ރޯމް (ނޮވެމްބަރު 22) - އިޓާލިއަން ލީގުގައި ރޭ ލެއްޗޭ އަތުން 3-0 އިން މޮޅުވެ، ލާޒިއޯ އިން ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.
މި ސީޒަނުގައި ޖެނާރޯ ގަޓޫސޯ ހަވާލުވެ، ލާޒިއޯގައި އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރަމުންނެވެ. ލީގުގައި މި ވަގުތު މެޗަކުން ބަލިނުވެ އޮތް ދެ ޓީމަކީ ލާޒިއޯގެ އިތުރުން ރޯމާ އެެވެ. ލާޒިއޯ އިން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރޯމާ އަށް ވުރެން ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެެވެ. ލާޒިއޯ އަށް 12 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ރޯމާ އަށް ވަނީ 12 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.
އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލާޒިއޯ އިން ވަނީ 25 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ޓިޖާނީ ނޮސްލިން އެވެ. މިއީ، ގުސްޓާވް އައިސަކްސަން ނަގައިދިން ހުރަހަކަށް އޭރިއާތެރެއިން އަރައި ނޮސްލިން ބޮލުން ޖެހި ގޯލެކެވެ.
ލެއްޗޭ އިން ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ނޮސްލިން ވަނީ އިތުރު ލަނޑެއް ޖަހައި، ލާޒިއޯގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ކެނެތު ޓެއިލާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާތެެރެއިން ގޯލަށް ފޮނުވާލައިގެން ނޮސްލިން ޖެހި ގޯލެކެވެ.
ލާޒިއޯ އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ 90 ވަނަ މިނިޓްގައި ޑާވިޑޭ ފްރަޓޭސީ އެވެ. މަޓެއޯ ކަންސެލިއޭރީ ދިން ބޯޅައަކަށް އަރައި ފްރަޓޭސީ ވަނީ ހަމަޖެހިލައިފައި ލެއްޗޭގެ ކީޕަރު، ވްލަޑިމީރޯ ފަލްކޯނޭ ބޯމަތިން ގޯލަށް އޮއްސާލައިފަ އެވެ.
ލީގުގައި ރޭ ރޯމާ އިން ވަނީ ޕާމާ ދަނޑުގައި 5-1 އިން މޮޅުވެފަ އެވެ. ނަޕޯލީން 1-0 އިން ޓޮރީނޯ ބަލިކުރިއިރު، ކޯޯމޯ އިން ކަލިއަރީ އަތުން މޮޅުވީ 2-0 އިންނެވެ.







