ޕެނަލްޓީ ޖަހައިގެން ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާ އަށް

Dec 5, 2022, 5:46 PM
ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 5) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-1 އިން ޖަޕާން ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އިން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރިިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ފުރަތަމަ މެޗެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ ޖަޕާނުންނެވެ ޖަޕާނުން ލަނޑު ޖެހީ 43 ވަަނަ މިނިޓްގައި ޑައިޒެން މައީޑާ އެވެ. މިއީ ރިޓްސޫ ޑޯއާން ނަގައިދިން ހުރަހަކުން އޭރިއާތެރެއިން، ޖަޕާންގެ ކެޕްޓަން، މާޔާ ޔޮޝީޑާ ފައިން ޖައްސާލި ބޯޅަ ގޯލަށް ވައްދާލައިގެން މައީޑާ ޖެހި ގޯލެކެވެ.

މި ލަނޑު ޖެހުމުގެ ކުރިން ޖަޕާނުގެ ޑައީޗީ ކަމާޑާ އަށް ލަނޑެއް ޖަަހަން ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ކްރޮއޭޝިއާ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ 55 ވަނަ މިނިޓްގަ އެވެ. އޭރިއާތެެރެއަށް ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން ނެގި ހުރަހަކަށް ފުންމައިގެންއަރައި، އިވާން ޕެރިސިޗް ވަނީ ބޮލުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ޖަޕާނުގެ ކީޕަރު ޝުއީޗީ ގޮންޑާ އަށް މާ ބޮޑު ކަމެއް ނުކުރެވުނުއިރު، މިއީ ބޮޑެތި މުބާރާތްތަކުގައި ކްރޮއޭޝިއާ އަށް ޕެރިސިޗް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލަނޑު ޖެހުމަށް ފަހު ކްރޮއޭޝިއާގެ ޕެރިސިޗް އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ޕެރިސިޗްގެ މި ގޯލާ އެކު އޭނާ ވަނީ ކްރޮއޭޝިއާގެ ލެޖެންޑަރީ ފޯވާޑް، ޑާވޯ ސުކާގެ ރެކޯޑް މުގުރާލައިފަ އެވެ. ބޮޑެތި މުބާރާތްތަކުގައި (ވޯލްޑް ކަޕާއި ޔޫރޯ) ކްރޮއޭޝިއާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއެއްގެ ގޮތުގައި ކުރިން އޮތީ ސުކާ އެވެ. ޕެރިސިޗް މިރޭ ޖެހީ ބޮޑެތި މުބާރާތްތަކުގައި ކާމިޔާބުކުރި 10 ވަނަ ލަނޑު ކަމަށްވާއިރު، ސުކާ ނުވަ ގޯލު ޖަހައިގެން ހަދާފައި އޮތް ރެކޯޑަށް ނިމުން އައީ އެވެ.

ދެ ވަނަ ހާފުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ޖެހި ވޮލީއެއް ޖަޕާން ކީޕަރު ގޮންޑާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، ނަތީޖާ ނެރެން ކުުޅުނީ އިތުރު ވަގުތުގެ ދެ ހާފް އެވެ. އޭގެ ފުރަތަމަ ހާފުގައި ޖަޕާންގެ ކައޯރޫ މިޓޯމާ ޖެހި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފްގައި މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ތަރި އަކީ ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް އެވެ. ލިވަކޮވިޗް ވަނީ ޖަޕާނުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށްފަ އެވެ.

ޕެނަލްޓީގައި ޖަޕާންގެ ފުރަތަމަ ޕެނަލްޓީ ޓަކޫމީ މިނަމީނޯ ފޮނުވާލުމުން، ކްރޮއޭޝިއާ ކީޕަރު ލިވާކޮވިޗް ވަނީ މަަތަކޮށްފަ އެވެ. ކްރޮއޭޝިއާ އިން ފުރަތަމަ ޕެނަލްޓީ ފޮނުވާލި ނިކޮލަ ވްލާސިޗް ވަނީ ކާމިޔާބުކޮށްފަ އެވެ. ޖަޕާނުގެ ދެ ވަނަ ޕެނަލްޓީ މިނޯމާ ފޮނުވާލުމުން ވެސް ކީޕަރު ލިވާކޮވިޗް ވަނީ ހުއްޓުވައިފަ އެވެ. ކްރޮއޭޝިއާގެ ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، މާސެލޯ ބްރޮޒޮވިޗް ވަނީ ކްރޮއޭޝިއާ އަށް ޕެނަލްޓީގައި ލީޑެއް ނަގައިދީފަ އެވެ. ޖަޕާނުގެ ތިން ވަނަ ޕެނަލްޓީ ޓަކޫމާ އަސާނޯ ވަނީ ކާމިޔާބުކޮށްފަ އެވެ.

ކްރޮއޭޝިއާގެ ތިން ވަނަ ޕެނަލްޓީ ފޮނުވާލި މާކޯ ލިވާޔާ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ޖަޕާނަށް ކުޑަ އުންމީދެއް ހޯދައިދޭން ގޮސް އެ ޓީމުގެ ކެޕްޓަން، ޔޮޝީޑާ ފޮނުވާލި ޕެނަލްޓީ ވެސް ކީޕަރު ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ. އެއާ އެކު ކްރޮއޭޝިއާގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މާރިއޯ ޕަސާލިޗް އެ ޕެނަލްޓީ ކާމިޔާބުކޮށް، ކްރޮއޭޝިއާ އަށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިދިނެވެ.

ޖަޕާނުން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިއުމަށް ކުރި ދަތުރު މި ފަހަރު ވެސް މި ނިމުނީ ގަދަ 16 ބުރާ ހަމައިންނެވެ. މީގެ ކުރިން ވެސް ޖަޕާން ވަނީ ތިން ފަހަރު ގަދަ 16 ބުރުގައި ކުޅެފަ އެވެ. އެއީ 2002، 2010 އަދި 2018 ވަނަ އަހަރު އެވެ.

ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އިން ކުޅޭނީ މިރޭ ގަދަ 16 ބުރުގައި ބްރެޒިލާއި ދެކުނު ކޮރެއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox