ގިނަ އެކެޑަމީތަކަކީ ވިޔަފާރި އުސޫލުން ހިންގާ ތަންތަން: މަހުލޫފް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ގިނަ ކުޅިވަރު އެކެޑަމީތަކަކީ ވިޔަފާރި އުސޫލުން ހިންގާ ތަންތަން ކަމަށާއި އެހެންކަމުން، އެ ތަންތަނަށް އެހީވުމަށް ސީދާ އެ ގޮތަށް ކަނޑައަޅައިގެން ޔޫތު މިނިސްޓްރީން ޕްރޮގްރާމެއް ނުހިންގާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މި ގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ހާރޫން ސުވާލުކުރެއްވިއިރު، ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކެއްގެ ގިނަ ރަށްތަކެއްގައި ކުޅިވަރު އެކެޑަމީ ހިންގާ ކަމަށާއި އެ އެކެޑަމީތައް ހިންގަން މިނިސްޓްރީގެ ފަރާތުން ދޭ އެހީތެރިކަމާއި އެއްބާރުލުމަކީ ކޮބައިތޯ ސާފުކޮށްދެއްވުމަށެވެ.

ޖަވާބުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ އެކެޑަމީތައް ހިންގަން އެހީތެރިކަމެއް ދޭން އެ ގޮތަށް ވިސްނައިގެން ވަކި ޕްރޮގްރާމެއް ނެތް ކަމަށާއި އެކި ފަރާތްތަކުން އެދުމުން އެ ވެދެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ، ގިނަ، ހަމަ ވަރަށް ގިނަ އެކެޑަމީތަކަކީ ވިޔަފާރި އުސޫލުން ހިންގާ ތަންތަން. އެއީ ހަގީގަތް، މިސާލަކަށް އެ ތަންތަނުން ޓެކްސް އެއްވެސް ނުދައްކާނެ، އެކަމުގެ ޝަކުވާތައް ވެސް އަޅުގަނޑުމެންނާ ހަމައަށް އެބައާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންމަ، އެކަމަކު ވެސް މިސާލަކަށް ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ފުޓްބޯޅަ އެކެޑަމީއެއް ހިންގާއިރު އަޅުގަނޑަށް ހީވަނީ ޗާޖް ވެސް ކުރާނީ ވަރަށް ކުޑަވަރެއް ހެން. އެހެންމަ، އެ ވިސްނުމުގައި އަޅުގަނޑުމެންނަށް ރިކުއެސްޓް އައީމަ ދެވެން އޮތް ވަރަކުން ދެން. އެކަމަކު، ކަނޑައެޅިގެން އެކެޑަމީތަކުގެ އެހީތެރިކަމަށޭ ކިޔާފައި ވަކި ޕްރޮގްރާމެއް ނުހިންގަން،"

ރާއްޖޭގެ އެކި ރަށްރަށުގަޔާއި މާލޭގައި އެކި ކުޅިވަރުތަކުން ކުޅުންތެރިން ޑިވެލޮޕްކުރަން އެކެޑަމީތައް ހިންގަ އެވެ. ކުރިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ޒުވާން އުމުރުގައި ކުޅުންތެރިން/އެތުލީޓުން ޑިވެލޮޕްކުރަން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް މިހާރު އޮންނަނީ އެކެޑަމީތަކާ ގުޅިފަ އެވެ.

ގަލޮޅު ދަނޑުގެ މަސައްކަތް އޮތީ "ފަހު މަރުހަލާގައި"

މި އަހަރަށް ލަފާކުރި ބަޖެޓްގައި ސަރުކާރުން ގަލޮޅު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިފަ އެވެ. މި އަހަރު ތެރޭގައި ގަލޮޅު ދަނޑު ތަޅާލައި، އާ ދަނޑެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ އެކި ޕޯޑިއަމްތަކުގައި ވިދާޅުވެފަ އެވެ. އެކަމަކު، މިހާތަނަށް ދަނޑުގެ އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު، އަބްދުﷲ ޝަހީމް ކުރެއްވި ސުވާލެއްގައި ވިދާޅުވީ ގަލޮޅު ފުޓްބޯޅަ ދަނޑަކީ ދިވެހިންގެ ފުޓްބޯޅައާ ވަރަށް ބޮޑަށް ގުޅިފައި އޮތް ދަނޑެއް ކަމަށާއި ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑެއްގެ ގޮތުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ ވިސްނުން އޮތީ ކިހިނެއްތޯ ސާފުކުރައްވަން ބޭނުންވާ ކަމަށެެވެ.

ޖަވާބުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓް ތެރޭގައި ގަލޮޅު ދަނޑުގެ މަސައްކަތަކީ އެންމެ ބޮޑު އަގެއް ކަނޑައެޅިފައިވާ ކަންތައް ކަމަށެވެ. އަދި މިހާރު ގަލޮޅު ދަނޑުގެ މަސައްކަތް އޮތީ އެންމެ ފަހުގެ މަރުހަލާގެ ތެރޭގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އޮތީ ހުޅުމާލޭގައި މި އޮތް ޓްރެކް ދަނޑުގައި ކުޅެވޭނެ ގޮތަށް ސެޓަޕް ހެދުން އެކަން ކޮށް، ނިންމާފައި ފުރަތަމަ ކަމަކަށް ގަލޮޅު ދަނޑު ތަޅާލަނީ. އެއާ އެކީގައި އެ ދަނޑު ވަރަށް ރަނގަޅު ފެންވަރެއްގެ ދަނޑެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ،" މަހުލޫފް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރިއިރު، ގަލޮޅު ދަނޑުގައި މެޗުތައް ކުޅުނީ ސިޑިބަރިތައް ބޭނުންކުރަން އިންޖިނިއަރުންގެ ލަފާ ހޯދައިގެން އެ ތަންތަން ވަގުތީ ގޮތުން މަރާމާތުކުރަން ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެންކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ތަޅާލަން ޖެހޭ، އުވަޔާ އަކިރިން ހަދާފައި ހުރި ސިޑިބަރިތައް ގިނައީ، އެހެންވީމަ އެތަން ވީހާވެސް އަވަހަށް އެ މަސައްކަތް ކުރެވޭނެ. އެ ޕްރޮޖެކްޓްގެ ތެރޭގައި ނެޝަނަލް ބާސްކެޓްބޯލް އެރީނާ އާއި ނެޝަނަލް ވޮލީބޯލް ސެންޓަރާއި ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރާއި އަދި އޭގެ އިތުރުން ކުޅުދުއްފުށި، ހިތަދޫ، ތިނަދޫ އަދި ފުވައްމުލަކުގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ހިމެނިފައިވަނީ، އުންމީދު މި ކުރަނީ މިހާރު މިދާ ސްޕީޑަށް ބަަލަންޏާ މި އަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ލޯކަލް އާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހުރިހާ ކަމެއް މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތީ ގަލޮޅު ދަނޑަށެވެ. ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު ތިން ފަހަރެއްގެ މަތިން މަރާމާތު ކޮށްފައި ވަނީ މުބާރާތެއް ބޯމަތިވެފައި އޮއްވަ އެވެ. އެ ގޮތުން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕަށް ކޮންމެ ވެސް ވަރެއްގެ މަރާމާތެއް ކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަަޕަށް 70 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ގަލޮޅު ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާ އާއި ވީއައިޕީ އަށް ހާއްސަކޮށް އިމާރާތެއް ހެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox