އެމްޕީއެލްގެ ޑިފެންސް މޯލްޑިވިއަން އަށް ފޫއަޅުވާލެވިދާނެތަ؟

Oct 25, 2022, 6:08 AM
ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާސަންދަގެ ލިލީ ކައިރިން އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާސަންދަގެ ލިލީ ކައިރިން އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ގުރޫޕް ސްޓޭޖުން، ދެ ވަނަ ބުރަށް ކޮލިފައިވި ޓީމުތަކުގެ ތެރޭގައި އެންމެ ރަނގަޅު ޑިފެންސް ރެކޯޑަކާއެކު ގަދަ 16 އަށް ކުރިމަތިލަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އެމްޕީއެލް މޮޅުވިއިރު، އެ ޓީމުން ވަނީ 14 ލަނޑު ޖަހައިފަ އެވެ. ކްލަބު މޯލްޑިވްސްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އެމްޕީއެލް ކޮޅަށް މުބާރާތުގައި އަދި ލަނޑެއް ނުވަދެ އެވެ. މި މުބާރާތުގައި މިހާތަނަށް ލަނޑެއް ކޮޅަށް ނުވަދެ އޮތް ހަމައެކަނި ޓީމަކީ އެމްޕީއެލް އެވެ. އެހެންކަމުން، މިއީ ދެވަނަ ބުރުގައި މިރޭ މޯލްޑިވިއަންއާ ދެކޮޅަށް ނުކުންނައިރު އެމްޕީއެލް އަށް ލިބޭނެ ވަރަށް ބޮޑު އިތުބާރެކެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އެމްޕީއެލް އިން ވަނީ އެ ކުންފުންޏާ އެންމެ ގާތުން މަސައްކަތްކުރާ އެއް މުއައްސަސާ ކަމަށްވާ ކަސްޓަމްސްގެ ޓީމު އަތުން 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ޔޫތު މިނިސްޓްރީ އަތުން އެމްޕީއެލް މޮޅުވީ 4-0 އިންނެވެ. އަދި ފަހު މެޗުގައި އާސަންދަ އަތުން އެމްޕީއެލް މޮޅުވީ 7-0 އިންނެވެ.

ކްލަބު މޯލްޑިވްސްގެ ތާރީހުގައި އެމްޕީއެލް އަކީ ފާހަގަކޮށްލެވޭ ޓީމެކެވެ. ދެހާސް ހަ ވަނަ އަހަރު އޮތް އެންމެ ފުރަތަމަ ކްލަބު މޯލްޑިވްސް މުބާރާތުގެ ޗެމްޕިއަނުންނަކީ އެމްޕީއެލް އެވެ. އޭގެ ފަހުން 2012 އަދި 2013 ވަނަ އަހަރު އެމްޕީޢެލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި ކޮންމެ އަހަރަކު ވެސް މުބާރާތުގެ އެންމެ ވަރުގަދަކޮށް ނުކުންނަ ޓީމެއްގެ ގޮތުގައި އެމްޕީއެލް ފާހަގަކުރެވެ އެވެ.

އެހެން ނަމަވެސް، ފަހުގެ ތާރީހުގައި އެމްޕީއެލް އަށް މި މުބާރާތުގައި އެ ޓީމުން އުންމީދުކުރި ހިސާބަކަށް ނުދެވުނެވެ. އެމްޕީއެލް އިން އެންމެ ފަހުން މި މުބާރާތުގައި ފައިނަލެއްގައި ކުޅުނީ 2017 ވަނަ އަހަރެވެ.

ކުރިން އެސްޓީއޯ އާއި އެމްޕީއެލްގެ ޓީމުން ކްލަބު މޯލްޑިވްސްގައި ވިދާލި ކުޅުންތެރިޔާ އަހުމަދު ވިސާލް (އަންދު)ގެ ކޯޗުކަމުގެ ދަށުން އެމްޕީއެލްގެ ޓީމު ފެންނަނީ ވަރަށް ރޭވުންތެރި، އަދި މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއްގެ ގޮތުގަ އެވެ.

ފުޓްސަލްގެ މާ ގިނަ "ތަރިން"ތަކެއް ނެތް ނަމަވެސް އެމްޕީއެލްގައި އޮތީ ރަނގަޅު ސްކޮޑެކެވެ. ފަސްޓް ޑިވިޝަންގައި ފާހަގަކޮށްލެވޭ ޔުނައިޓަޑް ވިކްޓަރީގެ އަލީ ހައިސަމް (ޗުމްޕު) އާއި އަލީ ޝަމާލް އަބްދުﷲ (ޝައްމު) އާއި ޓީސީ ސްޕޯޓްސްގެ މުހައްމަދު ސާދު ނިޒާރު ހިމެނޭ ޓީމުގައި ފުޓްސަލްގެ ދަނޑުގައި ފާހަގަވެފައިވާ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ.

ޓީމުގެ ފޯމާއެކު ސަޕޯޓަރުންގެ އިތުބާރު ވެސް ބޮޑު

މި މުބާރާތުގެ ކުރީކޮޅު، އެމްޕީއެލްގެ ސަޕޯޓަރުންގެ ފޯރި ފެނުނީ ތަންކޮޅެއް "ފިނި" ކޮށެވެ. އެކަމަކު، ދެ ވަނަ މެޗާ ހިސާބުން، އެމްޕީއެލް ކުޅޭ މެޗުތަކުގައި އެ ޓީމުގެ ސަޕޯޓަރުންގެ އަޑު ވަނީ ދަނޑުގައި ހިތްޕާލައިފަ އެވެ. ޓީމު ރަނގަޅު ފޯމެއްގައި އޮތުމަކީ، އެ ޓީމުގެ ސަޕޯޓަރުންނަށް ވެސް ލިބޭނެ އިތުބާރެކެވެ. ސަޕޯޓަރުންގެ ތެރޭގައި، އެ ކުންފުނީގެ އިސްވެރިން ވެސް ބެރާއި ދުންމާރި ހިފައިގެން ސަޕޯޓުކުރާ މަންޒަރު ފާއިތުވި މެޗުތަކުގައި ވަނީ ފެނިފަ އެވެ. ގަދަ 16 އަށް ކުރިމަތިލާއިރު، އެމްޕީއެލްގެ ސަޕޯޓަރުންގެ ފޯރި ވެސް ގަދަވާނެ ކަމަށް ބެލެވެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗަށްވުރެ، އެމްޕީޢެލް އަށް ގަދަ 16ގެ ބުރުގައި އޮތީ އުނދަގޫ މެޗެކެވެ. މިހާތަނަށް މުބާރާތުގައި އެމްޕީއެލް ކުރިމަތިލާ އެންމެ ބޮޑު އިމްތިހާނެވެ. އަދި ޓީމުގެ ފެންވަރު ވެސް ވަޒަންކޮށްލެވޭނެ މެޗަކަށްވާއިރު، މި މެޗުގެ ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

މޯލްޑިވިއަންގެ އަމާޒު ކުއާޓާ އަށް

އެމްޕީއެލްގެ އުންމީދުތަކަށް ހުރަސްއަޅައި، ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މޯލްޑިވިއަން އަކީ ވެސް ވަރުގަދަ ޓީމެކެވެ.

މޯލްޑިވިއަން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މޯލްޑިވިއަން މި ގުރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗުގައި މީޑިއާ ނެޓާއި ސިޓީ ކައުންސިލް އަތުން މޮޅުވިއިރު، ފަހު މެޗުގައި ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ އަތުންނެވެ. ފަހު މެޗަށް ކުރިމަތިލިއިރު ވެސް މޯލްޑިވިއަން އޮތީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ރާއްޖޭގެ ޤައުމީ ޓީމުގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އާއި ކްލަބު މޯލްޑިވްސްގައި ފާހަގަކޮށްލެވޭ ހުސެއިން އަފްޒަލް (އޮޒިލް) އާއި ކަނޑިތީމު ފުޓްސަލް ޓީމުން ވިދާލި އިބްރާހިމް ނަދާދު ފަދަ ކުޅުންތެރިންނާ އެކު، މޯލްޑިވިއަން އަކީ އެމްޕީއެލްއާ ރަނގަޅު ވާދައެއް ކުރެވޭ ފެންވަރުގެ ޓީމެކެވެ.

މޯލްޑިވިއަން އާއި އެމްޕީއެލްގެ މެޗާއި ކްލަބް އެއާޕޯޓްސް އަދި އެސްޓީއޯ ކުޅޭ މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox