އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާއި، ފެންނާން ނެތް 1120 ވަނަ މީހާ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، 2028 ވަނަ އަހަރު އެ ޕާޓީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުމަށް ހުރިހާ މެންބަރުން ވޯޓު ދެނީ. -- ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، 2028 ވަނަ އަހަރު އެ ޕާޓީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުމަށް ހުރިހާ މެންބަރުން ވޯޓު ދެނީ. -- ފޮޓޯ: ޕީއެންސީ

ހުދާއި ވިލު ނުލުން ޖަރީކޮށްފައި އޮތް އެ މާލަމުގައި، ޕީއެންސީގެ މަތީ މަޖިލީހުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 1،119 އިންސާނުން ތިއްބެވެ. އެ އެންމެންނާ ކުރިމަތިކުރެވުނު ސުވާލަކީ 2028 ގައި އޮންނާނޭކަމަށް ލަފާކުރެވޭ ރިޔާސީ އިންތިހާބުގައި މި ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ކާކުތޯ އެވެ. އެ ސުވާލަށް އެންމެން އެއް އަޑަކުން ދިނީ އެއް ޖަވާބެކެވެ. އެއްވެސް ދެ މީހެއްގެ ވިސްނުމުގައި ޒައްރާއެއްގެ މިންވަރުގެ ފަރަގެއް ވެސް ނުއުފެދުނެވެ. ހިޔާލު ތަފާތުވުމެއް ނެތެވެ. އެކަމަށް ޝައުގުވެރިކަން ހުރި އެހެން އިންސާނަކު ވެސް ނެތެވެ. 'ނޫން ގޮތެއް ހޯދުމުގެ' ވިސްނުމެއް ނުވަތަ 'ބަދަލެއްގެ' ވިސްނުމެއް ވެސް އަމުދުން ނެތެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްވި އެއްހާހަށްވުރެ ގިނަ މީހުންގެ ތެރޭގައި، ގައިމު އަމިއްލަ ސިޔާސީ ވިސްނުމާއި، އުންމީދުތަކާއި، ޝަކުވާތަކާއި އަދި ބޭނުންތައް ހުރި މީހުން ތިބޭނެކަން ކަށަވަރެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް އެރުވުމާ މެދު ގޮތެއް ނިންމަން ހުށަހެޅުމާއެކު، އެ ހުރިހާ ތަފާތުތަކެއް ކުއްލިއަކަށް ފިލައިގެން ދިޔަ އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،119 މީހުން ވެސް އެމަނިކުފާނަށް ތާއީދުކުރި އެވެ. އެ ނިންމުމާ ދެކޮޅަށް އެންމެ ވޯޓެއް ވެސް ނުލިބެ އެވެ.

އާންމުކޮށް ބަލާއިރު، ބަޔަކު މީހުން ވަކި ކަމަކަށް އެއްބަސްވުމަކީ އޭގެ ޒާތުން އެކަމުގައި ޝައްކު އުފެދެންޖެހޭ ކަމެއް ނޫނެވެ. ކޮންގްރެސްއަށް ހާޒިރުވި ކޮންމެ މަންދޫބެއްގެ ފުރިހަމަ އިތުބާރު ރައީސް މުއިއްޒަށް އޮތުމަކީ ވެދާނެ ކަމެކެވެ. މުޅި ޕާޓީގައި ވެސް ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު އެހެން މީހަކަށް ދޭންޖެހޭނެ ކަމަށް ގަބޫލުކުރާ އެންމެ މީހަކު ވެސް އެތަނުގައި ނެތީ ކަމަށް ވެސް ވެދާނެ އެވެ. އެކަމުގެ ޝައުގުވެރިކަން ވެސް ނެތީކަމަށް ވެދާނެ އެވެ.

Advertisement

ނަމަވެސް، 1،119 އާ ދެކޮޅަށް ސުމެއްގެ ނަތީޖާއަކީ އެއާމެދު ފުންކޮށް ވިސްނާލަން ޖެހޭ ފަދަ ފުރިހަމަ އަދަދެކެވެ. އެ އަދާދާމެދު ތަފާތު ގޮތަކަށް ވިސްނާލަމާ ހިނގާށެވެ.

ޕީއެންސީގެ ކޮންގްރެސްގެ މަންދޫބުންގެ އަދަދު އިތުރުކޮށް، އެތަނުގައި 1،120 ވަނަ މީހަކު ހުރި ކަމަށް ތަސައްވަރު ކޮށްލަމާ ހިނގާށެވެ. އޭނާއަކީ ޕީއެންސީގެ ވަފާތެރި މެންބަރެކެވެ. އޭނާ ސަރުކާރަށް ތާއީދު ކުރެ އެވެ. އިދިކޮޅު ފަރާތްތަކާ ގުޅުމުގެ އެއްވެސް ނިޔަތެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާއާމެދު ނުރުހުމެއް ވެސް ނެތެވެ. އެހެންނަމަވެސް، އޭނާގެ ވަކި ސިޔާސީ ފިކުރެއް އެބައޮތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، ސިޔާސީ ޕާޓީއަކުން ރިޔާސީ އިންތިހާބަށް ނެރޭނޭ ކެންޑިޑޭޓަކު ކަނޑައަޅަންވާނީ އެ ވަގުތާއި ހާލަތަށް ބަލައި، ވާދަވެރި ޕްރައިމަރީއަކުންނެވެ. ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ހައްގު، އެކަމަށް ޝައުގުވެރިކަން ހުރި އެންމެންނަށް އޮންނާންވާނޭކަމަށް އޭނާ ދުށްޓެވެ. އެހެންކަމުން، ރައީސް މުއިއްޒަށް ތާއީދުކުރާ މީހުން އަތް އުފުލާން ބުނުމުން، އޭނާ އަތެއް ނުއުފުލަ އެވެ. އެ މަޖިލީހުގައި ހުރެ، އެކަމުގެ ސަބަބުތައް ވެސް ކިޔައިދީ، އޭނާ ގަބޫލުކުރާ ގޮތަށް، އަޑުހަރުކޮށް ވަކާލާތު ވެސް ކޮށްފި އެވެ.

މިކަން މިގޮތަށް ހިނގިނަމަ އޭނާއަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތް ހާމަވާނީ މި ސުވާލަށް ލިބޭ ޖަވާބުންނެވެ.

އަޅުގަނޑުމެން މި އުފެއްދި ހިޔާލީ މީހާ، ޕީއެންސީގެ މަތީމަޖިލީހުގައި އިނދެ މި ދެންނެވި ގޮތަށް އަމަލުކޮށްފައި އެނބުރި ރަށަށް ގޮސް އޭނާގެ ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަން ޖާގަ ލިބޭނެ ހެއްޔެވެ؟ އޭނާއަކީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ، އެ ވަޒީފާގައި އޭނާއަށް ދެމިހުންނާން ފުރުސަތު އޮންނާނެ ހެއްޔެވެ؟ އޭނާގެ އަނބިމީހާ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާނަމަ، އޭނާގެ ވަޒީފާ ސަލާމަތްވާނެ ހެއްޔެވެ؟ އޭނާގެ ކޮއްކޮއަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް ނަމަ، ކޮންގްރެސްގައި އޭނާ އަތް ނުއުފުލި މައްސަލައިގައި ކޮއްކޮގެ މަގާމަށް އަސަރުކޮށްފާނެ ހެއްޔެވެ؟

މި ހުރިހައި ސުވާލެއްގެ ޖަވާބަކީ ނޫނެކޭ ނަމަ، ޕީއެންސީގެ ކޮންގްރެސްއިން އެ ހާސިލުކުރީ ހަގީގަތުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެކެވެ. އެ ކޮންގްރެސްއިން އެ އެއްކޮށްލީ، ގައުމުގެ އެންމެ ބާރުގަދަ މީހާއާ ދެކޮޅަށް ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮވެމެ، އެ ބައިމީހުންގެ އަމިއްލަ އިހުތިޔާރުގައި އެ ހައްގު ދޫކޮށްލި  1،119 ވަފާތެރިންނެވެ. އެކަމަކު މިއިން އެއްވެސް ސުވާލެއްގެ ޖަވާބަކީ އާނއެކޭނަމަ، އެއީ ރައީސް މުއިއްޒުއާއި ޕީއެންސީގެ ހަގީގީ ޝަހުސިއްޔަތަކީ ކޮބައިކަން ސާބިތުކޮށްދޭ ބަޔާނެކެވެ.

އިއްތިފާގުން ނިންމާ ނިންމުންތަކުން ހަމައެކަނި އެނގޭނީ އަތް އުފުލި މީހުންގެ އަދަދެވެ. ކަމަކާ ދެކޮޅު ހަދަން އެ މީހުންނަށް ކެރޭނެ މިންވަރެއް ނުވަތަ އެކަމަށް އޮތް ޖެހިލުންވުމެއް އެ އަދަދަކުން ހާމައެއް ނުވެ އެވެ.

އެހެންކަމުން، ރައީސް މުއިއްޒަށް ވޯޓު ދިން 1،119 މީހުންނަށްވުރެ ބޮޑަށް، އަޅުގަނޑުގެ ޝައުގުވެރިކަން ހުރީ އަޅުގަނޑުމެން މި އުފެއްދި ހިޔާލީ 1،020 ވަނަ މީހާއަށެވެ. އެފަދަ މީހަކަށް ޕާޓީގެ ތެރޭގައި ޖާގައެއް އޮތްތޯ ބަލަން އަޅުގަނޑު ބޭނުމެވެ. އެ ޕާޓީގެ އާންމު މެންބަރުން ވެސް އެ ތަހުލީލު ކޮށްލާން ބޭނުންވާނޭކަން ގައިމެވެ. ޕާޓީގެ ލީޑަޝިޕާ ދެކޮޅަށް ހިޔާލުފާޅުކޮށް، ރޭވުންތައް ރާވައި، ގޮންޖަހައި، އަދިވެސް އެއީ ޕާޓީގެ އާދައިގެ ގަދަރުވެރި މެންބަރެއްގެ ގޮތުގައި ހުރެވިދާނެތޯ އެވެ؟ އަދި އެހެން މީހުންނަށް ވެސް، އެމީހުންގެ ހިޔާލު ތަފާތުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި، އޭނާއާއެކު ސާބިތުވެ ތިބެވިދާނެތޯ އެވެ؟

ޕީއެންސީއަކީ ނަމޫނާ ޑިމޮކްރެސީއެއް ކަމަށް އެ ކުރައްވާ ދައުވާގެ ފުރަތަމަ ހެއްކަކަށްވާނީ އަޅުގަނޑުމެން މި އުފެއްދި 1،120 ވަނަ މީހާ އެވެ. އެހެން ޕާޓީއެއްގެ މެންބަރުންގެ ދަފުތަރުގައި ނަން އޮތުމަކީ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއިން ވަކިކުރަން ޖާއިޒު ސަބަބެއްކަމަށް ދެކޭ ބަޔަކު ހިންގާ ޕާޓީއެއްގައި މި 1،120 ވަނަ މީހާއަށް ޖާގައެއް އޮވެދާނޭތޯ އެއީ ބޮޑު ސުވާލެކެވެ. އެ ސުވާލުގެ އެންމެ ފުރިހަމަ ޖަވާބަކީ ވެސް ހަމަ އެ ބައްދަލުވުމުގެ 1،119 ބައިވެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox