މީގެ ފަސް އަހަރު ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން އަލީ އަޝްފާގު (ދަގަނޑޭ) ނިންމި ނިންމުން ބަދަލުކުރަން ނަސޭހަތްތެރިވެގެން ކުރެވުނު މަސައްކަތް ރަނގަޅުކަން އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފާހަަގަކުރައްވައިފި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕަކީ ދަގަނޑޭ ގައުމީ ޓީމަށް ކުޅޭނެ ސަރަހައްދީ ފަހު މުބާރާތް ކަމަށް އޭނާ ވަނީ އޭރު އިއުލާނުކޮށްފަ އެވެ. އޭގެ ހަ މަސް ފަހުން އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު 2016 ވަަނަ އަހަރުގެ ޖޫން މަހު ޓޮމް ވިދާޅުވީ ދަގަނޑޭގެ ބޭނުން އަދިވެސް ގައުމީ ޓީމަށް ޖެހޭނެ ކަމަށެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) މިހާރު ވެލެންސިއާ އަށް ކުޅެމުން އަންނަ ދަގަނޑޭ އާ ބެހޭގޮތުން ދެއްކި ވާހަކަ އަކަށް "އަދަދު" އިން ތައްޔާރުކުރި ގްރެފިކްސް އެއް ފޭސްބުކްގައި ޝެއާކުރުމަށް ފަހު ޓޮމް ވަނީ މީގެ ފަސް އަހަރު ކުރިން ދަގަނޑޭ ލައްވައި އަލުން ގައުމީ ޓީމަށް ކުޅުވަން ކުރެވުނު މަސައްކަތް ދިފާއުކުރައްވައިފަ އެވެ.
"2016 ވަނަ އަހަރު ޤައުމީ ޓީމްއަށް ކުޅުން ހުއްޓާލުމުން އަޝްފާގަށް (ދަގަނޑޭ) ނަސޭހަތްތެރިވިން. އިތުރު 5 އަހަރުވެސް ދަގޭ ކުޅެން ހުރެއްޖެނަމަ ވާދަ ކުރެވޭނެ ކުޅުންތެރިއެއް ރާއްޖޭން އަދި ނުފެންނަ ކަމަށް. މިއީ އޭގެ 5 އަހަރު ފަސް ،2021، އަދިވެސް ހަމަ އެހުރީ އެގޮތުގައި،" މިހާރު އުމުރުން 35 އަހަރުގެ ދަގަނޑޭއާ ބެހޭގޮތުން ޓޮމް ލިޔުއްވާފައިވެ އެވެ.
ޓޮމް އަކީ ގައުމީ ފުޓްބޯޅަ ޓީމަށް ދަގަނޑޭއާ އެކީގައި ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ކްލަބް ލެވަލްގައި ނިއު ރޭޑިއަންޓްގައި ވެސް ކުޅެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދި އެވެ. އޭރު މި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ޑިފެންޑަރުން އެންމެ ޖެހިލުންވާ ފޯވާޑުންނެވެ.
ޒުވާން އުމުރުގައި ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށި ފަހުން އޭނާ އަށް ޓީމުން ފުރުސަތު ގެއްލުނީ ދެ ފަހަރު އެވެ. އެއީ 2003 ގެ ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުންނާއި ދާދި ފަހުން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޕީޓަ ސެގާޓްގެ ކޯޗުކަމުގަ އެވެ.
ސެގާޓްގެ ކޯޗުކަމުގައި ދަގަނޑޭ ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވި ކަމަށް ބުނެ 2018 ވަނަ އަހަރު މާޗް މަހު ސަސްޕެންޑް ކުރި އެވެ. އޭގެ ފަހުން ދަގަނޑޭ އަލުން ގައުމީ ޓީމުގައި ހިމެނީ 2019 ވަަނަ އަހަރު ސެޕްޓެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށެވެ.
ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ޖެހި ގޯލުތަކަކީ ރަށުންބޭރުގައި ސީރިއާ ކޮޅަށާއި މާލޭގައި ގުއާމް ކޮޅަށް ޖެހި ގޯލެވެ. ގައުމީ ޓީމަށް ދަގަނޑޭ ވަނީ މިހާތަނަށް 55 ގޯލު ޖަހައިފަ އެވެ.













