ރާއްޖޭން ވަރުގަދަ ގިނަ މެޗުތަކެއް ކުުޅުން މުހިންމު: އުރްބާނީ

Sep 30, 2026, 10:04 AM
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި ވަރުގަދަ ގިނަ މެޗުތަކެއް ކުޅުން މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ. 

ބާރަ އަހަރަށް ފަހު، ރާއްޖޭގެ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި އަލުން ހަވާލުވެ އުރްބާނީ މި ވަނީ މިހާތަނަށް ގައުމީ ސީނިއާ ޓީމާއި 20 އަހަރުން ދަށުގެ ޓީމާ އެކު، ޖުމްލަ ނުވަ މެޗު ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ. މޮޅުވީ، މިދިޔަ މާޗް މަހު މާލޭގައި ޓިމޯ ލެސްޓޭ އަތުންނެވެ. ފަސް މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 

މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި، އެންމެ ފުރަތަމަ ރާއްޖޭން ޗައިނާއާ ދެކޮޅަށް އެ ގައުމުގަައި ކުޅުނު މެޗުން މި މަހުގެ 24 ވަނަ ދުވަހު ވަނީ 3-0 އިން ބަލިވެފަ އެވެ. އަދި، ދެ ވަނަ މެޗުގައި މިދިޔަ ހޯމަ ދުވަހުގެރޭ ކިރްގިސްތާންގައި ކުޅެ، އެ ޓީމު އަތުން ވަނީ 5-0 އިން ބަލިވެފަ އެވެ. 

"ޒުވާން ކުޅުންތެރިން ޓެސްޓްކުރުމަކީ ރަނގަޅު ކަމެއް، (ކިރްގިސްތާން މެޗުގައި) ފުރަތަމަ ހާފުގައި އެ ކުރި ގޮތަށް. އަދި އެއް މެޗު އެބައޮތް ކުޅެން. އަހަރެން އުންމީދުކުރަނީ މި ގޮތަށް ގިނަ މެޗުތަކެއް ކުޅުން،" ކިރްގިސްތާނުން ފުރަތަމަ ހާފުގައި ފަސް ގޯލު ޖަހައިގެން މޮޅުވި މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އުރްބާނީ ބުންޏެވެ. 

"މި މެޗުތައް ކުޅޭ އެންމެ ބޮޑު ސަބަބަކީ، ޗައިނާއާ ދެކޮޅަށް، ކިރްގިސްތާނާ ދެކޮޅަށް، ދެން އަހަރެމެން ލެބަނަންއާ މި ކުޅެނީ. މިއީ ވަރަށް ވަރުގަދަ ޓީމުތައް. މި ވަގުތަށް ބަލާކަމަށްވާނަމަ، މީގެއިން އަހަންނަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ، ކުޅުންތެރިން ބަލާލުން، އެ މީހުންގެ ކޮލިޓީ،" 

މި މަަހު ނެރުނު ފީފާ ރޭންކިންގައި ޗައިނާ އޮތީ ދުނިޔޭގެ 93 ވަނައިގަ އެވެ. ކިރްގިސްތާން 106 ވަނައިގައި އޮތްއިރު، ލެބަނަން އޮތީ 114 ވަނައިގަ އެވެ. ރާއްޖެ އޮތީ، 172 ވަނައިގަ އެވެ. 

ރާއްޖޭން މިހާރު ތައްޔާރުވަމުން އަންނަނީ، ނޮވެމްބަރު މަހު، ބަންގްލަދޭޝްގެ ވެރި ރަށް، ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށެވެ. އުރްބާނީ ބުނީ، ސާފް ޗެމްޕިއަންޝިޕް އަންނަނީ ވަރުގަދަވަމުން ކަމަށެވެ. 

"(ސާފް ޗެމްޕިއަންޝިޕްގައި) އަހަރެމެން ކުޅެން ޖެހެނީ ޕާކިސްތާނާއި އިންޑިއާއާ ގްރޫޕް ސްޓޭޖުގައި ނޮވެމްބަރުގައި. މި މެޗުން (ކިރްގިސްތާން މެޗު) ވެސް އަހަންނަށް ވަރަށް ފީޑްބެކް ލިބިއްޖެ ކުޅުންތެރިންގެ، ކޮން މިސްރާބަކުންތޯ އަހަރެމެން ދާންވީ،" އުރްބާނީ ބުންޏެވެ. 

މި ފަހަރުގެ މެޗުތަކަށް ދިއުމުގެ ކުރިން މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ވަނީ، ސާފް ޗެމްޕިއަންޝިޕްގެ ކުރިން ދެ މެޗު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. 

އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު މެޗުތަކުގެ ތަފްސީލަށް ބަލާއިރު، ސީނިއާ ޓީމުން ޓިމޯ ލެސްޓޭ އަތުން 2-1 އިން ވަނީ މޮޅުވެފަ އެވެ. ސީނިއާ ބަލިވީ އަފްގާނިސްތާން (1-0)، ޕާކިސްތާން (3-0)، ޗައިނާ (3-0) އަދި ކިރްގިސްތާން (5-0) އަތުންނެވެ. ސީނިއާ ޓީމު ވަނީ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ 1-1 އިން އެއްވަަރުވެފަ އެވެ. 

ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، އުރްބާނީގެ ކޯޗުކަމުގައި ރާއްޖެ ވަނީ ސްރީ ލަންކާ އަތުން 3-2 އިން ބަލިވެފަ އެވެ. އަދި، ބޫޓާނާ 0-0 އިން އެއްވަރުވިއިރު، ނޭޕާލާ އެއްވަރުވީ 1-1 އިންނެވެ. 

ރާއްޖޭން ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ، މި ފަަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ ފަހު މެެޗެވެ. އެއީ، މާދަމާ ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗެވެ. ލެބަނަން އިން ވަނީ މިހާތަނަށް ރާއްޖެއާ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ފަހުން، ލެބަނަން އިން ރާއްޖެއާ ކުޅުނީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. ލެބަނަން އިން ވަނީ އެ މެޗުގައި ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. މާދަމާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން، 17:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox