ވެންޓިލޭޓަރު މައްސަލަ: ޗެލެންޖުކޮށް އޭސީސީއިން ތިންވަނަ ފަހަރަށް ޕީޖީއަށް!

އޭސީސީގެ ރައީސް ޝިއުނާ ނޫސްވެރިންގެ ބައްދަލުވުމުގައި: ވެންޓިލޭޓަރު މައްސަލަ ތިންވަނަ ފަހަރަށް ވަނީ ޕީޖީއަށް ފޮނުވާފަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އޭސީސީގެ ރައީސް ޝިއުނާ ނޫސްވެރިންގެ ބައްދަލުވުމުގައި: ވެންޓިލޭޓަރު މައްސަލަ ތިންވަނަ ފަހަރަށް ވަނީ ޕީޖީއަށް ފޮނުވާފަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޑްގެ ގޯސް ހާލަތަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އިހުމާލުވާ މީހުންނަށް ދައުވާކޮށް ދިނުމަށް އެދި ތިންވަނަ ފަހަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތުން 11 މީހެއްގެ މައްޗަށް މަގާމުގެ ނާޖައިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ ކުރަން އޭސީސީއިން ބޮޑު ތަހުގީގެއް ހިންގުމަށްފަހު ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމި އެވެ. އެ ނިންމުމާ ގުޅިގެން އޭސީސީއިން ހިތްހަމަނުޖެހުން ފާޅުކޮށް ރިވިއުކޮށްދޭން އެދުނު ނަމަވެސް ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ޕީޖީއިން ވަނީ އަންގާފަ އެވެ.

ޕީޖީގެ ނިންމުމާއެކު، މަޝްރަހު ހޫނުވެފައިވަނިކޮށް މިއަދު އޭސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރިޔަމް ޝިއުނާ ވިދާޅުވީ މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއު ކުރުމަށް ޕީޖީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތަށް ހުށަހެޅީ، ދައުވާ ކުރެވެން ނެތް ކަމަށް ބުނެ ޕީޖީއިން ފާހަގަ ކުރައްވާފައިވާ ގާނޫނީ ނުކުތާތަކަށް ޗެލެންޖުކޮށް، އެއީ އޭސީސީއަށް ގަބޫލު ކުރެވޭ ނުކުތާތަކެއް ނޫން ކަމަށް ފާހަގަކޮށް ކަމަށް ޝިއުނާ ވިދާޅުވި އެވެ. އަލުން ރިވިއުކުރަން ހުށަހެޅިއިރު އިތުރު ހެކިތަކެއް އޭސީސީއިން ހުށަހަޅާފައެއް ނުވެ އެވެ.

Advertisement

މައްސަލައާ ގުޅިގެން މީގެކުރިން ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އިތުރު ހެކިތަކާއެކު މައްސަލަ އަލުން ހުށަހަޅައިފިނަމަ ދައުވާ ކުރެވިދާނެ އެވެ. ނަމަވެސް މިހާރު ހުރި ހެކިތަކުގެ މައްޗަށް އޭސީސީއިން އެދިފައިވާ މީހުންގެ މައްޗަށް ދައުވާތައް ސާބިތު ކުރެވޭނެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. ޝަމީމް ވިދާޅުވި ގޮތުން ދައުވާ ސާބިތު ކުރުމަށް މައްސަލާގައި ހިމެނޭ ފައިސާތަކުން ނަފާވި މީހުންނާއި އެ ފައިސާތައް ވަތް އެކައުންޓްތައް އެނގެން ޖެހެ އެވެ.

ނަމަވެސް މިކަމުގައި އޭސީސީއިން މުޅިން ހިޔާލު ތަފާތެވެ.

އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވި ގޮތުގައި މައްސަލާގައި ސާބިތުކޮށްދޭން ޖެހެނީ ދައުލަތުގެ މުވައްޒަފަކު އަމިއްލައަށް މަންފާއެއް ހޯދިކަން ނުވަތަ، އެހެން މީހަކަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިންތޯ ކަމަށެވެ. އެކަން ސާބިތު ކުރެވޭ މިންވަރަށް އޭސީސީއިން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތަކަށް ފައިސާ ދުބާއީގެ ކުންފުންޏަށް ލިބިފައިވާ ކަމާއި އެ މުއާމަލާތުގެ އެއްބަސްވުން ހިންގުމުގައި ހަދާފައިވާ ގޯސްތައް ވެސް ތަހުގީގުގައި ފާހަގަކޮށްފައިވާނެކަން އަނޫލާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެއީ ލިބެން ނުޖެހޭ މަންފާއެއް ބަޔަކަށް ހޯދައިދިނުމަށް ކޮށްފައިވާ ކަންތައްތަކެއްކަން ސާބިތު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދައުލަތުގެ މުވައްޒަފަކަށް މަގާމުގެ ނާޖައިޒު ފައިދާ ހޯދައިދިނުގެ ދައުވާ ކުރާއިރު އެ މުވައްޒަފަށް ނުވަތަ އެހެން މީހަކަށް ނާޖައިޒު ފައިދާއެއް ލިބިފައި އޮތްތޯ ބަލާކަށް ނުޖެހޭ، އޭނާ އެ ކުރި ކަންތަކުގެ ސަބަބުން މިސާލަކަށް މި މައްސަލާގައި ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ހިސާބުން އެ ކުށް އެ އޮތީ ފުރިހަމަވެފައި،" އަނޫލާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ ވަރަށް ދިގު ތަހުގީގެއް ކުރަން ޖެހޭ ކަމެއް ކަމަށާއި މިފަދަ މައްސަލަތަކުގައި މީހުން ހޯދައި ނާޖައިޒު ފައިދާތަކަކީ ވެސް ވަރަށް ބުރަ މަސައްކަތުން ތަހުގީގަށް ހޯދޭނެ މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ހޯދޭނެ ދުވަހަކަށް ދައުވާނުކޮށް ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަނޫލާ ފާހަގަ ކުރައްވާ ގޮތުގައި، ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ މިހާރު ކުރުމަށްފަހު ފަހުން ފައިސާތަކާ ގުޅިގެން އެހެން ދައުވާތައް އުފުލުމުގެ ފުރުސަތު ގެއްލިގެން ނުދާ ކަމަށެވެ.

"ފަހުން ލިބޭ ހެކިތަކެއްގެ މައްޗަށް ބިނާކޮށް މުވައްޒަފުންނަށް ފައިދާތަކެއް ލިބިފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭ ދައުވާތައް ކުރުމަށް ހުރަހެއް އޮތް ކަމަށް ގަބޫލެއް ނުކުރަން،" އަނޫލާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވި ގޮތުގައި، ފައިސާގެ ފައިދާ ހޯދާފައިވާ މީހުންނާއި ލިބިފައިވާ މީހުންނާ ގުޅޭ ތަހުގީގު އޭސީސީއިން ހުއްޓާނުލާ ކުރިއަށް ގެންދާނެ އެވެ. އަދި އެކަމުގައި ދައުވާ ކުރަން ފޮނުވޭ މިންވަރަށް ހެކި ލިބުމުން، އެ މައްސަލަ ވަކިން ފޮނުވާނެ ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ހިނދިގެން ގޮސްގެންވާނެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވަމުން ކޮމިޝަންގެ ރައީސް ޝިއުނާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު މައްސަލާގައި އޭސީސީއިން ދޫނުދޭނެ އެވެ. ޕީޖީއަށް މައްސަލަ ރިވިއު ކުރަން ހުށަހެޅުމުގެ އިތުރުން އެކަމާ ގުޅޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކާއެކު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ބައެއް މައްސަލަތަކުގައި އޭސީސީ އާއި ޕީޖީއާ ދެމެދު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދެ މުއައްސަސާގެ އަމާޒަކީ މައްސަލަތައް ކާމިޔާބު ކުރުން ކަމަށާއި އެހެންކަމުން އެ މަގުން މަސައްކަތް ކުރާނެ ކަމަށެވެ.

މި މައްސަލާގެ ތަހުގީގަށް އެއްވެސް ފަރާތެއް ނުފޫޒެއް ވަދެފައި ނޯންނާނެ ކަމާއި އެ ޖާގަ ވެސް ނުދެއްވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި ދައުވާ ކުރުމުގެ މަރުހަލާގައި ޕީޖީއަށް ވެސް އެފަދަ ނުފޫޒުތަކެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރު މައްސަލަ ހޫނުވެ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިސްތިއުފާ ވެސް ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މަސައްކަތުން އެކަހެރިވެ ހުންނެވުމަށްފަހު އެވެ. މި މައްސަލާގައި ސަރުކާރަށް އާންމު ރައްޔިތުންނާއި އިދިކޮޅުގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ވެންޓިލޭޓަރު ކޮރަޕްޝަންގައި މުޅި ސަރުކާރު ވަނީ ޝާމިލުވެފަ އެވެ.

އަދި ދައުވާ ކުރެވެންނެތް ކަމަށް ޕީޖީން އެންމެ ފަހުން ނިންމި ނިންމުމާއެކު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ވެސް އެ މައްސަލަ ވަނީ ހޫނުވެފަ އެވެ.

މިގޮތުން، ވެންޓިލޭޓަރު މައްސަލާގައި އަބަދުވެސް އަޑުހަރުކޮށް ކަންބޮޑުވުންފާޅުކުރައްވަމުން ގެންދަވާ، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮންނަން އެދިވަޑައިނުގަންނަވާ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox