ބެންޒެމާގެ ދެ ގޯލުން މޮޅުވެ ރެއާލް އެއް ވަނަ އަށް

Dec 31, 2022, 5:16 AM
ވަލޮޑޮލިޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލްގެ ބެންޒެމާ އުފާފާޅުކުރަނީ.

ވަލޮޑޮލިޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލްގެ ބެންޒެމާ އުފާފާޅުކުރަނީ.

މެޑްރިޑް (ޑިސެމްބަރު 31) - ސްޕެނިޝް ލީގުގައި ރޭ ކަރީމް ބެންޒެމާގެ ދެ ގޯލުން 2-0 އިން ރެއާލް ވަލޮޑޮލިޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލް އެއް ވަނަ އަށް އެރީ 15 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 14 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އިން މިއަދު އެސްޕަންޔޯލާ ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ރޭގެ މެޗުގެ 10 ވަނަ މިނިޓްގައި ރެއާލްގެ މާކޯ އަސެންސިއޯ ޖެހި ބޯޅައެއް ވަލޮޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅައެއް ކީޕަރު މަސިޕް އަތުގައި ޖެހިފައި ނުކުތް ވަގުތު ބެންޒެމާ ފޮނުވާލި ރީބައުންސް ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވަލޮޑޮލިޑުން މެޗުގެ 68 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައަކުން ސާޖިއޯ ލެއޯން ބޮލުން ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރެއާލުން ލީޑުނެގީ ޕެނަލްޓީ އަކުން 83 ވަނަ މިނިޓްގައި ބެންޒެމާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދިނީ ކޯނަރެއްގައި ރެއާލްގެ އެންޓޯނިއޯ ރޫޑިގާ ބޮލުން ޖެހި ބޯޅައެއް ވަލޮޑޮލިޑްގެ ޖަވީ ސަންޗޭޒް އަތުގައި ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ޕެނަލްޓީގެ ކުރިން މެޗުގެ ރެފްރީ ވަނީ ހިނގާދިޔަ ކަމަކަށް ވަލޮޑޮލިޑްގެ ލެއޯން އަށް ރަތް ކާޑު ދައްކައިފަ އެވެ.

ވަލޮޑޮލިޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 89 ވަނަ މިނިޓްގައި ރެއާލުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ވެސް ބެންޒެމާ އެވެ. އަރިމަތިން ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ހިފައިގެން އައި ބޯޅަ އޭރިއާތެރޭގައި ހުރި ބެންޒެމާ އަށް ދިނުމުން އޭނާ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

މިއީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ފަހުން ބެންޒެމާ ރަސްމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ފްރާންސްގެ ސްކޮޑުގައި ހިމެނުނު ނަމަވެސް އަނިޔާގެ ސަބަބުން ބެންޒެމާ މެޗެއް ނުކުޅެ އެވެ. ބެންޒެމާ ވަނީ ވޯލްޑް ކަޕަށް ފަހު ފްރާންސް ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އިން ވަނީ 1-1 އިން ސެލްޓަ ވިގޯއާ އެއްވަރުކޮށްފަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ސެވިއްޔާ އަށް، 15 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 18 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox