ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ލިބުނު ދެ މީހެއްގެ ދެމެދުގައި ވާހަކަ ދެކެވި އެއް ފްލޯ އިން އަނެއް ފްލޯއަށް ބަދަލުވާން ބޭނުންވެ އެއްބަސްވެވިއްޖެ ނަމަ އެ ބަޔަކަށް އެ ފުރުސަތު ދޭން މަޝްވަރާކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި ވަނީ 25 ބުރީގެ 16 ޓަވަރެވެ. އެއްފަހަރާ ގާތްގަނޑަކަށް 30,000-35,000 ދެމެދަށް މީހުން ބަދަލުވާނެ މި ފްލެޓްތައް ލިބުނު މީހުންގެ މެދުގައި އަންނަނީ ގުރުއަތު ނަގަމުންނެވެ.
އެއިން ކޮންމެ ޓަވަރެއްގައި 2000 މީހުން އުޅޭނެ ކަމަށް އެޗްޑީސީން ލަފާކޮށްފައިވާ އިރު އެންމެ ބޮޑު ދައްޗަށް ދިމާވާނީ މަތީ ފްލޯތަކަށް އަރައި ފޭބުމުވެ.
ރާއްޖޭގައި ދިރިއުޅެން މިހާތަނަށް ހަދާފައިވާ އެންމެ އުސް އިމާރާތްތަކުގެ މަތީ ފްލޯތަކުން ލިބުނު ބައެއް މީހުން ތިރީ ފްލޯތަކަށް ބަދަލުވާން ބޭނުންވެ އެވެ. ފްލެޓް ލިބުނު ދެ މީހަކު ބޭނުންވެއްޖެ ނަމަ އެ ފުރުސަތު އޮންނާނެތޯ އަންނަނީ ސުވާލުކުރަމުންނެވެ.
މިކަމާ ގުޅޭ ގޮތުން "އަދަދު"ން އެޗްޑީސީއާ ސުވާލުކުރުމުން އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ އެ މަޝްވަރާ އެ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އަދި ގޮތެއް ނުނިމޭ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް އިއުލާން ކުރާނެ އެ ފުރުސަތު ދޭވޭނެތޯ ނޫންތޯ، އަދި އެއްވެސް ގޮތެއް ނުނިމޭ" އޮފިޝަލް ވިދާޅުވި އެވެ.
ފްލެޓްތަކުގެ ގުރުއަތުލުން ވަގުތީ ގޮތުން އިއްޔެ ވަނީ މެދުކަނޑާލައިފަ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން މިހާތަނަށް ފޮނުވި ލިސްޓުތަކުގެ ގުރު އެޕްރީލް 25 އިން މެއި ހަތަރަކަށް ނަގައި ނިމިއްޖެ އެވެ. ދެން ގުރުއަތުލާން ޖެހޭ ކެޓަރީތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ތިބުމާއި އެހެން ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ފައިނަލް ލިބުމުން ނަގާނެ ކަމަށެވެ.
މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިމި އަންނަ މަހުގެ ތެރޭގައި ވަދެވޭވަރުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.












