ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި ކަރަންޓީނު ކޮށްފައިވާ ދަރިވަރުންގެ ތެރެއިން މި އަހަރުގެ އޯލެވެލް އިމްތިހާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި 5،955 ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާނު މިއަދު ވަނީ ފަށައިފަ އެވެ. އިމްތިހާނު 235 ސެންޓަރެއްގައި ކުރިއަށް ދާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވް ކުދިން ވަކިން އިމްތިހާނު ކުރިއަށް ގެންދަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ރަށްރަށުގެ ސިއްހީ އިދާރާތަކާއި ރަށްރަށުގެ ޓާސްކްފޯސް ތަކުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭ ލެވެލް އިމްތިހާނުވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.

އޭ ލެވެލް ބައެއް މާއްދާތަކުގެ އިމްތިހާނު ކަރުދާސްތައް އިންޓަނެޓުގައި ލީކުކޮށްލާފައިވާ ކަމަށް އަޑުފެތުރުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ އެ އިމްތިހާނު ދޭ އެގްޒެމިނޭޝަން ބޯޑުން ގޮތެއް ނިންމަންދެން އިމްތިހާނު ކުރިއަށް ދާނެ ކަމަށެވެ.













