މުޅިން އަލަށް ދެކުނު އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، ސާފް އިން މި އަހަރު ބޭއްވި ފުޓްސަލް މުބާރާތުގެ ކުރިއަށް ހުރި މުބާރާތްތައް ތާވަލުކޮށްފި އެވެ.
ސާފް އިން އެކްސްކްލޫސިވް ކޮމާޝަލް ޕާޓްނަރެއް ހޯދުމަށްޓަކައި ހުޅުވާލިއިރު، އެ ބަޔާނާ އެކު އެއް ކަރުދާސްކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، 2030 ގެ ނިޔަލަށް ޖުމްލަ އެކު، ފުޓްސަލްގެ ހަތަރު މުބާރާތެއް ބާއްވަން ވަނީ ހިމަނައިފަ އެވެ. އެއީ، އަންހެން ދެ މުބާރާތާއި ފިރިހެން ދެ މުބާރާތެވެ. އެ ގޮތުން، އަންނަ އަހަރު ބާއްވާނީ އަންހެން މުބާރާތެވެ. އަދި، 2028 ވަނަ އަހަރު ފިރިހެން މުބާރާތުގެ އިތުރުން އަންހެން މުބާރާތެއް ބޭއްވުމަށް ވަނީ ހިމަނައިފަ އެވެ.
ފިރިހެން ފުޓްސަލް މުބާރާތުގެ ތިން ވަނަ މުބާރާތް އޮންނާނީ 2030 ވަނަ އަހަރު އެވެ.
ސާފް އިން މުޅިން އަލަށް ފުޓްސަލް މުބާރާތް ބާއްވަން ފެށީ މި އަހަރު އެވެ. އެ ގޮތުން، ތައިލެންޑުގައި މި އަހަރުގެ ޖެނުއަރީ މަހު ވަނީ އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް ބާއްވައިފަ އެެވެ. ސާފްގެ ގައުމުތަކުގައި އެ ވަގުތުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށްޓަކައި ފުރިހަމަ ވަސީލަތްތަކެއް ނެތުމުން، މުބާރާތް ބޭއްވީ ތައިލެންޑް ފުޓްބޯޅަ އެސޯސިއޭޝަންގެ އެހީގަ އެެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭން ހޯދިއިރު، އަންހެން މުބާރާތުގެ ތަށި އުފުލާލީ ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝް އިން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. އެ ޓީމަށް މޮޅުނުވެވުނު މެޗަކީ، ބޫޓާނާ 3-3 އިން އެއްވަރުވި މެޗުގަ އެވެ.
ސާފް އިން ވަނީ 2030 ގެ ނިޔަލަށް ޖުމްލަ އެކު، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި 10 ކެޓަގަރީން އެކިއެކި މުބާރާތްތައް ބާއްވަން ޝެޑިއުލްކޮށްފަ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކްލަބް ޗެމްޕިއަންޝިޕް ވެސް ހިމެނެ އެވެ. އެކަމަކު، އެ މުބާރާތް ބާއްވާނެ އަހަރެއް ހިމަނާފައެއް ނުވެ އެވެ.







