އުނދަގުލުގައި އޭނާ އޮތީ،" ހުސެއިން ކިޔައިދިނެވެ.

އެތަނުގައި މަރުވާ މީހުން ހިނަވަނީ އެޑްމިޓްކޮށްފައި އޮންނަ އެނދުގަ އެވެ. އެކަމަކު އެހެން ބަލި މީހުންނަށް ނުފެންނަ ގޮތަށެވެ. އެކަމަކު އެ މީހާ މަރުވީކަން އެނގި މުޅި ތަނުގެ ތެރޭގައި ކޮންމެ ފަހަރަކު މޮޅިވެރި ސާލެއް ފެތުރެ އެވެ.

ސިއްހީ ހިދުމަތްތެރިއަކު ފަރުވާ އަށް ޕީޕީއީގައި: ޑޮކްޓަރުންނާއި ނަރުހުންނަށް ވަނީީ ބުރަބޮޑުވެފައި. -- ފޮޓޯ/ އަދަދު

ހުސެއިން ކިޔައިދިން ގޮތުގައި، އޮކްސިޖަން ދަށްވެގެން މަރުވި މީހަކު ހިނަވާފައި ތިން ގަޑިއިރު ވި އިރު ވެސް ހަށިގަނޑު ނުގެންދެވި އެތަނުގައި ބާއްވަން ޖެހުނެވެ. އެއީ ދީފައި އޮތް ނަމްބަރަކުން އާއިލާގެ އެއްވެސް މީހަކަށް ނުގުޅިގެން ކަަމަށް ނަރުހުންނާ ހަވާލާދީ ހުސެއިން ބުންޏެވެ.

އޭނާ ސިފަކުރި ގޮތުގައި، އުމުރުން ދުވަސްވީ މީހުން އެކަނި އޮވެ ނިމިގެންދާ މަންޒަރަކީ އިހްސާސްކޮށްލަން ނޭނގޭހާ ހިތްދަތި ކަމެކެވެ. އާއިލާގެ މީހުންނަށް އެ ހަބަރު ދެނީ ފެސިލިޓީން ގުޅާ މީހެކެވެ.

"މަންމަ ގާތުގައި ނަސީބަކުން އަހަރެންނަށް ހުރެވުނީ. ހާލު ގޯސްވަމުން ގޮސް ދުޅަ ބޭރަށް، މޫނުމަތިން ވެސް ފެންނަން ފެށީ. ނަރުހުން ގާތުގައި ތިބެފައި އޭރު ބުނި ހިއެއް ނުވެޔޭ އޮކްސިޖަން ދެން ހިފަހައްޓާނެހެން. އޭރު 40 އަށް ވެއްޓިއްޖެ. ޝަހާދަތް ލައިދޭށޭ. އީސީޖީ މެޝިނުން ބެލިއިރު، މެޝިނަށް އެނގޭ ވަރަށް ވިންދު ހުރި،" ހުސެއިން ކިޔައިދިނެވެ.

ސީޕީއާރު ދިނުމާއި ވެންޓިލޭޓަރަށް ލުން ފަދަ އިތުރަށް މަންމައަށް އަނިޔާވެދާނެ ފަދަ ކަމެއް ނުކުރެ އެވެ.

ނަރުހުން ފެންކަޅިވެފައި ތިބެފައި އިރުކޮޅަކުން ދިނީ މަންމަގެ މަރުގެ ހަބަރެވެ. އޭރު ބަފައިބެ މަރުގެ ހާދިސާގައި ވީ ގޮތަށް މަންމަގެ ވެސް އޮކްސިޖަން ދަށްވާން ފެށިތާ ވާނީ ގާތްގަނޑަކަށް 20 މިނެޓެވެ.

"އަހަރެން [ކޮވިޑަށް] ޕޮޒިޓިވްވުން އެއީ އިއްތިފާގެއް، ފަހުވަގުތުކޮޅު މަންމަ ގާތުގައި ހުރުމުގެ ނަސީބު ލިބުނު."

ފެސިލިޓީއަށް ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހުގެ ހެނދުނު 10:50 ހާއިރު މަރުވި މަންމަގެ ޖަނާޒާ ކުރިއަށް ދިޔައިރު ހުސެއިން ވަށާލާފައި ވަނީ މަންމަގެ މަރާއި ފެސިލިޓީގައި މަރުގެ ތުންފަތްމަތީގައި ތިބި މީހުން އުފުލަމުން ދިޔަ ތަކުލީފެވެ.

ބޭނުން ވަނީ އެހީގެ އަތެއް

ބަލި މީހާ ގޮވާލާ ކޮންމެ ފަހަރަކު ވަގުތުން ނަރުހުންނަށް މިހާރު ނުދެވެނީ ބުރަބޮޑުވެގެންނެވެ. މުޅިތަން އެ އޮތީ ބަލި މީހުން ފުރިފަ އެވެ. ފަރުވާގައި އިސްކަންދޭނީ ކާކަށްތޯ ކަނޑައަޅަން ޖެހޭ ހިސާބުގަ އެވެ. އެކެއްގެ ފުރާނަ އަތުވާނެ ކަމުގެ ޔަގީންކަން ލިބުމުން ނޫނީ އަނެކަކަށް އެ ފަރުވާ ދޭން ނުކެޅެދިފައިވާ ހާލަތުގަ އެވެ.

މި ހާލަތުގައި، ވޮލަންޓިއަރެއްގެ ގޮތުގައި ނަމަވެސް އެތަނަށް ބޭނުން ވަނީ އެހީއެއް ދިއްކޮށްލާނެ އަތެކެވެ. އިންސާނިއްޔަތުކަން ކުރިއަށް ނެރުމެވެ.

ކޮންމެ ބަލި މީހަކާ އެކު އެހީތެރިއަކު ފެސިލިޓީގައި ނުހުރެވެނީ ޖާގައިގެ ދަތިކަމާ އެކުގަ އެވެ. އެކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. އެއާއެކު، ބަލި މީހާގެ އާއިލާ އިން ފޮނުވާ ކާއެއްޗެހި ހިފައިގެން ގޮސް ނަރުސް ކުއްޖާއަށް ކޮންމެ ފަހަރަކު ކާން ނުދެވިދާނެ އެވެ. އެކަމަކު، އެކަން ކުރަން ވޮލަންޓިއަރެއްގެ ގޮތުގައި އިސްނަގައިފި ނަމަ ހަމަނޭވާލާނެ ވަގުތެއް ނުވެ ދެކޮޅުދެކޮޅަށް ދުވެދުވެ ތިބޭ ނަރުހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.

"ސިއްހީ ހިދުމަތްތެރިން އެ ތަނުގައި ކެތްކޮށްލަނީ ވަރަށް ހިތްވަރުކޮށްގެން،" ހުސެއިންގެ ތަޖުރިބާ ކިޔައިދިނެވެ.

އެ މީހުން އެ ވަރުބަލި ކަމުގައި އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ ހާލަތާ މެދު ނުވިސްނި ސިޔާސީ ފަރާތްތަކާއި ފިޔަވަޅުތަކަށް އެންމެ ފުރިހަމައަށް ތަބާވާން އިންކާރުކުރާ އަހަރެމެން ވިސްނަންވީ ވަގުތު ފާއިތުވެއްޖެ އެވެ. އެކަމަކު ދެން ވެސް އޮތީ އެންމެން އެކުގައި ބަލި މީހުންނަށްޓަކައި އިތުރު ފުރާނަތަކެއް ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ހިތްވަރު ކުރުން ކަން ހުސެއިންގެ ވާހަކަތަކުން އެނގެ އެވެ.

ކޮވިޑަށް ޓެސްޓްކޮށްފައި ނަތީޖާ ނުލިބިގެން ހުސެއިން ވެސް ޝަކުވާ ކުރި އެވެ. އެންމެ އެސްއެމްއެސްއަކުން ވާން އޮތް ކަމެއް ވަގުތުން ނުވެ ލަސްވުން އޭނާއަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ. ފެސިލިޓީ ކަމުނުގޮސްގެން ކުރި ޝަކުވާތައް ވެސް އަޑު އިވުނެވެ. އެއީ ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ގަބޫލުވެސް ކުރި އެވެ. ނަރުހުން އަޅާނުލުމާއި ބަލި މީހުންނަށް ބޮޑުވަރުވަނީ ކަމުގެ ކަންބޮޑުވުންތައް ވެސް ސޯޝަލްމީޑިއާ އިން ފެނުންނެވެ.

ކޮންމެ ދުވަހަކު ނަގާ ސާމްޕަލްގެ ތެރެއިން އެތައް ބަޔަކު ދަނީ ޕޮޒިޓިވްވަމުން: މިއީ ސިއްހީ ނިޒާމަށް ނުތަކާ ހާލަތެއް. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭނާ ބުނިގޮތުގައި އެ ހުރިހާ ޕްރޮސެސްތަކާއި ޕްރޮޓޮކޯލް އާއި ސިސްޓަމްގައި ހުރި މައްސަލަތަކަށް ވުރެން ކުރަން ޖެހިފައި އޮތް ކަމަކީ އެންމެން އެކައްޗެއް ކިއުމެވެ.

"ރަނގަޅު، ސަރުކާރަށް އެހެން ހެދުނު ނަމަ މިހެން ނޫވީހޭ، ބޭރު ތެރޭގައި ނޫޅެވުނު ނަމަ، ފިޔަވަޅުތައް ވަރުގަދަކުރި ނަމަ، މިހެން ނޫވީހޭ،މި ކަހަލަ ބައިވަރު ވާހަކަ އެބަހުރި ހިތްހަމަނުޖެހޭނެ،"

"ޔަގީންވާ ކަމަކީ މި ބަލީގައި އެބަ ކޮންމެ ދުވަހަކު ގިނަ ބަޔަކު މަރުވެއޭ. އޮކްސިޖަން ނުހިފެހެއްޓިގެން ބަލަބަލައި ތިއްބައި ފުރާނަ ދަނީ. އާދައިގެ ރޯގާއެއް ނޫނޭ."

ބަލި މީހުން ބައިތިއްބާނެ ޖާގަ އިތުރުކުރަން، ހުސެއިން ބުނިގޮތުގައި، ދަނޑުތައް ވެސް ނަގައި ފެސިލިޓީތައް ހެދިދާނެ އެވެ. އެކަމަކު އޭނާ ބުނެދޭން ބޭނުންވީ ވާހަކައަކީ، އެ ޖާގައިގައި ބަލި މީހާ ބާއްވައިގެން ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމެވެ.

ހުސެއިން ބުނިގޮތުގައި ފެސިލިޓީން ފެނުނު މަންޒަރުތަކާއި ބަފައިބެގެ މަރާއި މަންމަގެ މަރުން ލިބުނު ހިތްދަތިކަމުގައި، މިއަށް ވުރެން ވެސް ބޮޑަށް ބަލައިގެން އުޅެވުނު ނަމައޭ ހިތަށް އަރަ އެވެ. އެކަމަކު ވަކިވެގެން ދިޔަ ބަފައިބެ އާއި މަންމަ އެނބުރި ދެން ނާންނާނެ ކަން އޭނާއަށް އެނގެ އެވެ.

"އެންމެން މިކަމުގައި އުޅެގެން ނޫނީ ލޯބިވާ މީހުން ވަކިވެދާތަން ބަލަން ތިބުމުގެ ހިތްދަތި ކަމުން އަރައެއް ނުގަނެވޭނެ."

ފަޒީނާ އަހުމަދު

އެޑިޓަރ

ދެ ހާސް ހަ ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ފަޒީނާ އަހުމަދަކީ ސިޔާސީ ދާއިރާ އާއި އިޖްތިމާއީ ދާއިރާ އަދި ކޮރަޕްޝަނުގެ މައްސަލަތައް ކަވަރުކުރުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމު ތިން ފަހަރު ހާސިލްކޮށްފަ އެވެ. ކުރިން މަސައްކަތްކުރީ "ހާމަ"، "ހަވީރު" އަދި "މިހާރު" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox