މޮރޮކޯ އިން ތަރިން ގިނަ ވަރުގަދަ ބެލްޖިއަމް ބަލިކޮށްފި

Nov 27, 2022, 4:09 PM
މޮރޮކޯ އިން ތަރިން ގިނަ ވަރުގަދަ ބެލްޖިއަމް ބަލިކޮށްފި

ދޯހާ، ގަތަރު (ނޮވެމްބަރު 27) - ބެލްޖިއަމް 2-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު މޮރޮކޯ އިން ބޮޑުކޮށްފި އެވެ.

މިރޭ މޮރޮކޯ ހޯދި މޮޅާ އެކު އެ ޓީމު އޮތީ ގްރޫޕުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކުގަ އެވެ. ފަހު މެޗުގައި ކެނެޑާ އަތުން އެ ޓީމު ބަލިނުވެ ފަރުޖައްސާލައިފި ނަމަ ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. އަނެއްކޮޅުން މިދިޔަ އަހަރުގެ ވޯލްޑްކަޕުން ތިން ވަނަ ހޯދި ބެލްޖިއަމަށް ފަހު މެޗުގައި މޮޅުވުން ނޫން ގޮތެއް ނެތެވެ. އެ ޓީމު ފަހު މެޗުގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.

މި މެޗަށް ބެލްޖިއަމް ޓީމުން ނިކުތީ ބަދަލުތަކަކާ އެކުގަ އެވެ. މިގޮތުން މިދިޔަ މެޗުގައި ފުރަތަމަ އޭގާރައިގައި ކުޅުނު ޔަނިކް ކަރަސްކޯ، ލިއަންޑާ ޑިއޮންޑޮންކާ އަދި ޔޫރީ ޓެއިލެމަންސްގެ ބަދަލުގައި މި މެޗުގައި ކޯޗު ރޮބާޓޯ މާޓިނޭޒް ފުރުސަތު ދިނީ ތޯމާސް މުނިއާ، ތޯގަން ހަޒާޑް އަދި އަމަދޫ އޮނާނާ އަށެވެ. އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެވުނު ފޯވާޑް ރޮމެލޫ ލުކާކޫ މިއަދުގެ މެޗުގައި ބެންޗުގައި އިނެވެ.

މޮރޮކޯ އިން މެޗު ފެށަން ނިންމީ ޔަސީން ބޯނޯ ހިމަނައިގެންނެވެ. ނަމަވެސް ޓީމްގެ ގައުމީ ސަލާމަށްފަހު އޭނާ ބޯއަނބުރާ ގޮތްވުމުން މެޗު ފެށުމުގެ ކުރިން އެޓީމުން ވަނީ ދެވަނަ ކީޕަރު މުނީރު މުހައްމަދީ އަރުވާފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބެލްޖިއަމުންނެވެ. އަރިމަތިން ތޯގެން ހަޒާޑް ނަގައިދިން ހުރަސް ފޯވާޑް މިޝީ ބަޓްޝުއާއީ ފޮނުވާލުމުން ކީޕަރުވަނީ އެބޯޅަ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން އެޓީމަށް ލިބުނު ކޯނަރަކުން އޮނާނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މޮރޮކޯގެ ކީޕަރު ފުރަތަމަ ދިފާއުކުރަން ޖެހުނު ބޯޅައަކީ އޭރިއާ ރޮނގުމަތީގައި ހުރެފައި ތޯމާސް މުނިއާ ފޮނުވާލި ބޯޅަ އެކެވެ. މޮރޮކޯގެ ޑިފެންޑަރުންނަށް ސާފުނުކޮށްލެވިގެން އުޅެނިކޮށް މުނިއާ ވަނީ ބޯޅަ ހޯދައި ގޯލާ އަމާޒުކޮށް އެބޯޅަ ފޮނުވާލާފަ އެވެ. އެ ބޯޅަ ދިޔައީ ސީދާ ގޯލް ކީޕަރު އަތަށެވެ. އޭގެ ފަހުން ލިބުނު ހިލޭ ޖެހުމަކުން ކެވިން ޑި ބްރައިނާ ފޮނުވާލި ހަމާލާ ދިޔައީ މަތީ ދާގަނޑަށެވެ.

މެޗުގައި މޮރޮކޯ އިން ފޮނުވާލި ފުރަތަމަ ހަމަލާ އަކީ ހަކީމް ޒިޔޭޝް ފޮނުވާލި ބޯޅަ އެކެވެ. އޭރިއާ ބޭރުން ޒިޔޭޝް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ބޯޅައާއިއެކު ކުރިއަށް ޖެހިލައި އޭރިާގެ ކަނާ ދިިމާލުން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރޮކޯ އިން ގޯލެއްވެސް ޖެހި އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމުން ޒިޔޭޝް ފޮނުވާލި ބޯޅަ ގޯލަށްވަނީ އެއްވެސް ކުޅުންތެރިއެއްގެ ގައިގައި ނުޖެހި އެވެ. ނަމަވެސް އެ ބޯޅަ ބޮލުން ޖަހަން މަސައްކަތްކުރި މޮރޮކޯގެ ރޮމާން ސައިސް އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީވަނީ ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑް ގޯލެއްކަމަށް ނިންމާފަ އެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ބެލްޖިއަމުންނެވެ. މިފަހަރު ކެޕްޓަން ހަޒާޑް ބޯޅައާއިއެކު އޭރިއާ ތެރެއަށްވަދެ ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ނައްޓާފައި ފޮނުވާލި ހަމަލާ ކީޕަރު މުނީރު މުހައްމަދީ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

މެޗުގެ 56 ވަނަ މިނެޓުގައި މޮރޮކީ އިން ލީޑު ނެގުމާ ހާތަށް ޖެހިލި އެވެ. ހާފުގެ މެދުތެރެއިން ލިބުނު ހިފައިގެން ގޮސް ކައިރީގައި ހުރި ޑިފެންޑަރު މުނިއާ ކައިރިން ނައްޓާފައި ގޯލުގެ ދުރުކަނަށް އޭނާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑި ކައިރިންނެވެ.

ދެން ފެނުނީ ބެލްޖިއަމުން ދެ ބަދަލެއް ގެނައިތަނެވެ. މިގޮތުން އޮނާނާ އާއި ހަޒާޑްގެ ބަދަލުގައި ޑްރީސް މާޓިންއާ ޔޫރީ ޓީލެމަންސް ވަނީ ކުޅެން އަރުވާފަ އެވެ. އޭގެ ތަފާތު ފެނުނީ މާޓިން ލިބުނު ފުރަތަމަ ފުރުސަތުގައިވެސް ފޮނުވާލި ނުރައްކާތެރި ހަމަލާ އިންނެވެ. އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށްހުރެ އޭނާ ފޮނުވާލި ބޯޅަ ކީޕަރު މުހައްމަދީ ދީފާއުކުރި އެވެ.

ކީޕަރު ތިބާއޫ ކޯޓުއާ އަށް ހެދުނު ގޯހަކުން މޮރޯކޯ އިން ގޯލު ޖެހީ މެޗުގެ 72 ވަނަ މިނެޓުގަ އެވެ. ކޯނަރު ދަނޑި ކައިރިން ލިބުނު ހިލޭ ޖެހުމަކުން އަބްދުލްހާމިދު ސަބީރީ އެވެ. ސަބީރީ ފޮނުވާލި ބޯޅަ ގޮސް ގޯލަށް ވަނީ ކޯޓުއާ ބަލަހައްޓަމުން ދިޔަ ގޯލުގެ ކައިރި ކަނަށެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފްރީކަކުން ޖެހި ފުރަތަމަ ލަނޑެވެ.

މޮރޯކޯ އިން ގޯލު ޖެހުމާއިއެކު މިރޭގެ މެޗުގައި ބެލްޖިއަމުން ރެސްޓް ދޭން ނިންމައިގެން ހުރި ފޯވާޑް ރޮމެލޫ ލުކާކޫ ކުޅެން އެރުވި އެވެ. ލުކާކޫ ކުޅެން އެރުވި ފަހުން ލިބުނު ކޯނަރަކުން ބެލިޖިއަމުން ނުރައްކާ ކުރި އެވެ. ޑިބްރައިނާ ނަގައިދިން ކޯނަރު ޖަން ވަޓެންގަން ބޮލުން ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިިރިން ބޭރަށެވެ.

ބެލްޖިއަމުން ކުރިއަށް ޖެހިލައިގެން ކުޅުމުގެ ފައިދާ ނަގައި ކައުންޓާ އެޓޭކުގައި މޮރޮކޯ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި މި ލަނޑު ޖަހައިދިނީ ޒަކަރިއްޔާ އަބޫކްލާލް އެވެ.

މި މޮޅަކީ ވޯލްޑް ކަޕްގައި މޮރޮކޯ އިން މިހާތަނަށް ކުޅުނު 18 މެޗުގައި މޮރޮކޯ އިން މޮޅުވި ތިން ވަނަ މެޗެވެ.

ގްރޫޕުގެ ފަހު މެޗުގައި އެޓީމް ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. ބެލްޖިއަމް ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox