އަންގި ބާލާފައި ފުލުހަކަށް ވާން ވިސްނި ގޯލްކީޕަރު ނޮޕާޓް ނެދަލެންޑްސްއާ އެކު ވޯލްޑް ކަޕަށް

Nov 25, 2022, 10:50 AM
ނެދަލެންޑްސްގެ ގޯލްކީޕަރު އަންޑްރިއަސް ނޮޕާޓް: ނެދަލެންޑްސް ޓީމަށް މެޗެއް ކުޅެން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މި ފަހަރުގެ ވޯލްޑް ކަޕްގައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ނެދަލެންޑްސްގެ ގޯލްކީޕަރު އަންޑްރިއަސް ނޮޕާޓް: ނެދަލެންޑްސް ޓީމަށް މެޗެއް ކުޅެން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މި ފަހަރުގެ ވޯލްޑް ކަޕްގައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ނެދަލެންޑްސް އިން މި ފަހަރު މި ވާދަކުރަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިއްތިފާގުވާ ގިނަ ކަންތައްތަކެއް ހިނގާފައިވެ އެވެ. އެކަމަކު، މި އަށް އަހަރު ތެރޭ ބައެއް ކުޅުންތެރިންނަކީ، ވޯލްޑް ކަޕް ލެވަލްގެ "ވިސްނުމެއް ސިކުނޑިއަށް" ވެސް ނާންނަ ހިސާބުގައި ތިބި ކުޅުންތެރިންނެވެ.

އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ، ސެނެގާލް އަތުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް މޮޅުވި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި، ގޯލްކީޕަރު އަންޑްރިއަސް ނޮޕާޓް އެވެ.

އުމުރުން 28 އަހަރުގެ ނޮޕާޓް، މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ހަމައަށް މުޅި ކެރިއަރުގައި ވެސް ކުޅެފައިވަނީ 52 މެޗެވެ. އޭނާގެ 53 ވަނަ މެޗަކީ ވޯލްޑް ކަޕް މެޗެކެވެ. އެ ހިސާބަށް އަންނަން އޭނާ ކުރަންޖެހުނު ދަތުރު ވަރަށް ވެސް އުނދަގުލެވެ.

ނެދަލެންޑްސް އިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ފަހަރުގެ އެއް އަހަރުކުރިން، 2013 ވަނަ އަހަރު، ނެދަލެންޑްސްގެ ކްލަބް ހީރަންވީން އިން ނޮޕާޓް ކެރިއަރު ފެށި އެވެ. އުފަން ސަރަހައްދަށް ނިސްބަތްވާ ކްލަބް، ހީރަންވީންގައި ނޮޕާޓް ހޭދަކުރި ފުރަތަމަ އަހަރު މެޗެއް ވެސް ކުޅެން ނުލިބި އެ ޓީމު ދޫކޮށްލަން ޖެހުނީ އެވެ.

އޭގެ އެއް އަހަރު ފަހުން، ނެދަލެންޑްސް ފުޓްބޯޅަ ލީގުގެ އެންއީސީ ބްރެޑާގައި 2014 އިން 2018 އަށް ނޮޕާޓް ހޭދަކުރި ދުވަސްވަރުގައި ކުޅެލަން ލިބުނީ އެންމެ ހަތަރު މެޗެވެ.

ނެދަލެންޑްސް ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ނޮޕާޓް.

ދެ ވަނަ ކީޕަރުގެ ގޮތުގައި ހުރުމަކީ ކެރިއަރުގައި ކުރިއަށްދާން އޮތް ހުރަހެއް ކަމަށް ފެންނާތީ، 2018 ވަނަ އަހަރު ލޯމަރާލާފައި، ނޮޕާޓް ނިންމީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، ފޮޖިއާ އަށް ކުޅޭށެވެ. އެއް ސީޒަން އެ ޓީމަށް ކުޅުނުއިރު، އަށް މެޗުގައި ގޯލު ބަަލަހައްޓަން ލިބުނެވެ. ކަންތައްތައް ދިޔައީ ބޭނުން ގޮތަކަށް ނޫނެވެ. ފޮޖިއާ އިޓަލީގެ ތިން ވަަނަ ޑިވިޝަނަށް ރެލިގޭޓްވެ، ނޮޕާޓަށް ޖެހުނީ އެ ޓީމު ވެސް ދޫކޮށްލާށެވެ.

އިޓަލީގައި ކުރަން ޖެހުނު ތަޖުރިބާ އިން ފިލާވަޅު ނަގައި، ދެން ވެސް ނޮޕާޓް ވިސްނީ، ކޮންމެ ލެވަލެއްގައި ވިޔަސް ކުޅެލަން ލިބޭ ޓީމަކަށް ދިއުމަށެެވެ. އޭނާ އަށް ފުރުސަތު ދިނީ ނެދަލެންޑްސްގެ ދެ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ، ޑޯޑްރެކް އިންނެވެ.

ފުޓްބޯޅައިގައި ކުރިއަށް ނުދެވޭނެ ކަމަށް ބުނެ، އަނބިމީހާ އާއި އާއިލާގެ ޕްރެޝަރު، ނޮޕާޓަށް އޭރު ކުރިމަތިވަމުންދިޔަ އެވެ. ޑޯޑްރެކް އަށް ކުޅެލަން ލިބުނު މަދު މެޗުތަކާ އެކު، އެ ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލަން ޖެހުނީ އެވެ. އެ ހިސާބުން ޓީމެއް ނެތި ހުންނަން ޖެހި ހޭދަވި، ހަ މަހެއްހާ ދުވަހު (2020 ޖޫން އިން 2021 ގެ ޖެނުއަރީ އަށް) ނޯޕާޓް ވިސްނީ އާއިލާގެ އެދުމުގެ މަތިން، ފުޓްބޯޅަ ކުޅުން ހުއްޓާލައި، ފުލުހެއްގެ ވަޒީފާ އަށް ދިއުމަށެވެ.

އިސްކޮޅުގައި ހަ ފޫޓު އަށް އިންޗި ހުންނާތީ އާއި ފިިޒިކަލީ އޭނާގެ ފިޓްނަސް ރަނގަޅު ކަމުން ފުލުހަކަށް ވާން ހަދަން ޖެހޭ ޓްރެއިނިން ވެސް ފަސޭހަވާނެ ކަމަށް ނޮޕާޓަށް ވިސްނުން ވެސް އަ އެވެ.

އެކަމަކު، ފުޓްބޯޅައިގައި އަދިވެސް ފުރުސަތެއް ލިބިދާނެ ކަމަށް އޭނާ ވިސްނީ އަނެއްކާ ވެސް ޓީމެއް ހޯދުމަށެވެ. އެހެން ހުއްޓައި، ނެދަލެންޑްސްގެ ފުރަތަމަ ޑިވިޝަނަށް އެ ފަހަރު ޕްރޮމޯޓްވި، ގޯ އަހެޑް އީގަލްސް އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ނޮޕާޓަށް ދިން ފުރުސަތަކީ އޭނާ ކެރިއަރުގައި ކުރިއަށްދާން ހުޅުވުނު "ދޮރު" އެވެ. އެ ޓީމުން ދިން ހަ މަސް ދުވަހުގެ ކޮންޓްރެކްޓްގައި ނޮޕާޓް ވަނީ ތަފާތު ދައްކައި، އެ ޓީމަށް މޮޅު ކުޅުމެއް ދައްކައި، އެ ޓީމުގެ އެއްބަސްވުން ދަންމާލައިފަ އެވެ.

ސެނެގާލް ކޮޅަށް ނެދަލެންޑްސް އިން ގޯލު ޖެހުމުން ނޮޕާޓް އުފާފާޅުކުރަނީ.

ގޯ އަހެޑް އީގަލްސްގައި ނޮޕާޓް ދެއްކި ހިތްވަރާ އެކު، އޭނާ އަށް ހުށަހެޅުން ލިބުނީ ކެރިއަރުގައި އެންމެ ފުރަތަމަ ފުރުސަތު ނުދީ ދޫކޮށްލި، އުފަން ސަރަހައްދަށް ނިސްބަތްވާ ޓީމު ހީރަންވީން އިންނެވެ. އެ ޓީމުގައި ނޮޕާޓް ދައްކަން ފެށި މޮޅު ކުޅުމާ އެކު މި އަހަރުގެ ސެޕްޓެމްބަރު މަހު ނޮޕާޓަށް ނެދަލެންޑްސްގެ ގައުމީ ސްކޮޑުން ފުރުސަތު ދޭން، އެ ޓީމުގެ ކޯޗު ވެން ހާލް ނިންމި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ނޮޕާޓްގެ ނަން ހިމެނުމާ އެކު އޭނާ ވިސްނައިގެން ހުރީ ފުރުސަތު ލިބޭނީ ދެ ވަނަ ނޫނީ ތިން ވަނަ ކީޕަރެއްގެ ގޮތުގައި ކަމަށެވެ. ހާއްސަކޮށް، 39 އަހަރުގައި ނެދަލެންޑްސް ގައުމީ ޓީމަށް ކުޅެން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނު އަޔަކްސްގެ ގޯލްކީޕަރު، ރެމްކޯ ޕަސްވީ، އެންމެ ފަހުން ނޭޝަންސް ލީގުގެ މެޗުތަކުގައި ނެދަލެންޑްސްގެ ގޯލު ބަލަހައްޓާފައިވީތީ ނޮޕާޓް ނިންމީ އޭނާ އަކީ ދެ ވަނަ ކީޕަރު ކަމަށެވެ.

އެކަމަކު، ޓްރެއިނިންގައި ފެނުނު މަސައްކަތާއި ޓީމުގެ ސްޓައިލަށް އެންމެ ކަމުދާ ކީޕަރަކީ ނޮޕާޓް ކަމަށް ފެންނާތީ އޭނާ އަކީ ފުރަތަމަ ކީޕަރު ކަމަށް ކޯޗު ވެން ހާލް ނިންމީ އެވެ. ނެދަލެންޑްސް އިން ސެނެގާލް އަތުން ފުރަތަމަ މެޗުގައި މޮޅުވިއިރު، އެ މެޗުގައި ސެނެގާލުން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ނޮޕާޓް ވަނީ ހުއްޓުވައިފަ އެވެ.

"މިއީ ހަޔާތުގައި ބައްދަލުވެދާނެ ދުވަހެއް ކަމަށް، ހުވަފެނުން ވެސް ދެކުނު ދުވަހެއް ނޫން،" ނެދަލެންޑްސްގެ ޓީވީ އަށް ނޮޕާޓް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލެންޑްސް އިން ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު، ކުޅޭނީ އިކުއެޑޯއާ އެވެ. އެ މެޗުން މޮޅުވެގެން ނެދަލެންޑްސް އަށް ގަދަ 16 ބުރުން ފުރުސަތު ފަހިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox