ޕެނަލްޓީ ޖަހައިގެން ބްރެޒިލް ކަޓުވާލައި ކްރޮއޭޝިއާ ސެމީ އަށް

Dec 9, 2022, 5:50 PM
ކްރޮއޭޝިއާގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ކްރޮއޭޝިއާގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ޑިސެމްބަރު 9) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަލްޓީ ޖަހައިގެން 4-2 ބްރެޒިލް ކަޓުވާލައި، ކްރޮއޭޝިއާ މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު، 90 މިނިޓް ހަމަވިއިރު، ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އިތުރަށް ދެއްކި މިނިޓްގައި ބްރެޒިލްގެ ނޭމާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

އެކަމަކު، އިތުރު ވަގުތުގެ ދެ ވަނަ ހާފް ނިމެން ތިން މިނިޓަށް ވެފައި އޮއްވައި، ބްރޫނޯ ޕެޓްކޮވިޗް ޖެހި ގޯލުން ނަތީޖާ އެއްވަރުވީ އެވެ. މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ބްރެޒިލުން ފުރުސަތުތައް ތަނަވަަސްކުރަން ފަށައި، ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ، ނޭމާ އަދި ޕަކޭޓާ ޖެހި ބޯޅަތައް ހުއްޓުވުމުގައި ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗްގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

ކްރޮއޭޝިއާގެ ބްރޮޒޮވިޗް (ވ) ކައިރިން ބްރެޒިލްގެ ނޭމާ ބޯޅަ ހިފައިގެންދަނީ.

ބްރެޒިލުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިތުރަށް ދެއްކި މިނިޓްގަ އެވެ. ނޭމާ އަށް އޭރިއާތެރެއިން ލިބުނު ކުޑަ ޖާގައިގެ ބޭނުންހިފައި އޭނާ ގޯލު ޖެހީ ކީޕަރު ލިވާކޮވިޗް ކައިރިން ނައްޓާފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ގޯލާ އެކު ނޭމާ ވަނީ ބްރެޒިލްގެ ލެޖެންޑަރީ ފޯވާޑް ޕެލޭގެ ރެކޯޑާ ހަމަކޮށްފަ އެވެ. ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ލިސްޓުގެ ކުރީގައި ޕެލޭ އާއި ނޭމާ އެއްވަރުވީ 77 ގޯލު ޖަހައިގެންނެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ ޕެޓްކޮވިޗް އެވެ. ޕެޓްކޮވިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރު، މާކީނިއޯސް ފައިގައި ޖެހިފަ އެވެ.

ޕެނަލްޓީ ޖަހަން ޖެހުމުން ކްރޮއޭޝިއާގެ ނިކޯލާ ވްލަސިޗް ވަނީ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ރޮޑްރީގޯ ޖެހި ބޯޅަ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފަ އެވެ. ފުރުސަތުގެ ބޭނުންހިފައި، ކްރޮއޭޝިއާގެ ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ލޮވްރޯ މާޔާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ކަސެމީރޯ ވަނީ ބްރެޒިލްގެ ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކްރޮއޭޝިއާގެ ތިން ވަނަ ޕެނަލްޓީ ލޫކަ މޮޑްރިޗް ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ވައްދާލައިފަ އެވެ. ބްރެޒިލްގެ ތިން ވަނަ ޕެނަލްޓީ ޕެޑްރޯ ކާމިޔާބުކުރިއިރު، ކްރޮއޭޝިއާގެ ހަތަރު ވަނަ ޕެނަލްޓީ ފޮނުވާލި މިސްލާވް އޯރްސިޗް ޖެހި ބޯޅަ އަމާޒުވީ ތިރީ ކަަނަށެވެ. ބްރެޒިލް ބަލިވީ ހަތަރު ވަނަ ޕެނަލްޓީ ޖަހަން ދިޔަ މާކީނިއޯސް އަތުން ނާކާމިޔާބުވުމުންނެވެ. އޭނާ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ބްރެޒިލްގެ މާކީނިއޯސް ފަހު ޕެނަލްޓީ ފޮނުވާލުމަށް ފަހު.

މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، ބްރެޒިލް މި ކެޓީ، އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އަތުންނެވެ. މިއީ ކްރޮއޭޝިއާ އިން ވޯލްޑް ކަޕެއްގައި ކުޅުނު ތިން މެޗުގެ ތެރެއިން ބްރެޒިލް ބަލިކުރި ފުރަަތަމަ މެޗެވެ. މީގެ ކުރިން މި ދެ ޓީމު ވޯލްޑް ކަޕްގައި ބައްދަލުކުރި ދެ ފަހަރު ވެސް ވާދަކުރީ ގްރޫޕް ސްޓޭޖުގަ އެވެ.

ކްރޮއޭޝިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ނޮކައުޓް ދެ މެޗުން ވެސް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ގަދަ 16 ބުރުގައި ޖަޕާން ބަލިކޮށް، މި މެޗުގައި ބްރެޒިލް އަތުން ވެސް ޕެނަލްޓީގައި މޮޅުވީ އެވެ. މި ދެ ޕެނަލްޓީގައި ވެސް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ވަނީ ތަފާތު ދައްކައިފަ އެވެ.

އަނެއްކޮޅުން ބްރެޒިލް، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން މޮޅުވި ފަހުން، ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ޔޫރަޕް ޓީމެއް އަތުން މޮޅެއް ނުހޯދައި، ކުރާ އިންތިޒާރު ދިގުލައިދިޔައީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox