މާޒިޔާ އަށް ދިނީ އޭއެފްސީ ކަޕްގައި ވާދަކުރާތީ ދޭ އެހީތެރިކަން: މަހުލޫފް

ޔޫތު މިނިސްޓްރީގެ އިވެންޓެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް: ސަރުކާރުން އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވަނީ ވިދާޅުވެފައި.

ޔޫތު މިނިސްޓްރީގެ އިވެންޓެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް: ސަރުކާރުން އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވަނީ ވިދާޅުވެފައި.

އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލްކުރާ ޓީމުތަކަށް ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށް ވާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ވެސް މަޝްވަރާކުރެވި، މީޑިއާގައި ވެސް ހާމަކޮށްފައި ކަމަށާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނީ އެ އުސޫލުން ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މާޒިޔާ އަށް މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ޔޫތު މިނިސްޓްރީން ވަނީ 2023 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދެވޭ އެހީގެ ގޮތުގައި އެއް މިލިއަން ރުފިޔާ އާއި ކޮންމެ ކްލަބަކަށް ސަރުކާރުން މާލީ އެހީގެ ގޮތުގައި ދޭ 247،500 ރުފިޔާގެ އިތުރުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތަކަށް އިންޑިއާގެ ކޮލްކަތާ އަށް ކުރި ދަތުރުގެ ޓިކެޓް ފައިސާ އަށް ވާ 368،299.60 ރުފިޔާ ދީފަ އެވެ.

ސީޒަނަށް ތައްޔާރުވާން މާޒިޔާ އަށް އިތުރު އެއް މިލިއަން ރުފިޔާ ދިން މައްސަލައިގައި އެހެން ކްލަބްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން، ޓީސީ ސްޕޯޓްސް ކްލަބްގެ އިސް ހިންގުންތެރިޔާ އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު، އަހުމަދު ނަޝީދު (ޑޭވް) ވަނީ މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. އަދި މިކަމުގައި އެހެން ކްލަބުން ވެސް ބައިވެރިވުން މުހިންމުކަން ފާހަގަކޮށް، އެހެން ޓީމުތައް ވެސް ސޯޝަލް މީޑިއާ ޕޯސްޓްގައި ޓެގް ކޮށްފައިވެ އެވެ.

މި ކަމާ ބެހޭގޮތުން މިނިސްޓަރު މަހުލޫފް، މިއަދު، "އަދަދު" އަށް ވިދާޅުވީ އޭއެފްސީ ކަޕްގައި ކުޅޭ ޓީމަށް ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށް މީގެ ކުރިން ވެސް އެފްއޭއެމާ ވަނީ މަޝްވަރާކުރެވިފައި ކަމަށެވެ.

"އަދި އެ ވާހަކަ މަޖިލިސްގައި އަދި މީޑިއާގައި ވެސް ވަނީ ދެއްކިފަ. ސަރުކާރުގެ ސަޕޯޓް ނުދީ މިއަދު އިންޑިއާ އާއި ބަންގްލަދޭޝްގެ ޓީމުތަކާ ވާދަކޮށްލަން ރަނގަޅު ބޭރު ކުޅުންތެރިން ނުގެނެވޭނެތީ ދޭ ސަޕޯޓެއްގެ ގޮތުގައި އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން ވަނީ މިދިޔަ އަހަރު ވެސް މާޒިޔާ، އޭއެފްސީ ކަޕްގައި ވާދަކުރާތީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ގޮތުން، ބޭރު ކުޅުންތެރިން ހޯދުމުގެ ގޮތުން ސަރުކާރުން ދޭ އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

ސަރުކާރުން ވަނީ ޓީސީން 2020 ވަނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރިއިރު، ބިދޭސީ ކުޅުންތެރިން ގެނައުމަށާއި އެހެނިހެން ހަރަދުތަކަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ދީފަ އެވެ. އެ ފަހަރު، ކޮވިޑް-19ގެ ސަބަބުން ލޮކްޑައުން ހާލަތެއްގައި ޓީސީ ކުޅުންތެރިންނާއި އޮފިޝަލުން ލަންކާގައި މަޑުކުރަން ޖެހުނު މުއްދަތުގައި ގިނަ ހަރަދުތަކެއް ހިނގި ކަމަށް އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

ޔޫތު މިނިސްޓްރީން އާންމު ގޮތެއްގައި އޭއެފްސީ ކަޕްގައި ވާދަކުރާ ދިވެހި ޓީމުތަކުގެ ތެރެއިން ބޮޑު އެހީތެރިކަމެއް ދެނީ ގްރޫޕް ސްޓޭޖަށް ކޮލިފައިވާ ޓީމަށެވެ. މި ވަގުތު އޭއެފްސީ ކަޕުން ރާއްޖެ އަށް ފުރުސަތު ދީފައި އޮތް ގޮތަށް ބަލާއިރު، ރާއްޖޭގެ ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ޖާގަ ލިބޭނެ އެވެ. އަދި އެފްއޭ ކަޕް ޗެމްޕިއަން ނޫނީ ލީގުގެ ރަނަރަޕަށް އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ކުޅޭނެ އެވެ.

ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން މި ފަހަރު ވެސް މާޒިޔާ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ. މިދިޔަ އަހަރުގެ ލީގު ރަނަރަޕް، އީގަލްސް އިން ކުޅޭނީ މި ފަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގަ އެވެ. އީގަލްސް އިން ވެސް މިނިސްޓްރީގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އަދި އެ ޓީމަށް ލިބިފައިވަނީ އާންމު އުސޫލުން އެހެން ކްލަބްތަކަށް ވެސް ލިބުނު އަދަދަށް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި ރާއްޖޭގެ ކްލަބް ވެލެންސިއާ އިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ބަންގްލަދޭޝަށް ނުދެވުނީ މާލީ މައްސަލަތަކާއި ޓީމުގެ އެޑްމިނިސްޓްރޭޝަނުގެ ކަންތައްތައްތަކެއް ދިމާވެގެންނެވެ. އެ މައްސަލައިގައި ވެސް މިނިސްޓްރީ އާއި ވެލެންސިއާ އަދި އެފްއޭއެމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް އެންމެ ދަށްކޮށް ފަށާނެ ފަހަރެެވެ. އެއީ ސީޒަނުގެ ފުރަތަމަ މެޗާ ހަމައަށް އައިއިރު، މަހެއްހާ ދުވަހުގެ ޕްރީ ސީޒަން ޕްރެކްޓިސް ކުރެވުނީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ދެ ކްލަބަށެވެ. އެއީ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރި މާޒިޔާ އާއި އީގަލްސް އެވެ.

އަދިވެސް ދެ ކްލަބެއް ޕްރެކްޓިސް ފަށާފައިނުވާއިރު، މެޖޯރިޓީ ކްލަބްތަކުން ސީޒަންގެ ފުރަތަމަ މެޗާ ކުރިމަތިލާނީ އެކަށީގެންވާ މިންވަރަށް ޕްރީ ސީޒަން ޕްރެކްޓިސް ނުކޮށެވެ. ޓީމުތަކުން ދުރާލާ ޕްރެކްޓިސް ނުފެށީ މާލީ މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެވެ.

ފުޓްބޯޅަ ސީޒަނުގެ ފުރަަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ނުކުޅެނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. މާލީ މައްސަލަތަކާ ހެދި އެ ދެ ޓީމަށް އަދި ޕްރީ ސީޒަން ޕްރެކްޓިސް ވެސް އޮތީ ނުފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox