ފަހަތުން އަރައި ބްރެންޓްފޯޑް އަތުން ޓޮޓެންހަމަށް ޕޮއިންޓެއް

Dec 26, 2022, 2:35 PM
ބްރެންޓްފޯޑްގެ ޓޯނޭ (ކ) ކައިރިން ޓޮޓެންހަމްގެ ޑަޔާ ބޮލުން ބޯޅަ ފޮނުވާލަނީ.

ބްރެންޓްފޯޑްގެ ޓޯނޭ (ކ) ކައިރިން ޓޮޓެންހަމްގެ ޑަޔާ ބޮލުން ބޯޅަ ފޮނުވާލަނީ.

ލަންޑަން (ޑިސެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ފަހަތުން އަރައި، 2-2 އިން ބްރެންޓްފޯޑާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

މިިއީ މިދިޔަ މަހު 20 އިން މި މަހު 18 އަށް ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް، އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމަށް ފަހު، އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޓޮޓެންހަމް ހަތަރެއްގައި އޮތީ 16 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ފަހުން ކުޅުނު ހަތް މެޗުން އެއް ފަހަރު ބަލިވި، ބްރެންޓްފޯޑް، މިރޭ ލިބުނު ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނަ އަށް ޖެހިލީ 16 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.

ބްރެންޓްފޯޑްގެ ދަނޑު، ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، 15 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޓޮޓެންހަމްގެ ގޯލުގައި ހުރި ފްރޭޒާ ފޮސްޓާ އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން، ވައިޓާލީ ޔަނެލްޓް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ އައިވާން ޓޯނޭ ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ.

ޓޮޓެންހަމްގެ ސޮން އަތުން ބޯޅަ ހޯދަން ބްރެންޓްފޯޑްގެ ނޯގާޑް މަސައްކަތް ކުރާއިރު، ޓޮޓެންހަމްގެ ކޭން ކައިރީގައި.

އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ނުވަ މިނިޓް ތެރޭ ބްރެންޓްފޯޑުން ލީޑުފުޅާކުރި ގޯލު ޖެހީ ޓޯނޭ އެވެ. މިއީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން، ކްރިސްޓިއަން ނޯގާޑް ޖައްސާލި ބޯޅަ ގޯލަށް ވައްދާލައިގެން، ޓޯނޭ ޖެހި ލަނޑެކެވެ.

ޓޮޓެންހަމަށް ދިރުމެއް ލިބުނީ މެޗުގެ 65 ވަނަ މިނިޓްގައި ހެރީ ކޭން ޖެހި ގޯލުންނެވެ. ކްލެމެންޓް ލޯންގްލޭ ނެގި ހުރަހަކަށް ފުންމައިގެން އަރައި، ކޭން ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ ޕިއޭ އެމީލް ހޮއިބިއާ އެވެ. މިއީ އޭރިއާތެރެއިން ޑޭޖާން ކުލުސެވްސްކީ ނެގި ބޯޅައެއް ބްރެންޓްފޯޑް ކުޅުންތެރއަކު ފައިގައި ޖެހިފައި ލިބުމުން، ހޮއިބިއާ ޖެހި ގޯލެކެވެ.

މެޗުން މޮޅުވާން ޓޮޓެންހަމުން ކުރި މަސައްކަތުގައި އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ކޭން އެވެ. ކޭން ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ބްރެންޓްފޯޑް މޮޅުކޮށްދޭން އޭރިއާތެރެއިން އެ ޓީމުގެ ޓޯނޭ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ އިތުރު ވަގުތުގައި ޓޮޓެންހަމްގެ ސޮން ހެއުން މިން އޭރިއާ ބޭރުން ޖެހި ބޯޅަ ބްރެންޓްފޯޑްގެ ސްޕެއިން ގޯލްކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

މި މެޗު ފެށުމުގެ ކުރިން ބްރެންޓްފޯޑް ސަޕޯޓަރުން ވަނީ ކޭންއާ ދިމާކޮށްލައިފަ އެވެ. އެއީ ދާދި ފަހުން ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން އިންގްލެންޑް ބަލިވިއިރު، ނަތީޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ ކޭން އަތުން ނާކާމިޔާބު ވުމުންނެވެ. ބްރެންޓްފޯޑް ސަޕޯޓަރުން އުޑުއުފުލިއިރު، ބުނެފައިވަނީ ކޭން އަތުން އެ ބޭކާރުވި ޕެނަލްޓީ ޓޯނޭ ކާމިޔާބު ކުރާނެ ކަމަށް ބުނެ އެވެ. ޓޯނޭ، ވޯލްޑް ކަޕްގެ ސްކޮޑަށް ނުނަގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އިތުރު ހަ މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox