ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަށް މިދިޔަ އަހަރު ވެސް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވެ، އެ ކުންފުނީގެ ޖުމްލަ ގެއްލުން 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެފައިވާ ކަމަށް އޮޑިޓަރުން ބުނެފި އެވެ.
އައްޑޫ އެއާޕޯޓު ކުންފުނީގެ އެންމެ ފަހުގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެ ކުންފުނީގެ މިލްކިއްޔާތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ މިލްކިއްޔާތު ވަނީ 58 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ނެގެޓިވްވެފަ އެވެ.
މީގެ މާނައަކީ ކުންފުނީގެ މިލްކިއްޔާތުގައި ހުރި ހަރުމުދަލަށް ވުރެ ކުންފުނިން އަދާކުރަންޖެހޭ ދަރަނި ބޮޑުވުމެވެ. މިދިޔަ އަހަރު އެކަނިވެސް އެ ކުންފުންޏަށް 68 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، ކުންފުނި އުފެދުނީއްސުރެ މިހާތަނަށް ލިބުނު ޖުމްލަ ގެއްލުން ވަނީ 817 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
އެ ކުންފުންޏަށް މި ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނީ، ކުންފުނީގެ އާމަންދީއަށް ބަލާއިރު ބޮޑު ކުރިއެރުމެއް ލިބިފައި ވަނިކޮށެވެ. އެ ގޮތުން 2024 ގައި 38 މިލިއަން ރުފިޔާގައި ހުރި އާމްދަނީ ވަނީ މިދިޔަ އަހަރު 94 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވުމެކެވެ.
އައްޑޫ އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ބޯޓުފަހަރަށް ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވުމެވެ. މީގެ އިތުރުން ގްރައުންޑް ހޭންޑްލިން އާއި، ލޭންޑިން ފީ އާއި، ކުންފުނީގެ ކެފޭގެ ކުލީގެ ގޮތުގައި ވެސް މިލިއަނުން އާމްދަނީ ލިބިފައިވެ އެވެ.
ނަމަވެސް އާމްދަނީއާއެކު ކުންފުނި ހިންގުމުގެ ހަރަދުތައް ވެސް ދެ ގުނައަށް ވުރެ ބޮޑަށް އިތުރުވި އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 54 މިލިއަން ރުފިޔާއިން 112 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މި އިތުރުވުމުގެ ތެރޭގައި ތެޔޮ ގަތުމަށް ހިނގި ހަރަދާއި، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ގަވާއިދުތަކާ ހިލާފުވެގެން ދައްކަން ޖެހުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ ހިމެނެ އެވެ. މިއީ ކޮން ކަމަކާ ގުޅިގެން ދައްކަން ޖެހުނު ޖޫރިމަނާތަކެއް ކަމެއް އޮޑިޓަކުން ސާފެއް ނުވެ އެވެ.
ކުންފުނީގެ ހާލަތު މިހާ ގޯސްއިރު، އައްޑޫ އެއާޕޯޓު ކުންފުނި ހުއްޓުމަކަށް ނައިސް ހިންގަމުން އަންނަނީ ކުންފުނީގެ ހިއްސާދާރުންގެ އެހީތެރިކަމާއެކީގަ އެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ 70 ޕަސެންޓު އަދި ކާސާ ހޯލްޑިންސް (ޗަމްޕާ) ގެ 30 ޕަސެންޓު ހިއްސާވާ އަމިއްލަ ކުންފުންޏެކެވެ.
ކުންފުނީގެ ހަަރަދުތައް ހަމަޖެއްސުމުގެ ގޮތުން ކާސާ ހޯލްޑިންސްއިން 55.7 މިލިއަން ރުފިޔާ އަދި ދިވެހި ސަރުކާރުން 97.2 މިލިއަން ރުފިޔާގެ އިންޓްރެސްޓް ފްރޯ ލޯނުތައް ނަގާފައިވެ އެވެ. އަދި، އެކި ކަންކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއަށް ދައްކަން ޖެހޭ އިތުރު 195.3 މިލިއަން ރުފިޔާ އެބައޮތެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރަން ނެގި ލޯނަށް 99.3 މިލިއަން ރުފިޔާ ނުދައްކައި އެބައޮތެވެ. އަދި، އެސްޓީއޯއަށް ދައްކަން ޖެހޭ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނޭހެން، ސަރުކާރުގެ އެކި އިދާރާތަކާއި މުއައްސަސާތަކާއި އެހެން ކުންފުނިތަކަށް ދައްކަން ޖެހޭ 41.5 މިލިއަން ރުފިޔާ ވެސް އެބައޮތެވެ.











