އެމްޕީއެލްގެ ރެކޯޑް ނިމުމަކަށް ގެނެސް ސިފައިން ތަށި އުފުލާލައިފި

Nov 3, 2022, 7:47 PM
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެންމެ ފަހުން ތިން ފަހަރު ހޯދައި ރެކޯޑެއް ގާއިމްކޮށްފައި އޮތް، އެމްޕީއެލް އަތުން މި ފަހަރުގެ ފައިނަލުގައި 10-2 އިން މޮޅުވެ، ދިވެހި ސިފައިންގެ ކްލަބުން އަށް އަހަރަށް ފަހު މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ސިފައިން ވަނީ 2013 އާއި 2014 ވަނަ އަހަރު ވެސް މި މުބާރާތުގެ ތަށި ހޯދައިފަ އެވެ. އޭގެ ފަހުން، އެ ޓީމަށް ތަށި ނުލިބި ހަ މުބާރާތް ވަނީ ނިމިފަ އެވެ. ކްލަބް މޯލްޑިވްސްގެ އަންހެން ޑިިވިޝަނުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ތަށި ހޯދާފައިވާ ކްލަބް އިމިގްރޭޝަން އެވެ. ދެން، އެންމެ ކާމިޔާބު ދެ ޓީމަކީ ތިން ތަށްޓާ އެކު އޮތް، ސިފައިންނާއި އެމްޕީއެލް އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް ބަލަން ގިނަ އަދަދެއްގެ ބަޔަކު އެއްވިއިރު، ދިވެހި ސިފައިންގެ ކްލަބަށް ސަޕޯޓް ދޭން ގިނައިން ތިބީ ބަންގްލަދޭޝްގެ މީހުންނެވެ. ސިފައިންގެ ޓީމުން މެޗު ފަށައިގެން އެޓޭކަށް ޖެހި ތިބެ، ހަތަރު ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ ފާތިމަތު ތީބާ އެވެ. އެމްޕީއެލް ފަހަތުން ހުސްވި ޖާގައިގެ ފައިދާނަގައި ތީބާ ވަނީ އިތުރު ގޯލެއް ޖަހައި، މެޗުގެ ނުވަ ވަނަ މިނިޓްގައި ސިފައިންގެ ލީޑުފުޅާކޮށްދީފަ އެވެ.

އެމްޕީއެލްގެ ސާލިޔާ (ވ) ކައިރިން ސިފައިންގެ ސުމައްޔާ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މެޗުގެ 15 ވަނަ މިނިޓްގައި ސިފައިންގެ ތިން ވަނަ ގޯލު ޖެހީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިފައިންގެ ޓީމުގެ ކެޕްޓަން، އައިމިނަތު ޒާހިޔާ އެވެ. ހަމަޖެހިލާފައި ޒާހިޔާ ޖެހި ބޯޅަ ގޯލަށް ވަނީ އެމްޕީއެލްގެ ކީޕަރު ތައިލެންޑްގެ ސަސިޕްރަޕާ ސުކްސެން އަތުގައި ޖެހިފަ އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ސިފައިންގެ ޓީމުގެ ފަސް ފައުލު ހަމަވެ، އެމްޕީއެލް އަށް ލިބުނު ދުރު ޕެނަލްޓީން އެ ޓީމުގެ ކީޕަރު ސަސިޕްރަޕާ ވަނީ ގޯލެއް ޖަހައިފަ އެވެ.

ސިފައިންގެ ޓީމުން ކުރި އިތުރު ފައުލަކަށް އެމްޕީއެލް އަށް ލިބުނު ދެ ވަނަ ދުރު ޕެނަލްޓީ، ސަސިޕްރަޕާ ފޮނުވާލި ނަމަވެސް ސިފައިންގެ ގޯލުގައި ހުރި ކީޕަރު، ސާއިގާ ހުސެއިން ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ދުރު ޕެނަލްޓީ ނާކާމިޔާބުވެ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިފައިންގެ ލީޑު އެއް ގޯލަށް ކުޑަކުރަން ލިބުނު ފުރުސަތު އެމްޕީއެލަށް ގެއްލުނީ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއް ނުވެ، އެމްޕީއެލްގެ އައިމިނަތު ޝާމިލާ އަތުގައި ޖެހުނު ބޯޅަ އަކަށް ސިފައިންނަށް ޕެނަލްޓީއެއް ދިނެވެ. ޕެނަލްޓީގައި ސިފައިން ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ، ސަބީނާ ހަތުން ޖެހި ޕެނަލްޓީ ކީޕަރު ސަސިޕްރަޕާ މަތަކުރި ނަމަވެސް ރީބައުންސް ބޯޅަ ސަބީނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ސިފައިންގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޕީއެލް އިތުރު ގޯލެއް ޖަހަން ކުރިއަށް ޖެހުނު ވަގުުތު ސިފައިންގެ ޓީމުން ވަނީ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. ސަބީނާ، އިތުރު ތިން ގޯލު ޖެހިއިރު، ތީބާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި ބަދަލަަަކަށް ކުޅެން އަރައި، މަރިޔަމް ރިފާ ގޯލެއް ޖެހިއިރު، މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި، ސިފައިންގެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ލަނޑެއް ޖެހޭތޯ އެމްޕީއެލް އިން ގިނަ ބޯޅަތަކެއް ފޮނުވާލިއިރު، ކީޕަރު ސާއިގާ ބައެއް ހަަމަލާތައް ހުއްޓުވި އެވެ. އަދި އެމްޕީއެލްގެ ބައެއް ޝޮޓްތައް ޒާހިޔާ ވެސް ވަނީ ބްލޮކްކޮށްފަ އެވެ. އެމްޕީއެލްގެ ދެ ވަނަ ގޯލު ވެސް ޖެހީ ކީޕަރު ސަސިޕްރަޕާ އެވެ. އޭނާ ހާފުގެ މެދެއްހާ ހިސާބުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

ލީގު ބުރުގައި އެމްޕީއެލް އިން ވަނީ ފަހަތުން އަރައި 5-1 އިން ސިފައިން ބަލިކޮށްފަ އެވެ. އެކަމަކު، ފައިނަލް މެޗުގައި ސިފައިންގެ ރޫހު މެޗު ފެށިގެން ނިމެންދެން ފެނުނީ އެއް އަމާޒެއްގައި ތަށި ހޯދަން ހިތްވަރު ލައިގެން ކުރި މަސައްކަތެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ވެސް ލިބުނީ ސިފައިންގެ ސަބީނާ އަށެވެ. ބަންގްލަދޭޝް ގައުމީ ޓީމުގެ ތަރި، ސަބީނާ ވަނީ މުބާރާތުގައި ޖުމްލަ އެކު، 21 ގޯލު ޖަހައިފަ އެވެ.

އެންމެ މޮޅު ކޯޗަކަށް ސިފައިންގެ އަހުމަދު ތޯހާ ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ވެމްކޯ އެވެ. އަދި ފެއާ ޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ތީބާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސިފައިންގެ ސަބީނާ، ސުމައްޔާ އަދި ސާއިގާގެ އިތުރުން އެމްޕީއެލްގެ ފާތިމަތު ސާލިޔާ އާއި ތައިލެންޑް ކުޅުންތެރިޔާ ނަތަމޯން އަތުކުލާ އެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރު މާރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox