ޓީސީ މޮޅުވިިއިރު، ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެއްވަރު

Aug 25, 2023, 3:54 AM
ޓީސީ މޮޅުވިިއިރު، ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެއްވަރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން މޮޅުވިއިރު، ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ޓީސީން އިއްޔެގެ މޮޅާ އެކު ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވަނީ ނުވަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ރޭގެ ޕޮއިންޓާ އެކު ވެލެންސިއާ އެންމެ ފުލުގައި ދެ ޕޮއިންޓް ހޯދައިގެން އޮތްއިރު، ހަތް ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ނުވަ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ޓީސީން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި، ހަމްދޫން އަބްދުލް ލަތީފް ވަނީ ތަފާތު ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޓީސީން ކާމިޔާބުކުރި ފަހު ގޯލު ޖެހީ، އަހުމަދު މާއިޝް ރަޝީދު (މާއި) އެވެ.

މި މެޗުގައި ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބި ބޭނުންނުކުރެވިދިޔަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ވެލެންސިއާ އިން ރޭގެ މެޗުގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ހަސަން ސުފްޔާން (ސޫފީ) ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، ގްރީން ސްޓްރީޓްސް އިން ވަނީ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. އަދި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ އަހުމަދު ރަސްލާން ހަމީދު ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން 14 އަހަރުގެ މުހައްމަދު އިލާން އިމްރާން އެވެ. ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން އިލާން ޖެހި މި ގޯލާ އެކު އޭނާ ވެފައިވަނީ ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox