ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް އިން ފުރަތަމަ މޮޅު ހޯދައިފި

May 19, 2023, 1:42 PM
ގްރީން ސްޓްރީޓްސް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުން، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން މޮޅުވެ، ކްލަބް ގްރީން ސްޓްރީޓްސް އިން ސީޒަނުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަކީ މި ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ދެ ޓީމެވެ. ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ނުކުޅެ އެވެ. އެއީ، ސީޒަނަށް އެކަށީގެންވާ ވަރަށް އޭރު ތައްޔާރުނުވެވޭތީ އާއި މާލީ މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެވެ.

މިއަދުގެ މެޗުން، ގްރީން ސްޓްރީޓްސް މޮޅުވުމާ އެކު، ސީޒަނުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ދެ ޓީމަކީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އަވަސް ކުޅުމެއް ކުޅެ، އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެ ގޮތުން، ޔުނައިޓެޑް ވިކްޓަރީގެ ކުރިއަށް ކުޅޭ 17 އަހަރުގެ ފޯވާޑް، ޝަނާން ރަޝާދު އަށް ލިބުނު ފުރުސަތުތަކުން އޭނާ ފޮނުވާލި ހަމަލާތައް ގްރީން ސްޓްރީޓްސްގެ ކީޕަރު، އަހުމަދު ރަމީޒަށް ނުރައްކާ ކޮށްލެވޭ ގޮތެއްނުވި އެވެ.

ގްރީން ސްްޓްރީޓްސް އިން ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތައް ފޮނުވާލީ ފަހު ފަސް މިނިޓްގެ ތެރޭގަ އެވެ. އެ ގޮތުން، ގްރީން ސްޓްރީޓްސްގެ ކުރިއަށް ކުޅޭ، މުހައްމަދު ރާއިފް ފަޒީލް ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) މަތަކުރިިއިރު، ރީބައުންސް ބޯޅައަކުން ގްރީން ސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ނާޖީ އެވެ.

އެހެން ނަމަވެސް، ގްރީން ސްޓްރީޓްސް އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯލެއް ޖަހައި ލީޑުނަގައިފަ އެވެ. މިއީ ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ޑިފެންޑަރުންގެ ތެރެއިން އައިސް، ކީޕަރު ނާޖީ އަށް ނުލިބި ގޮސް ދަނޑީގައި ޖެހިފައި ނުކުތް ވަގުުތު، ގްރީން ސްޓްރީޓްސްގެ އިބްރާހިމް ހާމިދު ޖެހި ގޯލެކެވެ.

ޔުނައިޓެޑް ވިކްޓަރީން ފުރަތަމަ ހާފުގައި ފޮނުވާލި ފަހު ހަމަލާ އަކީ މި ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑް ވިކްޓަރީގެ އަރީން އަބްދުﷲ އިބްރާހިމް ޖެހި ހިލޭ ޖެހުމެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމުން، އަރީން ޖެހި އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓަރީގެ ރީހާން (ވ) ގްރީން ސްޓްރީޓްސްގެ އަންކޮ އަތުން ބޯޅަ ހޯދަން ޓެކަލްކުރަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފަށް ޔުނައިޓެޑް ވިކްޓަރީން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އެ ގޮތުން އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި މުހައްމަދު ރީހާން ވަނީ ކުޅެން އަރުވައިފަ އެވެ. މި ދެ ކުޅުންތެރިން ވަނީ ޔުނައިޓެޑް ވިކްޓަރީން ފުރަތަމަ ކުޅުނު ދެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެކަމަކު، މި މެޗުގައި ފުރަތަމަ އެގާރަ އެ ދެ ކުޅުންތެރިން ނުލީ އެންމެ ފަހުން ކުރި ޕްރެކްޓިސްތަކުގައި ބައިވެރިނުވާތީ އެެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އަށް ލީޑުފުޅާކޮށްދޭން ހާމިދު އަށް ލިބުނު ހުސް ފުރުސަތުން ދެ ފަހަރު ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ނާޖީ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން، ލިބުނު ފުރުސަތުން ގްރީން ސްޓްރީޓްސްގެ ދެ ވަނަ ގޯލު ވެސް ޖެހީ ހާމިދު އެވެ. މެޗުގެ 61 ވަނަ މިނިޓްގައި، ގްރީން ސްޓްރީޓްސްގެ ހުސެއިން ނަބީހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހާމިދު ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އަށް ތިން ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 80 ވަަނަ މިނިޓްގައި އެ ޓީމުގެ ކުރިއަށް ކުޅޭ ހުސެއިން ހާފިޒް އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން، އަންސަރު އިބްރާހިމް (އަންކޮ) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ހާފިޒް ފޮނުވާލި ހަމަލާގައި މާ ބޮޑު ބާރެއްނެތްއިރު، ކީޕަރު ނާޖީ ވަނީ ފަސޭހައިން ބޯޅަ އަތަށް ނަގައިފަ އެވެ.

އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލު ޖެހީ އަބްުދުﷲ އަނޫސް އެވެ. ގްރީން ސްޓްރީޓްސްގެ އަހުމަދު ނާހިލް އިބްރާހިމް ނެގި ހުރަހަކަށް އަރައި، އަނޫސް ބޮލުން ޖެހި ބޯޅަ ވަނީ ގޯލުގެ ކަނަށް އަމާޒުވެފަ އެވެ. އަނޫސް އަކީ މި ހާފުގައި ބަދަލަކަށް އެރި ކުޅުންތެރިއެކެވެ.

މެޗު ނިމުމުގެ ކުރިން އިތުރު ވަގުުތުގައި ޔުނައިޓެޑް ވިކްޓަރީން ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، މުހައްމަދު ހުސެއިން އެވެ. އެއީ، ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން މުހައްމަދު ޖެހި ގޯލެކެވެ.

ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ. މިއީ، އަންނަ މަހުގެ 23 އިން ޖުލައި 4 އަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ލީގު މެދުކަނޑާލުމުގެ ކުރިން ކުޅޭނެ ފަހު މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox